ދީންވެރި މީހާއަށް ވެސް ނަފްސާނީ ބައްޔެއް ޖެހިދާނެ

01 ސެޕްޓެމްބަރ 2022 - 10:26

2 comments

ނަފްސާނީ މައްސަލަތަކާ މީހާގެ އީމާންތެރިކަމާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް ނަފްސާނީ ބައްޔެއް ޖެހުމާ އީމާންތެރިކަމާ ގުޅުވައި، އެއީ ބައްޔެއް ނޫން ކަމަށް ކަނޑައެޅުމަކީ ބޮޑު ނުރައްކަލެކެވެ.

ޑިސެމްބަރު 18، 2020 ވަނަ ދުވަހު މުޅި ރާއްޖޭގައި ދިން ހުކުރު ޚުތުބާގައި މިކަމާ ބެހޭ ގޮތުން މުހިންމު އެތައް ކަމެއް ފާހަގަކޮށްފައި އެބަ އޮތެވެ.

އެ ޚުތުބާގައި ބުނެފައިވަނީ ހިތާމަތަކާ ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިިވުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާ ކަމަށެވެ. ނަފްސާނީ ބައްޔަކީ ވެސް އެހެން ވެސް ބަލިތައް ފަދަ ބައްޔެއްކަމަށާއި އެ ބަލި ޖެހޭ މީހުންނަކީ އީމާންކަން ބަލިކަށި ބައެއްގެ ގޮތުގައި ނުދެކެން ވެސް ޚުތުބާގައި ގޮވާލާފައިވެ އެވެ.

"ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހާ މޮޔަވުމެއް ނޫނެވެ. އަދި މީހާގެ ދީންވެރިކަމާ ގުޅުންހުރި ކަމެއް ވެސް ނޫނެވެ. ﷲ އަށް ކިޔަމަންވާ ދީންވެރި މީހާ އަށް ވެސް އެހެން ބަލިތައް ޖެހޭ ފަދައިން ނަފްސާނީ ބައްޔެއް ވެސް ޖެހިދާނެ އެވެ. އެހެންކަމުން އެއްވެސް ބައްޔަކަށް ފަރުވާ ހޯދުމުގައި ފަސް ނުޖެހޭށެވެ. އަދި ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާ މީހާއަކީ އީމާންކަން ބަލިކަށި މީހެއް ކަމަށް ނުނިންމާށެވެ." ޚުތުބާގައި ބުންޏެވެ.

ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހާ މޮޔަވުމެއް ނޫނެވެ. އަދި މީހާގެ ދީންވެރިކަމާ ގުޅުންހުރި ކަމެއް ވެސް ނޫނެވެ.

އެ ޚުތުބާގައި ނަސޭހަތްތެރިވެފައިވަނީ ހިތާމަތަކާ ކުރިމަތިވުމުން އަމިއްލައަށް މަރުވުން ފަދަ ކަންކަމާ ދުރުހެލިވުމަށެވެ. ދުނިޔެއަށް ފޮނުއްވި އެންމެ މާތް އިންސާނުން ކަމަށްވާ ރަސޫލުންނަށް ވެސް ބޮޑެތި އިމްތިހާނުތަކާ އެކު ނަފްސާނީ އުނދަގޫތަކާ ކުރިމަތިވެފައި ވާއިރު އެ ކަންކަމަށް ކެތްތެރިވުމުގެ ދަރުމަ ބޮޑުކަން ވެސް ފާހަގަކުރި އެވެ.

"މުސީބާތްތަކަކީ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ﷲގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށް ދެއްވާ ކަންތައްތަކެކެވެ. އަދި ފާފަތައް ފުއްސަވައި ﷲގެ ރުހިވޮޑިގަތުން ދެއްވާ ކަމެކެވެ. ތިބާގެ މައްސަލަތައް ތިބާއަށް ހެޔޮ އެދޭ ގާތްތިމާގެ މީހެއް ނުވަތަ ކަމުގެ މާހިރަކާ ހިއްސާ ކުރާށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މަރުކަޒެއްގެ އެހީ ހޯދާށެވެ." ހުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ.

ހިތާމަތަކާ ކުރިމަތިވުމުން އަމިއްލަ އަށް މަރުވުމަކީ ހައްލެއް ނޫންކަން ބަޔާންކޮށް އެ ޚުތުގައި ބުނެފައިވަނީ ބޮޑު ކަމަކާ ދިމާވުމުން، ހަޔާތުގެ ރޭހުން ބަލިވީ ކަމަށް ގަބޫލުކޮށް މަރުވުމަކީ ދެ ދުނިޔެ ވެސް ގެއްލޭ ފިނޑި އަމަލެއް ކަމަށެވެ.

މުއުމިނު އަަޅާއާ ކުރިމަތިވާ އުފާވެރިކަމާއި ދެރަ ކަންތައްތަކަކީ ވެސް އޭނާއަށްޓަކައި ހެވަކަށް ވާގޮތް އޮވެ އެވެ. އެއީ އީމާންތެރިކަމުގެ އަހުލުވެރިންނަށް އެކަނި ލިބިގެންވާ ސިފައެކެވެ.

