01 ސެޕްޓެމްބަރ 2022 - 10:27
އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތަކަކީ ދައްކަން އަދި އަޑުއަހަން ވެސް ވަރަށް އުނދަގޫ ވާހަކަތަކެކެވެ. އެކަމަކު މިހާރުގެ ހާލަތު އޮތް ގޮތުން އެ ވާހަކަ ނުދައްކާ ދޫކޮށްލެވޭކަށް ވެސް ނެތެވެ؛ އެކަމުގެ ހުރި ބިރުވެރިކަމާއި ކަންބޮޑުވުންތައް އިންތިހާ އަށް ގިނަވަމުން ދިއުމުގެ ސަބަބުން، އެ ސުރުހީ އަޅާލަން ޖެހުނީ އެވެ.
ރާއްޖޭގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ގޮތުން ސީދާ ދިރާސާއެއް ކުރެވިފައި އަދި ނެތަސް، ކަމާބެހޭ އިދާރާތަކުން ލިބެންހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އެފަދަ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް، އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް ނުވަތަ މަރުވުމަށް މަސައްކަތްކުރާ، ފުރާވަރުގެ ކުދިންގެ އަދަދު ވަރަށް ގިނަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2018 ވަނަ އަހަރު ބުނެފައިވާ ގޮތުގައި، ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގައި ނަފުސާނީ މައްސަލަތައް 41 ޕަސެންޓަށް އިތުރުވެފައިވެ އެވެ. ނަފުސާނީ މައްސަލަތަކުގެ ތެރެއިން، ޑިޕްރެޝަން ތަހައްމަލުކުރާ ފުރާވަރުގެ ކުދިންގެ ތެރެއިން 15-19 އަހަރާ ދެމެދުގެ ކުދިންގެ މެދުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމަށް މަސައްކަތްކުރުން، ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
މިއީ އެއިން އެއް ވާހަކަ އެވެ.
މެދު ރާއްޖެތެރޭ ސްކޫލެއްގައި، ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރެކެވެ؛ ސްކޫލް މާހައުލުން އޭނާ އަށް ލިބޭ އެއްވެސް ހިތްހަމަޖެހުމެއް، އުފަލެއް ނެތެވެ. ކޮންމެ ދުވަހަކު އޭނާ ސްކޫލަށް ފޮނުވަން ވެސް ޖެހެނީ ގަދަކަމުންނެވެ. ސަބަބަކީ، އެ މާހައުލުގެ ތެރޭގައި އޭނާ އަށް ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ފުރައްސާރަ އާއި ބުލީ އެވެ.
އޭނާ ވާހަކަދައްކާ ގޮތަށް ކުދިން މަލާމަތްކުރެ އެވެ. ހިނގާ ގޮތް ހާދަ މަޖަލޭ ކިޔާ ފުރައްސާރަކުރެ އެވެ. ފާޑުފާޑު ނަންނަމުން ގޮވައި، ޖެއްސުން ކުރެ އެވެ. އަދި ބައެއް ދުވަސް ދުވަހު މައްސަލަގަނޑު ހޫނުވެ، ތަޅާފޮޅާ ހިސާބަށް ކަންތައްގަނޑު ދެ އެވެ. އޭނާ އަށް ރައްދުވާ މަލާމާތްތަކުގެ ސަބަބުން އެހެން ކުދިން އޭނާއާ އެކުވެރިކަން ބާއްވަން ވެސް ދެކޮޅު ހަދަ އެވެ. އެހެންވެ، އެ މާހައުލަށް އޭނާ ދާން ބޭނުމެއް ނުވެ އެވެ.
ރަށެއްގެ މަގެއްމަތީގައި ކުޑަކުއްޖަކު ހިނގާފައި ދަނީ: ސްކޫލް މާހައުލުން ބުލީގެ ޝިކާރައަކަށްވާ ކުދިންގެ މެދުގައި ވެސް އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތައް ގިނަ -- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭގެ ދުވަސްތަކެއް ފަހުން އިވުނީ އޭނާ އަމިއްލަ އަތުގައި ކަޓަރު އަޅައިގެން، މަރުވާން މަސައްކަތް ކުރި ޚަބަރެވެ. އެ މަލާމާތާއި ފުރައްސާރަ އަށް ކެތްނުވެގެން، ފުރާވަރުގައި އަމިއްލަ ނަފުސާ މާ ބޮޑު ހަނގުރާމައެއް ކުރީ އެވެ. އެ ދުވަހު އޭނާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ. -- އެއީ އަދި އެންމެ މައްސަލައެކެވެ. އެ ކަހަލަ ކިތައްމެ ކަމެއް މި މުޖުތަމައުގައި ހިނގާފައި އެބަހުއްޓެވެ.
ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 22 އަހަރުވެފައިވާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވި ގޮތުގައި، މިފަހަކަށް އައިސް ނަފުސާނީ ފަރުވާ ހޯދަން އަންނަ ކުދިންގެ ތެރެއިން 90 ޕަސެންޓް ކުދިން ސްކޫލް މާހައުލުން ބުލީގެ ޝިކާރައަކަށް ވެ އެވެ. އަދި އެ ކުދިންގެ ތެރޭގައި އަމިއްލަ އަށް މަރުވުމުގެ ހިޔާލު ހުންނަ ކުދިން ވަރަށް ގިނަ އެވެ.
މި ކަންތައްތަކުން އެ ކުދިންނަށް ކުރާ ނަފުސާނީ އަސަރާއި، އަދި އޭގެ ތެރެއިން ޕޯސްޓް ޓްރައުމަޓިކް ޑިސްއޯޑާ އާއި ޑިޕްރެޝަން ހުންނަ ކުދިން ތެރޭގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ހިޔާލު ހުންނަ ކުދިން ވަރަށް ގިނަ ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވޭ. -- ޑރ. ނާޒު
"އެއީ ވާބަލް، ފިޒިކަލް، އިމޯޝަން ބުލީ ވެސް ހިމެނޭ ގޮތަށް،" ނާޒު ވިދާޅުވި އެވެ.
"މި ކަންތައްތަކުން އެ ކުދިންނަށް ކުރާ ނަފުސާނީ އަސަރާއި، އަދި އޭގެ ތެރެއިން ޕޯސްޓް ޓްރައުމަޓިކް ޑިސްއޯޑާ އާއި ޑިޕްރެޝަން ހުންނަ ކުދިން ތެރޭގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ހިޔާލު ހުންނަ ކުދިން ވަރަށް ގިނަ ކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވޭ."
އޭނާ ވިދާޅުވި ގޮތުގައި، މިފަހަކަށް އައިސް، ސްކޫލް މާހައުލުގައި ފުރާވަރުގެ ކުދިންގެ މެދުގައި ބުލީކުރުމުގެ މައްސަލަތައް ވަރަށް "ބިރުވެރި" މިންވަރަކަށް ވަނީ އިތުރުވެފަ އެވެ. ބުލީގެ އިތުރުން، ކިޔެވުމުގައި އުއްމީދު ކުރާ ނަތީޖާ ހާސިލުނުވުމުން ވެސް ބައެއް ކުދިން އެ ހާލަތަށް ވެއްޓޭ ކަމަށް ފާހަގަކުރެއްވި އެވެ.
"އަމިއްލަ ނަފުސަށް އަނިޔާކުރުމަކީ އޭގެ ޒާތުގައި، ކުއްޖަކަށް ކަމަކުން އެވާ ތަދެއް، އެ ތަދު ހަނދާން ނައްތާލަންވެގެން، އޭނާ އަށް ކެތްކުރެވޭ ވަރުގެ ތަދެއް އޭނާ އެ ގެންނަނީ ހަށިގަނޑަށް. އެހެންވެ، އަޅުގަނޑު ބުނަން ބޭނުންވާ އެންމެ މުހިންމު އެއްޗަކީ އަންޑައިލައިން، އަމިއްލަ ނަފުސަށް އަނިޔާކުރާ ހިސާބަށް ކުއްޖާ ދަނީ ކޮން ކަހަލަ ނަފުސާނީ މައްސަލަތަކެއް ސަބަބުންތޯ އަޅުގަނޑުމެން ބަލަން ޖެހެއޭ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ ކޮންމެ ބެލެނިވެރިޔަކު ވެސް، އެއީ ގެވެށި އަނިޔާ ލިބޭ ކުއްޖެއްތޯ، ޖިންސީ ގޯނާ ލިބޭ ކުއްޖެއްތޯ ނޫނިއްޔާ ޓްރައުމާއަކަށް ގޮސް، އެކަމާ ކެތްނުކުރެވިގެން ކުރާ ކަމެއްތޯ، އޭގެ ފަހަތުގައި ހުރީ ކޮން ކަހަލަ އިތުރު ކަންތައްތަކެއްތޯ ބަލަން ޖެހޭ."
ރާއްޖޭގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބު.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީ 2014 ވަނަ އަހަރު ހެދި ގްލޯބަލް ސްކޫލް ހެލްތު ސާވޭގައިވާ ގޮތުގައި، އުމުރުން 13-15 އަހަރާ ދެމެދުގެ ކުދިން ތެރެއިން، 16 ޕަސެންޓް ކުދިން ވަނީ ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި އަމިއްލަ އަށް މަރުވުމަށް ވިސްނައިފަ އެވެ. އޭގެ ތެރެއިން، 15 ޕަސެންޓް ކުދިން އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން، 9.6 ޕަސެންޓް ކުދިން، އެ ކުދިންނާ ގާތް ގުޅުމެއް ބާއްވާ ރައްޓެހިން ނުތިބޭ ކަމަށް ވެސް ބުންޏެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރު ޖުލައި މަހުގެ ނިޔަލަށް، ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނޭ ގޮތަށް، އަމިއްލަ ނަފުސަށް އެކި ގޮތްގޮތުން ގެއްލުން ދިނުމުގެ 96 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް ވިސްނުމާއި އަމިއްލަ ނަފުސަށް ގެއްލުން ދޭން އުޅުމާއި އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
މިނިސްޓްރީން ވެސް ބުނީ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތައް ފާއިތުވި ދުވަސްތަކުގައި އިތުރުވަމުން އައިސްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް އިތުރުވާން މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރި ކަންކަމަކީ؛
• އާއިލީ މައްސަލަތައް.
• ގެވެށި އަނިޔާގެ ޝިކާރައަކަށް ވުން.
• ޖިންސީ، ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވުން.
• މަސްތުވާތަކެތި ބޭނުންކުރުން.
• ނަފުސާނީ ބައްޔެއް ތަހައްމަލުކުރަމުން އައުން.
• މާލީ ހާލަތު ދަށްވުން.
• ބިރުދެއްކުމުގެ ގޮތުން ކަންކަން ކުރުން. (ބްލެކްމެއިން)
އާއިލާއެއްގެ ތެރޭގައި އޮންނަން ޖެހޭ ގުޅުންތައް ހީނަރުވުމާއި ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން ޒިންމާ ނުނެގުމާއި ޒިންމާ ނުނެގުމުގެ ސަބަބުން ބޭނުންތައް ނުފުދުމާއި، އާއިލާގެ ތެރޭގައި އެކަކު އަނެކެއްގެ ފަރާތުން ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ލިބި، އާއިލާ ރޫޅުމުގެ ސަބަބުން މީހުން އެ ހާލަތަށް ވެއްޓެ އެވެ.
ދެމަފިރިން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންގެ ފަރާތުން ގެވެށި އަނިޔާ ލިބި، އެކަކު އަނެކަކުގެ މެދުގައި މުއާމަލާތު ކުރެވިފައިވާ ފޮޓޯ އަދި ވީޑިއޯތައް ބޭނުންކޮށްގެން ބިރުދެއްކުމުން ވެސް އެ ހާލަތަށް ކަންކަން ގޮސްފައި އެބަހުއްޓެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ އިދާރާ އަށް މައްސަލަ ހުށަހެޅޭ މިންވަރަށް ހިދުމަތް ދިނުމަށް ހުރި ޕްރޮފެޝަނަލް ހިދުމަތްތައް މަދުވެފައި، ދެވެން ހުރި ހިދުމަތްތައް ދިނުމުގައި ވެސް ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. ރާއްޖޭގައި ނަފުސާނީ ޑޮކްޓަރަކަށް ދެއްކުމަށް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ވެސް ކުރިމަތިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ.
މިނިސްޓްރީގައި ވެސް ކޭސް ވޯކަރުން މަދުވެފައި ސީދާ މިނިސްޓްރީން ވެސް މި ވަގުތު ނަފުސާނީ ޑޮކްޓަރުންގެ ހިދުމަތް ލިބެން ނެތުމާއި ތެރަޕީ އާއި ކައުންސެލިންގެ ހިދުމަތް ވެސް ލިބެން ނެތީމަ، އެއީ ހުރި ގޮންޖެހުންތަކެއް. -- ޖެންޑާ މިނިސްޓްރީ
ސްކޫލެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިނިސްޓްރީގައި ވެސް ކޭސް ވޯކަރުން މަދުވެފައި ސީދާ މިނިސްޓްރީން ވެސް މި ވަގުތު ނަފުސާނީ ޑޮކްޓަރުންގެ ހިދުމަތް ލިބެން ނެތުމާއި ތެރަޕީ އާއި ކައުންސެލިންގެ ހިދުމަތް ވެސް ލިބެން ނެތީމަ، އެއީ ހުރި ގޮންޖެހުންތަކެއް،" އެ އިދާރާއިން ބުންޏެވެ.
