މި ޑޮކްޓަރުގެ ނިންމުން ރަނގަޅު، ވެއިޓިން ލިސްޓަކީ އޭގެ ނަތީޖާ!

އައިޖީއެމްއެޗްގައި ޖޫނިއާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ޑރ. އާރިފް މުހަންމަދު ނިންމެވީ ސައިކޭޓްރިސްޓަކަށް ވެ ވަޑައިގަންނަވާށެވެ!

އެއީ މީގެ 15 އަހަރު ކުރި އެވެ. ރާއްޖޭގައި ނަފްސާނީ މައްސަލަތަކުގެ ހުރީ އެންމެ ޑޮކްޓަރެކެވެ. އެއީ، އޮތް ދާއިރާއެއް ނޫނެވެ. އާރިފް ވިދާޅުވި ގޮތުގައި ނަފުސާނީ ބަލީގެ ވާހަކަ ދެއްކުމަކީ ވެސް އޭރު ލަދުވެތި ކަމެކެވެ.

"ވަރަށް ސީނިއާ ޑޮކްޓަރެއް ކައިރީގައި އަޅުގަނޑު މި ރޮނގުން ކިޔަވަން ދާން އުޅޭ ވާހަކަ ބުނުމުން ވެސް، އާރިފް ކަހަލަ ރަނގަޅު ޑޮކްޓަރަކު ސައިކޭޓްރީ ހަދަނީހޭ ބުނި. އެއީ ޑޮކްޓަރުން ވެސް ނަރުހުން ވެސް އަދި އާއިލާތައް ވެސް އެހާ ބޮޑަށް އޭރު ދައްކަން ބޭނުންވާ ވާހަކައެއް ނޫން."

ކިޔަވާ ވިދާޅުވެ، ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗްގައި ބަލި މީހުން ބައްލަވަން ފެއްޓެވި އިރު ވެސް، ލަދުގެ އެ ފަރުދާ އޮތީ ކަހާނުލެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، "ބަލި މީހުން އޯޕީޑީ އަށް ވެސް ވަންނަނީ ދެކޮޅު ބަލައިލައިފަ" އެވެ.

އެކަމަކު، އޭގެ 15 އަހަރު ފަހުން މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. އޭގެ އެއް ސަބަބަކީ ނަފުސާނީ ބަލީގެ ދިވެހި ޑޮކްޓަރުން އިތުރުވުމެވެ. މި 15 އަހަރުގެ ތެރޭގައި ފަސް ޑޮކްޓަރަކު އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހިދުމަތް ކުރައްވަމުން އެބަ ގެންދަވަ އެވެ. މި 15 އަހަރުގެ ތެރޭގައި އާންމުންގެ ތެރޭގައި، ނަފުސާނީ ބައްޔާ ދޭތެރޭ ދީފައިވާ ސަމާލުކަން ބޮޑުވެ، އެއީ ބައްޔެއްކަން ގަބޫލުކުރާ މުޖުތަމައެއް އަންނަނީ އުފެދެމުންނެވެ. އެ ބައްޔަށް ހާއްސަ ކްލިނިކްތައް އުފަންވެއްޖެ އެވެ. ގައުމީ ސިއްހީ ސިޔާސަތުގައި ވެސް މެންޓަލް ހެލްތު ހިމަނައިފި އެވެ. އަނެއްކޮޅުން ތިމަންނާ އަކީ ނަފުސާނީ މައްސަލަތަކެއް ތަހަންމަލު ކުރަމުންދާ މީހެއްކަން އަމިއްލަ އަށް ގަބޫލުކޮށް ޑޮކްޓަރަށް ދެއްކުމުގެ ޝައުގުވެރިކަން އަންނަނީ އުފެދެމުންނެވެ. އައިޖީއެމްއެޗްގައި ނަފުސާނީ ބައްޔަށް ފަރުވާ ހޯދަން ދަމާލައިފައިވާ ދިގު ކިޔޫ: އެއް އިރެއްގައި ގާތްގަނޑަކަށް 2000އެއްހާ މީހުންނަކީ އޭގެ އެންމެ ބޮޑު އެއް މިސާލެވެ.

