ހައްވައްތަ އުފަލުން ރޮވިފައި، ގަނަތެޅުން ނިމުމަކަށް!

ހައްވައްތަ އޭނާގެ ގޭ ދޮރުމަތީގައި އިށީނދެލައިގެން: ފްލެޓެއް ހޯދަން އޭނާ މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެއްޖެ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިންޓަވިއު ރަނގަޅަށް ފަށައި ނުގަނެވެނީސް ހައްވާ އަލީ (ހައްވައްތަ) ފަށައިގަތީ ރޯށެވެ. މަންމަގެ ގޭގައި ހުރި ކުޑަކުޑަ ކޮޓަރިއެއްގައި ހަގަށް ހުރި 19 އަހަރުގެ ފިރިހެން ދަރިފުޅާ އެކު، ހަގީގަތުގައި ދިރިއުޅެނީއެއް ނޫނެވެ؛ ގަނަތެޅެނީ އެވެ. ކޮޓަރީގެ ހަތަރު ފާރުން ވައި ބޭރުވާނެ ގޮތެއް ނެތި މާލެ އަށް އުފަން ހައްވައްތަގެ މުޅި ދިރިއުޅުން ވަށާލާފައި ވަނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ.

މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި ސްނޯ ސްކައިގެ ހަނި ގޯޅިތެރެއިން އެތެރެއަށް ވަދެގެން ދާއިރު ފެންނަ އަށް ފޫޓު ހަ ފޫޓުގެ ކުޑަ ކޮޓަރީގައި ގާތްގަނޑަކަށް ފަސް ވަރަކަށް ފޫޓުގެ ބަންކު އެނދު ބަހައްޓާފައި ދެން އިތުރު ކަމަކަށް ޖާގައެއް ނެތެވެ. ލާން ގެންގުޅޭ ހެދުންތައް ރީތިކޮށް ބެހެއްޓޭނެ ގޮތެއް ނެތުމުން އެ އެއްޗެހިތައް ހުރީ ހާމައަށެވެ. ދެ ކަބަޑާއި ކުޑަ ފްރިޖަކާއި ހައްވައްތަ ކައްކަން ގެންގުޅޭ ސާމާނުން ކޮޓަރި އޮތީ ބަންޑުން ވެފަ އެވެ.

އެއަށްވުރެ ފަސޭހަ، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން ހައްވައްތަ، 49، އަންނަނީ ފްލެޓުތަކަށް ފޯމު ހުށަހަޅަމުންނެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ދިޔަ މީހުން ވެސް، ހައްވައްތަ އަށް ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ. މީގެ ކުރިން އެއްވެސް ތަނެއްގައި ލައްވައި ނުލިޔަސް އޭނާގެ އަތުގައި ނަސީބު ހިފީ ހިޔާ މަޝްރޫއުއާ ހަމައިންނެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު މި ސަރުކާރުން އެކުލަވާލި ލިސްޓުން ހައްވައްތަ އަށް ފުރަތަމަ ލިބުނީ 29 މާކްސް އެވެ. ޝަކުވާ ފޯމުތައް ހުށަހަޅައިގެން، އެ ފްލެޓު ލިބުނު މީހުންގެ ފައިނަލް ލިސްޓުގައި އޭނާގެ ނަން ހިމެނުނީ އެވެ.

ހައްވައްތަ، އޭނާ ދިރިއުޅޭ ކޮޓަރި: މި ތަން ހުރީ އެކި ސާމާނުން ފުރި ބާރުވެފައި..-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މިއީ، ހައްވައްތަ ބުނާ ގޮތުން އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަހެވެ.

"ފްލެޓް ލިބުނުކަން އެނގުނު ދުވަސްވާނެ އަޅުގަނޑު ހަޔާތުގެ އެންމެ އުފާވެރި ދުވަހަށް. ވަރަށް އުފާވި އެ ދުވަހު."

