ނާއުއްމީދު ބަލިކޮށްލި މި ދެމަފިރިންގެ ލޯބި!

ހަގު ދަރިފުޅާ އެކު އަރޫޝާ އާއި އަޝްހަދު: ދަރިން ނުލިބުމުގެ މައްސަލަތަކުގައި ދެ މީހުން ވަނީ ހިތްދަތި އެތައް ކަމެއް ތަހައްމަލްކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރުއިމާއި ވޭން, މާޔޫސްކަމާއި އެކަނިވެރިކަން ކިޔައިދިނަކަސް އިހްސާސެއް ނުކުރެވޭނެ އެވެ. ވާހަކައިގެ ތެރެއިން ދެމަފިރިންގެ ލޮލުން ފޭބި ކަރުނައަކީ އޭގެ ހެއްކެކެވެ.

ދަރިއަކަށްޓަކައި އައިމިނަތު އަރޫޝާ، 35 އާއި އަހްމަދު އަޝްހަދު، 37 ކުރީ ނާއުއްމީދު ބަލިކޮށްލި ވަރުގަދަ ހަނގުރާމައެކެވެ. ކާމިޔާބުގެ ފަހަތުގައި ވަނީ އެކަކު އަނެކަކު ދެކެވާ ލޯބި ސިކުންތުކޮޅަކަށް ވެސް ހަނދާން ނައްތާ ނުލުމެވެ. ކޮންމެ ހާލެއްގައި ވެސް އެކުގައި ވުމެވެ.

ދަރިން ނުލިބުމުގެ މާޔޫސްކަމުގައި ހިތްފަޅައިގެން ގޮސްފައި ތިބި އާއިލާތަކަށް މި ދެމަފިރިންނަކީ ހިތްވަރެކެވެ.

ބައްޕަ މަރުވުމުން އާއިލާގެ ޒިންމާ ވަރަށް ހަގު އުމުރުގައި އަރޫޝާ ނަގަން ޖެހުނެވެ. ކައިވެންޏާ ހަމައަށް އާދެވުނީ ވަރަށް ހާސްކަން ބޮޑު ދިރިއުޅުމަކުންނެވެ.

އަރޫޝާ އާއި އަޝްހަދުގެ ކައިވެނީގެ ފޮޓޯއެއް: ދަރިއަކަށް ޓްރައިކުރަން ފެށީ ކައިވެންޏަށް އަހަރެއްހާ ދުވަސް ފަހުން.

އަރޫޝާ ބޭނުންވީ ދެ ކުދިންނެވެ. ފިރިމީހާ އަހްމަދު އަޝްހަދުގެ ހުވަފެނަކީ އެއަށް ވުރެން ގިނަ ކުދިންނާ އެކު އުފާވެރި ދިރިއުޅުމެކެވެ. ޕްލޭންކުރި ގޮތަށް ދަރިއަކު ހޯދަން އުޅުނީ 2007 ގައި ކުރި ދެމަފިރިންގެ އަލަތު ކައިވެންޏަށް އަހަރަކަށް ފަހު އެވެ.

އޭރު ދަރިއަކަށްޓަކައި ދެ މީހުންގެ ހިތުގައި އުތުރިއަރަމުން ދިޔައީ ލޯތްބާއި ކުލުނެވެ. އެކަމަކު ފުރަތަމަ ފަހަރު ނަތީޖާ އައީ ނެގެޓިވް އެވެ. ޖަމާކޮށްގެން ތިބި އިހްސާސްތައް ފަނޑުވެ ފުރަތަމަ ފަހަރުން ވެސް ހިތް މަރުވި އެވެ.

އެއީ ވެދާނެ ގޮތެއް ކަމަށް ދެމަފިރިން ގަބޫލުކުރި އެވެ. ޖެހިގެން އައި މަހު އަނެއްކާވެސް ޓެސްޓްކުރީ އެވެ. އަނެއްކާވެސް މާޔޫސްކަމެވެ. ލޮލުން އޮހޮރުނީ ކަރުނަ އެވެ. ހިތްވަރުކޮށްފައި އަނެއްކާވެސް އިންތިޒާރުކުރީ ޖެހިގެން އައި މަހަށެވެ. އަހަރެއް ވޭތުވީ އެ ހިތްދަތިކަމުގަ އެވެ.

