ދަނޑަށް ކެމިކަލް ޖެހުން އެމީހަކާ އެމީހެއް!

މީގެ ތިރީހަކަށް އަހަރު ކުރިން، އއ. ތޮއްޑޫގެ ދަނޑުވެރިން ކަރާ ދަނޑުތަކުގައި އޮށް އިންދާފައި ދަމާލަނީ ރޯނެކެވެ. ވެޔޮތަށް ހެދިގަނެ މާ އެޅުމުން މާތައް ޖޯޑުކުރުވައި، ކެމިކަލް ޖަހާކަށް ނުޖެހެ އެވެ. އެކަމަކު މިހާރު ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ކަރާ ދަނޑެއް ހައްދާ ނަމަ ދުވާލު ތިން އިރު ގޮސްގެން ކުރަންޖެހޭ އެތައް ކަމެއް ހުރެ އެވެ.

އެންމެ ބޮޑު ބަދަލަކީ، ދަނޑުވެރިކަމަށް ގިނަ ކެމިކަލްތަކެއް ބޭނުން ކުރަން ފެށުމެވެ. ނަތީޖާ އަކީ ކެމިކަލް ބޭނުން ނުކޮށް ގަސް ނުހެދުމެވެ. ރަށުގެ ދަނޑުބިންތައް ކެމިކަލްތަކާއި ޕެސްޓިސައިޑުތަކަށް ހޭނިއްޖެ އެވެ.

މިއަދު ތޮއްޑޫގެ ކޮންމެ ދަނޑުވެރިއަކާ ސުވާލު ކޮށްލިޔަސް ބުނަނީ، އެރަށުގެ ދަނޑުތައް ޕެސްޓިސައިޑާއި ކެމިކަލްތައް ބޭނުން ނުކޮށް ނުހެއްދޭނެ ކަމަށެވެ. ކޮންމެ ދަނޑުވެރިއަކު ވެސް ކޮންމެ ދުވަހެއްގެ ބޮޑުބައި ދަނޑުގައި ހޭދަކޮށްގެން ނޫނީ ދަނޑެއް ނުބެލެހެއްޓެ އެވެ. މާ ޖޯޑުކުރުމާއި ގަހަށް ފެން ދިނުމާއި ގަހަށް ކެމިކަލް ސްޕްރޭ ކުރަން ކޮންމެ ދުވަހެއްގެ ވެސް އެތައް ވަގުތެއް ހޭދަކުރަން ޖެހެ އެވެ.

ތޮއްޑޫގައި ބިދޭސީ ދަނޑުވެރިޔަކު އޭނާ ބަލަހައްޓާ ދަނޑުގައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މިހާރު ދަނޑުތަކެއް ނުހެދޭނެ ކެމިކަލް ބޭނުން ނުކޮށް. އެއަށް ވުރެ ގަސްތަކަށް ޖެހޭ ބަލި ގިނަ. ކޮންމެ ދުވަހަކު ގަސްތަކަށް ސްޕްރޭ [ކެމިކަލް ސްޕްރޭ] ކުރަން،" ކިއުކަމްބާ ވެޔޮތައް ދޮށުގައި ބިދޭސީ ދަނޑުވެރިއަކު އެ ވެލުން ކަނޑާލި ކިއުކަމްބާއެއް ކާން އިނދެ ބުންޏެވެ.

ކިއުކަމްބާ ކައި ނިންމާފައި އަތް ފޮހެލުމަށް ފަހު، ކެމިކަލް ފުޅި ކޮޑަށް ލައިގެން އޭނާ އަނެއްކާ ވެސް ފެށީ ގަސްތަކަށް ސްޕްރޭ ކުރާށެވެ.

"މިހާރު ދަނޑުތަކެއް ނުހެދޭނެ ކެމިކަލް ބޭނުން ނުކޮށް. އެއަށް ވުރެ ގަސްތަކަށް ޖެހޭ ބަލި ގިނަ. ކޮންމެ ދުވަހަކު ގަސްތަކަށް ސްޕްރޭ [ކެމިކަލް ސްޕްރޭ] ކުރަން،"

މީގެ ހަފްތާއެއްހާ ދުވަސް ކުރިން "މިހާރު" ގެ ޓީމުން އެރަށަށް ގޮސް ދަނޑުވެރިން މަސައްކަތް ކުރާ ގޮތް ބެލި އިރު މިއީ އެންމެ ފުރަތަމަ އަޅައިގަތް އެއް މަންޒަރެވެ.