އޭގެ ބަދަލުގައި، މުސްލިމުންނަކީ ދިމާވާ ކޮންމެ ކަމަކަށް ކެތްކޮށް ޝުކުރުވެރިވާނެ ބައެއް ކަމަށާއި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބަކީ މުސީބާތްތަކަށް ކެތްތެރި ނުވެވުން ކަމަށް ހަނދާންކޮށްދީފައިވެ އެވެ. މިންވަރަށް އީމާންވުމަކީ އީމާންތެރިކަމުގެ ރުކުނެއް ކަމަށާއި ﷲ ނިޔާކުރައްވާފައިވާ ކަމެއް މެނުވީ އެ މީހަކާ ކުރިމަތި ނުވާނެ ކަމަށާއި އެ ހުރިހާ ކަމަކީ ވެސް އެ މީހަކަށް އޮތް ހެވެއް ކަން ގަބޫލު ކުރަންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

"ހަގީގަތުގައި، އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބުކަމުގައި ވަނީ، ﷲގެ ނިޔާއަށް ނުރުހުމާއި ﷲ އިންސާނާ އިމްތިހާނުކުރެއްވުމަށް އޭނާއަށް ޖައްސަވާ މުސީބާތްތަކަށް ކެތްތެރިނުވެވުމެވެ. ﷲ ގެ ނިޔާއަށް ރުހުމަކީ، ނުވަތަ މިންވަރަށް އީމާންވުމަކީ ރުކުނެކެވެ."

މިއާ އެކު ދެން ހަނދާންކޮށްދީފައިވަނީ ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފައިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ﷲ ނިޔާކުރައްވާފައިވާ ކަމެއް މެނުވީ ތިމާއަށް ނުޖެހޭނެކަން ގަބޫލުކުރުމަކީ މުސްލިމުންގެ އަގީދާއަށް ވާންޖެހޭނެ ކަމެވެ.

"މުއުމިނު އަަޅާއާ ކުރިމަތިވާ އުފާވެރިކަމާއި ދެރަ ކަންތައްތަކަކީ ވެސް އޭނާއަށްޓަކައި ހެވަކަށް ވާގޮތް އޮވެ އެވެ. އެއީ އީމާންތެރިކަމުގެ އަހުލުވެރިންނަށް އެކަނި ލިބިގެންވާ ސިފައެކެވެ."

މިކަމާ ގުޅުވައިގެން ދެން ބަޔާންކޮށްފައިވަނީ ކީރިތި ރަސޫލާގެ ހަދީސްފުޅެކެވެ. މާނާގައި ވަނީ؛

"މުއުމިނު އަޅާގެ ކަންތައްތަކާ މެދު އަޖައިބުވާހާވެ އެވެ. އޭނާއަށް ދިމާވާ ހުރިހާ ކަމަކީ އޭނާއަށްޓަކައި ހެވެކެވެ. އަދި އެއީ މުއުމިނަކަށް ނޫނީ ލިބިގެންވާ ކަމެއް ނޫނެވެ. އޭނާއަށް އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ، އޭނާ ޝުކުރުވެރިވެ އެވެ. އަދި އެއީ އޭނާއަށް ހުރި ހެވެކެވެ. އަދި އޭނާއަށް ހިތްދަތިކަމެއް މެދުވެރިވެއްޖެ ނަމަ އޭނާ ކެތްތެރިވެ އެވެ. ފަހެ އެއީ އޭނާއަށް ހުރި ހެވެކެވެ."

މުޅި ހަޔާތުގައި ހޯދި މުދާތައް ގެއްލި ދިއުން، ހަޔާތުގެ ބައިވެރިވާ ގެއްލުން، ލޯބިވާ މީހަކު މަރުވުން، އަނިޔާއެއް ލިބުން ނުވަތަ އަބުރު ކަތިލެވުމުން އެކަމުގެ ހައްލަކީ އަމިއްލައަށް މަރުވާ ހިސާބަށް ދިއުން ނޫން ތަކުރާރުކޮށް ހަނދާކޮށްދީ ބުނެފައިވަނީ އޭރުން މި ދުނިޔޭގެ އިތުރުން އެ ދުނިޔެ ވެސް ގެއްލުނީ ކަމަށެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 40%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

24 September 2022

ދީންވެރި މީހަކަށް ވަނީ ނަފުސާނީ ބައްޔެއް ޖެހުނީމަ ނުން؟

The name is already taken The name is available. Register?

ބަލާނަމަ

02 September 2022

މީހަކު ރުޅިއައިސް ހިތްހަމަނުޖެހޭ ހާލު 75 އާޔަތް ނުވަތަ އެއަށްވުރެވެސް ގިނައިން މާނައާމެދު ވިސްނައިގެން ކިޔަވައިފިނަމަ އެމީހާއަށް ހިތްހަމަޖެހުން ނުލިބޭތޯ ބަލާލާނަމަ. އެމީހަކަށް އެހީވާނެ އެއްވެސްމީހަކު ނެތް ހާލުގަ އެމީހަކު މާތްﷲއަށް ވަކީލުކޮށް މާތްﷲގެ ހަޒުރަތުން ވާގި އެދިއްޖެނަމަ އެމީހަކަށް މާތްﷲގެ އެހީ ނުލިބޭތޯ ބަލާނަމަ. އެހާމެ ހިތްހަމަޖެހުމާ ކަންކަން ފަހުމުވާނެގޮތް މާތްﷲވަނީ ލައްވާފައި. ހަމައެކަނި ކުރަންޖެހޭ ކަމަކީ މާތްﷲއަށް އެންމެ އިސްކަންދިނުނ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454