"ގަވާއިދުން ޕީރިއަޑް ނުވުމުގެ މައްސަލަ އަބަދުވެސް ދިމާވޭ. އެކަމަށް ބޭސް ވެސް ކުރިން. ބޭބީއަކަށް ޓްރައިކުރާތާ އަހަރެއް ފަހުން ދެން ނިންމީ އެކަމުގައި ޑޮކްޓަރަށް ދައްކަން," އަރޫޝާ ބުންޏެވެ.

ޓެސްޓުތަކުން އެނގުނީ ދަރިމައިވުމުގައި މައްސަލަތަކެއް, އޯވަރީގައި ސިސްޓް ހުރި ކަމެވެ. ޑޮކްޓަރުގެ ވާހަކަތަކުން ދެމަފިރިންގެ ހިތަށް ތަދުވި އެވެ. ފަރުވާ އިން ނޫން ގޮތަކަށް ދަރިއަކު ނުލިބޭނެކަން ޔަގީންވީ އެވެ.

އަރޫޝާ އާއި އަޝްހަދު "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަރޫޝާ އާއި އަޝްހަދުގެ އެންމެ ބޮޑު އިމްތިހާނާ ކުރިމަތިލީ އެކަކު އަނެކަކުގެ ކުށް ނުދައްކައި އެކުގައި ކުރިއަށް ދިއުމުގެ ވައުދުގެ މަތީގަ އެވެ.

ދަރިމައިވުމުގެ ފުރުސަތު ބޮޑުވާނެ ހުރިހާ ގޮތެއް ބެލި އެވެ. އެއްވެސް ކަމެއް ފަރުވާކުޑަ ނުކުރެ އެވެ. ބަރުދަން ލުއިކުރި އެވެ. ފޮލިކް އެސިޑާއި ވިޓަމިން ގަވާއިދުން ބޭނުންކޮށް, ކެއުމަށް ވެސް ބަދަލު ގެނަ އެވެ.

އެކަމަކު މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބުނެވެ. ޑޮކްޓަރީ ފަރުވާއާ އެކު ދެން ފެށީ ދިވެހި ބޭހެވެ.

"ތުލުސްދޫގައި ދެ ހަފުތާވަންދެން ތިބެގެން ދިވެހި ބޭހުގެ ސެޝަނަކަށް ފަހު މާލެ އައިސް ސްކޭންކޮށްގެން ބެލިއިރު އެންމެ ސިސްޓެއް ނެތް. އެކަމަކު އެއީ ދިވެހި ބޭހުން ކަމެއް ޑޮކްޓަރަކަށް ނޭނގެ ޔަގީންކޮށް ބުނަން," އަރޫޝާ ކިޔައިދިނެވެ.

ޑޮކްޓަރު ދެން ލަފާ ދިނީ އައިޔޫއައި ހަދާށެވެ. އެކަމަކު އޭގެއިން ވެސް ދެމަފިރިންނަށް ކާމިޔާބެއް ނުލިބުނެވެ. އެކި މީހުންގެ ގާތުން އަހައިގެން މާލެ އިން އެތައް ޑޮކްޓަރުންނަށް ދެއްކުނެވެ. ބޭރުގެ އެކި ތަންތަނަށް ދަތުރުކޮށްގެން ފަރުވާ ހޯދި އެވެ. ޑްރިލިން ނުވަތަ އޯވަރީގެ ހިލަތައް ތިން ފަހަރު އެންދި އެވެ. ޑޮކްޓަރުން ދެން އެންގީ ގެއްލުން ބޮޑުކަމުން އިތުރަށް އެކަން ކުރެވޭކަށް ނެތް ކަމަށެވެ.

އެފަދަ ކޮންމެ ވަގުތުކޮޅެއް, ކޮންމެ ޖުމްލައަކީ ދަރިއަކަށް ކުރާ އުއްމީދުގައި ކުލަ ނުޖެހިދާނެ ކަމުގެ ބިރެކެވެ.

އަރޫޝާ ދެ ދަރިންނާ އެކު: ދިގު ދަތުރުގައި އޭނާއަށް އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ

ބާރަށް ރޮއެ ގަނެވެ އެވެ. ކެކުޅުންތަކާ އެކު ބަސް ހުއްޓެވެ. އެކަކު އަނެކަކާ އަނގައިން ނުބުނެވިފައި ތިބެން ޖެހެ އެވެ. އެކަނިވެރިކަން ވަށާލަ އެވެ. ދުނިޔެއިން ބޭކާރު މީހެއް ކަމުގެ އިހްސާސްކުރެ އެވެ. ފިރިމީހާ ދޫކޮށްލާފައި ހިނގައިދާނެ ކަމުގެ ބިރު އޮވެ އެވެ. ދަރިއަކު އުފަންނުކުރެވުމަކީ ފިރިމީހާއަށް ވެވޭ ބޭއިންސާފެއް ކަމުގެ ދެރަ އިން ވެސް އަރޫޝާގެ ހިތްފަޅައިގެން ދިޔަ އެވެ.

