ކުއްލި ހާލަތެއްގައި ދެން ހަދާނީ ކިހިނެއް؟

ހިޔާ ފްލެޓްތަކުގައި އެމްއެންޑީއެފުން ބޭއްވި ފަޔާ ޑްރިލްގެ ތެރެއިން. ކުއްލި ހާލަތުގައި މިތަނުން މީހުން ހުސް ނުކުރެވުމުގެ ބިރުވެރިކަން އެބަ އޮތް-- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި މިހާތަނަށް ހިންގި ސޯޝަލް ހައުސިން ސްކީމްގެ އެންމެ ބޮޑު މަޝްރޫއު ނިމި، އެ ތަންތަން ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ބިން ހިއްކައިގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި 25 ބުރީގެ 16 ޓަވަރަކީ މިހާތަނަށް މީހުން ދިރިއުޅުމަށް އިމާރާތްކުރި އެންމެ އުސް އިމާރާތްތަކެވެ. އެއް ފުންޏަކަށް އެކި ކުލަކުލައިގެ އުސް ޓަވަރުތަކެއް ހުރުމުން ބަލާލަން ކިތަންމެ ރީއްޗަސް، މީހުން އާބާދުވާން ފެށުމުގެ ކުރިން އެނގެން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ތަންތަނަކީ ކިހާ ރައްކާތެރި ތަނަކަށްވާނެތޯ އެވެ. ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމުގެ އިންތިޒާމުތައް ހުރީ ކިހިނެއްތޯ އެނގުން މުހިއްމެވެ.

ހިޔާގެ ކޮންމެ ޓަވަރަކީ ވެސް އާންމުކޮށް ރާއްޖޭގެ ރަށެއްގެ އާބާދީއަށް ވުރެ އިތުރަށް މީހުން އުޅޭނެ ތަނެކެވެ. މަދު ރަށެއްގައި ނޫނީ އެ ރަށެއްގެ އާބާދީ 2،000 އިން މައްޗަށް ނާރަ އެވެ. އެކަމަކު ހިޔާގެ ކޮންމެ ޓަވަރަކީ ވެސް 2،400 އާ ގާތް ކުރާ އަދަދަކަށް މީހުން އުޅޭނެ ތަނެކެވެ. މިގޮތަށް ބަލާ ނަމަ، 16 ޓަވަރުގައި ގާތްގަނޑަކަށް 40،000 މީހުން ދިރިއުޅޭނެ ކަމަށް ބެލެވެ އެވެ. އެ މަޝްރޫއުއާ އެކު ބޮޑު ސިޓީއެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާބާދުވެގެން އަންނައިރު ހިޔާ ފްލެޓެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ ތައްޔާރުވުމުގެ ގޮތުން އެމްއެންޑީއެފުން ދެ ފަހަރެއްގެ މަތިން ފަޔާ ޑްރިލްއެއް ކުރިއެއް ގެންދިޔަ އެވެ.

މި ޑްރިލްގައި އެމްއެންޑީއެފުން ވަނީ އެއިން ޓަވަރެއްގެ އެންމެ މަތީގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް، އެކަމަށް ތައްޔާރުވުމާއި މީހުން އެތަނުން ނެރެ ސަލާމަތް ކުރުމަށް ވާންޖެހޭނެ ތައްޔާރީވެފަ އެވެ. އެމްއެންޑީއެފުން އޭރު ބުނި ގޮތުގައި އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތް ކުރާނެ ގޮތްތައް ފަރިތަކުރުމުގެ ގޮތުން ބޭނުންކޮށްފައި ވަނީ ވެސް އެކަމަށް ހާއްސަ ފަޔާ ވެހިކަލްތަކެވެ.