އުމުރުން ނުވަ އަހަރުގައި ހައްވައްތަގެ ބައްޕަ ވަނީ މަރުވެފަ އެވެ. މަންމަ މަރުވީ، ހައްވައްތަގެ ހަގު ދަރިފުޅު ލިބުނުތަނާހެންނެވެ. އެ ގޭގައި އިތުރު ހަތަރު ވަރަކަށް އާއިލާ ދިރިއުޅެ އެވެ. ގެ ބަހައިގެން ލިބެނީ މީހަކަށް 70 އަކަ ފޫޓެވެ. އެއީ، އަމިއްލަ ފަސްގަނޑުގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެން އެކަށީގެންވާ ވަރެއް ނޫނެވެ.

ހާސްކަމުގެ ދިރިއުޅުމުގައި މަރުނުވީ ކިރިޔާ

އެ ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުންވާ ބައިވަރު ސަބަބުތައް އޭނާގެ އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، އޭނާގެ ބަލީގެ ހާލަތު ވަރަށް ގޯސްވުމެވެ. ފުއްޕާމޭގެ މައްސަލައިގެ ސަބަބުން ހައްވައްތަ އަށް ނިދެނީ، އެ ހާސްކަމުގެ ތެރޭގައި، ކުޑަ ކޮޓަރީގެ ދޮރު ހުޅުވައި ބައިޕަޕް މާސްކު އަޅައި އޮކްސިޖަން ގުޅައިގެންނެވެ. ރޭގަނޑު 12 ޖަހާއިރު މެޝިން ގުޅުވުމަށް ފަހު ހެނދުނު 6:00 ގައި އެ ނައްޓާލަ އެވެ. އެއަށްފަހު ކުޑަ ވަގުތުކޮޅަކަށް ވެސް އެ ކޮޓަރީގައި މަޑުކުރުމަކީ ހައްވައްތަ އަށް ފަސޭހަ ކަމެއް ނޫނެވެ.

ހައްވައްތަ، އޭނާ ދިރިއުޅޭ ކޮޓަރީގައި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭގެ އިތުރުން މައިބަދައިގެ މައްސަލަޖެހި މީގެ ތިން އަހަރު ކުރިން އޮޕަރޭޝަނެއް ކުރިޔަސް، ދިރިއުޅެން ޖެހިފައިވާ ގޮތުން އެ ވޭނުން އަރައެއްނުގަނެވުނެވެ. ފުއްޕާމޭ މައްސަލަ ޖެހިގެން މީގެ ތިން އަހަރު ވެސް ގާތްގަނޑަކަށް ތިން މަސްވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބޭއްވި އެވެ. ބަލިން ރަނގަޅުވާނެ ކަމުގެ އުއްމީދު ކަނޑާލައި ވެންޓިލޭޓަރަށް ވެސް ލި އެވެ.

ހައްވައްތަ ދެއްކި ޑޮކްޓަރުންނާ ހަވާލައިދީ އޭނާ ބުނީ ބަލީގެ ހާލަތު ގޯސްވީ ވެސް ދިރިއުޅޭ މާހައުލުގެ ސަބަބުން ކަމަށެވެ. އެހެންވެ، ވީހާ ވެސް ސާފު ވައި ލިބޭ ތަނެއްގައި ގިނަ ވަގުތު ހޭދަކުރަން އޭނައަށް ޑޮކްޓަރުން ވަނީ އަންގައިފަ އެވެ. އެ ގޭ ދޮރުމަތީގައި ބަހައްޓާފައި ހުރި ގޮނޑީގައި ގިނަ ވަގުތު ހޭދަކުރަނީ ވެސް އެހެންވެ އެވެ.

"ވަރަށް ހާސްވެ، ވަރަށް އުނދަގޫވޭ. ޑޮކްޓަރު ބުނަނީ މިނޫން އެހެން ތަނެއް ހިޔާރުކުރާށޭ. އެކަމަކު އަޅުގަނޑުމެންގެ ފެންވަރެއް ނެތް ތަނެއް ކުއްޔަށް ހިފައިގެން ދެވޭ ވަރުގެ."

