ދަނޑުތައް ވިހަވެފައި، އަހަރެމެން މިކަނީ ރައްކާތެރި އެއްޗެއްތަ؟

ދާދިއިހަކަށް ދުވަހު "މިހާރު" އަށް މީހަކު ފޮނުވި ކޮމެންޓެއްގައި ވެ އެވެ.

"މި ރަށުގައި ދަނޑު ހައްދާ މީހަކު ފިހާރައަކަށް ވަންތަނުން އޭނާ ކައިރިން ލާފައި ދިޔަ މީހަކު ހޭނުނެތުނީ ކިރިޔާ އެވެ."

އެއީ ކިހާވަރެއްގެ ތެދެއް ކަމެއް ނޭނގެ އެވެ؛ އެކަމަކު ރާއްޖޭގައި މިއުޅޭ ދަނޑުވެރިންނާ މި ދުވަސްކޮޅު ކައިރި ވާކަށް ނުވާނެ އެވެ. އެ މީހުން އެއްވެސް ރައްކާތެރި ކަމެއް އިޚުތިޔާރު ނުކޮށް ދަނޑުތަކަށް ކެމިކަލް އާއި ޕެސްޓިސައިޑް ޖަހާއިރު، އެންމެ ކުޑަވެގެން އަންގިއެއްހާ ވަރު ވެސް ނުލައްވަ އެވެ.

އެ މީހުން އެ ހާލުގައި ތިއްބާ، ދެން އޮތް ސުވާލަކީ ދަނޑުތައް އޮތީ ކޮން ހާލަތެއްގައިތޯ އެވެ! އެ ދަނޑުތަކުން ނެރޭ ކާބޯތަކެތި ނުވަތަ މޭވާ އާއި ފަތްޕިލާވެއްޔާއި ތަރުކާރީ ހުރީ ކޮން ފެންވަރެއްގައިތޯ އެވެ! ރާއްޖޭގައި، މިންގަނޑުން ބޭރުގައި ކެމިކަލް ބޭނުން ކުރޭ ހެއްޔެވެ؟

ދެން އޮތީ އެންމެ ބޮޑު ސުވާލެވެ: މި އެއްޗެހި މިއީ ކާން އެކަށީގެންވާ ވަރުގެ އެއްޗެހި ހެއްޔެވެ؟

ރަށެއްގައި އެގްރޯނެޓުން ދަނޑުވެރިންނަށް މައުލޫމާތު ދެނީ -- ފޮޓޯ: އެގްރޯނެޓް

ޕެސްޓިސައިޑާއި ކެމިކަލް އިން ބިމާއި ޖައްވު ތަގައްޔަރުވެފައި!

"މިސާލަކަށް އަޅުގަނޑުމެން ބަލިވީމަ މި ކަނީ ޕެނެޑޯލް ގުޅައެއް. އެއް ގުޅައިން ރަނގަޅު ނުވެއްޖިއްޔާ ޑޯޒަށް ނުބަލައި އަނެއް ގުޅަ ވެސް ކާލަނީ. އެހެން ގޮސް، އެއިން ފަސޭހަ ނުވާ ހިސާބަށް ދަނީ. ދެން މި ޖެހެނީ އެހެން އެއަށް ވުރެ ބާރުގަދަ ބޭހެއް ކާން،" ގަސްގަހަށް ކެމިކަލް ޖަހާ ގޮތުގެ މިސާލެއް ދައްކަވަމުން، ދަނޑުވެރިކަމުގެ 17 އަހަރުގެ ތަޖުރިބާއާ އެކު، މުހަންމަދު ޒާހިދު ވިދާޅުވި އެވެ. އޭނާ އަކީ، ދަނޑުވެރިން ހޭލުންތެރިކުރުވުމަށް ފުޅާ ދާއިރާއެއްގައި ކޮންސަލްޓެންސީ ވެސް ދެއްވާ ބޭފުޅެކެވެ.

"ކެމިކަލް އަކީ ވެސް ޖަހަންޖެހޭ އެއްޗެއް. އެކަމަކު މައްސަލައަކަށް މި ވަނީ އެ ބޭނުން ކުރަން ނުޖެހޭ ހާލަތްތަކުގައި އެ ބޭނުން ކުރުމާއި އެ ބޭނުންކުރަން ޖެހޭ މިންވަރަށް ވުރެ ގިނައިން ނުވަތަ މަދުން ބޭނުންކުރުން. ކެމިކަލް އޭގެ ޒާތުގައި ބޭނުން ކުރުން އެއީ މައްސަލައެއް ނޫން."

ރާއްޖޭގެ ދަނޑުވެރިކަމަށް މި ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ އެވެ. ވަރަށް ގިނަ ބާވަތް ބާވަތުގެ މުޑުވައް ބޭރުން އެތެރެކޮށްފި އެވެ. އެއާ އެކު، ރާއްޖޭގައި މީގެ ކުރިން ނުފެންނަ އެތައް ބާވަތެއްގެ ބަލިތައް ވެސް ގަސްތަކުން ފެނިއްޖެ އެވެ. އަދި ހަމައެއާ އެކު، އެ ބަލިތަކުން ދިފާއުވާން އެތައް ވައްތަރެއްގެ ކެމިކަލް ވެސް އެތެރެކޮށްފި އެވެ.

