ނިވާފަތްގަނޑެއް ނެތް ހިޔާވަހި: ދިރިއުޅުން ބުރައަކަށް ނުވާނެބާ؟

ހިޔާ މަޝްރޫއުގެ ޓަވަރުތައް: މަންޒަރު ރީތި، އެކަމަކު ދިރިއުޅޭކަށް އެކަށީގެނެއް ނުވޭ -- މިހާރު ފޮޓޯ

"މިހާރު"ގެ ނޫސްވެރިންނަށް ލިބުނު ހާއްސަ ދައުވަތަކާ އެކު، ހިޔާ މަޝްރޫއުގެ ފްލެޓްތައް ބަލަމުން ދިޔައީ، ވަރަށް ގިނަ ސުވާލުތަކެއްގެ ތެރޭގައި ތިބެ އެވެ. މި ރިޕޯޓްތައް ހަދަން ހުޅުމާލޭގެ ދެވަނަ ފޭހަށް ދިޔަ ނޫސްވެރިންގެ ޓީމުގައި ހިމެނޭ ބައެއް ނޫސްވެރިންގެ ތެރޭގައި ވެސް، އެ މަޝްރޫއާ ދޭތެރޭ ހިޔާލު ވަރަށް ތަފާތެވެ. އެކަކުގެ ނަޒަރުގައި މިއީ ކުރީ ސަރުކާރުން ހިންގި ވަރަށް ބޮޑު ޖަރީމާއެކެވެ. މިހާ ކުދިކުދި، އަދި ބައިވަރު ފްލެޓްތަކެއް އެއް ތަނެއްގައި ހެދުމުގެ ބޭނުމަކީ ކޮބައިކަން އެއްވެސް ނޫސްވެރިއަކަށް ނުވިސްނުނެވެ.

"ބިން އޮވެމެ، މިހާ ތޮއްޖެހޭ ގޮތަށް މިކަން ކުރުމުގެ އެއްވެސް މަގުސަދެއް ނުވިސްނޭ،" ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ބަލަހައްޓައިގެން ހުރެ އެއް ނޫސްވެރިޔަކު ބުނެލި އެވެ.

ނޫސްވެރިން ގޮސް، އެތަނުން އެއް ފްލެޓަށް ވަދެލި އިރު ފްލެޓް ލިބުނު މެދުއުމުރުގެ އަންހެނަކު ފްލެޓް ބަލަނީ އެވެ. މިތަން ކިހިނެއްތޯ އެހުމުން އޭނާ އަށް ފުރަތަމަ ވެސް ބުނެލެވުނީ "އަލްހަމްދުލިއްލާހި"އޭ އެވެ. އައިމިިނަތު ޒަހީރާ (އަސްލު ނަމެއް ނޫން) ހުރީ އެތަން ލިބިގެން އުފާވެ، ގޮތް ހުސްވެފަ އެވެ.

ޒާހިރާގެ ފަރާތުން ފެނުނީ އަޅުގަނޑުމެން ނޫސްވެރިން، ސުވާލު އުފެއްދި ކަންތައްތަކާ މުޅިން ތަފާތު މަންޒަރެކެވެ. އަޅުގަނޑުމެން ހީކުރީ، އޭނާގެ ވެސް އޮންނާނީ ޝަކުވާތަކެއް ކަމަށެވެ. އެކަމަކު، އޭނާގެ އެންމެ ފުރަތަމަ ބަހާ އެކު، އަޅުގަނޑުމެންނަށް އެރީ ހުއްޓުމެވެ.

"މިއީ ހަމަ ނިއުމަތެއް،" އޭނާ އަނެއްކާ ވެސް ބުންޏެވެ.

ފްލެޓްތަކުގައި ބަހައްޓާފައިވާ ސިންކު: ގިނަ މީހުން ބުނަނީ މިތަން ޖެހޭނީ ތަޅާލަން ކަމަށް .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

އެއްބައެއްގެ ވާހަކަ: މިހާރު މި އުޅެނީ މާ ހާލުގައި

ޒާހިރާގެ ގޭގައި، 13 ވަރަކަށް މީހުން ތިބެ އެވެ. މާލޭގައި އޭނާ އުޅޭ ކުޑަކުޑަ ތަންކޮޅު އޮތް ހާލަތު އޭނާ ސިފަކޮށްދިނީ ފުރާ ބަރާވެފައި އޮތް ދޯންޏަކަށް މީހުން އަރާ ތިބޭ ތަނެއްގެ ގޮތުގަ އެވެ.

"އަޅުގަނޑު ގިނަ ފަހަރު ގޭގައި އެއްޗެހި ވެސް ބަދަލު މި ކުރަނީ ބައެއް މީހުން ނިދީމަ. ކާ މޭޒުމަތީގައި ވެސް މީހުން ނިދާ،" އޭނާ ކިޔައިދިނެވެ.