"ކޮންމެ ފަހަރަކު ވެސް ހިތަށް އަރަނީ އަހަރެންނާ ހެދި ދެވޭ ދެރައެކޭ މިއީ," އަރޫޝާ ކިޔައިދިނެވެ.

އެކަމަކު ހިތްދަތިކަމުގައި އަބަދުވެސް އެންމެ ގާތުގައި ހިތްވަރުދޭން ހުރީ އަޝްހަދެވެ.

އަޝްހަދު "މިހާރު"އަށް ވާހަކަ ދައްކަނީ: އުނދަގޫ ހާލަތަކަށް ފަހު އޭނާގެ ނަސޭހަތަކީ މިފަދަ ކަންކަމުގައި ދެ މީހުން އަބަދުވެސް އެކަކު އަނެކަކާ އަޅާލުމަށް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަބަދުވެސް ބުނާނެ ވަގުތު އަދި ނުޖެހެނީ. ދަރިއަކު ދެއްވަން އިރާދަކުރެއްވީމަ ލިބޭނެ," ފިރިމީހާ އެކު އިނދެ އަރޫޝާ ކިޔައިދިނެވެ.

ހަ އަހަރަށް ފަހު "ޕޮޒިޓިވް"

ދަރިއަކު ނުލިބުމުގެ ހިތްދަތިކަމުން ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ އެހެން އުޅެނިކޮށް ދިމާވި ބައެއްގެ އެދުމުގެ މަތިން އިންޑިއާގެ މެޑްރާސްގައި ހުންނަ ހޮސްޕިޓަލަކަށް ވަދެވުމުންނެވެ. އެތަނުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިންނަށް ވެސް ތިބެނީ ހުސް އަންހެނުންނެވެ.

"އެތަނަށް ވަދެވުމުން ހީވީ މިއާދެވުނީއޭ އަސްލު އަންނަން ޖެހޭ ތަނަށް. ނަފްސާނީ ގޮތުން ވެސް އެހާ ބަލިވެފައި ތިއްބައި ވަރަށް ގާތްކޮށް ވާހަކަ ދެއްކީ. އެ ޑޮކްޓަރުންގެ ޓީމުގައި ހުރި ލޯފަން މީހެއް, ދަރިން ނުލިބޭ މީހުން ވެސް ތިބި. އެ މީހުން ފެނުމާއި އެތަނަށް ދެވުން ވެސް ވީ ވަރަށް ބޮޑު ހިތްވަރަކަށް," އަރޫޝާ ކިޔައިދިނެވެ.

"ދެ މީހުންގެ ޓެސްޓު ހަދާފައި ބުނީ އެއްވެސް ކަމެއް ނޫނޭ. އައިވީއެފް އިން ކާމިޔާބުވާނޭ."

ފފ

ހުރިހާ ކަމެއް ތަފްސީލްކޮށް ކިޔައިދިނެވެ. އިންޖެކްޝަންތައް ޖަހަން ޖެހުމާއި ސައިޑް އިފެކްޓްސްތައް ހުންނާނެ ކަމާއި ނުރައްކާ ވެދާނެ ހުރިހާ ގޮތްތަކެއް ކިޔައިދިނެވެ. ފަރުވާގައި ތަފާތުތަކެއް ވެސް އެތަނުން އިހްސާސްވީ އެވެ.

އެކަމަކު ވެސް ހީކުރިހާ ފަސޭހައެއް ނޫނެވެ. އައިވީއެފް އެތަނުން ހަދަން ނިންމައި ފުރަތަމަ ފަހަރަށް ބިސް ނެގިއިރު ދިމާވި މައްސަލައަކުން ބަނޑުގައި ފެން ހެދި އެކަނި ކޮޅަށް ނުހުރެވުނެވެ. ރިހުން ބޮޑުވެގެން ދެން ޖެހުނީ ހޭނައްތައިގެން އޮޕަރޭޝަނެއްކޮށް ބަނޑުގައި ހެދިފއި ހުރި ފެން ބޭރުކުރާށެވެ.