ޑރ. އުމަރު "މިހާރު"ގެ މެދުސަފުހާ އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެއާ އެކު ރާއްޖޭގެ މާހައުލަށް ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަން، ރާއްޖޭގައި ޓޮކްސިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާއްސިލުކުރައްފައިވާ ޕެތޮލޮޖިސްޓް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. ހަސަން އުމަރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ބޮޑުވެގެން އައި އިރު ކެންސަރުގެ ވާހަކައެއް ނުދެކެވޭ. އެކަމަކު މިހާރު ރަށުގައި ވެސް ފާހަގަ ކުރެވޭ ކެންސަރު. އެއީ މީގެ އަސަރު ކަމަށް ވުން ހަމަ އެކަށީގެންވޭ. އެކަމަކު ދިރާސާއެއް ހެދިފައި ނެތީމަ ސީދާ ބުނެވޭކަށް ނެތް މިއީ ގަސް ކާނާ އާއި ޕެސްޓިސައިޑުން ވެގެން އުޅޭ ގޮތެކޭ،" އޭނާ ވިދާޅުވި އެވެ.

"[އެކަމަކު] އަޅުގަނޑުމެންގެ ރަށުގައި ކުރިން ވަރަށް ގިނައިން ފަޅޯ ހެދޭނެ. ދަނޑުވެރިކަން ކުރަން ފެށި ފަހުން ފަޅޯ ނުވެއް ހެދޭ. އޭގެ މާނައަކީ އިކޯ ސިސްޓަމް އެބަ ބަދަލުވެއޭ. ބޮޑަށް ގަބޫލުކުރެވެނީ ޕެސްޓި ސައިޑް ބޭނުންކުރަން ފެށީމަހެން އެހެންވީ."

ރާއްޖޭގެ ޖައްވުގައި ހިމެނޭ ގުދުރަތީ ދިރުންތަކާއި ބިމުގެ މުއްސަނދިކަން މުޅިން ގެއްލިގެން ހިނގައްޖެ ކަން އެއީ ޝައްކެއް ވެސް ނެތް ކަމެކެވެ. އއ. ތޮއްޑޫ އާއި ކ. ކާށިދޫ ކަހަލަ ރަށްރަށުގައި އެއްވެސް ބާވަތެއްގެ ގަހެއް ބިމުގައި ނުހެދިގެން އުޅެނީ އެ ސަބަބާ ހެދި އެވެ. އެކަހަލަ ރަށްރަށުގައި އެ މައްސަލަ ކުރިމަތިވެ، ރަށްރަށުގެ ފެންފަށަލަ ވެސް މުޅިން ތަގައްޔަރު ވެފައި ވަނީ ޕެސްޓިސައިޑާއި ގަސްކާނާ އާ އެކު ބިމަށް ދޫކުރާ ވިހަ ކެމިކަލްތަކުގެ ސަބަބުންނެވެ.

"ރާއްޖޭގެ މާހައުލުގައި ހުރި ބޭނުންތެރި ވަރަށް ގިނަ އެއްޗެހި ނެތިގެން ހިނގައްޖެ. ރާއްޖޭގެ ރިސޯޓްތަކުން ވެސް ކޮންމެ ދުވަހަކު ހެނދުނު ފޮގް ކުރަނީ. މެދުނުކެނޑި ކިތައް ރިސޯޓުން ކޮންމެ ދުވަހަކު އެބަ ފޮގް ކުރޭ،" ޒާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި ބިންގަނޑު މި ހަލާކުވަނީ ކެމިކަލް ގަސްކާނާ ނަހަމަ ގޮތުގައި ބޭނުންކުރީމަ. ފަސްގަނޑުގައި އެ ޑިޕޮސިޓްވެ ހަރުލައި, އޭގެ ބައެއް މާއްދާތަކަކީ ފެނާ އެކުވެ ދޮވެވިގެން ނުދާ މާއްދާތައް. އެހެންވެ, ފަސްގަނޑު ހަލާކުވެ ދިރުން ނެތިގެން ދަނީ. ބައެއް ރަށްރަށުގައި ދިމާވެގެން މި އުޅެނީ މި މައްސަލަ."

އެގްރޯނެޓްގެ އެގޮރޯނޮމިސްޓް އާދަމް އަދީލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަސްގަނޑުގައި ދިރުން ގެއްލި ގަސްތަކަށް ޖެހޭ ބަލިތައް، މިންގަނޑުގެ ތެރޭގައި ޕެސްޓިސައިޑް ޖަހައިގެން ވެސް ސަލާމަތް ނުކުރެވިގެން އުޅޭ އެއް މައްސަލައަކީ، އޭގެ ކުރިން ހެދިފައި ހުރި ގޯސްތަކުގެ ސަބަބުންނެވެ.

އެގްރޯނެޓްގެ އެގޮރޯނޮމިސްޓް އާދަމް އަދީލް "މެދު ސަފުހާ" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ދުނިޔެ އަށް ޖެހިފައި މި ޖެހިފައި ވަނީ މުޅި ދުނިޔެ އަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފައްދަން. މީގެ ތެރޭގައި ދެން ދިމާވާ މައްސަލައަކީ ވަރަށް ގިނަ ފަހަރު ބައްޔެއް ފެތުރިގެން ދިއުން. އެހެންވީމަ ބޭސް ނުޖަހާ ވާކަށް ވެސް ނޯވޭ. މައްސަލަ އަކީ ނަހަމަ ގޮތުގައި އެ ބޭނުންކުރުން،" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ކެމިކަލް ގިނައިން ބޭނުންކުރުމުން ދިމާވާ އެންމެ ހިތާމަވެރި ކަމަކީ ގުދުރަތީ ދިރުން ނެތިގެން ދިއުމެވެ.