ހައްވައްތަ، އޭނާގެ ކޮޓަރީގައި ހުރި އެނދުގައި ޖައްސާލައިގެން: ފްލެޓު ލިބުނު ދުވަހަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްކަމަށް ބުނި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މި ތަނުގެ ސަބަބުން ސިއްހީ ހާލަތު ސަކަރާތްވީ. ހަގު ދަރިފުޅަށް ބަނޑުބޮޑުއިރު ސަކަރާތްވާން ފަށައިފި. ނޭވާލާން އުނދަގޫވަނީ. ރޭގަނޑު ނިދަނީ ވެސް ކޮޓަރި ދޮރު ހުޅުވައިގެން. އެހެން ނޫނީ ކެތްނުވޭ،" އުމުރުން 19 އަހަރުގައި އަލަތު ކައިވެނިކޮށް، މީގެ 15 އަހަރު ކުރިން ދެ ވަނަ ކައިވެނި ރޫޅާލިގޮތަށް މީހަކާ ނީނދެ ހުރި ހައްވައްތަ ބުންޏެވެ.

އޭނާ އުޅޭ ކޮޓަރިއާ އެކު ފާހަނާއެއް ހުރެ އެވެ. އެކަމަކު، އެއީ އެ ގޭގައި ދިރިއުޅޭ އިތުރު އާއިލާއެއްގެ ބަޔަކާ އެކު، ޖުމްލަ އަށް މީހުން ބޭނުންކުރާ ތަނެކެވެ. އެ ފާހަނާ ހުންނަނީ ދެ ފަރާތުން ވަދެވޭ ގޮތަށް ދޮރު ކަނޑައިފަ އެވެ. ފެން ނަގަން ޖެހެނީ ވަޅަކުން ކަމަށްވާތީ އޮޕަރޭޝަންކުރި މައިބަދަ އިތުރަށް ވީ ސަކަރާތެވެ.

މޭޒެއް ދޮށުގައި އިނދެ ކާލަން ބޭނުން

ހައްވައްތަ ކޮޓަރީގެ ސުފުރާ މައްޗަކަށް ކިޔަވާ މޭޒަކަށް ވެސް ބޭނުންކުރަން ހުރީ ހަމަ އެ އެނދެވެ. އޭނާ ބުނާގޮތުން މޭޒެއް ދޮށުގައި އިނދެ، ހަމަޖެހިލައިގެން އެންމެ ފަހުން ކާލެވުނު ދުވަހެއް ހަނދާނެއް ވެސް ނެތެވެ.

"ދުވަހަކު ވެސް އަޅުގަނޑު ހަނދާނެއް ނެތް މޭޒެއް މަތީގައި ކާލި ހަނދާނެއް. މި ގެއަށް އައީއްސުރެ އެނދުމަތީގައި މި ކަނީ. އަޅުގަނޑު ބޭނުން މޭޒު މަތީގައި ކާލަން،" ހައްވައްތަ ބުންޏެވެ.

ހަގު ދަރިފުޅަށް ތިން އަހަރުގައި ހައްވައްތަ ވަރިކުރުމުން އޭނާ ދިޔައީ ގެއަށެވެ. އޭރު އެ ތަނަކީ ގޭގައި އުޅޭ އެންމެން ކައްކާ ބަދިގެއެކެވެ. އެކަމަކު، ޅިޔަނެއްގެ އެހީތެރިކަމާއެކު އެ ކުޑަކުޑަ ބަދިގެ ކޮޓަރިއަކަށް ބަދަލުކޮށް، ދެ ދަރިންނާ އެކު ހައްވައްތަ އެ ތަނުގައި އުޅެން ފެށި އެވެ. ދޮއްޓަށް ހުރި އަންހެން ކުއްޖާ 18 އަހަރުވިތަނާ ކައިވެނިކޮށްގެން އެ ތަނުން ދިޔައީ އެވެ.