އަރޫޝާ ބުނި ގޮތުގައި ބަނޑުގައި ހަ ލިޓަރަށް ވުރެން ގިނައިން ފެން ހެދުނެވެ.

"ހާސްވި ބަނޑުގައި އެހާ ބައިވަރު ފެން ހެދި ނަގަން ޖެހުނީމަ"

އަރޫޝާ ބުނި ގޮތުގައި އައިވީއެފް ޕްރޮސީޖާ ހެދީ އެކަމުން އަރައިގަނެވުމުންނެވެ.

"ހަފުތާއެއްހާ ދުވަސް ފަހުން ނަތީޖާ އިން ދެއްކީ ބަނޑުބޮޑުކަމަށް. ބުނެދޭކަށް ވެސް ނޭނގެ. ވަރަށް އުފާވި. ދުވަސްކޮޅަކުން ހެދި ސްކޭނަށް ފަހު ބުނީ ޓުވިންސެކޭ ލިބެނީ," އަރޫޝާ ކިޔައިދިނެވެ.

އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

ވީގޮތެއް ނޭނގި ކުއްލި ހިތާމައެއް

ބަނޑުބޮޑުކަން އެނގުނީއްސުރެން ބެޑް ރެސްޓެވެ. ތަނެއް ކުއްޔަށް ހިފީ އެވެ. ހުރިހާ ކަމެއް ކޮށްދިނީ ފިރިމީހާ އަޝްހަދެވެ. އަލަށް ކައްކަން ފަށައި އެކި ބާވަތުގެ ކެއުންތަކާއި ހެދިކާ ވެސް ހަދައިދިނެވެ.

މި އުފާވެރިކަމުގައި ހޭދަވީ ދެ މަހެވެ. އަނެއްކާވެސް ކުއްލިއަކަށް ބޮޑު ހިތާމައެކެވެ.

"އެއްދުވަހު ހެނދުނު ހޭލިއިރު ވީގޮތެއް ނުވެސް އެނގި ފެނުނީ ބައިވަރު ލޭ ފޭބިތަން. ދެން ވަރަށް ބާރަށް ހިތް ތެޅެނީ. ރޮވެން ފެށީ. ވާނުވާއެއް ނޭނގުނު," އަރޫޝާ ކިޔައިދިނެވެ.

ހޮސްޕިޓަލަށް ގޮސް ބެލިއިރު ފެނުނީ އެއް ބޭބީގެ ހާޓް ބީޓެވެ. އަނެއް ކުއްޖާ ބައިގެން ދިޔައީ އެވެ.

ފިރިމީހާ އަޝްހަދު ބުނި ގޮތުގައި އެ ގަޑީގައި ދެ މީހުން ޝޮކަށް ދިޔަ އެވެ. އެކަމަކު އެ ދެރައަކީ އަނެއްކާވެސް ކަންކަން ގޯސްވެދާނެ ކަމެއް ކަން ޑޮކްޓަރު ހަނދާންކޮށްދިނެވެ.

"އެކޮޅަށް ދިޔައީ ދެ ބޭބީ ހޯދަން ނޫނެއް ނޫންހޭ ބުނީ. އެއް ބޭބީ ދިޔައަސް ދެން ވެސް އުއްމީދު ނަގާނުލާށޭ," އަޝްހަދު ކިޔައިދިނެވެ.

އުފަލާއި ހިތާމައިގައި ފަސް މަސް އެކޮޅުގައި ހޭދަކުރުމަށް ފަހު ދެން ޖެހުނީ މާލެ ބަދަލުވާށެވެ. އެކޮޅުގައި ކެއުމާއި ހުރުމާއި ފަރުވާއަށް ދެލައްކައެއްހާ ރުފިޔާ ހޭދަވެ އަތްމަތި މުޅިން ދަތިވީ އެވެ.

މާލެ އައިސް ގަވާއިދުން ޑޮކްޓަރަށް ދައްކާތީ ސީރިއަސް މައްސަލައެއް ނެތި ވިހެއުމާ ހަމައަށް ކަންކަން ރަނގަޅަށް ދިޔަ އެވެ.