އެކަމަކު އެވަރުން ފުދުނީއެއް ނޫނެވެ؛ ކުރިއަށް އޮތް ގޮންޖެހުންތައް ބޮޑެވެ! މިއީ ސަމާސާ އަކަށް ވުރެ ބޮޑަށް މުޅި ގައުމު ވެސް ސީރިއަސް ވާން ޖެހޭ ކަމެކެވެ. އާރިފު މި ކިޔައިދެއްވަނީ އެ ވާހަކަތަކެވެ.

ހާލަތު ދެނެގަތުން ވަރަށް މުހިންމު

އާރިފް ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި 1500-1600 އެނދު ހުރި އިރު މީގެ 10 ވަރަކަށް އަހަރު ކުރިން ހުރީ އެންމެ ދެ އެނދެވެ. މީގެ ގާތްގަނޑަކަށް ހަތަރު މަސް ކުރިއާ ހަމައަށް ވެސް ހުރީ އެންމެ ހަތަރު އެނދެވެ.

"އެހެންވީމަ މުޅި ރާއްޖޭގައި ހަތަރު ބެޑް ހުރުން އޭގެ މާނައަކީ ހާލަތު ވަރަށް ދަށްކޮށޭ އޮތީ. އެކަމަކު އައިޖީއެމްއެޗްގައި މިހާރު އާ ވޯޑެއް ހުޅުވާފައި މި އޮތީ. ހަމަ ހުޅުވީ އެތަން ފުރުން ވަރަށް ގާތް،" އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ އިސް ޑޮކްޓަރު ވިދާޅުވި އެވެ.

އެކަމަކު އެހެން އެވީ، އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ރާއްޖެ އަކު ނޫނެވެ. އާރިފް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ވެސް މެންޓަލް ހެލްތަކީ ޒަމާނުއްސުރެ އަޅާނުލެވި އޮތް ދާއިރާއެކެވެ.

މެންޓަލް ހެލްތަށް ދޭ ސަމާލުކަން އެއީ ވަރަށް ފަހުން ދެވެން ފެށި ސަމާލު ކަމެއް. ރާއްޖޭގައި ވެސް އެކަން ވީ އެހެން. މިއޮއްހާ ދުވަހަކު އެއަށް ސަމާލުކަން ނުދެވި އޮވެ، ކުއްލިއަކަށް ސަމާލުކަން ދެވެން ފެށީމަ ވަރަށް ބޮޑު ބެކްލޮގެއް އޮންނާނެ.

"މެންޓަލް ހެލްތަށް ދޭ ސަމާލުކަން އެއީ ވަރަށް ފަހުން ދެވެން ފެށި ސަމާލު ކަމެއް. ރާއްޖޭގައި ވެސް އެކަން ވީ އެހެން. މިއޮއްހާ ދުވަހަކު އެއަށް ސަމާލުކަން ނުދެވި އޮވެ، ކުއްލިއަކަށް ސަމާލުކަން ދެވެން ފެށީމަ ވަރަށް ބޮޑު ބެކްލޮގެއް އޮންނާނެ. އެއީ އެއްގޮތަކަށް ވެސް ސިއްސައިގެން ދާންޖެހޭ ވަރުގެ ކަމެއް ނޫން. މި ހުރިހާ ދުވަހަކު ނެތް ނަފްސާނީ ބަލީގެ ފަރުވާ ދޭނެ ތަނެއް. އެކަމަކު ސެންޓަ ފޯމެންޓަލް ހެލްތު ހުޅުވީމަ މި ހުރިހާ ދުވަހަކު ނުދެއްކިފައި ތިބި މީހުން އަންނާނެތާ ހަމަ ކުއްލިއަކަށް."

