"އަހަރެމެން ތިބީހީ މިއަދު ޑޮލަރު ގުނާލަ ގުނާލަ"

ފ. އަތޮޅު ސައުދީއަށް ވިއްކާލުމާ ދެކޮޅަށް ފީއަލީގައި 2017 ވަނަ އަހަރު ބޭއްވި މުޒާހަރާގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ސޯޝަލް މީޑިއާ

މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެންމެ ބާރުލާފައި ގަދައަށް ދެއްކީ ފ. އަތޮޅު ވިއްކާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސައުދީ ޝާހީ އާއިލާ އާ އެކު "ޑީލް"ތަކެއް ހައްދަވާ ވާހަކަ އެވެ. ރާއްޖޭގެ ރަށެއް އެގޮތަށް "ވިއްކާލުން" އެއީ، ދިވެހިން ބަލައިގަންނަވަރުގެ ކަމަކަށް ނުވި އެވެ. އެ ވާހަކަތައް އާންމުކޮށް ދެކެވުނު ނަމަވެސް، އަދި ސައުދީ ސަރުކާރުން ބަޔާން ނެރެ، އެފަދަ ކަމެއްގައި ތިމަންނާމެންގެ ބައިވެރިވުމެއް ނެތޭ ބުންޏަސް، ދިވެހިން އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. އެއް ސަބަބަކީ، މަޝްރޫއުގެ ގޮތުން މިކަމުގައި ސަރުކާރަށް ދިފާއުގައި ކުޅެވެން ނެތުމެވެ.

އޭގެ ހުރިހާ ފައިދާއެއް ނެގީ، އިދިކޮޅުގައި އޮތް އެމްޑީޕީ އެވެ. ނިވާފަތްގަނޑަކަށް ބޭނުންކުރި އެއް ބަޔަކީ ފ. އަތޮޅުގެ ރައްޔިތުންނެވެ.

ސޯޝަލް މީޑިއާގައި "ސޭވްފާފު" އާއި "ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް" ނަމުގައި މި އަތޮޅުގެ އެކި ރަށްރަށާއި ކަނޑުމަތީގައި ވެސް ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންދިޔަ އެވެ. ރުޅިވެރިކަމާ އެކު ނުކުމެ ޝުއޫރު ފާޅުކުރި އެވެ. އޭރު އެމްޑީޕީން ވިސްނައިދިނީ ފ. އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުން މީހުން ބޭލުވުމަށް ފަހު ހުޅުމާލޭގައި ހަދާ ފ. އަތޮޅުގެ ވަކި ހާއްސަ ސަރަހައްދަކަށް ބަދަލުކުރަން ރާވާފައިވާ ކަމެވެ.

ނަމަވެސް، މަޝްރޫއުގެ ތަފްސީލުތައް އޭގެ އެތައް އަހަރެއް ފަހުން ތިލަވި އިރު، "ސޭވްފާފު" ކެމްޕެއިންގައި އުޅުނު ވަރަށް މީހުން ވެސް އެކަމާ ހިތާމަކުރެ އެވެ. އަތުން ބީވެގެން ދިޔައީ ހަޔާތުގައި ދެން އަންނާނެ ވަރުގެ މަޝްރޫއެއް ނޫންކަން ރޭކާލި އެވެ. އޭގެ ތެރެއިން އެކަކަކީ މި އަތޮޅު ބިލެއްދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު އަރީހު އިސްމާއިލެވެ.

އެކަމަކު ވަގުތު ފާއިތު ވެއްޖެ އެވެ؛ ދެން އެ ވާހަކަތައް އަހަރުތަކެއް ފަހުން ދެއްކުމުގެ ބޭނުމެއް ވެސް، ހަގީގަތުގައި ނެތެވެ.

އެންމެ ބޮޑު މައްސަލައަކީ މައުލޫމާތު ސިއްރު ކުރުން

އަރީހު ވިދާޅުވީ އެ ރަށުގައި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް އުޅުނު މީހުން އޭރު ވިސްނައިދިނީ ފ. އަތޮޅު އެއްކޮށް ސައުދީ އަށް ވިއްކާލަން އުޅޭކަން ކަމަށެވެ. އެގޮތަށް ގަބޫލުކުރެވުނީ ވެސް އޭގެ އޭރު ސަރުކާރުން މައުލޫމާތު ހާމަ ނުކުރުން ކަމަށް އަރީހު ވިދާޅުވި އެވެ.