ހައްވައްތަ ކައްކަނީ، އެ ކޮޓަރި ކުރިމަތީގައި އޮތް ކުޑަ ހުސް ތަންކޮޅުގައި ހަލާކުވެފައި އިން މޭޒެއް ބަހައްޓައިގެންނެވެ.

ހައްވައްތަ، އޭނާގެ ކޮޓަރި ކުރިމަތީގައި ހުރި ހުސް ތަންކޮޅުގައި މޭޒެއް ބަހައްޓައިގެން ކައްކަނީ.- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"އަޅުގަނޑު މަރުވެގެން ދާއިރު ތަންކޮޅެއް ތަނަވަސް ދިރިއުޅުމެއް ބޭނުންވަނީ."

ތިން މަހުން ފްލެޓު ނުނިންމޭނެ، ކުލި މާ ބޮޑު

ހަގު ދަރިފުޅަށް އެމްޕީއެލްގެ ވަޒީފާއަކުން ލިބޭ 6،000ރ. މުސާރައިން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލެވެނީ ކިރިޔާ އެވެ. އެއީ ވެސް ކުލި ދައްކަން ނުޖެހޭތީ އެވެ. ކަރަންޓާއި ފެން ބިލް ދައްކައި ލައިގެން ކާނެ އެއްޗެއް ހޯދާފައި އިތުރު ކަމެއް ކުރާނެ ލާރިއެއް އަތުގައި ނޯވެ އެވެ.

އެ ހާލަތުގައި ދިރިއުޅުމުގެ ކަންކަން ހުއްޓައި، އަދި ކޮވިޑު-19 ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ އަށް އަސަރުކޮށްފައިވާ ދުވަސްވަރެއްގައި ކުރު މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ފްލެޓް ނިންމުމަކީ، ހައްވައްތައެކޭ އެއްގޮތަށް އެތައް ބަޔަކަށް ވެސް އުނދަގޫ ކަމެކެވެ.

"އަޅުގަނޑުމެންގެ ފެންވަރެއް ނޫން. އަޅުގަނޑަކަށް އެތަނެއް ނުހެދޭނެ. މަސައްކަތް ނުނިމުނަސް ތިން މަސް ފަހުން އަޅުގަނޑު ބަދަލުވާނަން،" ހައްވައްތަ ބުންޏެވެ.

"އަޅުގަނޑު މިހާރު ވިސްނައިގެން މި ހުރީ އެކަންތައްތައް ނުކުރެވުނަސް އެ ތާ ހަތަރު ފާރު އެބައިނެއްނު. އެހެންވީމަ އެތަނުގައި ބޯކަރުދާސް އަޅައިގެން ވެސް އަޅުގަނޑު ބޭނުންވަނީ ދާން. މިތަންކޮޅުގައި އުޅުމަށްވުރެ އަޅުގަނޑަށް މާ ފަސޭހަ މިތާ ބޭރު މަގުމަތި ވެސް."

އޭނާ ބުނީ ދެ ކޮޓަރީގެ ކުޑަ ފްލެޓަކާ ބަލާފައި ކުއްޔަށް 8،500ރ. މާ ބޮޑު ކަމަށެވެ. އަދި ސޯޝަލް ހައުސިން ސްކީމަކާ އަޅާބަލާފައި އެއީ އެކަށީގެންވާ ކުއްޔެއް ކަމަށް އޭނާ ދެކެ އެވެ.

"އެ އަގަކީ އަޅުގަނޑު އެހާ ހިތްހަމަޖެހޭ އަގެއް ނޫން. އެތަނާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހޭ. އެ ތަނުގެ ކޮޓަރިތައް ވެސް އެހާ ކުޑަ، ވަރަށް ކުޑަ. އަދި ތަން އެއްކޮށް ނުނިންމާ އެހާ ބޮޑު ކުއްޔެއް ނަގާތީ އަޅުގަނޑުގެ ޝަކުވާއަކީ،" ހައްވައްތަ ބުންޏެވެ.