ހިޔާ ފްލެޓުގައި އެމްއެންޑީއެފުން ބޭއްވި ފަޔަ ޑްރިލްގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

ފަޔާ އެންޑް އިމަޖަންސީ ޕްލޭނިންގައި މަސައްކަތް ކުރަމުން އަންނަ އަދި އިނގިރޭސިވިލާތުން އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ތަމްރީނުވެފައިވާ އިބްރާހީމް ކާޝިފް ނަސީރު، "މިހާރު" އަށް ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިސާތައް އާންމުކޮށް ނުރައްކާތެރި ވަނީ ކޮންސްޓަކްޝަން ޓައިފްގެ ސަބަބުންނެވެ. ފަޔާ ލޯޑު ބޮޑުވަނީ އަނދާ ޒާތުގެ ސާމާނު ގިނަ ތަންތަނުގަ އެވެ. އަދި ޑެކު އަޅައިގެން ހަދާފައި ހުންނަ ތަންތަނުގެ ވަށައިގެން ޓިނު ޖަހާފައި ހުންނަ ނަމަވެސް ނުރައްކާތެރިކަން ބޮޑުވެ އެވެ.

ހިޔާ ފްލެޓްތަކަށް ބަލާއިރު އެތަނުން އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް މުޅި ތަނަށް އަލިފާންގަނޑު ފެތުރުމުގެ ފުރުސަތު ކުޑަ އެވެ. އެތަނަކީ ކޮންކްރީޓް ސްޓްރަކްޗާއަކަށްވެފައި ފްލެޓެއްގައި އަލިފާން ރޯވެއްޖެ ނަމަ އެތަނުގެ ދޮރު ލެއްޕުމުން، އަލިފާންގަނޑު އެތަނުގެ އެތެރޭގައި ހިފަހައްޓާލެވޭނެ އެވެ.

ހިޔާ ފްލެޓެއް. މި ތަންތަނުގައި ފަޔާ ޑިޓެކްޝަން ސިސްޓަމް ހުންނާނެ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އަލިފާނުގެ ހާދިސާތަކުން ދުރާލާ ރައްކާތެރިވުމަށް ފަޔާ ޑިޓެކްޝަން ސިސްޓަމް ހަރުކުރެ އެވެ. މި ސިސްޓަމް ހިޔާ ފްލެޓްގައި ވެސް ހަރުކޮށްފައި އެބަހުއްޓެވެ. އެ ސިސްޓަމުން ސައިރަން އަޅަން ފެށުމުން އިމާރާތް ހުސްކުރަންޖެހޭކަން އަންގައިދޭނެ އެވެ. އެކަމަކު ސުވާލަކީ މި ސިސްޓަމްތައް ބޭނުން ކުރެވިދާނެތޯ އެވެ؟ ސަބަބަކީ އެހެން ފްލެޓްތަކުގައި މި ސިސްޓަމް ހަރުކޮށްފައި ހުރި ނަމަވެސް ސިސްޓަމް ހަރުކުރުމަށް ފަހު، ކުރަންޖެހޭ ގޮތަށް މެއިންޓެއިނެންސް ނުކުރެވޭ ނަމަ، ފޯލްސް އެލާމް ވެސް އަޅަ އެވެ.

ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ގޮތް ދިރާސާ ވެސް ކުރާ، ކާޝިފް ބުނި ގޮތުގައި ހޭލުންތެރިވާން ޖެހޭ މިންވަރަށް ރައްޔިތުންގެ މެދުގައި އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިއެއް ވެސް ނޫނެވެ. މިހެންވެ މަޖަލަކަށް ހަދައި، ޓެމްޕާކޮށްގެން ވެސް އެލާމް އަޅުވަ އެވެ. އެކަހަލަ ކަންކަން މީހުން ކުރާތީ އަނެއް ބަޔަކު ސިސްޓަމްގެ ނަރުތައް ބުރިކޮށް އެ ސިސްޓަމް ފެއިލްކޮށްލަ އެވެ. މިހެންވެ، އޭގެ ބޭނުންވެސް އެންމެ ރަނގަޅަށް ރާއްޖޭގައި ނުކުރެވެ އެވެ.