"އަނެއް ކަމަކީ, މީހުންގެ ހޭލުންތެރިކަން ވެސް މިހާރު އެބަ އިތުރުވޭ. އަދިކިރިޔާ އަޅުގަނޑުމެންނަށް ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ދައްކަން މި ކެރެނީ. ކުރިން އެއީ ލަދުވެތި ވާހަކައެއް. ވަރަށް ލަދުވެތި ވާހަކައެއް."

އާރިފް ގަބޫލުކުރައްވާ ގޮތުގައި މިއީ އަދި ފެށުމެކެވެ؛ މަސައްކަތް އަދި އޮތީ ކުރިއަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މެންޓަލް ހެލްތުގެ މައްސަލަތައް ވަކި ގިނަވީއެއް ނޫނެވެ. އޭގެ ބަދަލުގައި ހޭލުންތެރިވީ އެވެ. އެއީ ވެސް ވަރަށް ބޮޑު ކާމިޔާބެކެވެ. އޭގެ އެއް ކާމިޔާބަކީ އޭނާ ވިދާޅުވި ގޮތުގައި ނަފުސާނީ މައްސަލަތަކުގެ އެންމެ މަތީ ލެވެލް، ނުވަތަ ބުއްދިފިލައިދާ ހިސާބަށް މީހާ ދިއުމުގެ ކުރިން މީހުން ސަލާމަތް ކުރުމުގެ ފުރުސަތު އޮތުމެވެ.

އެކަމަކު ރާއްޖޭގައި މި ބަލީގެ ހާލަތު އޮތީ ކިހާ ހިސާބެއްގައި ކަމެއް ނޭނގެ އެވެ. އޭގެ ރަސްމީ ތަފާސްހިސާބެއް ނެތެވެ. ސަރުކާރުން ބުނާ ގޮތުން ރާއްޖޭގައި ނަފުސާނީ މައްސަލަތައް ތަހަންމަލު ކުރާ 80،000 މީހުން އެބަތިއްބެވެ. އެކަމަކު އޭގެ މާނައަކީ، އެ އެންމެންނަކީ، ނަފުސާނީ ބަލީގެ މީހުން ނޫން ކަމެވެ.

"އަސްލު ހާލަތުގެ ދިރާސާއެއް ހެދިފައެއް ނެތް. އެކަމަކު ނަފްސާނީ މައްސަލަތައް ބައިވަރު އުޅޭކަން އެބަ އުޅޭކަން އެބަ އެނގޭ. ނަންބަރުތައް ފެންނަން ނެތީމަ މީގެން ނޭނގެނީ ކޮބައިކަމެއް ހާލަތަކީ. އަޅާ ކިޔާނެ އެއްޗެއް ނެތް،" އާރިފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އެނގެނީ ދައްކަން އަންނަން މީހުންނާއި ރަށު ތެރޭގައި ދެކެވޭ ވާހަކަ އާއި ޑިމާންޑާ މިކަހަލަ އެއްޗެހިން. އެކަމަކު ހަގީގަތުގައި އެއީ އޭގެ ލެވެލް އަންގައިދޭ އެއްޗެއް ނޫން. ޑިމާންޑް ކްރިއޭޓް ވެދާނެ ވަރަށް މަދު ސާވިސް އެއް ހުރެއްޖިއްޔާ ވެސް. އޭގެ މާނައަކީ ބަލި އަދި ގިނަވުމެއް ނޫނޭ."

އަޅާލުން ބޭނުންވޭ، މައްސަލަތައް އަދިވެސް އެބަހުރި

ނަފުސާނީ ބަލިތަކަށް އާންމުން ހޭލުންތެރިވާ އިރު، ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ އެއަށް މުޅިން ތައްޔާރުވެފައެއް ނޫނެވެ. އޭގެ ސަބަބުން ދިމާވާ މައްސަލަތައް ވެސް އެބަހުއްޓެވެ.