އޭނާ ދެން ނެގި މިސާލަކީ ކުރީގެ ރައީސް މައުމޫންގެ ހުޅުމާލޭގައި އެޅި ޖާގަ ތަނަވަސް ތިން ކޮޓަރީގެ ފްލެޓުތަކެވެ. އެ ފްލެޓުތައް އެއްކޮށް ނިންމައި، ހަވާލުކުރުމަށްފަހު ވެސް ނަގަނީ ކުޑަ ކުއްޔެކެވެ.

ހައްވައްތަ ދިރިއުޅޭ ކޮޓަރި.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ހައްވައްތަ މިހާރު ވިސްނައިގެން ހުރީ ލިބުނު ދެ ކޮޓަރީގެ އެތަނުން އެއް ކޮޓަރި ކުއްޔަށް ދީފައި ދެމައިން އަނެއްކާ ވެސް އެއް ކޮޓަރީގައި އުޅޭށެވެ.

"މި ނޫން ދިރިއުޅުމެއް ބޭނުންވަނީ. އެއީ އަޅުގަނޑު އެންމެ އުފާވާނެ ދުވަސް. ލިބިފައި އިން ފްލެޓު ހަދައިގެން އެތަނަށް ދެވޭނެ ދުވަސް އެއީ އަޅުގަނޑުގެ ހަޔާތުގައި އެންމެ އުފާވެރި ދުވަހަކަށް ވާނީ،" ހައްވައްތަ ބުންޏެވެ.

ހައްވައްތައެކޭ އެއްގޮތަށް، އެ އުފާވެރިކަން ލިބޭނެ އެތައް ބަޔަކު އުޅޭނެ އެވެ. އެކަމަކު އެ އުފާވެރިކަމަށް ހިޔަނި އެޅޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެހާ ދިގު މުއްދަތެއްގެ އިންތިޒާރަށް ފަހު، ލިބުނު ބޯހިޔާވަހިކަން އެއީ ހައްގު ވަރެއް ނޫނެވެ.

21 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 71%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

08 August 2021

50 އަހަރު ވެދާނެ މާލެ ރައްޔެތުންނަށް ބޯހިޔާ ވަހިކަން ދިނުން ހުއްޓާލިތާ. ދެން އެކި ހިސާބުތަކުން އައިސް އުޅެ އެންމެ ލާގެން ބޯހިޔާވަހިކަން ދޭ ފެށީމަ ތަނަށް އުފަން މީހާޢަށް ނުލިބޭ އޭނަ ދާނެ އެހެން ތަނެއްވެސް ނެތް. އެހެން އެކި ރަށްރަށުން އައިސް ތިބި މީހުން ވިެއޔާ މާލޭގައި އުޅެނެ ތަނެއް ނެތަސް ރަށުގައި ބޮޑެތި ގޯތި އޮވޭ. އެކަމަި މިހާރު އެރަށްރަށްވެސް މިދަނީ މާލޭގެ ހާލަތައް. ބޯހިޔާ ވަހިކަމުގެ ޤާނޫނެއް ހަދަން އެބަޖެހޭ.

The name is already taken The name is available. Register?

ލުތުފީ

07 August 2021

މިކަހަލަ ކިތައް ހައްވައްތަ ތިބިކަން ގައުމު ހިންގަން ތިބި ވެރިންނަށް އެގޭބާ! ރައްޔިތުންގެ ފައިސާއިން ވެރިންގެ އަރާމާ ޖާހަށް ޚަރަދުކޮށްފަ ބާކީއެއްޗެއް އޮވެގެންތާ އެހެންކަމެއް ކުރެވޭނީ. މައުމޫނުގެ ދިގު 30އަހަރުގެ ވެރިކަމަކީ ރާއްޖޭގެ އިޖުތިމާޢީ ޙާލަތު ގޯހުން ގޯހަށްގޮސް މިއަދު މިއޮތް ހާލަތަށް ދާން މެދުވެރިވި ސަބަބު. އަރަބި ރަސްކަލުން ވެރިކަންކުރާ ވިސްނުމުގަ، ރައްޔިތުން އޮރިޔާމުން ބައިތިއްބާފަ އެޅި ގަނޑުވަރު އެހެރީ ފެންނަން. އަދިވެސް ހޭއަރާކަށްނުވޭތޯ!