ތޮއްޑޫގައި ދަނޑުވެރިން އެންމެ ފުރަތަމަ ކެމިކަލް ބޭނުން ކުރަން ފެށީ، 90ގެ ކުރީ ކޮޅުގަ އެވެ. އޭރު ކެމިކަލް ބޭނުން ކުރަން ޖެހުނީ ބޭރުން ގެންނަ "ހައިބްރިޑް އޮށް" ހައްދަން ފެށި ހިސާބުންނެވެ. އެ މުޑުވައްތަކާ އެކު ގަސްތަކަށް ތަފާތު ބަލިތައް ޖެހެން ފެށީމަ އެވެ. ބޭރުން ގެންނަ މިފަދަ އޮށްތަކަކީ ބޭރުގެ ވަކި ގައުމެއްގެ މާހައުލަކަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ އޮށަށް ވުމުން، އެއިން ޖެހޭ ބަލިތަކުގެ ފަރުވާ، ރާއްޖޭގެ ފަސްގަނޑުގައި ނުހުންނަނީ އެވެ. އެހެންވެ، އެކަމަށް ހައްލު ހޯދަން އެކި ބާވަތްތަކުގެ ޕެސްޓިސައިޑުތައް ބޭނުންކުރަން މަޖުބޫރުވެ އެވެ.

ކެމިކަލް ބޭނުންކުރަނީ ހަމައެއްލަމައެއް ނެތި

ދަނޑުތަކަށް ކެމިކަލް ސްޕްރޭ ކުރުމަށް ފަހު، ދަނޑުތަކުން ކަނޑާ އެއްޗެހި ކެއުމާ ދެމެދު ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ހުރެ އެވެ. ރާއްޖޭގައި ބޭނުންކުރާ ކެމިކަލްތަކުގެ ތެރެއިން އެންމެ އާދައިގެ ކެމިކަލްތައް ވެސް ގަހަށް ޖެހުމަށް ފަހު އެ ކެމިކަލެއް ޖެހި އެއްޗެއް ކެއުމާ ދެމެދު 7-30 ދުވަހުގެ މުއްދަތެއް ބޭނުންވެ އެވެ. ނަމަވެސް އެއަށް ވުރެ މުއްދަތު ކުރު ކެމިކަލްތައް ވެސް ގަހަށް ސްޕްރޭ ކުރެވެ އެވެ. މިސާލަކަށް، ތޮއްޑޫ ދަނޑުވެރިން ބޭނުންކުރާ ފަންގިސައިޑް ކެމިކަލެއް ކަމަށްވާ "އެންޓްރަކޯލް ޕްރޮޕިނެބް" ބޭނުން ކުރެވޭނީ ސްޕްރޭ ކުރުމަށް ފަހު ހަތް ގަޑި އިރު ފަހުންނެވެ. އެ ކަމެއް އެރަށުގެ ގިނަ ދަނޑުވެރިންނަކަށް ނޭނގެ އެވެ.

ތޮއްޑޫގައިު ހައްދާފައި ހުރި ފަޅޯތަކެއް މާލެ ގެންދަން ބަނދަރުގައި ބަހައްޓާފައި. --ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކެމިކަލް ޖަހާއިރު އެ ކެމިކަލް ޖެހި ބާވަތް، ކާން ބޭނުން ކުރެވޭނެ އިރެއް ތޮއްޑޫގެ ގިނަ ދަނޑުވެރިންނަކަށް ނޭނގެ އެވެ. އެހެންވެ، ހިތުލަފައަށް ކެމިކަލް ޖަހައި، ހިތު ލަފައަށް، އެތަކެތި ބާޒާރަށް ވެސް ނެރެނީ އެވެ. މިއީ އެރަށުގެ ދަނޑުވެރިކަމުގެ އެންމެ ބިރުވެރި މަންޒަރެވެ.

އެރަށުގެ ދަނޑުވެރިން ކޮންމެ ދުވަހަކު ވެސް ގަސްތަކަށް ބޭސް ނުވަތަ ކެމިކަލް ޖަހަ އެވެ. ބޭސް ޖަހަނީ ބައްޔެއްގެ ނިޝާން ފެންނަ ހިސާބުންނެވެ. މިހާރު ބައްޔެއް ނުޖެހި ގަހެއް ނުވެސް ހެދެ އެވެ. އެހެންވެ، ހައްދާ ހުރިހާ ގަހަކަށް ވެސް ދަނޑުވެރިންނަށް އޮންނަނީ ބޭސް ޖަހަން މަޖުބޫރުވެފަ އެވެ.