"ކެމިކަލް ބޭނުން ކުރީމަ އިކޯ ސިސްޓަމްގައި ހުންނަ ރަނގަޅު އިންސެކްޓްސް ވެސް އެބަ މަރުވޭ. ރާއްޖޭގައި ގަސްގަހަށް ޖެހޭ ބަލިތައް އެބަ ކޮންޓޮރޯލްކުރޭ އެހެން އިންސެކްޓްސް އިން ވެސް. އެކަމަކު އެއެއް މިހާރު މާހައުލަކު ނެތް،"

"ކެމިކަލް ބޭނުން ކުރީމަ އިކޯ ސިސްޓަމްގައި ހުންނަ ރަނގަޅު އިންސެކްޓްސް ވެސް އެބަ މަރުވޭ. ރާއްޖޭގައި ގަސްގަހަށް ޖެހޭ ބަލިތައް އެބަ ކޮންޓޮރޯލްކުރޭ އެހެން އިންސެކްޓްސް އިން ވެސް. އެކަމަކު އެއެއް މިހާރު މާހައުލަކު ނެތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ދަނޑުތަކުން ފެންނަ މަންޒަރަކީ ވަރަށް ހިތްދަތި މަންޒަރެކެވެ. މާލޭގެ ކޮންމެވެސް ފިހާރައަކުން ގަނެލައިގެން ގޮސް، ދަނޑަށް ސްޕްރޭ ކޮށްލަނީ އެވެ. އެއީ ކިހިނެއް ބޭނުންކުރާ އެއްޗެއްތޯ ވެސް ނުބަލަ އެވެ. ބައެއް ދަނޑުވެރިން، ބަލި އަވަހަށް ރަނގަޅުކޮށްލަން އިތުރަށް ވެސް ބޭނުންކޮށްލަނީ އެވެ.

"ޕެސްޓިސައިޑް ހެޔޮ ގޮތުގައި ބޭނުން ކުރާ ނަމަ ހާމަފުލް އެއްޗިއްސަކަށް ދާކަށް ނުޖެހޭނެ. މިސާލަކަށް ޕެސްޓިސައިޑޭ މި ބުނަނީ ދަނޑުވެރިޔާ ކައިރީގައި އެއް ފަހަރު ސްޕްރޭ ކުރާށޭ. އެއްފަހަރު ބޭނުންކުރީމަ ބަލި ރަނގަޅުވީ. ރަނގަޅުވީމަ އޭނަ މި ހަދާގޮތަކީ އަނެއް މީހާގެ އަތަށް ވެސް ދެނީ. މީތި މި ބަދަލުވަނީ ހަފުތާއަކު އެއްފަހަރު ސްޕްރޭ ކުރާ އެއްޗަކަށް. އެއްވެސް ޕެސްޓިސައިޑެއް ނުހުންނާނެ އަބަދުއަބަދު ސްޕްރޭ ކުރަން ޖެހޭ އެއްޗެއް. އޭގައި ހުންނާނީ ތަފާތު މަރުހަލާތަކުގައި ބޭނުން ކުރަން ޖެހޭ އެއްޗެހި.

"އަޅުގަނޑަށް ދަނޑަކުން ފެނުނު މަންޒަރެއް. ދަނޑުގައި ހުރި ބަންގްލަދޭޝް މީހާ މި ހަދާގޮތަކީ ލެޓިއުސް ބިނދެފައި އެއަށް ސްޕްރޭ ކުރަނީ. އޭނާ ގާތުގައި ސުވާލުކޮށްލީމަ މި ބުނަނީ ހަތް ދުވަސް ފަހުންނޭ މާލޭ މާރުކޭޓަށް ދަނީ [އެހެންވެ އެ އެގޮތުގައި ބަހައްޓަން އެބަޖެހެއޭ]. އެކަމަކު އެއީ އެހެން ވާނެ ކަމެއް ނޫން. ހަގީގަތަކީ އެ ކެނޑޭނީ ވެސް އެ ސްޕްރޭކޮށްފައި ހަތް ދުވަސް ފަހުން. އެކަމަކު އޭނާ އަށް ލިބިފައި ހުންނަ މައުލޫމާތުން އޭނާ އަށް އެކަން އޮންނަ ގޮތް ނޭނގެނީ."

ރާއްޖޭގައި އެކަން ވަނީ އެހެންނެވެ. އެ ބޭނުންކުރާކަށް ނޭނގެ އެވެ. އެންމެ ކުޑަވެގެން އެ ބޭނުންކުރަނީ ކީއްކުރަން ކަމެއް ވެސް ނޭނގެ އެވެ. އެއަށް ދަނޑުވެރިން ހޭލުންތެރިކުރެވެމުންނެއް ނުދެ އެވެ. އެކަން މޮނީޓާ ކުރާނެ ބަޔަކު ވެސް ނެތެވެ. ޕެސްޓިސައިޑް ޖެހުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައިގެން ނުވާނެ އެއްޗެހި ކަނޑައިގެން އެ ތަކެތި ބާޒާރަށް ވެސް ނެރެނީ އެވެ. ގަހުގައި ހުންނަން ޖެހޭ މުއްދަތުގެ ތެރޭގައި ގިނަ ފަހަރު އެ އޮންނަނީ އިންސާނުންގެ ބަނޑުގަ އެވެ. އަނެއްކޮޅުން މިންގަނޑުން މާ ބޮޑަށް ބޭރުވެ ކެމިކަލް ގަސްކާނާ އާއި ޕެސްޓިސައިޑް ވެސް ބޭނުން ކުރަނީ އެވެ. ހައްދެއް ނެތެވެ! އެހެންވެ، އެ އެއްޗެހި ކާނީތޯ، ނުވަތަ ނުކާނީތޯ ވެސް މިހާރު އޮތީ ސުވާލު އުފެދޭ ހިސާބަށް ގޮސްފަ އެވެ.