އެ ސިސްޓަމް އެހެން ހަރުކޮށްފަ މެއިންޓެއިނަންސް ނުކުރަންޏާ ފޯލްސް އެލާމްސް ވެސް އަންނާނެ. ދެން ރައްޔިތުން ވެސް ފަޔާ ސޭފްޓީ އެވެޔާނަސް ދަށްވީމަ، ބައެއް ފަހަރު މަޖަލަށް ޓެމްޕާ ވެސް ކުރާނެ. ދެން ޓެމްޕާކޮށްގެން އެލާމް އަޅަން ފެށީމަ އަންނަ ބަޔަކު ނަރުތައް ބުރިކޮށް ސިސްޓަމްތައް ފެއިލްކޮށްލާ އެބަ. --- ކާޝިފް

ކާޝިފްއެކޭ އެއްގޮތަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތް ކުރެއްވި އަދި ފަޔާ ސޭފްޓީއާ ގުޅޭ އަމިއްލަ ވިޔަފާރިއެއް ވެސް ކުރަމުން އަންނަ މުސްތަފާ ސަމީރު ބުނީ ހިޔާ ފްލެޓްތައް ނުފެންނާތީ އެކަމާ ގުޅިގެން ސީދާ ކޮމެންޓެއް ކުރަން ދައްޗެވެ. އެކަމަކު، އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގަން މެދުވެރިވަނީ އެތަންތަނުގައި އުޅޭ މީހުންގެ އަމަލުތައް ވެސް ހުންނަ ގޮތަކުންނެވެ. އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން ކުޑަކަމުން ކުރާ ބައެއް ކަންކަމަކީ ވެސް މިފަދަ ހާދިސާތަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ވިސްނާ ނުލެވޭ ކުރެވޭ ކަންކަން. ފަރުވާކުޑަވުން. އަޅާ ނުލެވުމުގެ ސަބަބުން މިކަހަލަ ހާދިސާތައް ހިނގަނީ،" މުސްތަފާ ބުންޏެވެ.

ހިޔާ ފްލެޓުން މީހުން ހުސްކުރުން، ބޮޑު ގޮންޖެހުމަކަށް ވެދާނެ

ކާޝިފްގެ އަނެއް ކަންބޮޑުވުމަކަށްވީ ހިޔާ ފްލެޓްތަކުގައި ފަޔާ ޑިޓެކްޝަން ސިސްޓަމް ހަރުކޮށްފައި ހުއްޓަސް، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އެހާ ގިނަ ބަޔަކު ދިރިއުޅޭ ތަނަކުން މީހުން ހުސްކުރުމަށް ނަގާނެ ވަގުތެވެ.

އެހާ ގިނަ ބަޔަކު އުޅޭތާކުން މީހުން ހުސްކުރުމަކީ ހަމައެކަނި ރާއްޖެއަށް އޮތް ގޮންޖެހުމެއް ނޫނެވެ. މިއީ ދުނިޔޭގެ ތަރައްގީ ވަމުން އަންނަ އަދި ވަސީލަތްތައް ހުރި ގަައުމުތަކަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ކާޝިފް ބުންޏެވެ.

"ރާއްޖެ އެކަންޏެއް ނޫން، ބޭރުގެ ފަޔާ އެންޑް ރެސްކިއު ސާވިސްތަކަށް ވެސް ލާޖް ޓަވާ ބްލޮކްސް އިވެކުއޭޓް ކުރުމަކީ ގޮންޖެހުމެއް،" ކާޝިފް ބުންޏެވެ.

ބައެއް ގައުމުތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އިމާރާތެއްގައި މީހުން އުޅޭނެ ކަމަށް ބެލެވޭ މިންވަރަށް މީހުން އިމާރާތަށް ވައްދައި، "ރިއަލް ޓްރަޔަލް" ތައް ޖައްސަ އެވެ. ކާޝިފް ބުނީ އެގޮތަށް ހެދުމުން ޓްރަޔަލްގެ ތެރެއިން މައްސަލަ ދިމާވިޔަސް ހައްލުކުރަން ފުރުސަތު ލިބޭ ކަމަށެވެ. މިހާތަނަށް ހިޔާ ފްލެޓްގައި މިފަދަ ޑްރިލްއެއް ޖައްސައިފައެއް ނުވެ އެވެ. އަދި އެކަމުގެ ވިސްނުމެއް މިނިސްޓްރީން ގެންގުޅޭ ކަމެއް ވެސް ސާފެއް ނުވެ އެވެ. އެޗްޑީސީން މައުލޫމާތު ދިން ގޮތުން ނަމަ، ފަޔާ އެސްކޭޕް ޕްލޭނެއް ވެސް އެބަ އޮތެވެ. އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޑްރިލްގައި މި ތައްޔާރީތައްވި ކަމަށް އެޗްޑީސީން ބުނެ އެވެ.