"ވަރަށް ބަލި ގިނަ، ބައްޔެއް ނުފެންނަ ގަހެއް ނެތް. އެހެންވެ، ކޮންމެ ގަހަކަށް ވެސް އެބަޖެހޭ ބޭސް ޖަހަން،" އެރަށުގެ ދަނޑުވެރިއަކު ބުންޏެވެ.

އެކި ފާޑުގެ ބޭސްތައް ޖަހަމުން ހައްދާ ދަނޑުތަކުން ލިބޭ މޭވާ އާއި ތަރުކާރީ ކެއުމުގެ ކުރިން ބަހައްޓަން ޖެހޭ ވަގުތު ނޭނގޭތީ، މިއަދު ބޭސް ޖަހާފައި އަނެއް ދުވަހު ވެސް ބާޒާރަށް ނެރެ އެވެ.

ތޮއްޑޫގައި ކަރާ ދަނޑެއްގައި މަސައްކަތް ކުރަން ހުރި، ބަންގްލަދޭޝް ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު ރީޕަން އަލީ ބުނީ، ކެމިކަލް ނުޖަހާ އެރަށުގައި ގަސް ނުހެއްދޭ ކަމަށެވެ. އެކަމަކު ކެމިކަލް ބޭނުން ކުރާނެ ގޮތް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ނުހެއްދޭ ކެމިކަލް ނާޅައި. އެއީ މިރަށުގައި އެންމެން ވެސް ހައްދާގޮތް،" އޭނާ ބުންޏެވެ.

ތޮއްޑޫގައި މަސައްކަތް ކުރާ ދަނޑުވެރިޔަކު ކިޔުކަންބާތަކެއް ގޯންޏަކަށް އަޅަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ބުނީ ކެމިކަލް އަޅަނީ އޭނާގެ ހިތުލަފައަށް އެ ދުވަހަކު ބޭނުންވާ ވަރަކަށް ކަމަށެވެ. އެ ބޭނުން ކުރަނީ، އެހެން ދަނޑުވެރިން ބޭނުން ކުރާ ގޮތަށެވެ.

ރީޕަން ވަނީ ލ. އަތޮޅުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ދަނޑު ހައްދަން އުޅެފަ އެވެ. އޭނާ ބުނީ، ލ. އަތޮޅުގައި އޭނާ ދަނޑު ހައްދަން ކެމިކަލް އަޅާ ވަރަށް ވުރެ އިތުރަށް ތޮއްޑޫގައި ކެމިކަލް ބޭނުން ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫނީ، ބިންގަނޑުގެ ބޭނުމެއް ނުކުރެވެ އެވެ.

ޕެސްޓިސައިޑުތައް ބޭނުން ކުރަން ފެށުމުން ހަމައެކަނި މަރުވަނީ، ގަހަށް ހަމަލާދޭ ސޫފިތައް އެކަންޏެއް ނޫނެވެ. އެ ބިންގަނޑުގެ ދިރުމާ ގުޅޭ އެތައް ބައިވަރު ކުދި ސޫފިތަކެއް ވެސް މަރާލަ އެވެ. އެހެންވެ، އެއް ފަހަރު ވެސް ކެމިކަލް ބޭނުންކޮށްފި ނަމަ، ބިންގަނޑުގެ ގުދުރަތީ ނިޒާމުން ބޭރުވެ، މުޅި އީކޯ ސިސްޓަމުގެ ހަރަކާތްތަކަށް ބަދަލު އާދެ އެވެ. ތޮއްޑޫއަށް ވެސް ވެގެން އުޅެނީ އެހެންނެވެ.

ރީޕަންގެ އިތުރުން އެރަށުގެ ދަނޑުތަކުގައި މަސައްކަތްކުރަން ތިބި މީހުންގެ ތެރެއިން އަހަރެމެން ވާހަކަ ދެއްކި އެއްވެސް ދަނޑުވެރިއަކަށް ގަހަށް ބޭނުން ކުރާ ބޭހުގެ ސީދާ މައުލޫމާތު ކިޔައިދޭކަށް ނޭނގުނެވެ.

ދަނޑުތަކުގައި ކެމިކަލް ސްޕްރޭ ކުރަން ތިބި އެއްވެސް މީހަކު އެކަމަށް ހާއްސަ ހެދުމެއް ނާޅާތަނުގައި އަންގިއެއްހާ ހިސާބު ވެސް ބޭނުން ކުރި މަންޒަރެއް ނުފެނެ އެވެ.