މިއީ ކާން އެކަށީގެންވާ އެއްޗެހިތަ؟

ބައެއް ރަށްރަށުގައި އުފައްދާ އެއްޗެހި އެ ރަށްރަށުގެ ދަނޑުވެރިން ނުވެއް ކައެވެ. އެއީ ހަމަ ތެދެކެވެ. އެކަން "މިހާރު"ގެ ނޫސްވެރިން ވެސް ވަނީ ތަޖުރިބާކޮށްފަ އެވެ. މި "މެދުސަފުހާ"ގެ ރިޕޯޓްތައް ހަދަން އއ. ތޮއްޑު އަށް ދިޔަ ނޫސްވެރިޔަކު ބުނި ގޮތުގައި ތޮއްޑޫގެ ގިނަ ދަނޑުވެރިން އެ ތަކެތި ނުވެއް ކައެވެ. ސަބަބަކީ، ކެމިކަލް އިން އެ އެއްޗެހި ތަގައްޔަރުވެފައި ހުރި ވަރު އެ މީހުންނަށް އެނގޭތީ އެވެ.

ހަމަ މި ވާހަކަ އަށް ބާރު ލިބޭ އެހެން ވާހަކައެއް، އައިޖީއެމްްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވެސް ވިދާޅުވި އެވެ. އޭނާ ސުވާލު ކުރެއްވީ، އެ ތަކެތި އެ ރަށްރަށުގެ މީހުން ކައިތޯ އެވެ. އަދި "[ކާ ހެން] ވަރަށް ހީނުވާ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޒާހިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަނޑުވެރިން އުފައްދާ އެއްޗެހި ހުރީ ކެއުން ހުއްޓާލާ ހިސާބެއްގައެއް ނޫނެވެ. އޭނާ ވިދާޅުވީ ރާއްޖެ އަކީ ޑަބްލިޔުއެޗްއޯގެ މިންގަނޑުގައި ކިރިޔާ ވެސް ނުރައްކާތެރި ކެމިކަލެއް ވެއްޖިއްޔާ އެތެރެކުރުން މަނާ ގައުމެއް ކަމަށާއި އެކަން ސަރުކާރުން ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށެވެ.

"އޮކްޓޫބަރުގައި ހުއްދަ ދީފައި އޮންނަ ކެމިކަލެއް [ނުރައްކާތެރި ނަމަ] ނޮވެމްބަރުގައި ވެސް މަނާކޮށްފާނެ،" އޭނާ މިސާލެއް ޖެއްސެވި އެވެ.

"ގަހަށް ބޭނުންވާ ރާއްޖެ އަށް މި އެތެރެކުރަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިފައި ހުންނަ ކެމިކަލް. އެއީ ގްރީން ލޭބަލް, ބްލޫ ލޭބަލް ޔެލޯ ލޭބަލް އަދި ރެޑް ލޭބަލް. އަޅުގަނޑަކަށް ވަރަށް ނުފެނޭ ރެޑް ލޭބަލް ބޭނުންކުރާ ތަނެއް. އެއީ ކެންސަރާ މިކަހަލަ އެއްޗެހި ޖެހުމުގެ ފުރުސަތު އޮތް އެއްޗެހި. ގްރީން ލޭބަލް އަކީ އޭގެ ޒާތުގައި ސޭފް އެއްޗެއް. ވަރަށް ގިނަ ގްރީން ލޭބަލް އަކީ އޯގަނިކް އެއްޗެހި،" އޭނާ ވިދާޅުވި އެވެ.

ދަނޑަކަށް މީހަކު ފެންޖަހަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑުމެން ދަނޑުވެރިންނަށް މި ބުނަނީ ގްރީން ލޭބަލް އިން ފަށާށޭ. އެއީ އެ އޮންނަ އުސޫލުން ބޭނުންކޮށްފި ނަމަ އެއްވެސް މައްސަލައެއް އޮތް އެއްޗެއް ނޫން. ދެން އޭގެ ފަހުން ބްލޫ ލޭބަލް."

އޭނާ ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނައިން ކާބޯތަކެތި އެތެރެކުރާ އިންޑިއާ އަށް ވުރެ ވެސް ރާއްޖޭގައި ހައްދާ ކާބޯތަކެތި ރައްކާތެރިވާނެ ކަމަށެވެ. ސަބަބަކީ، ނުރައްކާތެރި ކެމިކަލް ކަމަށް ބެލެވޭ ކެމިކަލް އިންޑިއާގެ ދަނޑުތަކުގައި ބޭނުންކުރާތީ އެވެ.

"ދިރިއުޅެން ގޯސްވާވަރަކަށް ނުވަތަ އެ އެއްޗެހި ނުކެވޭ ވަރަކަށް [ރާއްޖޭގައި] ގޯހެއް ނުވޭ. މި ޒަމާނުގައި މި ހުންނަ ޕެސްޓިސައިޑަކީ ވަރަށް ބޮޑެތި ކޮންޓްރޯލް މެޝާޒްތަކެއް ލައިގެން ހަދާފައި ހުންނަ އެއްޗެއް. ޑަބްލިޔުއެޗްއޯ އިން އެޕްރޫވްކުރާ އެއްޗެހި މި ގެންނަނީ. ސޭފް އެއްޗެހި މި ހުންނަނީ. އެކަމަކު އެ ސޭފް ވަނީ އެކަންކުރަން ޖެހޭ ގޮތުގައި އެ ބޭނުން ކުރީމަ،" ޒާހިދު ވިދާޅުވި އެވެ.