"އިންސާނަކު އިމެޖެންސީ ސިޗުއޭޝަނަކަށް ލީމަ އޭނާގެ ރިއެކްޝަން ހުންނާނީ ނޯމަލް ޝިޗުއޭޝަނެއްގައި އޭނާ ހުންނާނެ ގޮތަކަށް ނޫން. އެހެންވީމަ ފަޔާ ސޭފްޓީ ޕްލޭނެއްގެ ދަށުން، އިވެކުއޭޝަން ޕްލޭނެއް ތައްޔާރުކުރިތޯ އިނގުން މުހިއްމު،" ކާޝިފް ބުންޏެވެ.

އެކި ގައުމުތަކުން މި ދާއިރާއިން ތައުލީމާއި ތަމްރީނު ހޯއްދެވި މުސްތަފާ ބުނި ގޮތުން ނަމަ އުސް އިމާރާތެއްގެ މަތީގައި ރޯވި ނަމަވެސް ތިރީގައި ރޯވުމާ އަޅާ ބަލާއިރު ނުރައްކާތެރިކަން ކުޑަވާނެ އެވެ. އެއީ މަތީގައި ރޯވެއްޖެ ނަމަ، ތިރީގައި އުޅޭ މީހުންނަށް އެތަނުން ސަލާމަތްވުމަށް ފުރުސަތު ލިބޭނެތީ އެވެ.

"މަތީގަ ރޯވެއްޖެއްޔާ ދުމާއި ހުޅާ ހުރިހާ އެއްޗެއް އަރާނީ މައްޗަށް. އެކަމަކު ތިރީގައި ރޯވެއްޖެއްޔާ މަތީގައި މީހާ ބަންދުވެދާނެ،" މުސްތަފާ ސަމީރު ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 25 ބުރީގެ ޓަވަރުތައް-- ކުއްލި ހާލަތުގައި މި ތަންތަނުން މީހުން ހުސް ކުރާނެ ޕްލޭނެއް އޮތުން މުހިއްމު

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ހިޔާ ފްލެޓުގެ ކޮންމެ ޓަވަރަކުން އެއް ލިފްޓަކީ އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ބޭނުންކުރެވޭނެ ލިފްޓެވެ. އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ބެކަޕް ޖަނަރޭޓަރުގެ އެހީގައި މި ލިފްޓް ބޭނުންކޮށްގެން ވެސް މީހުން ބޭރުކުރުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޑްރައި އެންޑް ވެޓް ރައިޒާ ސިސްޓަމް ވެސް ހުރިހާ އެޕާޓްމަންޓްގައި ހަރުކޮށްފައިވެ އެވެ.

ފަންސަވީސް ބުރީގެ އިމާރާތަކުން މީހުން ހުސްކުރާއިރު ހަމައެކަނި ސިޑިން އެކަން ކުރަން ވެއްޖެ ނަމަ އެއީ ތަކުލީފެކެވެ. އެންމެންނަކީ މީހެއްގެ އެހީއަކާ ނުލައި އަމިއްލައަށް ފޭބޭނެ ބައެއް ވެސް ނޫނެވެ. އެހެންކަމުން، މީހުން ހުސްކުރަން ނަގާނެ ވަގުތާއި އެތަނުގައި އުޅޭ މީހުންގެ އަދަދު އެނގިފައި އޮތުން މުހިއްމު ކަމަށް ކާޝިފް ބުންޏެވެ.

ލަންޑަނުގައި ހުރި 24 ބުރީގެ ގްރެންފެލް ޓަވަރުގައި 2017 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާ މިސާލެއްގެ ގޮތުގައި ނަގަމުން ކާޝިފް ބުނީ އެތަނުގައި ތާށިވެފައިވާ މީހުންގެ އަދަދު ނޭނގޭ ނަމަ، އަލިފާން ނިއްވުމަށް ވަގުތު ނަގާނެ ކަމަށެވެ. އެކަމަކު އެޗްޑީސީން ބުނާ ގޮތުން ނަމަ، އެތަނަށް ފަޔާ އެސްކޭޕް ޕްލޭނެއް ވެސް އެބަ އޮތެވެ.