އެކަން ގަބޫލުކޮށް، ޕާޓީގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް ބެނާތަކާއި ބޯޑުތައް ހިފައިގެން ރަށުގެ މަގުތަކަށް ނުކުމެ ކެމްޕެއިން ކުރެވުނީތީ މިހާރު އޭނާ ވެސް ހިތާމަކުރައްވަ އެވެ.

"ރަނގަޅަށް ސާފުކޮށް [މަންޒަރު ފެންނަން] އޮތް ނަމަ ނުނިކުންނާނެ. އަހަރުންނަށް ނޭނގޭ އޭރު ކިހިނެއް، ކިހާ ވަރެއް ކަމެއް، ކިހިނެއް ވާ ކަމެއްކަން. ސާފުކޮށް އޮތް ނަމަ ހީވަނީ މި ތަނަށް ނުކުތް ގިނަ ބަޔަކު ބޭނުންވާނީ މިކަން ވާން ހެން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޕްލޭނާ އެގޮތަށް ހިމިތި މަޝްރޫއު ކުރިއަށްދިޔަ ނަމަ މުޅި އަތޮޅަށް ވެސް ފައިދާވާނެ ކަމަށް އަރީހު ގަބޫލުކުރައްވަ އެވެ. އަދި، މިހާރު މި އަތޮޅުގެ ގިނަ ބަޔަކު ވެސް ގަބޫލު ކުރަނީ ހަމަ އެހެންނެވެ.

"[އެންމެން ވެސް] ބޭނުންވާނީ ރާއްޖޭގައި އެންމެ މުއްސަނދި، އެންމެ ތަރައްގީ އަތޮޅަށް ފާފު ވާން. އެކަމަކު، ފ. މީހުން ހުޅުމާލޭގައި ވަކި އަވަށެއް ހަދާފައި ލާކަހަލަ ގޮތަކަށް އޮތް ނަމަ ފާފު މީހުން ވެސް ބޭނުމެއް ނުވާނެ [މިހެން ވާކަށް]. ބޭނުމެއް ނުވާނެ އުޅެ ބޮޑުވި ތަން ދޫކޮށްލާފައި ދާކަށް. އަހަރެމެންނަށް އެއްވެސް މޫވްމަންޓެއް ނުގެނެސް އެ ގޮތަށް ހިމިތި ތަރައްގީކުރާ ގޮތަށް އޮތް ނަމަ ހީވަނީ މިތާ އުޅޭ ދުވަސްވީ މީހުން ވެސް މާ ބޮޑު ކަމަކަށް ނުހަދާނެހެން،" އަރީހު ވިދާޅުވި އެވެ.

އަރީހު ވިދާޅުވީ އިވިފައިވާ ވާހަކަތަކަށް ބަލާއިރު ސޭވް ފާފު ކެމްޕެއިންގައި އޭރު އިސްކޮށް ހަރަކާތްތެރިވީ އައްޑޫ މީހުން ކަމަށެވެ. އައްޑު އަތޮޅަށް އަންނަން އޮތް މަޝްރޫއުތަކެއް ފާފު އަތޮޅަށް ބަދަލުކުރަނީ ކަމަށް ބުނެ އަޑުތަކެއް އަރައި، އޭރު އައްޑޫގެ ބައެއް މީހުން ވެސް މީގެ ތެރޭގައި ގޯސް ހެދި ކަމަށް ފ. އަތޮޅުގެ ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ހިމިތި މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

ފާނައިގެ މަސްވެރިކަމުގައި ރާއްޖޭގެ އެއްވަނަ ބިލެއްދޫ މީހުންނަށް ވިސްނައިދިނީ އެ އަތޮޅު ސައުދީ އަށް ވިއްކާލައިފި ނަމަ މަސްވެރިކަން ވެސް ނުކުރެވި، އެ މީހުންގެ އާމްދަނީ ހުއްޓޭނެ ކަމެވެ. މަސްވެރިކަން ނުކުރެވި، އެ ތަނުގައި ދެން ހިނގާނީ ސައުދީގެ ބާރު ކަމަށް ވެސް ވިސްނައިދިން ކަމަށް އަރީހު ވިދާޅުވި އެވެ.

