ދަރިން ނުލިބުން: އަހަރެމެން މިތިބީ ފުން ކަނޑެއްގައި!

ދަރިއަކު ނުލިބުމުގެ ހިތްދަތިކަމާއި ފަރުވާގައި އުޅޭ ކިތައް މީހުން އެނގޭ ހެއްޔެވެ؟

ވަރަށް ގިނަ މީހުންގެ ޖަވާބަކީ، އާއިލާ އާއި ރައްޓެހިންނާއި ދަންނަ މީހުންގެ ތެރޭގައި ވެސް ބައިވަރެވެ. މިއީ، އެ މީހުން ތަހައްމަލްކުރާ ވޭނާއި އެކަމަކީ އެއްވެސް ކަމެއްގެ ގޮތުގައި ނުދެކި ނިޒާމުގެ ތެރޭގައި ވެސް އަޅާނުލެވި އޮތް މައްސަލާގައި ރާއްޖޭގެ ހާލަތެވެ.

ދަރިން ނުލިބުމުގެ މައްސަލަތަކުގެ ތެރޭގައި ދިރިއުޅުން ހުއްޓިފައިވާ އެތައް ދެމަފިރިންނެއް އެބަތިއްބެވެ. އެ މާޔޫސްކަން އެތައް އާއިލާއަކުން ތަހައްމަލްކުރަމުންދެ އެވެ. އެ ހާސްކަމުގައި ދިމާވާ ނަފްސާނީ މައްސަލަތަކުގައި ހާލަތު އިންތިހާއަށް ގޯސްވެ އެވެ. ގޮތް ހުސްވެ އެންމެ ފަހުން ވަރިވެފައި ތިބި މީހުން ވެސް އެބަތިއްބެވެ.

"އިންފާޓިލިޓީއާ ގުޅޭ އެއްވެސް ރީސާޗެއް މިހާތަނަށް ނެތުމުން އާބާދީއަށް ބަލާއިރު ކިހާ ބަޔަކު މިކަން ތަހައްމަލްކުރިކަން އަދި މިހާރު ވެސް ހާލަތުގެ ސާފު މަންޒަރަކީ ކޮބައި ކަމެއް ނޭނގެ," ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފައުންޑާ ފާތުމަތު އަރީޝާ ހުސެއިން (އާޝާ) ވިދާޅުވި އެވެ.

މިކަން ތަހައްމަލްކުރި މީހުން ބުނި ގޮތުގައި، ހާލަތު އިންތިހާއަށް ގޯހެވެ.

"ލަދުގަންނަ، ބޮޑު ސިއްރެއް"

ދަރިއަކު ހޯދަން ފަރުވާކުރުމަކީ ވަރަށް ގިނަ ބަޔަކު އަދިވެސް ދައްކަން އެންމެ ޖެހިލުންވާ ވާހަކަ އެވެ. އަޑުއަހާ މީހުން ހީކޮށްފާނެ ގޮތަކާ މެދު ބިރު ގަނެ އެވެ. ލަދު ގަނެ އެވެ. އިތުރަށް ހިތް މަރުވެދާނެ ބަސްތައް އަޑު އަހަން ބޭނުން ނުވާތީ ފަސްޖެހެވެ އެވެ. އެހެންކަމުން ވަރަށް ގިނަ އާއިލާތަކުގައި އެއީ އެ ދެމަފިރިއެއްގެ ދޭތެރޭގައި އޮންނަ ބޮޑު ސިއްރެކެވެ.

އެކަން ތަހައްމަލްކުރަން ޖެހެނީ އެ ދެމަފިރިއަކަށެވެ.

އަހަރެމެންގެ މުޖުތަމައުގައި އަދިވެސް އޮންނަނީ މިކަމުގައި ވެސް ކުށް ދެއްކުމެވެ. ކުއްޖަކު ނުލިބި ގިނަ ދުވަސް ވެއްޖެ ނަމަ ގިނަ މީހުން އިނގިލި ދިއްކުރަނީ އަންހެންމީހާއަށެވެ. އާއިލާ ތެރެއިން ވެސް އޭނާ ކުށްވެރިކޮށް ނިންމާލަ އެވެ.

ޙހހ

މި ސަގާފަތުގެ ތެރޭގައި، ޑޮކްޓަރަށް ދައްކައިގެން އަމިއްލަ މައްސަލައެއް ހުރިތޯ ބަލާލުމުގެ ހިތްވަރެއް ގިނަ ފަހަރަށް ފިރިހެނުންގެ ނުހުރެ އެވެ. މައްސަލައެއް ހުރެދާނެ ކަމަށް ގަބޫލުކުރަން ވެސް ބައެއް މީހުން ބޭނުން ނުވަނީ އެވެ. އެކަން އެނގިއްޖެ ނަމަ ކުރިމަތިވެދާނެ ލަދެއްގެ ބިރަށެވެ.