"ތެދެއް، ޕެސްޓިސައިޑަކީ ނުރައްކާތެރި އެއްޗެއް. ވެދާނެ ކެންސަރު އެހާ ބޮޑަށް އިތުރުވަނީ އޭގެ ސަބަބުން ކަމަށް ވެސް. އޭގައި ފެކްޓެއް އޮވެދާނެ. އެކަމަކު ރާއްޖޭގެ ދަނޑުވެރިން އުފައްދާ އެއްޗެހި ކެއުން ހުއްޓާލަން ޖެހޭ ހިސާބަކަށް ގޮސްފައެއް ނެތް."

އެކަމަކު މިންގަނޑުން ބޭރުން އެ ބޭނުންކޮށްގެން ހައްދާ އެއްޗިއްސަކީ، ނުރައްކާ އޮތް އެއްޗިއްސެވެ. ރާއްޖޭގެ ބައެއް ދަނޑުތަކުގައި ހައްދާ ވަރަށް ގިނަ ތަރުކާރީ އާއި މޭވާ އާއި ފަތްޕިލާވެލި އެއީ ރައްކާތެރިކަން ބެލިފައި ނުވާ އެއްޗިއްސެވެ. ރައްކާތެރިކަން ކަށަވަރު ނުވާ އެއްޗިއްސެވެ.

ދަނޑަކަށް މީހަކު ފެންޖަހަނީ: ޕެސްޓިސައިޑްގެ ނުރައްކާ ބޮޑު -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ކެމިކަލްތަކެއްގެ ވާހަކަ މި ދެކެވެނީ. ހަމަ ބާރުގަދަ ކެމިކަލް. ލީތަލް ޑޯޒެއް އޮންނާނެ ކޮންމެ އެއްޗެއްގައި ވެސް. އޭގެ މާނައަކީ އެ މިންވަރަށް ހަޑިގަނޑަށް ނެގިއްޖެ ކަމަށް ވަންޏާ ފުރާނަ އަށް ނުރައްކާވާ މިންވަރު. އެހެންވެ ކޮންމެ ޕެސްޓިސައިޑެއްގައި ވެސް މީހުންނަށް އެނގެން އެބަ ޖެހޭ ކިހާ ވަރަކަށް ކަން އެ ބޭނުންކޮށްފައި ހުރީ،" އުމަރު ވިދާޅުވި އެވެ.

"ރާއްޖޭގައި މި ބޭނުން ކުރާ އާންމު ކެމިކަލް އެއީ އާދައިގެ އެއްޗެހި. އެކަމަކު އެ ވެސް ދިގު މުއްދަތަކަށް އެ ބޭނުން ކުރާ އެއްޗެހި ކަމަށް ވެއްޖެ ނަމަ އެއަށް އެލާޖިކްވާ މައްސަލަ ދިމާވެ, އިމިއުން މައްސަލަތައް ދިމާވާނެ. އޭގެ މައްސަލަތައް އެބަހުރި ފާހަގަވެފައި. ލޯންގް ޓާމަކަށް ބަލައިފި ނަމަ ކެންސަރަށް ވެސް އެބަ އޮތް ފުރުސަތު."

ކެމިކަލްއާ ނުލައި ދަނޑުވެރިކަމެއް ނުކުރެވޭނެ، މައްސަލަ އަކީ ބޭނުންކުރާ ގޮތް

ސުވާލެއް ވެސް ނެތެވެ؛ ކެމިކަލް ނެތް ގަސް ކާނާ އާއި ޕެސްޓިސައިޑާ ނުލައި ދަނޑުވެރިކަމެއް ނުކުރެވޭނެ އެވެ. ސަބަބަކީ އެކި މުޑުވައްތަކުން އުފެދޭ ބަލިތަކާއި ރާއްޖެ އަށް އަންނަ ސޫފާސޫފި ނައްތާލާ ވަރުގެ ސޫފާސޫފި ރާއްޖޭގެ މާހައުލުގައި ނެތުމެވެ. އެހެންވެ، ޕެސްޓިސައިޑް ނެތި އެކަން ހައްލުކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

"މިސާލަކަށް އެންމެ އާންމު އެކައްޗަކީ ހުދުކޫޑި. އެއީ ބޭރުން އައި އެއްޗެއް. އަޅުގަނޑުމެންގެ ވެށީގެ ތެރޭގައި އެ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނެތް،" އަދީލް ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވި ގޮތުގައި މައްސަލަ އަކީ ރާއްޖޭގެ ދަނޑުތައް، ކަމުގެ ވައްޓަފާޅި އާއި އޭގެ އިލްމު ނެތް މީހުންގެ މައްޗަށް ދިއުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ދަނޑުތަކުގައި މަސައްކަތް ކުރަނީ ބަންގްލަދޭޝްގެ މީހުން ކަމަށް ވާތީ، އެއީ މައްސަލަ ހައްލު ކުރަން އޮތް އެންމެ ބޮޑު އެއް ހުރަހެވެ.