"އަތުން ކެމިކަލް އަޅައި ހުރިހާ ކަމެއް ކުރަނީ. އަންގި ބޭނުން ނުކުރަން. މައްސަލައެއް ނުޖެހޭ،" ހިނި އައިސް ހުރެ، ރީޕަން ބުންޏެވެ.

ތޮއްޑޫ ބަޔަކު ދަނޑުގައި: ދަނޑުތަކަށް ކުޑަކުދިން ވެސް ގޮސް އުޅޭ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ގިނަ ކެމިކަލްތަކުގެ ލޭބަލް ހުންނަނީ ނުވެސް ދަންނަ ބަހުރުވަތަކުން. މި ކެމިކަލްތައް ވިއްކާ ތަންތަނުން އެ ބޭނުން ކުރާނެ މައުލޫމާތެއް ނުލިބޭ،"

"ގިނަ ކެމިކަލްތަކުގެ ލޭބަލް ހުންނަނީ ނުވެސް ދަންނަ ބަހުރުވަތަކުން. މި ކެމިކަލްތައް ވިއްކާ ތަންތަނުން އެ ބޭނުން ކުރާނެ މައުލޫމާތެއް ނުލިބޭ،" ކެމިކަލް ބޭނުންކުރަން ނޭނގެނީ އެހެންވެ ކަމަށް، ދަނޑުވެރިޔާ މޫސާ އަލީ ބުންޏެވެ.

އޭނާ ބުނީ، ކެމިކަލް ބޭނުން ކުރަނީ އޭނާގެ 30 އަހަރުގެ ތަޖުރިބާގައި ކަމަށެވެ.

ތަޖުރިބާގެ އަލީގައި މިކަން ކުރިޔަސް، ކެމިކަލް ބޭނުން ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ހާއްސަ މިންގަނޑުތަކެއް ކަނޑައަޅައިފައި ހުރެ އެވެ.

ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެއް ރަށަށް ވާ އިރު އެރަށުގައި އުފައްދާ ތަކެއްޗަށް ކެމިކަލް ޖަހާ ވަރު ދަނޑުވެރިންނަށް ކިޔައި ނުދެވުމަކީ މިކަމުގެ އެންމެ ބޮޑު ބިރެވެ. އެ ބޭނުން ކުރަން ޖެހޭ ވަރާއި، އޭގައި ގެންގުޅެން ޖެހޭ މިންގަނޑުތައް ދަނޑުވެރިންނަށް ނޭނގޭކަން އެރަށުން އެނގި ކަށަވަރުވި އެވެ.

9 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަދީ

02 April 2023

މީ ދެރަ ކަމެއް! ކީއްވެތަ ހެލްތް މިނިސްޓްރީ އަދި އެގްރިކަލްޗަރ މިނިސްޓްރީއަށް މިކަން ނުބެލޭނީ. މި ކެމިކަލްތައް ރެގިއުލޭޓް ނުކުރެވެނީ. އަސްލު ހަގީގަތުގަ އެއްވެސް ވަރަކަށްވެސް ކެމިކަލްއާ ނުލާ ހެއްދުން އެއީ އެންމެ ރަނގަޅުގޮތް. އެގޮތަށް ހެއްދޭނެ. އެހެންނަމަވެސް އެގޮތަށް އެކަން ކުރަން ފަސްގަނޑަށް ދިރުންދޭން ކަންތައްތަކެއް ކުރަން އެބަޖެހޭ. އެގޮތަށް ކަންތައްތައް ކުރަން ގަސްތައް އުފެދެނީ ކިހިނެއްކަމާއި، ބިމުގެއަޑީގަ މިވާ ކަންތައްތައް ދަސްކޮށްއުނގެނެންޖެހޭ

The name is already taken The name is available. Register?

ނަސްރު 45

31 March 2023

ކޮބާތޯ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެގްރިކަލްޗަރ މިނިސްޓްރީ، ހެލްތް މިނިސްޓްރީ ގެ ޒިންމާ، މި ކެމިކަލް، ކުޑަ ކުދީންނާ އަހަރުމެންގެ ފުޑް ސައިކަލް އަށް ވަދެ ކެންސަރާ އެފަދަ ބޮޑެތި ބަލިތަށް ހަށިގަނޑުގާ އުފެދޭ. އަހަރަކު އެއްދުވަހު 'ދުޅަ ހެޔޮ ސިއްހަތޭ ކިޔާ ދުވަހެއް' ގެނެސް ހުރިހާ ބޮޑުން ނުކުމެ މަގުތަކުގާ ދުވެ، ފޮޓޯ އެއް ނެގީމާ މިކަން މިހިސާބުން ނުނިމޭކަން އެބަ އެގެން ޖެހޭ.