އެފަދަ މައްސަލަތަކުގައި އަދިވެސް މުޖުތަމައުގައި އާންމުންގެ ހޭލުންތެރިކަން ކުޑަވުމާއި ކަމާބެހޭ އިދާރާތަކުން އެކަމުގައި ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމާއި އަދި އިންޓަ އެޖެންސީ ކޯޑިނޭޝަން މެކޭނިޒަމެއް ނެތުމަކީ ވެސް އެ އިދާރާ އިން ކަންބޮޑުވާ ކަމެކެވެ.
ޑރ. ނާޒު ވެސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ނަފުސާނީ ފަރުވާގެ ނިޒާމު ކުރިއަށް ވުރެ މިހާރު ރަނގަޅު ވިޔަސް، އަދިވެސް އިތުރަށް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އަދި ނަފުސާނީ ފަރުވާ ދިނުމަށް ބޭނުންވާ "ރިސޯސަސްތައް" އަދިވެސް ވަރަށް މަދު ކަމަށެވެ.
"އަދިވެސް ހިއުމަން ރިސޯސް މަދު. ސައިކޭޓްރިސްޓުން، ސައިކޮލޮޖިސްޓުން ވެސް މަދު. އަމިއްލަ ނަފުސަށް އަނިޔާކުރާ މީހުންނަށް އަޅުގަނޑުމެންނަށް ވެސް ރަނގަޅު ފަރުވާއެއް ދެވޭނީ ދާއިރާގައި ފަންނީ ބޭފުޅުން އިތުރުވެގެން،" އޭނާ ވިދާޅުވި އެވެ.
ޒުވާން އުމުރުފުރައިގައި، އަދި ފުރާވަރުގައި ރާއްޖޭގައި ނަފުސާނީ މައްސަލަތައް އިތުރުވަމުން ދާ ކަމަށް ސައިކޭޓްރިސްޓް ޑރ. އާރިފް މުހަންމަދު ވެސް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުޅި ދުނިޔޭގައި ވެސް އެކަން އަންނަނީ ފުޅާވަމުންނެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޒުވާން އުމުރުގައި އަމިއްލަ މަރުވުމުގެ ކްލަސްޓާއެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، އެއީ ދައްކަން ޖެހިފައިވާ ވާހަކަ އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތި އޮމާން
03 September 2022
ހާސްވެ ކަންބޮޑުވުމުން، އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލައަށް މަރުވަނީ އީމާންކަން ނެތުނީމަ، އީމާންކަން ބަލިކަށިވީމަ. ފުރިހަމައަށް ނަމާދު ގާއިމް ކުރާ މީހާވެސް ސޫސައިޑް ކޮށްފާނޭ ބުނާ މީހުން ގާތު އަހާބަލަ ސުސައިޑް ކުރި މީހުންގެ ތެރެއިން ފުރިހަމައަށް ނަމާދު ގާއިމް ކުރި މީހަކަށް އެންމެފަހުން އަޑު އިވުނީ ކާކުހޭ. މަތި އޮމާންކޮށްފަ ދީން ދުރަށް ލައިފަ، އެނޫންއެހެންގޮތެއް ހޯދައިގެން ވާނީ ހަމަ ހަތްތަހާ ގޯސް. ވަރަށް ވާހަކަ!
ޕޯސްޓް
01 September 2022
ޕޯސްޓް ޓްރައުމަޓިކް ޑިސްއޯޑާ ގައި އަޅުގަނޑު އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. ކުޑަ އިރު މީހުންގެ ބުލީ ކުރުމާއި މަލާމާތާއި މައިންބަފައިންގެ ތަޅާފޮޅުމުގެ ހަމަނުޖެހުން ގަނޑުގައި އުޅެ، ގެއިން ވެސް ނިކުންނަން އެތައް ފަހަރަކު ބުނުމުން، ނުކުމެގެން ދިޔައީއެވެ. ޑިޕްރެޝަން ބަލިވެ، ނުކައި ނުނިދާ އުޅުނީ. ބޭސް ކާން ފެށުމުން މުޖްތަމައުން ކިޔަން ފެށީ އަހަންނަކީ މޮޔައެކޭ، ފިނޑިޔެކޭ. އެހެންކިޔާ އެންމެންގެވެސް އާއިލާ އެމީހުންނަށް ރަނގަޅު، ﷲ ވިސްނުން ދެއްވާށި.