"ރާއްޖޭގައި މިހާތަނަށް ސަޕޯޓް ސިސްޓަމެއް ނެތުން ވަރަށް ބޮޑު ދެރައެއް، އިންފާޓިލިޓީ ތަހައްމަލްކުރަމުންދާ ދެމަފިރިން ވެސް ސިއްރުކޮށްގެން އުޅެން ޖެހެނީ ބައިވަރު ސަބަބުތަކަކާ ހެދި. ލަދުގަންނަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެވެނީ. މިކަމުގައި ހޭލުންތެރިކަން ވެސް އިތުރުކުރަން ޖެހޭ," އާޝާ ވިދާޅުވި އެވެ.

އާޝާ "މެދުސަފުހާ"އާ ވާހަކަ ދައްކަވަނީ: ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އުފެދުނީ އޭނާއަށް ދިމާވި ހިތްދަތިކަމުން އަރައިގަންނަން ކުރި މަސައްކަތުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަނެއް މައްސަލައަކީ މި ފަރުވާގައި ރާއްޖެ ވަރަށް ފަހަތުގައި އުޅުމެވެ.

"އިންފާޓިލިޓީއަށް ޑައިގްނޯސްވާ ހިސާބުން ދެމަފިރިން ވަރަށް ބޮޑު ހާސްކަމަކަށް މި ވެއްޓެނީ. އެއްވެސް ބޭހެއް ނުލިބޭނެ. އެކަށީގެންވާ ފަރުވާއެއް ނުލިބޭނެ. ލާރިކޮޅު އެއްކޮށްގެން ދެން ފުރައިގެން ދާން ޖެހެނީ ބޭރަށް," ހާލަތު އާޝާ ސިފަކޮށްދެއްވި އެވެ.

ރާއްޖޭގައި ވަރަށް ފަހަކާ ޖެހެންދެން ފާޓިލިޓީ ސްޕެޝަލިސްޓަކު ވެސް ނެތެވެ. އައިޔޫއައި ހަދަނީ އެންމެ ކްލިނިކެއްގަ އެވެ. އައިވީއެފް ޕްރޮސީޖާއެއް އަދި ނުފަށަ އެވެ.

ހާސްކަމުގައި ކޮޅުކޮޅަށް ދުވަން ޖެހުން!

އެންމެ ރަނގަޅު ފަރުވާ އަކީ ކޮބައި ހެއްޔެވެ؟ އެކަމަށް ދެން ކުރަންވީ ނުވަތަ ދާންވީ ކޮންތާކަށް ހެއްޔެވެ؟ މިހާ އާދައިގެ މައުލޫމާތެއް ވެސް ރާއްޖޭގައި ފަރުވާ ދޭ ތަންތަނާއި ރަސްމީ އިދާރާއަކުން ނުވަތަ ޖަމިއްޔާއަކުން ނަމަވެސް މިހާތަނަށް ފޯރުކޮށެއް ނުދެ އެވެ.

"ގިނަ މީހުން ބުނަނީ އެންމެ ކުޑަވެގެން ފަރުވާގެ މަގަކީ ކޮބައިކަން ވެސް ރާއްޖޭގައި ކިޔައެއް ނުދެވެއޭ، ފަރުވާގައި ހަދަންވީ ގޮތެއް ދާންވީ ތަނެއް ވެސް ނޭނގެ. އެކަމަކު ޓްރީ ޓޮޕްގައި މިހާރު ހުރި ސްޕެޝަލިސްޓާ އެކު ފަރުވާ ރާއްޖޭގައި ފެށުމުގެ އުއްމީދު ގިނަ ބަޔަކަށް ވަނީ އާވެފައި," އާޝާ ވިދާޅުވި އެވެ.

އަންހެނަކު، ކުޑަކުދިންތަކަކާއެކު ރަސްފަންނުގައި އިށީނދެލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރިއަކަށްޓަކައި ކުރާ ދިގު ދަތުރުގައި، އެތައް ބަޔަކަށް ފަރުވާގައި ލަނޑު ލިބިފައި އެބަހުއްޓެވެ. ސިއްހީ ގޮތުން ފުރާނަ ނުރައްކަލަކަށް ހުށަހެޅިދާނެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އެކި ގައުމުތަކުގައި ވަރަށް ބޮޑު ވިޔަފާރިއަކަށް ވެސް ވެފައިވާ މިކަމުގެ ތެރޭގައި އެންމެ ރަނގަޅު މައުލޫމާތު ނުހޯދި ފަރުވާ ފެށުމުން ކަންކަން ގޯހުން ގޯހަށް ދެ އެވެ.