"ފުރަތަމަ ވިސްނުމުގައި ހަމައެކަނި ހިމިތި ތަރައްގީކުރާ ގޮތަށް ވިސްނުމުގައި އެ ޕްރޮޖެކްޓު ކުރިއަށްގެންދަން އޮވެއްޖެނަމަ ވަރަށް ބޮޑުތަނުން ރަނގަޅުވީސް. އެކަމަކު ފާފުން މީހުން ބާލުވާފައި ކޮންކްރީޓު ޖަންގައްޔަށް މީހުން އެއްކޮށްފައި، މި އަތޮޅު އެއްކޮށް ސައުދީ އަށް ދޭން އުޅުނު ނަމަ އެހާއެއް ނުވާނެ."

"ހިމިތި ފަޅު އެއްކޮށް ވިޔަސް މައްސަލައެއް ނެތް، ސައުދީ މީހުންނަށް ދީފައި އެ މީހުން އެ ގެންނަ ތަރައްގީއެއް ނަމަ އަހަރެމެން މަރުހަބާ ކިޔަން. އޭރަށް މި ތަނުގެ މަސްވެރިން ވެސް ގޮސްފައި ހަމަ ޑޮލަރުންތާ މަސްކޮޅު ކިރާލާނީ ސައުދީ މީހުންނަށް. އެގޮތަށް ބަލާއިރު އޯކޭއޭ. އެކަމަކު ވިސްނައިދީފައި އިނީ އެހެން ގޮތަކަށް.. އެހެންވެ ބެނާ ހިފައިގެން ތިބީ ފާފު ވިއްކާލުމާ ދެކޮޅަށް،" އޭނާ ވިދާޅުވި އެވެ.

"ހެޔޮ ވިސްނުން ނުވިސްނުނީތާ ދޯ އޭރު. އެހެން ނޫނީ އަހަރެމެން ތިބޭނީ ޑޮލަރުން ގުނާލަ ގުނާލަ."

ފީއަލީގައި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި "ސޭވްފާފު" ކެމްޕެއިންގައި އެ ރަށުގައި އިސްކޮށް އުޅުނު މުހައްމަދު ނަސީމް ވެސް ބުނީ އެ ބިޔަ މަޝްރޫއާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ނުދިނުމަކީ އޭރު އެންމެ ކަންބޮޑުވި ކަންތައް ކަމަށެވެ.

އޭނާއަށް ލިބުނު މައުލޫމާތުން ގަބޫލުކުރެވުނީ އެސްއީޒެޑްގެ ގާނޫނުގެ ދަށުން ސައުދީ އަށް ރަށް ވިއްކާލަނީ ކަމަށެވެ. ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް ވިސްނައިދިނީ އެ ގާނޫނުގެ ދަށުން އެ އެތަން ސައުދީ އަށް ވިއްކާލައިފި ނަމަ ރާއްޖޭގެ ގާނޫނު އެ ތަނަށް ނުހިނގާ ކަމަށާއި އެހެންވެ، ރާއްޖެ އަށާއި ފ. އަތޮޅަށް ލިބޭނެ ފައިދާއެއް އޭރު ނޭންގުނު ކަމަށް ނަސީމް ވިދާޅުވި އެވެ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބިލެތްދޫގައި 2017 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.

"އަޅުގަނޑުމެން ބުނީ ވިއްކާލުމާ އަޅުގަނޑުމެން ދެކޮޅޭ. ރާއްޖޭގައި ޓޫރިޒަމަށް ދިމަދިމާލުގައި ރަށްތައް ދިގު މުއްދަތަކަށް ދީފައި ހުންނަނީ. އެކަމަކާ ދެކޮޅެއް ނޫން. އަޅުގަނޑުމެންގެ ކަންބޮޑުވުމަކަށް ވީ ފުރަތަމަ ކަމަކަށް، މި ރަށް ކައިރީގައި އޮންނާނެ ވިލިވަރު ފަޅު ކިޔާ ފަޅެއް. އެ ފަޅާ ހަމައަށް އެ ސަރަހައްދު އަންނަ ކަމަށް މައުލޫމާތު ލިބުނީ،" އޭނާ ބުންޏެވެ.