ކުރިން މީހުންނަކަށް ގަބޫލެއް ނުކުރެވޭ މިސާލަކަށް ބުއްދިފިލައިގެން ގޮސްފައި ހުރި މީހާ އަކީ ފަރުވާ ދީގެން ރަނގަޅު ކުރެވޭނެ މީހެއް ކަމެއް. އެކަމަކު މިހާރު އެބަ އެނގޭ އޭނާ އަށް ފަރުވާ ދިނީމަ ރަނގަޅު ކުރެވޭކަން.

"ކުރިން މީހުންނަކަށް ގަބޫލެއް ނުކުރެވޭ މިސާލަކަށް ބުއްދިފިލައިގެން ގޮސްފައި ހުރި މީހާ އަކީ ފަރުވާ ދީގެން ރަނގަޅު ކުރެވޭނެ މީހެއް ކަމެއް. އެކަމަކު މިހާރު އެބަ އެނގޭ އޭނާ އަށް ފަރުވާ ދިނީމަ ރަނގަޅު ކުރެވޭކަން. މީހުންނަށް މިހާރު ގަބޫލު ކުރެވޭ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖިއްޔާ އެއީ ފަސޭހަ ކުރެވިދާނެ ކަމެއްކަން،" އާރިފް ވިދާޅުވި އެވެ.

ހުރަސް ކުރިމަތިވަނީ މި ހިސާބުންނެވެ؛ ދާދިފަހަކާ ޖެހެންދެން ވެސް ސައިކޮލޮޖިސްޓަކަށް ދެއްކުމަށް އާސަންދައެއް ނުލިބެ އެވެ. އަނެއްކޮޅުން، ސައިކޮލޮޖީގެ ބައެއް އެސެސްމެންޓްތަކާއި ތެރަޕީ ސެޝަންތަކަށް ވެސް އާސަންދައެއް ނުލިބެ އެވެ. ބޭސް ލިބުމުގެ ދަތިކަން ވެސް އިންތިހާ އަށް ބޮޑެވެ.

"ޕްރައިވެޓް ސެކްޓާ އަށް ދިމާވާ މައްސަލައަކީ ހެލްތު އިންޝުއަރެންސްގެ މައްސަލަ. އަގުގެ މައްސަލަ. އާސަންދައިގެ ވެސް މިއޮއް ހުރިހާ ދުވަހަކު ސައިކޮލޮޖިސްޓެއް ކައިރިއަކަށް ނުދެވޭނެ. ޕްރައިވެޓް އިންޝުއަރެންސްތައް ވެސް މި އޮންނަނީ އެހެން. އެހެން އެވީ އެކަމަށް އަޅާ ނުލެވުނީމަ. އާންމުންގެ ޕްރެޝާ ވަރަށް ބޮޑު އާސަންދަ އިން ކަވަރު ނުކުރާތީ. ހަގީގަތުގައި ކަވަރު ވާން ޖެހޭނެ ދެއްތޯ،" އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަފުސާނީ ބަލީގެ ފަރުވާ އަށް އޮތް ފުރުސަތުތައް ވެސް އަދި މަދެވެ.

"ފަރުވާގެ ފުރުސަތުތައް ފުޅާ ކުރުމަކީ ވަރަށް މުހިންމު. އަޅުގަނޑުމެންގެ ދާއިރާގައި ވަސީލަތަކީ މީހުން. އެއްޗެހިއްސެއް މެޝިނެއް ބޭނުންވާ ދާއިރާއެއް ނޫން މިއީ. ޑޮކްޓަރުން، ސައިކޮލޮޖިސްޓުން، ތެރަޕިސްޓުން ހާއްސަ ނަރުހުން އެއީ މި ދާއިރާ އަށް ބިނާކުރަން ޖެހިފައިވާ ބައެއް،" އޭނާ ވިދާޅުވި އެވެ.