"އުފަލުން ހިތް ހުއްޓުނު"

ސިޒޭރިއަނަށް ފަހު އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު މުހައްމަދު އަދްޔަން ފުރަތަމަ ފެނުނު ވަގުތު ދެމަފިރިންގެ ހިތް ހުއްޓުނެވެ. އުފަލުން ހަދާނެ ގޮތެއް ނޭނގިފައި ތިބެވުނީ އެވެ.

"ދަރިފުޅު ފެނުމާ އެކު އެ ހުރިހާ ދުވަހަކު ދެމީހުން ރުއި ރުއިމާއި ހެދިހާ ޕްރެގްނެންސީ ޓެސްޓްތައް ނެގެޓިވް ވުމުން ވީ ދެރަ އާއި ހުރިހާ ކަމެއް ދިޔައީ. ދެ މީހުންނަށް ވާހަކަ ނުދެއްކިފައި ތިބެން ޖެހުނު ދުވަސްތައް ވެސް ހަނދާނުން ފޮހެވުނީ," އަރޫޝާ ބުންޏެވެ.

ހަ މަސް ވީ ތަނާ ދަރިފުޅު ވަރަށް ބޮޑަށް ބަލިވި އެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދަމުން ގޮސް އެނގުނީ ބޮޑު ސާޖަރީއަކަށް ކުރަން ޖެހޭ ކަމެވެ.

"ބޮޑު ގޮހޮރު ތެރެއަށް ކުޑަ ގޮހޮރު ވަދެފައި އިނީ. ދެން ސާޖަރީއަކަށް ދިޔައީ. ވަރަށް ދެރަވި, ހިތަށް އެރީ ދަރިފުޅަށް ކަމެއް ވެއްޖިއްޔާ ކިހިނެއްބާއޭ ދިރިއުޅޭނީ. ނަސީބަކުން ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ,"

ހިތަށް ހަރާލި ބަސްތައް!

އަޝްހަދު ބުނި ގޮތުގައި ޕީރިއަޑް މައްސަލައިގައި އަރޫޝާ ބޭސްކުރާ ކަން އެނގުމުން ދަރިއަކު ނުލިބިދާނެ ކަމަށް ބަލައި ކައިވެނި ނުކުރަން ގާތް މީހުން އެދުނެވެ.

"އޭރުވެސް އަހަރެން ބުނިން, އަހަރެންނަށް ބޮޑު ކަމެއް ދިމާވެގެން އޮށޯންނަން ޖެހުނަސް ބަލާނެ ވަރުގެ މީހެކޭ ބޭނުންވަނީ. އެ ޔަގީންކަން އެބައޮތޭ އޭނައާ ދޭތެރޭގައި," ފިރިމީހާ ބުންޏެވެ.

ކައިވެންޏަށް ފަހު ދަރިއަކު ލިބުން ލަސްވުމުން އެ ވާހަކަތައް ގިނައިން އަޑު އަހަން ޖެހުނެވެ. ވަރިކޮށްފައި ނުވަތަ ދެއަންބަށް ނަމަވެސް ކައިވެންޏެއް ފަށަންވީ ނޫންހޭ މަޖަލަކަށް ހަދާފައި ވެސް ބުނާ މީހުން ގިނަވި އެވެ.

ހަގު ދަރިފުޅާ އެކު އަރޫޝާ "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުއްޖަކު ނުލިބުމުގެ އިންތިހާ ދަރަޖައިގެ ހިތާމައިގައި ތިބޭއިރު އަޑު އިވޭ އެ ބަސްތަކަކީ ހިތަށް ތޫނު އެއްޗެއް ހަރާލުން ފަދަ އިހްސާސެއް ކަމަށް ދެމަފިރިން ބުންޏެވެ.

"ބޭބީއަކަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އެކި މީހުން ބުނާ ކަންކަން ވެސް ކުރެވޭ. ފާޑެއްގެ ތެޔޮ އެއްޗެއް ވެސް ބުއިން ފަންޑިތަ ހަދާފައި ހުރީއޭ ބުނެގެން. ބޮއެފައި ހޮޑުލެވިއްޖިއްޔާ ފަންޑިތަ ހަދާފައޭ ބުނާއިރު 1.7 ލިޓަރުގެ ތެލާއި ކިރާއި އެއްކޮށްގެން ބޯއިރު ހޮޑުނުލެވިއެއް ވެސް ނުހުންނާނެތާ. މި ދަރަޖައަށް ދިޔައިން," އަރޫޝާ ބުންޏެވެ.