The name is already taken The name is available. Register?

ކަންބަޅި ފިކުރު

06 August 2021

މުޅި މައްސަލައަށް އޮތް ހައްލަކީ މާލެ ފިޔަވައި އަތޮޅު ވެރިކަންކުރާ ރަށްތަކުގައި ތައުލީމީ ނިޒާމް މާލެ އާއި އެއްލެވެލް އަކަށް ގެނެސް ސިއްޙީ ނިޒާމު އިންޑިއާގެ ބެންގަލުރު ފެންވަރަށް ތަރައްގީ ކުރުން. މި ނޫހުގެ ކޮމެންޓް ބަލަހައްޓާ ފަރާތަކީ ވަރަށް ރޭސިސްޓް ޓިޕިކަލް މާލެ ޕޮލިސީ ދަަމަހައްޓާ ފަރާތެއް.

The name is already taken The name is available. Register?

މާލޭ ރައްޔިތެއް

06 August 2021

ޙައްވައްތާ ބުނަންތަ މި ހާރު މާލެއެއް ނެތޭ މާލެސިޓީ އޮތީ އެއީ މުޅި ދިވެރާއްޖޭގެ ރައްޔަތުންގެ ވަޒަން ވީމާ ވާނީ ހަމަ ހަމަ ވީމާ މާލެ ރައްޔަތުންނަށް ބޯ ހިޔާ ހިކަން ލިބުން އުނދަގޫވަނީ މައްސަލައަކީ ރާއްޖޭގެ އެހ ހެން ރަށަކުންވެސް ބޯ ހިޔާ ވަ ހިކަން އަހަރަމެން ފުރަމާލެ ރައްޔަތުންނަށް ނެތީމަ ހަމަ ހަމަ އިންސާފެއް ނެތް މިދުނިޔޭގައިވެސް ހިޔެއް ނުވޭ މިނޫނީ މިކަ ހަލަ އަދުލު އެއްކިބާ ޤައުމެއް އޮތް ހެނެތް

The name is already taken The name is available. Register?

ކާސިމްބޭ

06 August 2021

ހައްވައްތަ މިހާރު ތިދާތަނަކީވެސް ދުވަސްކޮޅަކުން ހަމަޖަލެއްގެ ސިފާގައި އިހުސާސް ކުރެވޭނެ ތަނެއް ، ބަލަންތިބެމާ ހައްތައްގެ އިހުސާސް އަހަރުތަކެއް ފަހުން އަޑުއިވޭތޯ

The name is already taken The name is available. Register?

ފާސިމްބެ

07 August 2021

އެތަން ޖަލަކަށް ސިފަވާނީ އެތަނާ ނުކަތާވަރަށް މީހުން އެއް އެޕާޓްމަންޓަށް ވެއްދީމަ. އެގޮތަށް މީހުން ވައްދަން ދޭ އެޕާޓްމަންޓްތަކެއް ނޫން އެއީކީ.

The name is already taken The name is available. Register?

ޖާސިމްބެ

07 August 2021

ޖަލެއްގެ ސިފައިގަ އިހްސާސްކުރުވާނީ އެހެން މީހުން އެކަން އެގޮތަށް ވިސްނައިދިނީމަ. ހުރިހާވެސް ކަމަކީ އެމީހަކު އެމީހަކަށް ލިބޭ ނިއުމަތްތަކަށް ޝުކުރު ނުކުރުން. އެފަދަ ތަންކޮޅެއް ލިބިގެން ކޮންމެ ދުވަހަކު ޝުކުރުކުރާނަމަ އެއަށްވުރެ ބޮޑު ތަނެއް ލިބޭނެ. އެކަމު ލިބިފައިވާ ތަންކޮޅަށްވެސް ޝުކުރު ނުކުރާނަމަ ފަހަރެއްގަ ދުވަހަކުވެސް ތަނެއް ނުލިބިދާނެ.