"ފ. އަތޮޅުގައި އެންމެ ބޮޑަށް މި އޮންނަނީ ފާނަ މަސްވެރިކަން. ރާއްޖޭގެ ނިސްބަތުން ވެސް އެންވެރިކަން އެންމެ ރަނގަޅު އަތޮޅު މިއީ. އެ މީހުންގެ ޒޯނެއްގެ ގޮތުގައި ގާތްގަނޑަކަށް އަތޮޅުގެ ބޮޑު ބައެއް މި އޮންނަނީ... ފާނަ މަސްވެރިކަމުގައި ރިސޯޓުތައް ގިނަ ވީމަ އޭރު މަސްވެރިކަން ކުރި ވަރަށް ގިނަ ސަރަހައްދުތައް ނެތި ހިނގައްޖެ، ކައިރިއެއް ނުކުރެވޭ. އެކަހަލަ ކަންބޮޑުވުންތަކެއް ހުރީ. ސާފުކޮށް އޭރު އަޅުގަނޑުމެންނަށް ސަރުކާރަކުން ވެސް މަޖިލިސް މެމްބަރުގެ ފަރާތުން ވެސް ސާފު މައުލޫމާތެއް ނުލިބޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދުނިން މީގައި ކޮބައިތޯ ސަރުކާރުގެ ވިސްނުމަކީ."

ރަށު ސިއްހީ މަރުކަޒުގެ މެނޭޖަރުގެ މަގާމުގައި މި ވަގުތު ހުރި ނަސީމް ބުނީ ހިމިތި މަޝްރޫއުގެ ތަފްސީލު ހާމަކުރި ނަމަ އެކަމާ ދެކޮޅަށް އޭނާ މަގުމައްޗަށް ނުނިކުންނާނެ ކަމަށެވެ. އެ ރަށުގައި ޔާމީންގެ ސަރުކާރުން ހިންގި ތަރައްގީގެ އެހެން މަޝްރޫއުތަކަށް ވެސް ފުރިހަމަ އެއްބާރުލުން ދިންކަން އޭނާ ފާހަގަކުރެ އެވެ.

"އެ ތަން މިސާލަކަށް ސައުދީ އަށް ދިން ނަމަވެސް މިހާރު މައްސަލައެއް ނޫން ދިގު މުއްދަތަކަށް، ހިމިއްޗެއް ނޫން އެހެން ރަށެއް ވިޔަސް ރައްޔިތުންނަށް އެއިން މަންފާއެއް ކުރާ ގޮތަށް. އެކަންކަން ސާފުވާ ގޮތަށް ކަން ކުރުމަށް އަޅުގަނޑުމެން އެދެން މިހާރު ވެސް." ނަސީމް ބުންޏެވެ.

"ރަނގަޅަށް ސާފުކޮށްދިން ނަމަ އަޅުގަނޑުމެން ނުނިކުންނާނަން މި ކަމާ ދެކޮޅަކަށް."

ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހިންގި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު، ސިނަމާލެ ބްރިޖުގެ މަސައްކަތަށް ރާޅުގަނޑު ސަރަހައްދު ހުސްކުރާތީ ރާޅާ އަޅާ މީހުން އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އެހެންވެ، ނަސީމް ގަބޫލުކުރަނީ ހިމިތި ސައުދީގެ ޝާހީ އާއިލާ އަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ބޭނުން ނަމަ އެކަން އޭރު އެކަން އޮންނާނީ ކޮށްފައި ކަމަށެވެ.

އިސްކުރީ ސިޔާސީ ވިސްނުން، މިހާރު އެންމެންނަށް ވެސް ދެރަ

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި ގޮތުގައި ހިމިތި މަޝްރޫއާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕާޓީތަކުން މަސައްކަތްކުރީ ސިޔާސީ ވިސްނުމެއްގައި ކަމަށެވެ. އެ މީހުން ގަބޫލުކުރީ ވެސް އެ ބިޔަ މަޝްރޫއަކީ ސިޔާސީ ގޮތުން އެ ފަރާތްތައް ކުރިއަށް ދިއުމަށް އިތުރަށް ގޮންޖެހުން ބޮޑުވާނެ ކަމެއް ކަމަށެވެ.