އާއިލާ ތެރެއިން ކުރިމަތިވާ ބަސްތަކާ އެކު އެ މީހުންގެ ހިތްހަމަޖެހުމަށް ވެސް ކަންކަން ކުރަން ޖެހުނީ އެވެ. ފަރުވާއަށް ބޭރަށް ގޮސްފައި ހުސްއަތާ އައި ކޮންމެ ފަހަރަކު އަޑު އަހަން ބޭނުން ނުވި އުނދަގޫ އެތައް ކަމެއް އެ ދެމަފިރިން ވެސް ވަށާލި އެވެ.

"ކުޑަކުއްޖަކު ވިހައިގެން އުޅޭ ތަނަކަށް ދިޔަސް ޕާޓީއެއް ވިޔަސް ވަރަށް ދެރަވާ ފަހަރުތައް އާދޭ. އެއްފަހަރަކު ދިމާވި އުރާލަން ހަމަ ނުދިން," އަރޫޝާ ބުންޏެވެ.

"ބައެއް ފަހަރު ބުނޭ އަދިވެސް ދަރިއަކު ހޯދަން ނޫޅެންހޭ. ނުލިބެނީދޯއޭ. ގިނައިން ބުނާނީ އަރޫޝާގެ މައްސަލަ ދޯއޭ."

އަޝްހަދު އޭނާގެ ދެ ކުދިންނާ އެކު: ދިރިއުޅުމާ ގުޅޭ ގޮތުން މީހުން ދެއްކި ގިނަ ވާހަކަތައް ގަބޫލުނުކުރެވުމުން ހިތްހަމަޖެހޭ ކަމަށް ބުނި.

މި ހިތްދަތި ބަސްތައް ވެސް ދެމަފިރިން ހަނދާނުން ފޮހެލީ ދަރިފުޅު އަދްޔަންއަށްޓަކަ އެވެ.

ނޭނގި ތިއްބައި ދެވަނަ ދަރިފުޅު

ފުރަތަމަ ދަރިފުޅު ލިބުމާ އެކު ދެމަފިރިން ވެސް ވަރަށް ބޮޑަށް ސިއްހަތަށް ބެލި އެވެ. ގަވާއިދުން ކަސްރަތު ކުރި އެވެ. އަވަހަށް ދެ ވަނަ ދަރިއަކު ހޯދަން ނިންމީ ކުރިން ކުރި ހިތާމަތަކާއި އުފުލަން ޖެހުނު ތަކުލީފުން ކަންކަން ރަނގަޅުކުރަން ނިންމައިގެންނެވެ.

"ދަރިފުޅަށް އަހަރެއް ނުވަނީސް ޓްރައިކުރަން ފަށައިގެން ފަސް އަހަރުވި އިރު ވެސް ބަނޑުބޮޑެއް ނުވި. ދެން ހިތަށް އެރީ ނުވާނޭ, ދެން ދަރިއަކު ނުލިބޭނެއޭ. އަނެއްކާވެސް އައިވީއެފްއަކަށޭ ދާން ޖެހެނީ. މެންޓަލީ ބްރޭކްޑައުންއަކަށް ދިޔައީ, " އަރޫޝާ ކިޔައިދިނެވެ.

އެ މާޔޫސްކަމުން ދުރުވީ އަޅުކަމާއި ކަސްރަތުންނެވެ.

އަރޫޝާ އާއި އަޝްހަދު ދިރާގު ރޭހުގައި ފަސް ކިލޯ މީޓަރަށް ދުވެފައި ފޮޓޯއެއް ނަގަނީ.

ދެމަފިރިން ކިޔައިދިން ގޮތުގައި އެހެން އުޅެނިކޮށް ދެ ވަނަ ދަރިފުޅަށް ބަލިވެ އިން ކަން އެނގުނީ ކުއްލިއަކަށެވެ. އޭރު ބަނޑަށް ދެމަސް ވެއްޖެ އެވެ.

ހުޅުމާލޭގައި އޮތް ދުވުމެއްގައި ފަސް ކިލޯ މީޓަރަށް ދުވެ ނިމުނުތަނާ އަނބުރައިގަނެގެން ވެއްޓުނީ އެވެ. ލޮނު ފެން ބޮއެ ރަނގަޅުވެގެން އެ ދުވަހު ދާން ޖެހުނީ މާލޭގެ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުވި މީހުންނަށް އެހީވުމަށެވެ.