The name is already taken The name is available. Register?

ދިމނ

06 August 2021

އަހަރެންވެސް 5 އަހަރުގެ ދަރިފުޅާއި އަހަރުނުވާ ދަރިފުޅާއި ބައްޕަ އާއި މަންމަ މިނިދަނީ4×6 އެނދެއްގައި. ދޮށީ ދަރިފުޅު ނިދަނީ ކުޑަ އެނދެއްގައި. އެއީ ދަރިފުޅު 3 އަހަރުގައި ނިދި އެނދެއް. މިހާރު ދަރިފުޅުގެ ފަައިގެ ދެބައިކުޅަ އެއްބައި އޮންނަނީ އެނދުން ބޭރުގަ. ޙާލަތު މިގޮތަށް ހުރެ ޕްލެޓަށް ކުރިމަތި ލައިލައި އަދި ކިރިޔާ މިލިބުނީ. އެކަމަކު ޖެހިގެން ހުރިގޭ2 ކޮޓަރީގެ އެޕާޓްމަންޓެއްގައި ތަނަވަސް ދިރިއުޅުމެއް އުޅެމުންދިިޔަ މީހާއަށް ފްލެޓް ލިބިއްޖެ ފުރަތަމަވެސް

The name is already taken The name is available. Register?

ވިސްނާލީމަ އި

06 August 2021

ޙަ އްވަ އްތަ ފަދަ އަޞްލު މާލޭ މީހުންނަށް ވެސް ރަ އީސް ޔާމީން ދެ އްކެވީ ކޮތަރު ކޮށީގެ ގޮޅި އެކެވެ. ތެދެކެވެ. މިވަނީ ކީ އްކަން ނޭނގޭ ޙާލު ޙަ އްވަ އްތަ އުފަލުން ރޯނެ އެވެ.

The name is already taken The name is available. Register?

ނޫނީ

07 August 2021

ވިސްނާލީމާ އެނގެނީ ތިއީ ފަސާދަ އުފައްދަން ކޮށްފައިވާ ކޮމެންޓެއްކަން. އަދި އެފަދަ މީހުންނަށް ލިބުނު ކުޑަ ނިއުމަތަކާމެދުވެސް އެމީހުންގެ ހިތުގަ ޝައްކު އުފައްދަންކަން ތިއުޅެނީ.

The name is already taken The name is available. Register?

ޙިނި

05 August 2021

ފޯމު ހުށަހެޅީމަ ލިބުނީ އެންމެ 29 ޕޮއިންޓޯ. ޢެހެންވީ ދިވެހި ސަރުކާރުގެ ސްޓޭންޑަޑުން ބަލާނަމަ ހައްވަތައައް ފުލެޓު ހައްގެއް ނުވޭ. ފުލެޓު ތިލިބުނީ މައްސަލަ ޖައްސަގެން މަޖިބޫރުވެގެން ދޭންޖެހުނީ

The name is already taken The name is available. Register?

ޛހހގގގ

06 August 2021

ވަޒީފާއާ ދަރިންހެބަޔަށް ޕޮއިންޓެއްނުލިބޭނެ 18 އަހަރުން މަތީގެ ދަރިންތިބީމަ. ދިރިއުޅުމުގެ ހާލަތަށްލުބުނު 29 މާކްސް. އެހެންވީމަ ހައްވައްތައަށްޓަކައިތިއޮތީ އުސޫލް ބަދަލުވެފަ. ފޯމަށްވދޭނެ ޕޮއިންޓެއް ނެތަސް ރޮއެލާފަ ޝަކުވާކުރީމަ ދީފަ ތިއޮތީ. ތިހާހާލުގަ އުޅެފަ ފްކެޓްލިބުނަނަވެސް ލިބުނުފްކެޓްގެ ކޮޓަރި ކުޑަކަމުންޝަކުވާ މިކުރަނީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