"އެތަނުގައި އުޅެނީ ކިހާ މީހުންނެއްކަން ނޭނގެންޏާ ވަގުތު ނަގާނެތާ. އެއީ ޗެލެންޖުތައް ބޮޑެތި އުސް އިމާރާތްތައް ހުސްކުރުމުގައި ހުންނަ،" ކާޝިފް ބުންޏެވެ.

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ--

ގްރެންފެލް ޓަވަރާ ގުޅިގެން މުސްތަފާ ބުނީ، އެ އަލިފާނުގެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ދިޔަ ކަމަށާއި އެހާ ބޮޑު ގެއްލުމެއް ލިބުނީ އެތަން ގަވާއިދުން އިންސްޕެކްޓްކޮށް އިންސްޕެކްޓަރުން އިސްލާހުކުރަން އަންގާފައި ހުރި ކަންތައް އިސްލާހު ނުކޮށް އުޅެނިކޮށް ކަމަށެވެ. މިއީ އިސްލާހުކުރަން އަންގައި ކަންކަމަށް ފަރުވާތެރިވުމަށް ލިބުނު ފިލާވަޅެކެވެ.

"މިސާލަކަށް އަޅުގަނޑުމެން ފަޔާ އެސްކޭޕް ހެޑާ އެތަނުގައި[ހިޔާ ފްލެޓް] ހަރުކުރީ. ހަރުކުރިޔަސް މޮނިޓާކޮށްފައި ޕީރިއެޑިކަލީ އެކްސްސަސައިޒްތައް ވެސް ކުރަން ޖެހޭނެ. މިސާލަކަށް ކޮންމެ އަހަރަކު އެއް ފަހަރު އިމަޖަންސީ އިވެކިއޭޝަން ޑްރިލްއެއް ބޭއްވާއި ކުރާނެ ކަންތައް ނިންމުން. ވަރަށް ވައިޑްކޮށް ކޮށްގެން މިކަން ވާނީ،" މުސްތަފާ ބުންޏެވެ.

ފިނިޝިން އަމިއްލަ އަތް މައްޗަށް ދޫކޮށްލުން ވެސް ނުރައްކަލެއް

މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ޖެހެނީ ފްލެޓް ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ. ފްލެޓްގައި ތަށިމުށި ޖެހުމާއި އެތެރޭގެ ދޮރުތައް ހަރުކުރުމާއި ބޮތްކާއި ފަންކާ އާއި ބަދިގެ ސެޓް ހެދުމަކީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށް ކުރަން ޖެހޭ ކަމެކެވެ. އެކަމަކީ މިއީ ވެސް ނުރައްކަލަކަށް ވެދާނެ ކަމެކެވެ.

ކާޝިފް ބުނީ، އެތަނުގެ އެތެރެ ޑިޒައިންކުރުމަށް އެތަން ލިބުނު މީހުންނަށް ދޭއިރު އެތަނުގައި މީހުން ބޭނުންކުރާނެ މެޓީރިއަލްތައް ވެސް ތަފާތު ވާނެ ކަމަށެވެ. އެގޮތުން ބައެއް މެޓީރިއަލްއަކީ އަލިފާން ފަސޭހައިން ހިފާނެ މެޓީރިއަލްއަށް ނުވި ނަމަވެސް އަނެއް ބައި މެޓީރިއަލްއަކީ ވަރަށް ގަދައަށް އަލިފާން ހިފާނެ މެޓީރިއަލް އެވެ. ވަކި ބިލްޑިން ކޯޑެއް ރާއްޖޭގައި ނެތުމުން، މީހުން އިމާރާތްކުރުމަށް ވެސް ބޭނުންކުރަނީ "ހިތުހުރި" އެއްޗެކެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓެއްގެ އެތެރެ-- މި ތަންތަން ހަވާލުކުރަނީ މަސައްކަތް ނުނިންމާ،-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ރާއްޖޭގައި ބިލްޑިން ކޯޑެއް ވެސް ނެތީމަ ހަމަ މީހަކު ހިތުހުރި އެއްޗަކުން މިދޭ އެޕާޓްމަންޓްގެ މޮޑިފިކޭޝަން ގެނެސް ހަދާކަމަށް ވަންޏާ ފަޔާ ލޯޑް ހައިވެދާނެ. ސަރުކާރުން އެބަ ޔަގީންކުރަންޖެހޭ ފަޔާ ސޭފްތޯ،" ކާޝިފް ބުންޏެވެ.