ހިމިތީގައި ހަދާފައިވާ ގެއެއް ހަލާކުވެފައި -- ފޮޓޯ: ޖައިލަމް މަހުމޫދު/ މިހާރު

"މުޅި މަސްރަހު މުޅި ދުނިޔެއަށާއި ރާއްޖެ އަށް ދެއްކުވީ އޭރު އިދިކޮޅުގައި މަސައްކަތްކުރި، މި އަތޮޅަށް ނިސްބަތް ނުވާ ފަރާތްތައް. މި އަތޮޅުގެ އެންމެ ދޯންޏަކުން ވެސް ކަނޑުމައްޗަކަށް ނުނިކުމޭ. ނަމަވެސް މަންޒަރު ދައްކަން ބޭނުންވީ ސައުދީ ރަސްގެފާނު ރާއްޖޭގައި ޗުއްޓީގައި ހުންނެވުމުން މިކަމުގައި ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުން އޮތްކަން ހާމަކޮށްދޭން." އޭނާ ވިދާޅުވި އެވެ.

ނިލަންދު އަކީ ފ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށަށް ވާއިރު، އެ މަޝްރޫއާ ދެކޮޅަށް އެ ރަށުން އެއްވެސް މީހަކު ނުނިކުންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ވެސް ކުރެއްވި އަހުމަދު ވިދާޅުވީ ހިމިތި މަޝްރޫއުގެ މައުލޫމާތު މި ރަށު މީހުންނަށް އެނގޭ ކަމަށެވެ. އެ މަޝްރޫއާއެކު ނިލަންދޫގައި ރަނގަޅު ފެންވަރުގެ ކޮލެޖަކާއި ރާއްޖޭގައި ނެތް ފެންވަރުގެ ހޮސްޕިޓަލެއް ހެދުމުގެ ވާހަކަތައް ދެކެވުމުން، ސައުދީ އަށް ހިމިތި ކުއްޔަށް ދިނުމާ ދެކޮޅަށް މި ރަށުގެ އެއްވެސް މީހަކު މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.

ހިމިތި މަޝްރޫއު ކާމިޔާބުނުވި ސަބަބެއް ކަމަށް އޭނާ ގަބޫލުކުރައްވަނީ ދެ ވަނަ ދައުރަކަށް ޔާމީން އިންތިހާބު ނުވުމެވެ. ފަހު ވަގުތާ ހަމައަށް ވެސް ޔާމީން މަސައްކަތް ކުރެއްވީ ދެ ވަނަ ދައުރެއް ކާމިޔާބުކުރަން ކަމަށް ވާތީ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށް ރައްދު ދިނުމަކީ އެ ސަރުކާރަކަށް މުހިއްމު ކަމަކަށް ނުވި އެވެ.

"ސަތޭކަ ޕަސެންޓް ގަބޫލުކުރާ ކަމެއް ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުނު ނަމަ މި މަޝްރޫއު ކާމިޔާބުވެފައި އޮންނާނީ މިހާރު. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމް މޮޅުވެއްޖެނަމަ އެ މަޝްރޫއު އަންނާނެ ކަމަށް މުޅި މި އަތޮޅުގެ ރައްޔިތުން ގަބޫލުކުރޭ." އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އެ ކެމްޕެއިންގައި އިސްކޮށް އުޅުނީ އެމްޑީޕީ މީހުންނަށް ވާއިރު އެ މީހުން މިހާރު ހިތާމަކުރެ އެވެ. އަތޮޅު ކައުންސިލްގެ ރައީސުންނާ ބައްދަލުވެގެން ވާހަކަދައްކާއިރު އެ ޕްރޮޖެކްޓު ހުއްޓުމުން އެ ކަމުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގައި ކަންތައްތަކެއް ނުހިނގާ އޮތެއް ކަމަކު މި އަތޮޅު ރައްޔިތުން އިރާދަކުރެއްވިއްޔާ ވެގެންދާނީ މި ރާއްޖޭގައި އެންމެ ފުދުންތެރި މީހުން އުޅޭ ރަށަށް. މި އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ދެ ވަނަ އަށް އެންމެ ކުޑަ އަތޮޅު. އާބާދީގައި 5،000 އެއްހާ މީހުންގެ ވާހަކަ ދައްކާއިރު މި ބުނަނީ 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި ތަނަށް ކުރާ ވާހަކަ. މާނައަކީ އެ ހުރިހާ ފައިސާއެއް އެނބުރޭނީ މި އަތޮޅުގެ މެދުގައި. އޭރުން އިގުތިސޯދީ ގޮތުން ގަބޫލުނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ،" އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް، ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދުގެ ވާހަކަ ތަފާތެވެ.