"ފިހާރައިން އެއްޗެހި ގަނެގެން ގޮސް މި އެއްޗެހި މި ދެނީ އެ [ބަންގްލަދޭޝް] މީހާގެ އަތަށް. އެ ބޭނުންކުރަނީ ކިހިނެއްކަމެއް ކިޔައެއް ނުދޭ. އޭގެ ސަބަބުން އޮވެދާނެ ރިސްކުގެ ވާހަކައެއް ނުބުނެވޭ. މިއިން މައްސަލަ ދިމާވަނީ ހަމައެކަނި ސިއްހީ ގޮތަކުން ނޫން. ރާއްޖޭގައި ގަސްގަހަށް ޖެހޭ އަދި ފެތުރޭ ގިނަ ބަލިތަކުގެ އަސްލަކީ ޕެސްޓިސައިޑް ނަހަމަ ގޮތުގައި ބޭނުންކުރުން. ދެން ޖެހޭނީ އެއަށް ވުރެ ބާރުގަދަ ޕެސްޓިސައިޑަކަށް ދާން،" ޒާހިދު ވިދާޅުވި އެވެ.

"ދަނޑުވެރިކަން މި އޮތީ ވެސް އެއާ ނުލައި ނުކުރެވޭ ގޮތަށް. ދަނޑުވެރިޔާ އަށް އެނގެންވީ މިއީ ކޯއްޗެއް ކަމާއި ކިހިނެއް ވާ އެއްޗެއް ކަމާއި ކީއްކުރަން ބޭނުންކުރާ އެއްޗެއް ކަން. ރައްޔިތުން ވެސް ދަނޑުވެރިން ވެސް ހޭލުންތެރިކުރުވަންވީ."

އުމަރު ވިދާޅުވި ގޮތުގައި ދަނޑުވެރިކަމުގެ ކެމިކަލް އަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބޭނުން ކުރާ އެއްޗެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތަފާތަކީ އެ މީހުން އެކަން ކުރަނީ ސޭފްޓީ އާއި މެޝާޒް ބޭނުންކޮށްގެން. ރާއްޖޭގައި މިކަން މި ކުރަނީ ލޯކަލް އެގްރިކަލްޗާއެއް. އެ މީހާ އަމިއްލަ އަށް އެކަން ކުރިއްޔާ ކުރީ ނުކުރިއްޔާ ނުކުރިއްޔާ. އެއްވެސް ޔަގީން ކަމެއް ނޯވޭ."

ގާނޫނެއް އޮވޭ، ތަންފީޒެއް ނުކުރެވޭ

ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމުގެ ގާނޫނެއް، 2019 ގައި ވަނީ ގެޒެޓް ކޮށްފަ އެވެ. އެ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައި ވިޔަސް، އެއީ ތަންފީޒުވަމުންދާ ގާނޫނެއް ނޫނެވެ. އެ ގާނޫނުގެ ވަރަށް ބޮޑުބައެއް އޮތީ އަމަލު ކުރެވޭ ހާލަތެއްގައެއް ވެސް ނޫނެވެ. އަދި، ދަނޑުތަކުން ފެންނަ މަންޒަރުތައް އޮތީ ވެސް އެ ގާނޫނާ މުޅިން ހިލާފަށެވެ.

"އެއީ ހަރުކަށި އަދި ދުނިޔޭގައި އެކަން ކުރާ ގޮތުގެ މައްޗަށް އޮތް ގާނޫނެއް. ރާއްޖޭގައި ދަނޑުވެރިކަން ކުރަނީ އެގޮތަކަށް ނޫން،" ޒާހިދު ވިދާޅުވި އެވެ.

އެ ގާނޫނުގައި ބުނެފައިވާ ލެބޯޓަރީ އާއި ރިޕޯޓް ކުރުމާއި މޮނީޓާ ކުރުމާއި މިކަންކަން ވެސް ކުރެވެމުންނެއް ނުދެ އެވެ. އެންމެ ކުޑަވެގެން، ރާއްޖޭގައި ހައްދާ ކާބޯތަކެތި ވެސް ޓެސްޓް ނުކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. އެހެންވެ، ދިވެހިން މިހާރު މި ކަނީ ކިހާވަރަކަށް ކެމިކަލް ބޭނުންކޮށްފައި ހުރި އެއްޗެހިތޯ ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ.

"ޕެސްޓިސައިޑެއް ބޭނުމެއް ނުކުރެވޭނެ ހަމަ މީހަކު ބުނާހާ ގޮތަކަށް، އެކްސްޕާޓެއްގެ ލަފައާ ނުލައެއް. ރަނގަޅު ގޮތުގައި އެކަން އެނގިގެން ބޭނުން ކުރަން ބޭނުންވާ މީހުން ވެސް އެބަތިބި. އެނގެން ބޭނުންވާ މީހުން އެބަތިބި. ހާއްސަކޮށް ޕެސްޓި ސައިޑްގެ ނުރައްކާ އިހުސާސް ކުރާ މީހުން ވެސް އެބަތިބި،"

އެންމެން ވެސް އެއްބަސްވާ ކަމަކީ މިހާ ގިނަ ބާވަތްބާވަތުގެ ކެމިކަލްތައް ހިމެނޭ ގަސްކާނާ އާއި ޕެސްޓިސައިޑް ބޭނުންކުރާއިރު، އެ ބޭނުންކުރާގޮތް މޮނީޓާ ކުރެވޭނެ ނިޒާމެއް އޮންނަން ވާނެ ކަމެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްރަށުގައި ކެންސަރު އެހާ ގިނަ އިރު، އެއީ ކީއްވެގެންވާ ކަމެއްތޯ ދިރާސާ ކުރެވެން ވާނެ ކަމެވެ. އަދި، މިންގަނޑުން ބޭރުން އެކަން ކުރާ ނަމަ އެކަން ވެސް ހުއްޓުވެން ވާނެ ކަމެވެ. ހަމަ އެހެންވެ، ލޭބަލް ނުޖަހާ ނުވަތަ، ބޭނުންކުރަންވީ ގޮތް ނޭނގި ކެމިކަލް ވިއްކުން ހުއްޓުމަކަށް ގެނެވެންވާނެ ކަމެވެ.