މުސްތަފާ ސަމީރު ބުނި ގޮތުގައި އިމާރާތެއް ނިންމައި ހަވާލުކުރާއިރު އެތަނުގައި ފަޔާ ސޭފްޓީ ގާއިމުކޮށްފައި ހުންނަން ޖެހެ އެވެ. އޭނާގެ މައިގަނޑު ކަންބޮޑުވުމަކަށްވީ ރިސޯޓުތަކުގައި ފަޔާ ސޭފްޓީ ވަރުގަދަތޯ ބަލާއިރު އިންސާނުން ދިރިއުޅޭ ތަންތަން ހުރީ އެ ފެންވަރަށްތޯ ނުބެލޭތީ އެވެ.

"އިމާރާތެއްގައި ރޯވިޔަސް އެތަނެއް އިމާރާތްކުރެވިދާނެ. އެކަމަކު އިންސާނެއްގެ ފުރާނަ ދިޔައިމާ ދެން އެ ފުރާނައެއް އަނބުރާ ނުގެނެވޭނެ،" މުސްތަފާ ބުންޏެވެ.

ހިޔާ މަޝްރޫއުއާ އެކު ބޮޑު އިތުރު ސިޓީއެއް ހުޅުމާލެ އަށް އާބާދުވާއިރު ދެން އޮތީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އާންމުން ވެސް ހޭލުންތެރިވުމެވެ. ކުރިން ހިނގި ހާދިސާތަކުން އިބުރަތް ލިބިގަނެ، އެކަން ތަކުރާރު ނުވާނެ ގޮތަށް އަމަލުކުރުމެވެ.

9 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 42%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮވާ

07 August 2021

ތިތަތަނުގަ އެންމެ ޓަވަރެއްގަ ރޯވެގެން އެހެން ޓަވަރުތަކަށް ވާނެ ގެއްލުމެއް ނެތް. އެކަމު މާލޭގަ އެންމެ 800 އަކަފޫޓުގެ އެޕާޓްމަންޓެއްގަ ރޯވެގެން މުޅި ބްލޮކް އެއްކޮށް އަނދާ ހުލިވެދާނެ. ތިޔަ ޓަވަރުތަކުގައި އަންދާޒާކުރާވަރަށް މީހުންނެއް ނޫޅޭނެކަން ޔަގީން. އެއް ބަޔަކަށް ތި ތަން ލިބުނަސް ތިތަނުގަ އެ އެންމެން އުޅެން ނިންމިހެން އަދި ވަރަށް ހީނުވޭ.

The name is already taken The name is available. Register?

ވިސްނަވާލައްވާ

07 August 2021

މީ ނުރައްކާތެރިކަމެއް ސަލާމަތީކަންކަން ކަމާބެހޭ ވުޒާރާތަކަށް ގާއިމުވާންޖެހޭ މިތަނަށް މީހުން ވެއްދުމުގެ ކުރިން ، އެއީ ނުކުރެވޭނެ ކަމެއްނޫން. ތިޔަ އިމާރާތްތަކުގަ ޖެހޭނެ އެކްޓާރނަލް ރެސްކިއު ސިސްޓަމެއް ގާއިމުވާން އަދި ކޮންމެ ދުވަހަކުވެސް މޮނިޓަރިން ޓީމެއް މޮނިޓަރ ކުރެވެމުންދާން ނޫނީ ވަރަށް ހިތާމަވެރި ގޮތެއްދިމާވުން އޮތީ ގާތުގަ. އަވަސް އަރައިނުގެން ކެތްތެރިވޭ.