އެ މުޒާހަރާތައް ކުރިއިރު ވެސް އެ ރަށުގެ ރައީސަކަށް ހުންނެވި ވަހީދު ވިދާޅުވީ އޭރު ލިބުނު މައުލޫމާތުތަކަށް ބަލާފައި އެ ރަށް ދޫކޮށްލުމަކީ އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުމެކެވެ. އެހެންވެ، އެ މުޒާހަރާތަކުގައި އިސްކޮށް އުޅެވުނަސް މިއަދު ހިތާމަނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، ހިމިތި ދޫކޮށްލަން އުޅުނީ ފ. އަތޮޅުގެ ރައްޔިތުންނަށް އޭގެ މަންފާއެއް ކުރާނެ ގޮތަކަށް ނޫން. މިއަދު ވެސް ހިމިތި މި އޮތީ ފ. އަތޮޅު ރައްޔިތުން އަދި ރާއްޖެ އަށް ވެސް މަންފާކުރާނެ ގޮތަކަށް ނޫން. އެހެން އޮވެ ރަށް ހަލާކުވެގެން ދަނީ. ސަރުކާރަކުން ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ފ. އަތޮޅު ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް ހިމިއްޗާ ދޭތެރޭ އަމަލުކުރެވެމުންދާ ތަނެއް." ވަހީދު ވިދާޅުވި އެވެ.

ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ ރަށެއްގައި 2017 ވަނަ އަހަރު ބޭއްވި މުޒާހަރާއެއްގައި ބަޔަކު ބައިވެރިވަނީ.

އޭނާ ވިދާޅުވި ގޮތުގައި ހިމިތީގެ މައްސަލަ ހައްލުކުރަން މިނިސްޓްރީއާއެކު ވަރަށް ގިނައިން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ޝަކުވާތަކަށް މިނިސްޓްރީން ދިން ޖަވާބަކީ އެ ރަށް ކުރީގެ ސަރުކާރުން ދިން ގޮތުން އަނބުރާ ހޯދަން އުނދަގޫ ކަމެވެ. ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެކަން ހައްލުކުރެވޭތޯ މަސައްކަތްކުރާ ކަމަށް މިނިސްޓްރީއާ ހަވާލައިދީ ވަހީދު ވިދާޅުވި އެވެ.

"މިހެން އޮތުމަކީ ފ. އަތޮޅު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނޭ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ރިސޯޓެއް ހަދާކަށް އެއަށް ވުރެ ފުރިހަމަ ރަށެއް ނޯންނާނެ. އެކަން ހިތާމަކުރަން. އެކަމަކު އެތަން ކުރީގައި ދޭން އުޅުނު ގޮތް އެއީ ގަބޫލުކުރެވޭ ގޮތެއް ނޫން. އެގޮތަށް ދީގެން ރައްޔިތުންނަށް ކުރާނެ މަންފާއެއް ނޯންނާނެ."

"އަޅުގަނޑަށް ލިބުނު މައުލޫމާތުގައި އެތަން ހަމަ އެއްކޮށް ދެނީ. ހަމަ ގޮސްފައި އެތަނަށް ވަދެވޭ ގޮތަކަށް ނޫން އޮތީ. އެތަނަށް ގޮސްފައި އަޅުގަނޑުމެން ބޭނުންވާ ކަންކަން ކުރެވޭ، އެއިން އަޅުގަނޑުމެންނަށް ނަފާ ލިބޭ ގޮތަކަށް ނޫން."

އާއްމުންނާ ހަމައަށް މި ވާހަކަތައް ތިލަވިއިރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އޮތީ ހިމިތީގައި ރިސޯޓު ތަރައްގީކުރަން 50 އަހަރަށް ކުއްޔަށް ދީފަ އެވެ. އެކަމަކު، ބޭރުގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރައި މުޅި ރާއްޖޭގައި ހިންގި ވަރުގަދަ ކެމްޕެއިންގެ އާހިރު ނަތީޖާއަކީ "ސަންރައިޒް" މަޝްރޫއުގައި ސިއްކަ ޖެހުމެވެ. އޭގެ ފައިދާއެއް މި އަތޮޅުގެ ރައްޔިތުން އަދި ސަރުކާރަކަށް ވެސް ނުކުރި އެވެ.