"އެކަށީގެންވާ ވަރަށް މީހުން ބިނާ ކުރުމަކީ ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭ ކަމެއް. މީހުން ނެތުމަކީ އެއީ ވަރަށް ބޮޑު ގޮންޖެހުމެއް."

އޭގެ އެއް ހައްލު ވެސް އޭނާ ވިދާޅުވެދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ހެލްތު ކެއާގެ ތެރޭގައި، ނަފުސާނީ ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތް ހެދުމަކީ މި ވަގުތަށް އެކަން ހައްލު ކުރެވިދާނެ އެއް ގޮތް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަންގަވައި، އާރިފު ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ވެސް އެކަން ފެށިދާނެ ކަމަށެވެ.

"ބޭރު ތަންތަނުގައި ވިއްޔާ ޑިޕްރެޝަނާއި އެންޒައިޓީ އަށް ފަރުވާ ކުރާނީ ޖެނެރަލް ޑޮކްޓަރުން. ޕްރައިމަރީ ކެއާގައި އެބައި ފަށާނީ. އެ ހިސާބުން ނުގުޑާ މީހުން އަޅުގަނޑުމެންނާ ހިސާބަށް އަންނާނީ. ހަގީގަތުގައި އެއީ އެ މީހުންނަށް ލިބިފައި ހުންނަން ވާނެ ޓްރޭނިންއެއް. އެކަމަކު ރާއްޖޭގައި އެކަން އޮންނަނީ އެހެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހަގީގަތަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުތިބޭނެ ނަފުސާނީ ހާއްސަ ޑޮކްޓަރުންނެއް އެހާ ބައިވަރު. އާންމު ސިއްހީ ހިދުމަތް ދެވޭ ހުރިހާ ތަނަކުން ފުރަތަމަ ސްޓޭޖްގައި އެކަން ކުރާނީ.

"ރަށްރަށުގައި ހެލްތު ސެންޓަރެއްގައި ހުންނަ މީހަކަށް ވެސް ނޭނގޭނެ ޑިޕްރެޝަން ޑައިގްނޯސް ކުރާކަށް. އަޅުގަނޑުމެން ދީފައި ހުރި ބޭހެއް ކޮންޓިނިއު ކުރާކަށް. ހަގީގަތަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުތިބޭނެ ނަފުސާނީ ހާއްސަ ޑޮކްޓަރުންނެއް އެހާ ބައިވަރު. އާންމު ސިއްހީ ހިދުމަތް ދެވޭ ހުރިހާ ތަނަކުން ފުރަތަމަ ސްޓޭޖްގައި އެކަން ކުރާނީ. އެކަމަކު ޑޮކްޓަރުން ކިޔަވާއިރު އެބައި އެއީ ކިޔަވާފައި ހުންނާނެ އެއްޗެއް. ޕްރެކްޓިސް ނުކުރަނީ."

އެގޮތަށް ހަމަޖެހިއްޖެ ނަމަ، އާރިފް ވިދާޅުވީ ނަފުސާނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރި ކަމެއް ލިބޭނެ ކަމަށެވެ. އަދި އެއީ، ކުރިމަގުގައި ކުރަން މުހިންމު ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަނެއް ކަމަކީ ޕްރިވެންޝަން/ ޕްރޮމޯޝަން ފުޅާކުރުން. އެއީ ވަރަށް މުހިންމު ކަމެއް. ކިރިޔާ ވެސް ދެރަވެލާ އިރަށް ގޮސް ވެއިޓިން ލިސްޓަށް ދިއުމުގެ ބަދަލުގައި އަމިއްލަ އަށް މެނޭޖް ކުރާނެ ގޮތްތައް އެބަ ދެނެގަންނަން ޖެހޭ."

ރަތް ރޮނގު ދަމާލަން ޖެހޭ ކަމެއް!

ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ވެސް ވަކި ނަފުސާނީ މައްސަލަތައް އިތުރު ކަމަކަށް އާރިފް ގަބޫލެއް ނުކުރައްވަ އެވެ. އަދި ނަފުސާނީ ވަކި ވައްތަރެއްގެ ބައްޔެއް މާ އިތުރު ކަމަކަށް ވެސް އޭނާއަކަށް ފާހަގައެއް ނުކުރެއްވެ އެވެ.

"ކޮންމެ މުޖުތަމައެއްގައި ވެސް ހުންނާނެ އެ މުޖުތަމައަކާ ގުޅުންހުރި އިޝޫތަކާ ގުޅިފައި ހުންނަ ނަފުސާނީ މައްސަލަތައް. ރާއްޖޭގައި މިސާލަކަށް ބޯހިޔާވަހިކަމުގެ އިޝޫ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އަޅުގަނޑަށް ފާހަގަކުރެވެނީ ނަފުސާނީ މައްސަލަތައް ވަރަށް ބައިވަރު މައްސަލަތަކާ ގުޅިފައި ހުންނަތަން. ވަކި ޑިޕްރެޝަން އެންޒައިޓީ ގިނައެކޭ ވެސް ދެންނެވޭކަށް ނެތް. އެކަމަކު ހާސްވެ ބިރުގަތުމުގެ ބަލި މިއީ އެންމެ އާންމު ބަލި. ދެން އެންމެ ގިނަ ވާނީ މޫޑް ޑިސްއޯޑާ. އެންމެ މަދުވާނީ އިޒުފީނިއާ ނުވަތަ ބުއްދި ފިލައިދިއުން."

ދެން އޮތީ ޒުވާނުންނާއި ޅަކުދިންގެ ތެރޭގައި ދިމާވާ ނަފުސާނީ މައްސަލަތަކެވެ. އާރިފު ވިދާޅުވި ގޮތުގައި، އޭނާ ކައިރިއަށް ގިނައިން ދަނީ ދުވަސްވީ މީހުން ނަމަވެސް، ނަފްސާނީ މައްސަލަތަކުގައި ޒުވާނުންނާއި ޅަ ކުދިން ވެސް ދެ އެވެ. އޭގެ ތެރެއިން އޭނާ ފާހަގަ ކުރެއްވި، "ރަތް ރޮނގު ދަމާލަން ޖެހޭ" އެއް ކަމަކީ އަމިއްލަ މަރުވުމުގެ މައްސަލަތަކެވެ.

"އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް. އެ ވާހަކަ ދެކެވޭކަށް ވެސް ނެތް. އެކަމަކު ނުދައްކާ ވާކަށް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އަމިއްލަ އަށް މަރުވުމުގެ ކްލަސްޓާއެއް ވަނީ ޒުވާނުންގެ ތެރޭގައި ވަނީ އުފެދިފަ އެވެ. އެއީ ދިރާސާއެއް ކުރަން ޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޅަކުދިންގެ ތެރެއިން އަޅުގަނޑަށް ފެނޭ އެކި ކަހަލަ ޑިޕްރެޝަނާއި ސެލްފް ހާމް ކުރުމާއި މިކަހަލަ ކަންކަން. މި ކަންކަން ހުޅަނގުގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް އެބަ މައްޗަށް ދޭ. ރާއްޖޭގައި ވެސް.

"ޅަކުދިންގެ ތެރެއިން އަޅުގަނޑަށް ފެނޭ އެކި ކަހަލަ ޑިޕްރެޝަނާއި ސެލްފް ހާމް ކުރުމާއި މިކަހަލަ ކަންކަން. މި ކަންކަން ހުޅަނގުގައި ވެސް އަދި އެހެން ގައުމުތަކުގައި ވެސް އެބަ މައްޗަށް ދޭ. ރާއްޖޭގައި ވެސް."