07 August 2021

ކަލެއަށް މާފައިދާ ކަލޭގެ ރަށުން ފަޅުރަށެއްވަރުގެ ގޯތި އޮތަސް ހުޅުމާލެއިން ފުލެޓް ލިބެނީ ކަލޭމެން ދޮގުހަދާ، ދޮގު މައުލޫމާތު ފޯމްފުރާތީ، ދެން މައުލޫމާތު ސާފުކުރަން ހައުސިންގ މިނިސްޓްރީން ރަށައްގުޅާއިރު ކައުންސިލްގައި ހުންނަނީ ކަލޭގެ ބޮޑުދައިތަ! އޭނާ ރޯބުހުތާން ދޮގުހަދާފައި ބުނަނީ އެއްވެސް ތަނެއް މިރަށަކުނެތޯ!

The name is already taken The name is available. Register?

1828

05 August 2021

މަފަދަ އާއިލާތަކަށް އެމީހުން ބޭނުން ރަށަކުން ގޯތި ދޫކުރަންޖެހޭ. އެކަމަކު މާލޭއަށް އުފަންވީތީ ގެދޮރު ބޭނުންވަނީ ސީދާ މާލެއިން. ކިހިނެއް އެހެންވާނީ؟

The name is already taken The name is available. Register?

ޚކކކ

05 August 2021

ރަށްރަށު މީހުނަށް މާލޭއިން ނުފޭބޭ އިރު އަދި ތިބުނަނީ މާލެއަށް އުފަންމީހާ މާލެއިން ޖާގައެއް ނުދީ ރަށަކަށް ބަދަލުވާށޭ ދޯ؟!

The name is already taken The name is available. Register?

1828

06 August 2021

ޚކކކ މާލެއަށް އުފަންވުމަކީ މާލޭގައި ދިރިއުޅެ، މާލޭގައި މަރުވަންޖެހޭ ސަބަބެއްނޫން. މާލޭގައި ހުސްބިން ނެތް އިރު މާލެއިން ބިންދޭނެ ގޮތެއް ބުނެބަލަ. މިހާރުވެސް މާލޭމީހުން 'ރާއްޖެތެރޭގައި' ދިރިއެބައުޅޭ މާލޭގައި ދިރިއުޅުނުގެ ކުއްޔަށް ދީފައި.

The name is already taken The name is available. Register?

ޣގގގ

06 August 2021

މާލޭ މީހުނަށްވެސް ރަށްރަށުން ގޯތިދޫކުރޭ

The name is already taken The name is available. Register?

ނައިސް

06 August 2021

ލިބޭނެ ޤާނޫނުގަ ހުރަހެއް ނެތް..ދިރިއުޅެންޖެހޭނީ ގޯތި ބޭނުންވާ ރަކަށް ގޮސްސަ ކޮންމެވެސް ގޮތަކުންް. އަދި ބައެއް ރަަށްރަށުން ގޯތި ދޫކުރާއިރު އެހެނިހެން ރަށްރަށުން ވަޒަންވެރިވާން އަންނަން ބޭނުން މީހުންނަށް ހާއްސަ ކެޓަގަރީއެއް ވެސް އިނދޭ، މިފަހުން ލ ގަމުން ގޯތި ދޫކުރި އެގޮތަށް ހއ ދިއްދޫއިން ރޯހައުސްވެސް ދޫކުރި. މާލޭގެ ބިމާ ވަށައިގެން އިތް ފަޅު ހިއްކާ އެހެން ރަށް ރަށަށް ވުރެއް ކުރިން ބިން ފުރާލުމަކީ އެހެން ރަށްރަށާ މާލެއާ ތަފާތުކުރުމޭ ނުބުނެވޭނެ..

The name is already taken The name is available. Register?

ފައިހަ

05 August 2021

ހައްވަތަޢަށް ފްލެޓް ދިނީތޯ ނޫނީ މީޑިއާގެ ޕްރެޝަރާއެކު ދޭން މަޖުބޫރުވީތޯ... ވާހަކަ ރީތިކުރީމަ އެނިމުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454