"ޕެސްޓިސައިޑެއް ބޭނުމެއް ނުކުރެވޭނެ ހަމަ މީހަކު ބުނާހާ ގޮތަކަށް، އެކްސްޕާޓެއްގެ ލަފައާ ނުލައެއް. ރަނގަޅު ގޮތުގައި އެކަން އެނގިގެން ބޭނުން ކުރަން ބޭނުންވާ މީހުން ވެސް އެބަތިބި. އެނގެން ބޭނުންވާ މީހުން އެބަތިބި. ހާއްސަކޮށް ޕެސްޓި ސައިޑްގެ ނުރައްކާ އިހުސާސް ކުރާ މީހުން ވެސް އެބަތިބި،" ޒާހިދު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މައްސަލަ އަކީ އުސޫލުތައް ތަންފީޒު ނުކުރެވުމެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެކި ލެވެލްގައި ކެމިކަލް ބޭނުންކުރާ އިރު ވިސްނާލުން ބޭނުންތެރި ކަންކަން އެބަހުރި ކަމަށެވެ.

"ރާއްޖޭގައި އަޅުގަނޑަކަށް ހިޔެއް ނުކުރެވޭ އެއްވެސް ސޭފްޓީއެއް އަޅައިގެންހެނެއް އެ ސްޕްރޭ ކުރަނީ ވެސް. ގިނަ މީހުންނަކަށް ނޭނގޭނެ ކޮން އެއްޗެއް ލައިގެން ކަމެއް ވެސް އެ ސްޕްރޭ ކުރަނީ ވެސް."

ދަނޑެއްގައި ބޭނުން ކުރާ ކެމިކަލްތަކެއް މީހަކު ދައްކާލަނީ

އަނެއް މައްސަލައިގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ވިއްކާ ކެމިކަލްގައި ދިވެހި ބަހުން ލޭބަލް ނުހުންނަ މައްސަލަ އެވެ.

"އިނގިރޭސިން އެ ހުރެގެން ދަނޑުވެރިޔާ އަށް ފަހަރެއްގައި ފަހުމް ނުވެދާނެ. އަނެއްކޮޅުން ބައެއް އެއްޗެހީގައި ނުހުރޭ އިނގިރޭސިން ވެސް. ދިވެހިން ދަންނަ އެއްވެސް ބަހަކުން ނުހުރޭ. އެހެންވެ އެކަކު ބުނީމަ އަނެކަކު ބުނީމަ އެހެން މި ބޭނުން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ކެމިކަލް އަކީ އިންސާނާ އަށް އެކި ގޮތްގޮތަށް އަސަރު ކުރާނެ އެއްޗެހި ކަމަށެވެ. އޭގެ ތެރެއިން ވެސް ބޮޑެތި މީހުންނަށް ވުރެ ބޮޑަށް ކުޑަކުދިންނަށް ކުރާ އަސަރު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް ކަހަލަ ކެމިކަލްތަކަކީ ކުޑަކުދިން އުޅޭ ހިސާބުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތް ކެމިކަލްއެއް ނޫން. މުޅި ދުނިޔޭގައި ވެސް މިސާލަކަށް ސްކޫލު ކައިރީގައި ބޭނުން ނުވެސް ކުރެވޭނެ،"

"ބައެއް ކަހަލަ ކެމިކަލްތަކަކީ ކުޑަކުދިން އުޅޭ ހިސާބުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތް ކެމިކަލްއެއް ނޫން. މުޅި ދުނިޔޭގައި ވެސް މިސާލަކަށް ސްކޫލު ކައިރީގައި ބޭނުން ނުވެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ރަށްރަށުގައި ދަނޑުވެރިކަން ކުރާ އޭރިއާ އާއި ދަނޑުތައް މި އޮންނަނީ ވަރަށް ކައިރީގައި. ޕެސްޓިސައިޑް ވެސް މި ބޭނުން ކުރަނީ މީހުން ދިރިއުޅޭ ހިސާބުގައި. އެއީ އެހާ ވެސް ނުރައްކާތެރި ކަމެއް. ބިމުގެ ފެން އެބަ ބޭނުންކުރޭ ފެންވަރަން ވެސް ބައެއް ރަށްރަށުގައި. ވޯޓާ ސޯސްއެއް ކަމަށް ވަންޏާ ދިހަވަރަކަށް މީޓަރު އެންމެ ކުޑަވެގެން ވެސް ހުންނަން ޖެހޭ ޕެސްޓިސައިޑް ބޭނުން ކުރާ ތަނާ. އެކަމަކު އެހެނެއް ނޫން މި ވަނީ. ޖެހިގެން ހުންނަ ގޭގައި ޕެސްޓިސައިޑް ބޭނުންކުރާއިރު އަނެއް ގޭގައި ވަޅު ފެން ވަރަނީ."

އޭނާ ވިދާޅުވި ގޮތުގައި، އުސޫލު ހެދިފައި އޮތަސް މީގައި ވާނުވާ މީހުންނަށް ރަނގަޅަށް އެބަ އެނގެން ޖެހެ އެވެ.