ނަފުސާނީ ބަލީގެ ހޭލުންތެރިކަން ރާއްޖޭގައި އަންނަނީ ފެތުރެމުންނެވެ. އެ ހޭލުންތެރިކަން ގައުމީ ފެންވަރުގައި އަދިވެސް ފަތުރަންވީ އެވެ. އާރިފު ވިދާޅުވި ގޮތުގައި، އެހެން ބަލިތަކެކޭ ވެސް އެއްގޮތަށް މިއީ ވެސް ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާ އޮތް ކަމެކެވެ. އެކަން ގަބޫލު ކުރަންވީ އެވެ.

4 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އ‫ެހީ

04 September 2022

‫ޑޮކްޓަރ އާރިފް އިންނަވާ ކްލިނިކެއް އިގިލައްވާތޯ?

The name is already taken The name is available. Register?

ވާހަކަފުޅު

01 September 2022

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ހުންނަގޮތާއި ކުރާ ކުދި ކަންކަމަށް މަލާމާތް ކުރާތާ އެތައް އަހަރުތަކެއް ވެއްޖެ. ވަޒީފާއަކަށް ނުފޮނުވާ. ކިޔެވިޔަކަ ނުދޭ. އަބަދު ދައްކަނީ އަނބިމީހާގެ ދީނީ ވާޖިބުގެ ވާހަކަ. މިހާރު އެއްވެސް އެއްޗެއް ހަދާނެއްވެސް ނުހުރޭ. މަސައްކަތް ކުރަން އުނދަގޫ. ލިބުނު ދަރިފުޅުވެސް ނުކުޅެދުންތެރިކަން ހުރޭ. ބަލިވެ ހަލާކުވެގެން ދާއިރުވެސް މީހަކު އެހީއެއް ނުވޭ. އެމީހާ މާ ބިރުވެރި.

The name is already taken The name is available. Register?

ސިނާ

02 September 2022

މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑުގެ ހާލު، ވަރިކޮއްފަ ވަރި ސާބިތުނުކޮށް އެއްއަހަރު އުޅުނު، އޭނައާއި އޭނަގެ އާއިލާ ދިރިހުރުމަށް ދަތިކުރި، ދަރިފުޅަށް ފެންނަމުންދިޔައީ ވަރަށް ނުބައިއެއްޗެހި، ދަރިފުޅު ވާހަކަދައްކަން ހުއްޓާލީމަ ދޭހަވީ އަޅުގަނޑު އެކުއްޖާގެ ސަލާމަތަށް ނަމަވެސް އެވެށިންނިކުންނަށް. ވަޒީފާ ލިބެންދެން އެކިގޭގަ އުޅުނިން، ވަޒީފާލިބުމަށްފަހުވެސް ރޮށިފިހެގެން، ދަރިފުޅުގޮވައިގެން ކުދިންބަލާ، ގޭގެ ސާފުކޮއްގެން ލާރިހޯދިން.

The name is already taken The name is available. Register?

ނަފްސާނީ

01 September 2022

އޮކިއުޕޭޝަނަލް ތެރަފީއަކީ ހަފްތާއަކު އެއްދުވަހު ދީގެންތޯ. އިވޭލުއޭޓް ކުރުމުގައި ބޭނުންކުރާ ގައިޑްލައިނަކީ ކޮބައިތޯ؟ ސްޕީޗް ތެރަޕީ ދޭންޖެހޭ ކުއްޖަކަށް ހަފްތާއަކު އެއްދުވަހު ދީގެން ނަތީޖާ ނެރެވިދާނެތޯ. މިކަންކަމަކީ ޚާއްސަ އެހީއަށް ބޭނުންވާ ކަންކަމެއް ނޫތޯ؟ ނުކުޅެދުން ތެރިކަމަކީ އަތްފައި ހަރަކާތްކުރުމާ އިވުމާ ފެނުމުން މަހުރޫމުވުމުން އެކަނިތޯ އަހާލާހިތްވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454