39 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

20000

17 March 2023

މިހުރިހާ ކަމަކުންވެސް އެގެނީ އެމްޑީޕީ އަބަދުވެސް އުޅެނީ ރައްޔިތުންނަށް މޮޅެއް ވެދާނެތީކަން

The name is already taken The name is available. Register?

މަހުވައި

17 March 2023

ކާން ވެސް ޑޮލަރު. ބޯންވެސް ޑޮލަރު. ރޭނީވެސް ޑޮލަރު. ތިކަން ވީނަމަ.

The name is already taken The name is available. Register?

ކިތުނާ

17 March 2023

ތިޔަ މަޝްރޫއު ކާމިޔާބުވިނަމަ އަތޮޅުރައްޔިތުން މިހާރު ނިދާނީ ޑޮލަރުއެޅި ފަތްޖެހިއެނދުގާ.

The name is already taken The name is available. Register?

ރާޑި

17 March 2023

އައްޑޫމީހުން ފާފުމީހުންގެ ބޯކާލީ. މީ ހަގީގަތަކީ. ދިވެހިންގެ ބޯކާލަން ވަރަށް ފަސޭހަވާނެ. ބިވެއެދިޔައީ 5 ބިލިޔަން ޑޮލަރު.

The name is already taken The name is available. Register?

ވަހީދުބޭބެ

16 March 2023

ވަކި މަޝްރޫއު އަކާ ގުޅިގެން ނޫނަސް އެނގެންވާނެ ރައްޔިތުންގެ އެއްބަސްވުމެއް ނެތި އުޅޭތަނުން އެހެން ތަނަކަށް ބަދަލު ކުރުމަކީ ގާނޫނީ ހަމަތަކާ ޚިލާފުކަމެއްކަން. ދުނިޔޭގެ ބޮޑުގައުމުތަކުގައި ހައިވޭގެ މެދުގައި ގޭގެ ހުންނަތަން ގޫގަލްގައި ސާޗް ކުރީމަ ފެންނާނެ. އެއީ ގާނޫނުން ލިބިދޭބާރުން އެގެ ނުނެގޭތީ. ދަބަސް ހިފައިގެން ދެކޮޅު ދެކޮޅަށް ހިނގިޔަސް އަދި ކަމަކު ނުދާނެ

The name is already taken The name is available. Register?

ސަމާލު

16 March 2023

އަރީހު މައުލޫމާތު ސިއްރު ކުރީއޭ ކިޔާނެ ކަމެއްނެތް. ތިޔައީ މަންޒަރުދެއްކި ޕާޓީ ކުދިންކޮޅުގެ އަވާގައިޖެހި ފާސާދައަކީ ކޮބައިކަން ނޫވިސްނީމާ ވީގޮތް. ވެރިޔެއްގެ ކިބައިގައިހުންނަ ހުރިހާ ސިޔާސަތަކީ ތަންމިނަށް ހުޅުވާއެއްޗެއްނޫން. ކަމެއް އޮޅުންފިލުވަން ސަރުކާރާ މަޝްވަރާކުރަން ނުދާކަމަށް އަމިއްލައަށް އިޢުތިރާފު ވެބަލަ. ބުއްދިވެރިން ކަންކުރާނީ ހަޅެއްލަވައި މަގުމައްޗަށް ނުކުމެގެނެއްނޫންް. ކޮންވާހަކައެއް ދައްކާކަށް. ތީ އަންނިގެ އަވާޖަ ޖެހުނީމަ ވާގޮތް

The name is already taken The name is available. Register?

ރަސްދޫ ސައީދު

16 March 2023

އޭނާ ވިދާޅުވި ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ މައުލޫމާތަށް ބަލާއިރު، ފ. އަތޮޅުގެ މަޝްރޫއު ހުއްޓާލި މައިގަނޑު ސަބަބަކީ ފީސިބަލް ނުވުމެވެ. އެކަމަކު، އެހެން ވިދާޅުވެފައި އޭނާ ވިދާޅުވީ އަމިއްލަ މަންޒިލެއްގެ ގޮތުގައި ތަރައްގީކުރާ ތަނެއް ފީސިބަލްތޯ ބަލަން ވެސް ނުޖެހޭ ކަމަށެވެ. "އެ ބޭފުޅުން އަމިއްލަ އަށް ދެއްތޯ ކޮންސެޕްޓް ހަދާނީ ވެސް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް ހީވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ނިޔަތެއް ނެތް ހެން."