ލިބޭ ހުރިހާ ލާރިއެއް އެއްކޮށްލައިގެން ކޮންމެ އަހަރަކު ފަރުވާއަށް ދާ ދެމަފިރިންނަށް އެ ފައިސާ ބޭކާރުވާ ކިތަންމެ ހާލަތެއް ދިމާވެފައިވާ ކަން މިކަން ތަހައްމަލްކުރާ މީހުންގެ ވާހަކަތަކުން އެނގެ އެވެ.

"ރާއްޖެ އިން އާއްމުކޮށް މިދަނީ އެއް ގައުމުތަކަކަށް, އެއް ހޮސްޕިޓަލްތަކަކަށް, ގިނަ ބަޔަކު މިކަމުގެ ތެރޭގައި އުޅޭކަން އެނގޭތީ ފަރުވާ މިއޮންނަނީ ވަރަށް ބޮޑު ވިޔަފާރިއަކަށް ހަދާފައި. އަހަރެން ދަންނަ ކިތަންމެ ބައެއްގެ އަތުން ވަރަށް ބޭކާރު ހަރަދު ހިނގައި ހިތްދަތި އެތައް ކަމެއް ވެފައި އެބަހުރި. އައިވީއެފްއަށް ގޮސް ތިބޭއިރު އެތައް ދިވެހިންނަކާ ދިމާވޭ. ވާހަކަ ދެކެވޭ. ބައެއް މީހުންގެ އަތުން އެތައް ލާރިއެއް ނަގާފައި އެބަހުރި އަސްލު ފަރުވާއާ ގާތަށް ވެސް ނުދެވި,'" އާއްމުކޮށް ދިވެހިން ފަރުވާ ހޯދާ އިންޑިއާގައި މިކަން ތަޖުރިބާކުރި މީހަކު ބުންޏެވެ.

ރާއްޖޭގައި އެންމެ އާއްމު މައްސަލަތައް

_ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް

_ މޭލް ފެކްޓާ ނުވަތަ ފިރިހެނުންގެ މައްސަލަތައް

_ ބައިގެން ދިއުން

_ އެންޑްރޯމޯޓްރިއޯސިސް

ފާޓިލިޓީ ކޮމިއުނިޓީ: ލޯތްބާ އެކު ދިން އުއްމީދެއް

ފާޓިލީ ސަޕޯޓް ކޮމިއުނިޓީ އުފެދުނީ އާއިލާތަކުން ތަހައްމަލުކުރާ މި ވޭނުގެ ތެރެއިންނެވެ. ކުއްޖަކު ހޯދުމުގައި އާޝާ ތަހައްމަލްކުރަން ޖެހުނު ހިތްދަތިކަން އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އިންސްޓަގްރާމްގައި ލިޔަން ފެށި ހިސާބުންނެވެ. އުމުރުން 20 އަހަރުގައި ކައިވެނިކޮށް 26 އަހަރުވުމުން ދަރިއަކު ހޯދަން އުޅެ ކާމިޔާބުނުވެ އުފުލަން ޖެހުނު ތަކުލީފެވެ.

"ތިން އަހަރު ވި އިރު ވެސް ޕްރެގްނެންސީ އެއްވެސް ޓެސްޓެއް ޕޮޒިޓިވްއެއް ނުވޭ. އާޝާ އެކަނި ފުރަތަމަ ޓެސްޓްކުރަމުން އައީ. އެކަމަކު ފަހުން ފިރިމީހާއާ އެކު ދިޔައީމަ އެނގުނީ އެ ތިން އަހަރު އަސްލު ބޭކާރުކަން. ދެ މީހުންގެ ވެސް މައްސަލަ އުޅޭކަން އެނގުނީ،" އާޝާ ވިދާޅުވި އެވެ.

"ނެޗުރަލީ ބަނޑުބޮޑުވުމުގެ ޕަސެންޓޭޖަކީ އެއް ޕަސެންޓްކަމަށް ބުނީ. އެންމެ ރަނގަޅު ގޮތަކީ އައިވީއެފްއަކަށް ދިއުމޭ. އެހެންވެ ލާރިއެއްކޮށްގެން ގޮސް އައިވީއެފްއެއް ހެދީ. ފުރަތަމަ އެމްބްރިއޯއިން ކާމިޔާބުވި. ތިން އަހަރާ ބައިގެ އަންހެން ކުއްޖަކު މިހާރު އެބަހުރި."