The name is already taken The name is available. Register?

މުޑަހަންޖާ

05 August 2021

ކ.މާލޭގައި އިމާރާތެއް ހަދައިގެން އެތާބުޑުގަތިބެގެން އިނގިރޭސި ފިލްމުތަކުގަ ދައްކާކަހަލަ ޒާތްޒާތުގެ ވާހަކަ ދައްކަނީ، އަލިފާންނިވާ ޓުރަކެއް އޮތީ ރާއްޖޭގެ ކިތައް ރަށުގަތޯ ބަލާބަލަ. 5،000 މީހުން އުޅޭ ރަށްރަށުގަ އެންބިއުލާންސު ނެތިގެން އޮމާންޓިނުގަނޑަކަށްލައިގެން މީހުން އުފުލަނީ، ގޭގޭގަ ރޯވެގެން ގުޅީމަ ސިފައިންނަށް ދެވެނީ އަނެއްދުވަހު، އެންމެ ޑަކުޓަރެއް ހުންނަނީ، އޭނަ ހުންނަނީ ސަލާންބުނެގެން. އެމަޖެންސީއަކީ ހަމައެކަނި ކ.މާލޭގަ ދިމާވާކަމެއްތަ.

The name is already taken The name is available. Register?

މަސިކްލާ

05 August 2021

ސެންޓްރަލއިޒް ކުރުމުގެ އެންމެ ބޮޑު މަޅިފަތި. ރަށުގެ އަރާމް ދިރިއުޅުން ދޫކޮށް ދާން ވޯތެއް ނޫން.

The name is already taken The name is available. Register?

ޙގގގޗ

06 August 2021

ހޫން އަރާމުކަމުން ދަތެއްގަ ރިއްސާލިޔަސް ބޮޑުއަގުދީފަ މާލެއަށް

The name is already taken The name is available. Register?

ދެވަންދުނި

05 August 2021

ބޮޑުން ބޮޑަތި ފަޅުރަށްރަށުގައި އަރާމް ދިރިއުޅުމުގަ ރައްޔިތުން ކޮތަރު ކޮށީގަ ފައްކާގައުމެއް މީ ދިވެހިންނަށް ވިސްނޭނީ ކޮން އިރަކުބާ!

The name is already taken The name is available. Register?

އުދުހޭ

05 August 2021

25 ވަނަ ބުރިއަށް ފެން ނުވަތަ ފޯމް ފޮނުވޭވަރުގެ ވެހިކަލެއް ރާއްޖޭގައި އޮތްހެނެއް ހިއެއްނުވޭ. ނޫސްވެރިން މިސުވާލު ނުކުރިކަން ވަރަށް ދެރަ. ކޮންމެ އިމާރާތެއްގެ ބޭރުގަ 4 ކަނުގަ ބޭރުން ތިރިންފެށިގެން ޓެރަހަށް ހޮޅި އަޅަންވީ. ޓަވަރުތަށް ކައިރިކާރީގަ ހުރީމަ ޓެރަހުން ކައިރީގަހުރި ފްލެޓަށް ފެންޖެހޭވަރު ވާނެހެން ހީވަނީ. އެކަމަކު އެހާ މައްޗަށް ގެންދެވޭނެ ޕްރެޝަރވެސް ހުންނަންޖެހޭނެ. އެކަމަކު މީކީ މުޅިން ހައްލެއްނޫން.

The name is already taken The name is available. Register?

1234

06 August 2021

އެއޮތީނު ބުނެފަ ވެޓް އެންޑް ޑްރައި ރައިޒަރ ހަރުކޮށްފަ ހުރި ވާހަކަ. ގޫގުލްކޮށްލަބަލަ އެއީ ކޯއްޗެއްތޯ..

The name is already taken The name is available. Register?

ށަވޮޔަނި

05 August 2021

ދައްކަން ކަންތައް ކުރީމަވށނެގޮތް. އުސް އިމާރާތްތަކުގައި އުޅުމަކީ އެއްވެސް ގޮތަކަށް އެހާ ރަނގަޅުކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454