"އެ ބޭނުން ކުރާ މީހުންނަށް ކިހާ ވަރަކަށްތޯ އަންޑަސްޓޭންޑް ވަނީ؟ ކިހާ ވަރެއްގެ އެއްޗެއްތޯ މި ބޭނުން ކުރަނީ؟" އޭނާ ސުވާލު ކުރެއްވި އެވެ.

އެގްރޯ ނެޓްގެ ވެސް ކަންބޮޑުވުމަކީ، ދަނޑުތަކުގައި ބިދޭސީން އެހާ ގިނަ އިރު އެ މީހުން ރަނގަޅަށް ހޭލުންތެރި ނުކުރެވި އޮތް މައްސަލަ އެވެ. އާންމު ދަނޑުތަކުން ތަނެއްދޮރެއް ނުބަލައި ހައްދާ ބާވަތްތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިންޑަސްޓްރީގެ އިތުބާރު ވެއްޓޭ މައްސަލަ އެވެ. އެހެންވެ އެގްރޯ ނެޓުން މިހާރު އަންނަނީ އެ މައްސަލަ އަށް ގޮތެއް ހޯދަމުންނެވެ.

ދަނޑެއްގައި ބޭނުންކުރާ ކެމިކަލްތަކެއް މީހަކު ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑުމެންގެ އެންމެ ބޮޑު ކަމަކީ ރައްކާތެރި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުން. ވިސްނުމުގައި އޮތް ކަމެއް އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ އަލީގައި ޑާޓާ ބޭސްއެއް ހެދުން. އަޅުގަނޑުމެން މި އުޅެނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަށް ޓްރޭސެބިލިޓީ ކޯޑެއް ލާން ވެގެން. އޭރުން އެ ގަންނަ މިހާއާ ހަމައަށް ދެވޭނެ. އޭގެން އެނގޭނެ ކޮން ރަށެއްގައި ކާކު އުފެއްދި އެއްޗެއްކަން. ބޭނުންކޮށްފައި ހުރީ ކޮން އެއްޗެއް ކިހާ ވަރަކަށް ކަން. މިގޮތަށް ސްޓިކާއެއް ޖަހަން ވެގެން،" އަދީލް ވިދާޅުވި އެވެ.

ގާސް ހެއްދުމުގެ އެހެން މަރުހަލާއެއް މިއޮތީ ފެށިފަ އެވެ. ދަނޑުތައް ތާޒާކޮށް ހުންނާނީ، އަދި އެއިން މޭވާ ލިބޭނީ ވެސް ކެމިކަލްއާ އެކު އެވެ. ދަނޑުވެރިން ވިސްނަންވީ ކަމަކީ، ކޮންމެ ކަމެއްގައި ވެސް އުސޫލުތަކެއް ހުންނަ ކަމެވެ. ބޭނުންހާ އިރަކު ބޭނުން އިރަކު ކެމިކަލްއެއް ނޭޅޭނެ އެވެ.

އާންމުން ޑިމާންޑް ކުރަންވީ އެ މީހުން ކާ އެއްޗެހީގެ ރައްކާތެރިކަން ކަށަވަރު ކުރާށެވެ. އެ އެއްޗެހި ގަންނަ އިރު އެ ގަނެވެނީ އަދި ކެވެނީ ކިހިނެއް، ކޮންތާކު ހެއްދި އެއްޗެއްކަން އެނގުން އެއީ ކާ މީހާގެ ހައްގެކެވެ.

ސަރުކާރުން ކުރަންވީ ކަމަކީ ދަނޑުތައް ރެގިއުލޭޓް ކުރަންވީ އެވެ! ގާނޫނު ތަންފީޒު ކުރަންވީ އެވެ. އަދި ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަންވީ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 33%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

01 April 2023

ތޮއްޑޫ ކައުންސިލް އެންމެންވެސް، ދަނޑުބިން ބޮންދުންނަށް ކުއްޔަށް ދީފަ، ގެސްޓް ހައުސް ވިޔަފާރި އަށް ގޮސް ހުސްވީމަ ރަށުގެ ތިޔަފަދަ ކަންކަންވެސް ބަލަން މިޖެހެނީ ނޫސްވެެރިންނަށް!

The name is already taken The name is available. Register?

އެ ކަނބާ

31 March 2023

ތިކަމާ ހަވާލުވެހުރި މިނިސްޓަރު ތި ސާމާނެއް ނުކާނެ.. ހަލާކުވެ ނެތިދާނީ ބިކަ ނިކަމެތިން.. ކެންސަރުބަލި އޮތީ މެކުހައްޖަހާފަ. 10 މީހުންގެ ތެެރެއިން 1 ވަނީ ނުރައްކާތެރި ކެންސަރެއްޖެހިފަ މިކަން ބަލާނެ އެއްވެސް މީހެއް މިއުޑުދަށަކުނެތް.. ކޮރަޕްޓުވެފަ ވަގުވެފަ ވާގިނެތިފަ ކަނުވެފަ ބީރުވެފަ މިގައުމުގެ ހުރިހާ މުއައްސަސާއެއްއޮތީ.. އާޓިކަލް ލިޔެވިދާނެ ވާނެ ކަމެއް ނޯންނާނެ.. ރައްކާތެރިވެތިބޭ... ދުއާކޮށްގެން ދެރަހިތާމައެއް މިކެމިކަލުން ނުލިބޭނެކަމަށް،،،

The name is already taken The name is available. Register?

ކުރުސީ ލައިޓް

30 March 2023

ދަޑުވެރިން ނުކައި ވިއްކަން މިފޮނުވަނީ މާލެއައް.....ކޮނަވައްތަރު ހުންނަނީ.....ބޭބެ ނޭންގެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454