އާޝާ "މެދުސަފުހާ"އާ ވާހަކަ ދައްކަަވަނީ: ދަރިން ނުލިބުމުގެ މައްސަލަތަކުގައި އެކަކު އަނެކަކުގެ ހިތްވަރަކަށް ވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ވާހަކަ އޭނާ ހިއްސާކުރީ އިންސްޓަގްރާމުން ސުވާލުކޮށް ހެދި މީހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހުންނާ އެވެ. ރާއްޖޭގައި މައްސަލަ އޮތް ހިސާބު އާޝާއަށް އަންދާޒާކޮށްލެއްވުނީ އެ ހިސާބުންނެވެ. ލަދާއި ބިރު ކަނޑާލައި ހިތްދަތިކަމާ އެކު ވެސް އެކަކު އަނެކަކަށް ކިޔައިދޭނެ ފެށުން ވީ އޭނާއަށް ވެސް ލިބުނު ބޮޑު ހިތްވަރަކަށެވެ.

"ފުރަތަމަ ވެސް 16 މީހުންނާ އެކު ދެ ގަޑިއިރުގެ ބައްދަލުވުމާ ހަމައިން ސަޕޯޓް ގްރޫޕް މި ފެށުނީ,"

އެއީ މިހާރު ވަރަށް ގިނަ ބައެއްގެ ހިތްވަރެވެ. ކުރިއަށް ދިއުމުގެ އުއްމީދެވެ.

ދެ އަހަރުވި އިރު 319 މެމްބަރުންނާ އެކު އެއީ ނިސްބަތުން ބޮޑު ޖަމިއްޔާއެކެވެ.

ސަރުކާރުގެ އެހީގެ އިންތިޒާރުގައި

ދަރިމައިނުވުމުގެ މައްސަލަ ތަހައްމަލުކުރާ އެތައް ބައެއްގެ ހިތްދަތިކަމުގެ ތެރޭގައި އޮތް ހިތްހަމަނުޖެހުމަކީ ސަރުކާރުގެ އަޅާލުމެއް މިކަމުގައި އެއްވެސް ވަރަކަށް ނުލިބުމެވެ. ޑައިގްނޯސްވާ ހިސާބުން އެންމެ ކުޑަވެގެން ޕެނަޑޯލް ގުޅައެއް ވެސް އާސަންދަ ނިޒާމުގެ ތެރެއިން ނުލިބެ އެވެ.

ށސ

އާސަންދަ ނިޒާމުގެ ތެރޭގައި ކޯޑެއް އެކްޓިވޭޓް ކުރަން ފަށާ ހިސާބުން މި މައްސަލަ ރާއްޖޭގައި އޮތް ހާލަތާ ގުޅޭ ތަފާސްހިސާބު އެއްކުރެވެން އެބައޮތެވެ. މިކަމުގައި ވެސް ލަސްކުރާ ނުވަތަ އެކަން ނުވެގެން އުޅޭ ސަބަބެއް ސާފެއް ނުވެ އެވެ.

"އާސަންދަ ނިޒާމުގެ ތެރެއިން މިކަމަށް އެހީވެވޭނެ ވަރު ކަނޑައަޅަން ޖެހޭ. ޕްރިވިއަސް ޑައިގްނޯސިސް ޑިސްމިސްނުކުރުން, ކުއްޖަކު ހޯދުމުގެ ކުރިން ސާޖަރީއެއް ކުރަން ވެއްޖެ ނަމަ އެކަންކަން ވެސް ހިމެނުން. މިކަހަލަ ކުދިކުދި ބަދަލުތައް ގެނެސްގެން ވެސް މި ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ," އާޝާ ވިދާޅުވި އެވެ.

މި އަޑު ސަރުކާރަށް އިވެންދެން، ކާމިޔާބު ލިބެންދެން ފާޓިލިޓީ ކޮމިއުނިޓީ ތިބޭނީ އެކަން ތަހައްމަލަކުރާ މީހުންނާ އެކުގަ އެވެ. ހާލަތު ބަދަލުކުރަން އެ ޖަމިއްޔާ އިން ދޭ ޔަގީން ކަމަކީ މި އެވެ.

2 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 29%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

05 January 2023

ރާއްޖޭގެ ގިނަ ޒުވާނުން ކާތަކެތި އަދި ބޯ ތަކެތި ބަލާލަ ބަލާށެވެ. ސޮސޭޖް އާ ފިޒީޑްރިންކް ސް އާ ޖަންކް ފުޑެވެ. ބޭނުން ކުރުމުގަ ހައްދު ފަހަނަ އަޅާފަ އެވެ. އޭގެ ގެއްލުން ފެންނަނީ ޒަމާން ތަކެއް ފަހުންނެވެ. ޖަންކް ފުޑް މާގިނައިން ކަނީ އެވެ. ދެން ދުންފަތުގެ އިސްތިއުމާލް ކުރުން ވ ގިނަ އެވެ.

The name is already taken The name is available. Register?

ހަސަން ކުރުސީ

05 January 2023

ރާއްޖޭގާ ހުރިހާކަމެއްވެސް ހުރީ ފުންކަނޑެއްގާ. ޑުރަގުބޯމީހުންވެސް ކަނޑުން ނާރާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454