ކަލާފާނު ސްކޫލުން ފެނުނު ބަނޑުބޮޑު އަންހެނަކަށް އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ލެއްވި ހުރިހާ ހެދުމެއް ހަދިޔާކުރީ އެވެ. އޭރު ބަނޑުބޮޑު ކަމެއް ނޭނގެ އެވެ.

"އަނެއްކާވެސް ބޯ އަނބުރައި ގޮތްތަކެއް ވާތީ ޑޮކްޓަރަށް ދެއްކީ," އަރޫޝާ ކިޔައިދިނެވެ.ކުއްލި އުފަލެކެވެ. ފިރިމީހާ އަށް ދެވޭލެއް ލަސްވުމުން, ކޮއްކޮއަކު ލައްވައި ނަތީޖާ ނަގައިގެން ބެލިއިރު ފުރަތަމަ ގަބޫލުކުރަން ދަތިވި ކަމަށް އަރޫޝާ ބުންޏެވެ. ރަނގަޅު ނަތީޖާތޯ އެތައް ފަހަރަކު ސުވާލުކުރި އެވެ. ޔަގީންވީ މާބޮނޑިއަކާއި ފުއްޕާހަމާއި ކޭކެއް ހިފައިގެން ހިނިތުންވެފައި ހުރި ފިރިމީހާ ފެނުމުންނެވެ.

ދެ ވަނަ ދަރިފުޅަށް ބަނޑު ބޮޑުއިރު އަރޫޝާ ދޮށީ ދަރިފުޅާ އެކު.

"ހަމަ ޝޮކަކަށް ދިޔައީ. އާދަޔާޚިލާފު އުފަލެއް. މަންމަ ބަނޑުގައި ބޭބީއެއް އެބައޮތޭ ބުނުމުން ދަރިފުޅު އަދިޔަން ވީ އުފަލެއް ވެސް ބުނެދޭކަށް ނޭނގެ. ކުރިން ހުރީ ފިރިމީހާ އެކަނި, ފަހުން ދަރިފުޅާއި ފިރިމީހާ އުފާވެފައި ތިބި ތަން ފެނުނީ," އަރޫޝާ ކިޔައިދިނެވެ.

"ނޯމަލީ ލިބުނީމަ އިތުރަށް ޔަގީންކުރަން ޓެސްޓް ވެސް ކުރިން ދެ ވަނަ ފަހަރަށް ވެސް."

އެ ދަރިފުޅު މުހައްމަދު އައިދިންއަށް މިހާރު ދެ އަހަރާއި ފަސް މަހެވެ.

އަރޫޝާ އާއި އަޝްހަދު ދެ ކުދިންނާ އެކު މަޑުކޮށްލައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަރޫޝާ ބުނި ގޮތުގައި ދަރިން ނުލިބިގެން އޭނާއަށް ގޮވި ހުރިހާ އެއްޗެއް ފަހުން ބަދަލުވީ އައިވީއެފް ހަދައިގެން ލިބުނު ދަރިފުޅާ ދިމާލަށެވެ. ދެ މީހުންގެ ދަރިއެއްތޯ ސުވާލު އުފައްދާފައި ވެސް އެބަހުއްޓެވެ. ބަލިވެއްޖެ ނަމަ އެއީ އައިވީއެފް ހަދައިގެން ހޯދީމަ ވީ ގޮތެއް ކަމަށް ބުނާ ބުނުންތަކުން ދެމަފިރިން ހިތުގައި ޖެހެ އެވެ. އެ ދަރިއަށްޓަކައި ކުރި ދިގު ދަތުރުގެ ހުރިހާ ޒަހަމްތަކެއް އާވެ އެވެ.

"އެ ކަހަލަ ވާހަކަ އަޑުއިވި އިވި ހިތާމަތަކެއް ލިބިއްޖެ. ހިތްދަތިވި އެތައް ދުވަހެއް ދިޔަ. އެ ކަހަލަ ބަސްތައް މިހާރު ނުވޭ މާ ހިތަށް ތަދުވާ ކަމަކަށް," އަރޫޝާ ކިޔައިދިނެވެ.

ދެމަފިރިންގެ ހުރިހާ ވަގުތެއް މިހާރު ހޭދަކުރަނީ ދެ ދަރިން ހެޔޮ ގޮތުގައި ބޮޑުކުރުމަށެވެ.