The name is already taken The name is available. Register?

މުޑަހަންޖާ

16 March 2023

ހެހެ، ތިކަމާއި ދެކޮޅަށް ހަޖޫޖަހައި މުޅިރާއްޖޭގަ ޕުރޮޕެގެންޑާ ފަތުރަމުންދިޔައީ ވެރިކަމަށް އަރަން ދިމާކޮށްފަހުރި ކ.މާލޭ ގަބީލާއަކުން ރޯމާދުވާލު އެންމެން ކުރިމަތީގަ، އެކަމަކު ފ އަތޮޅުމީހުން ބޮލަށް ވައްދާފަ އެއިނީ އައްޑޫމީހުން ކުރިކަމެއްކަމަށް.

The name is already taken The name is available. Register?

ލާޓުކުރި

16 March 2023

ކުލަޔެލޯއިން ތިއޮތީ ދިވެހިންނަށް އަނިޔާކޮށްފައި މިއަދު މުޅި ޤައޔމު އެއޮތީ ހިންދޫ މީހުްނނަށް ހިބައިން ދީފައި. އެއްވެސް ބާރެއް ނުހިންގާ. މީއޭރުވެސް އެމީހުްނ ބޭނުންވިގޮތް. ކަނޑު އެއޮތީ ދީފައި. ހަނިމާދޫ އައްޑު ދީފައި. ހިްނގާ ހުރިހާ ޕުރިޖެކްޓެއް ދީފައު. ޔާމިނުގެ 5 އަހަރު އެމީހުްނ ބެލީ ހުޅަނގާއި އިންޑިޔާއިން. އެކަމުގެ ބަދަލަށް ގައުމު މިއޮތީ ހިބަކޮށްދީފައި.

The name is already taken The name is available. Register?

ބަސްރު

16 March 2023

މިގައުމުގައި މިހަދާ ރިސޯޓުތަކުން ދިވެހި ރައްޔިތުންނަ އެއްޗެއް ލިބޭތޯއެވެ.ރައްޔިތުން ޑޮލަރު ގަންނަނީ 17.30 ރުފިޔާ ރޭޓުންނެވެ. ރިސޯޓްތަށް 25 އަހަރަށް ކުއްޔަށްދިނީމާ 7-5 އަހަރުތެރޭގައި ކުރި އިންވެސް ކަވަރުވެއެވެ. 15 އަހަރު ނުވަނީސް އެރިސޯޓުން އިސްވެރިއަކަށް ދޭ ކަޓާއެކު 2 މިލިއަން 5 އަހަރު ތެރޭ ދެއްކީމާ 99 އަހަރަށް މުއްދަތް އިތުރު ކޮއްލަނީއެވެ. އެކަމަކު މުއްދަތް ހަމަވެގެން ބިޑަށްލާނަމަ 40 ނުވަތަ 150 މިލިއަށް ޑޮލަރު ދައުލަތަ ލިބޭނެއެވެ.

The name is already taken The name is available. Register?

ރައްޒާގު

16 March 2023

ތީ ހަމަ އަހަރެމެން ހޮވާ މެމްބަރުންގެ ހަރާމްކޯތުކަން. ރިސްވަތު ނަގައިގެން އަންނަންއޮތް ޖީލްތަކުގެ ޙައްގުތައްވެސް ވިއްކާލަނީ.

The name is already taken The name is available. Register?

ޖައުބެ

16 March 2023

އަހަރަކު މިލިއަނުން ޓުއަރިސްޓުން އަންނަ ގައުމެއް. އަނެއްކާ ބައެއް ރިސޯޓުތަކުގައި ރެއަކަށް ރޫމެެއް އެ ދެނީ އަހަރެމެން ގެއެއް އިމާރާތްކުރާ ވަރަށްވުރެ ބޮޑު އަގުގަ. ގައުމަށް ވަންނަ ޑޮލަރަކީ ހަމައެކަނި ޓެކްސް ފައިސާ ކޮޅާ ދިވެހި މުވައްޒަފުންގެ މުސާރަކޮޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454