The name is already taken The name is available. Register?

ޖަވާޒް

31 March 2023

ސުއްބޫ! މިހުރިހާ ދުވަހު މި ކެވުނީ ކެމިކަލް ކަރާ?????

The name is already taken The name is available. Register?

ވިލާސް

30 March 2023

ތޮއްޑޫ ގިނަ ދަނޑުތައް އޮންނަނީ ބޭރުމީހުނަށް ކުއްޔަށް ދީފަ..ގޭގޭގައި ހުރި ބިލެތް އަރުވާފައިވާ ގަސްތައްވެސް ހުންނަނީ ކުއްޔަށްދީފަ..ބޭރުމީހުން ދަނޑުތަކުގެ ފައިދާ ނަގަނީ.އެމީހުން ނުބަލާނެ ސިއްހީ މިންގަނޑުތަކެއް..މޭވާތަރުކާރީ މާލެ ފޮނުވަން ދޯންޔަށް ލުމަށްފަހު ގުޅާނީވެސް މާލޭގައިތިބި ބޭރު އެޖެންޓުންނަށް..ނޫސްވެރިން ދަނޑުތަކުގެ ހަގީގަތް ހޯދަބަލަ.

The name is already taken The name is available. Register?

އެމްސް

30 March 2023

ބިދޭސީންވެސް ގެންނައްޏާ ގެންނަން ޖެހެނީ ހުނަރުވެރި ޒުވާނުން، ލިޔަންކިޔަން ނުވަތަ ބަހަކުން ކުރެ ބަހެއް ނުދަންނަ މީހުނެއް ނޫން! ދަނޑުވެރިކަމުގަވެސް ގިނައިން ތިއުޅެނީ ވަގަށް މިޤައުމަށް އެތެރެވެގެން އުޅޭ ބޮންދުން!

The name is already taken The name is available. Register?

ާއަލިމޯޑު

30 March 2023

ކެމިކަލް އަޅަނީކީ ގަސްތަކަށް ބަލިޖެހޭތީއެއް ނޫން.ގަސްތަަކަށް ކެމިކަލް އަޅަނީ ގަސް އަވަހަށް ބޮޑުކޮށް އަވަހަށް މޭވާ ތަރުކާރީ ލިބި އެ ވިއްކައިގެން ނަފާ ހޯދުމުގެ ބޭނުމުގަ.ބޭސް ބޭނުން ނުކޮށް ހައްދާ ނަމަ ކިހިނެއް ބޮޑެތި ފަޅޯ ދަނޑު ދަނޑު އެހާ ކުރު މުއްދަތަކުން ހައްދާ ބާޒާރަށް ނެރޭނީ. ކެމިކަލް ވިއްކާ ރާއްޖޭގެ ގަސް ވިއްކާ ފިހާރަތަކުން އެ ބޭހެއް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކިޔައިދޭ

The name is already taken The name is available. Register?

އެމްސް

30 March 2023

ގްރޯތު ހޯމޯނަކީ އެމެރިކާގަ މުޅިން މަނާ އެއްޗެއް!

The name is already taken The name is available. Register?

ރުޅިމަޑު

30 March 2023

ތޮއްޑޫ ތިއޮތީ ބޮޑު ކެމިކަލް ސްޕޮންޖަކަށްވެ ރަށުން މީހުން ފައިބަންޖެހޭ ހިސާބުގަ މިހާރު. އެހެން ރަށްރަށުގެ މީހުން ރަށް ހަލާކު ނުވަނީސް މިކަމަށް ވިސްނާ މިހާރު ފިޔަވަޅު އަޅާ. ތުއްތު ކުދިން މިހާރު އެކްސްޕޯސް ވާ ކެމިކަލްގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުމުން ކެންސަރަށް ބަދަލު ވެދާނެ އެތައް އަހަރެއް ފަހުންވެސް. މީކީ އައިދައިގެ ކަމެއް ނޫން. މީ މިހާރު އަސްލު އެމަޖަންސީއެއް. ނުކުޅެދޭ ސަރުކާރުތަކާ ހެދި...

The name is already taken The name is available. Register?

އެމްސް

30 March 2023

ބިދޭސީން ހުސް ނުވަތަ މަދުކުރަންވީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454