ހަގު ދަރިފުޅާ އެކު އަރޫޝާ އާއި އަޝްހަދު: ދަރިން ނުލިބުމުގެ މައްސަލަތަކުގައި ދެ މީހުން ވަނީ ހިތްދަތި އެތައް ކަމެއް ތަހައްމަލްކޮށްފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ވާހަކަތައް އެ ދެ މީހުންނަށް ބުނެދޭން, ކިޔައިދޭކަށް ފަސޭހައެއް ނޫނެވެ; އެކަމަކު އިންޓަވިއު ނިންމާލި އިރު ދެމަފިރިންގެ ލޮލުން ފޭބީ އުފާވެރި ކަމުގެ ކަރުނަ އެވެ. ހިތްފަޅައިގެން ދިޔަ ވަގުތުތަކުގައި ވެސް އެކަކު އަނެކަކުގެ އަތުން ދޫނުކޮށްލެވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ކަން ދިމާވި ގޮތުން ޗުއްޓީގައި ވެސް ދެ މީހުން އެކުގައި ހަމަޖެހިގެން ވަގުތު ހޭދަކުރަން ތަންތަނަށް ގޮސް ނުހެދުނު. ކުރެވުނުހާ ވެސް ކަމަކީ ލާރި އެއްކޮށްގެން ބޭހަށް ދިއުން. އެ ހިތްވަރު ދެ ދަރިންނަށްޓަކައި ކުރެވުނީތީ މާތްﷲއަށް ހަމްދުކުރަން," އަރޫޝާ ބުންޏެވެ.

9 ކޮމެންޓް, 261 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 6%
icon angry icon angry 1%
icon wow icon wow 1%
icon inlove icon inlove 89%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރޭމްޗޯޕްރާ

06 March 2023

އިންޝާﷲ ދެންލިބޭނީ އަންހެން ކުއްޖެއް. ތިޔަ ދެމަފިރިންނަށާއި ދެ ދަރިންނަށް ﷲ ތަޢާލާ ހެޔޮގޮތް އަބަދަށްވެސް މިންވަރުކުރައްވާށި، އާމީން

The name is already taken The name is available. Register?

އާއްލާ

06 January 2023

މާޝާﷲ

The name is already taken The name is available. Register?

އިބްރާހީމް އަލް މަދީނާ

06 January 2023

އަޅުކަން ކުރަމުން ތިދާދިއުމަށް ބަދަލެއް ނުގެންނާތި. ﷲ ރަޙްމަތް ލައްވާށި

The name is already taken The name is available. Register?

ވިސްނާލަބަލަ

05 January 2023

ހަތްއަހަރުވަންދެން މިކަމަށްފަރުވާކުރަމުން އެންމެފަހުން ރައްޓިއްސެއް ބުނެގެން ދެއްކީ ލަންކާގެ ނައިންވެލްސް ހޮސްޕިޓަލުގައި އިންނަ ޑޮކްޓަރަކަށް. ބޭސް ސިޓިގައިވެސް އެންމެބޭހެއްވެސް ނުލިޔެދީ ލިޔެދިނީ ކާންޖެހޭ އެއްޗިހި ކާންޖެހޭ ގަޑި އަދިކަސްރަތުކުރަން. ދެމަސްނުވަނީސް ﷲގެ އިރާދަފުޅުން ދަރިއަކު ލިބޭގޮތް މެދުވެރިވި. އިންފާތިލިޓީމައްސަލައެއްއުޅޭ ކޮންމެދެމަފިރިއަކަށް ލަންކާ އަދި އިންޑިއާ ގިނަޑޮކްޓަރުން ލަފާދެނީ އައ.ވީ.އެފް ނުވަތަ އައި.ޔޫ.އައި ހެދުމަށް

The name is already taken The name is available. Register?

އިބްރާހީމް

31 May 2024

ޑޮކްޓަރުގެ ނަން ބުނެދެވިދާނެތޯ

The name is already taken The name is available. Register?

ޢައިންތު

05 January 2023

ކޮން ހޮސްޕިޓަލް އެއްކަން ހޯދާ ދެވިދާނެތޯ

The name is already taken The name is available. Register?

ދޮވެހ

05 January 2023

ތިޔަ ފިރިއަކީ ހަމަ ޖަވާހިރެއް..

The name is already taken The name is available. Register?

ޠޫން

05 January 2023

ތިޔަ އާއިލާއަށް މާތް ﷲ ހެޔޮރަހްމަތް ލައްވާށި.

The name is already taken The name is available. Register?

ފްރެންޑް

05 January 2023

މާޝާ ﷲ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454