އެ ހާލުގައި އުޅުމަށް ވުރެ، އޭނާ އަށް ހިޔާ ފްލެޓްގައި އުޅުމަށްވުރެ މާ ރަނގަޅެވެ. އޭނާ ބުނާ ގޮތުން، އެ ފްލެޓްގައި އެއްވެސް މައްސަލައެއް ނެތެވެ.

"އަޅުގަނޑަށް މި ތަން ހަމަ ގަނޑުވަރެއް ފަދަ،" އޭނާ ބުންޏެވެ.

އެޕާޓްމަންޓަށް ވަންނަ ދޮރު: ތިން ޑިޒައިނެއްގެ ފްލެޓްތައް އެބަހުރި .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ޒާހިރާއެކޭ އެއްގޮތަށް، މާލޭގައި މިހާރުު ހާލުގައި އުޅެމުން އަންނަ އެތައް ބަޔަކަށް އެއީ ލިބުނު ރަނުގެ ފުރުސަތެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި، އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހުންނަށް ހިޔާ ފްލެޓްގައި އުފާވެރިކަމާ އެކު ދިރިއުޅެވިދާނެ އެވެ. އަދި ހާއްސަކޮށް ކުދި، ނުވަތަ ދެ ދަރިންނާއި ދެމަފިރިން ކަހަލަ ކުދި އާއިލާތަކަށް އެތަނަކީ ހަމަ ރަނގަޅު ތަނެކެވެ.

ސްކޫލެއްގެ ޓީޗަރަކު ވެސް ތައްޔާރުވަމުން އެ ދަނީ އެތަނަށް ބަދަލުވާށެވެ. އޭނާ ބުނާ ގޮތުގައި މާލޭގައި އެއުޅުމަށް ވުރެ، ހުޅުމާލޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި މާ ހަމަޖެހިލައިގެން ދިރިއުޅެވިދާނެ އެވެ. މިހާރު އޭނާ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި، މަހަކު 15،000ރ. އަށް އެ ދިރިއުޅެނީ، އޭނާ ބުނާ ގޮތުން އުފަލަކު ނޫނެވެ.

"ކުލީގެ ދެބައިކުޅަ އެއްބައި ދެން ސަލާމަތް ކުރެވޭނެ. އެ ފައިސާ އެހެން ބޭނުންތަކަށް ބޭނުން ކުރެވޭނެ،" އޭނާ ބުންޏެވެ.

"މިތާނގައި މައްސަލައެއް ނެތް. އޮތްހާ ވެސް މައްސަލައަކީ ލިފްޓް. ދެން އުޅެން ފެށީމަ އިނގޭނީ ދިމާވާ މައްސަލަތައް."

ހިޔާ ފްލެޓްތަކަށް ކުރިއަށް އޮތްތާނގައި 6500އެއްހާ އާއިލާ ބަދަލުވާނެ އެވެ. އޭގެ ތެރޭގައި ގިނަވާނީ ވެސް މާލޭގައި ދަތި ހާލުގައި ދިރިއުޅެމުންް އަންނަ މީހުންނެވެ.

މިތާނގައި ދިރިއުޅެވިދާނެތަ؟

މާލޭގައި ވަރަށް އުޅޭ ހާލުގައި އުޅޭ މީހުންނަށް، އެއަށް ވުރެ ރަނގަޅަށް ހިޔާ ފްލެޓް ދިރިއުޅެވިދާނެ ކަމަށް ބުންޏަސް، ބައެއް މީހުންގެ ނަޒަރުގައި އެކަން އެހެން ނުވެދާނެ އެވެ. ސަބަބުތައް ބައިވަރެވެ. އެއް ކަމަކީ އެތަން ހަދާފައި ހުރި ގޮތެވެ. އަނެއް ކަމަކީ އެހާ ބޮޑެތި ޓަވަރުތަކެއްގައި އެތައް ހާސް ބަޔަކު ދިރިއުޅޭނެ ކަމެވެ.

ފްލެޓެއްގެ އެތެރެ: ދިރިއުޅެން ފެށުމުން ތާށިކަން ވަރަށް ބޮޑަށް އިހުސާސްވާނެ .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މިހާރު ބެލެވޭ ގޮތުގައި ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2،500 މީހުން ދިިރިއުޅޭނެ އެވެ. އެއީ އެވްރެޖް ރަށެއްގެ އާބާދީ އެވެ. ކޮންމެ ފްލޯއެއްގައި 20 ފްލެޓް ހިމެނޭ 25 ބުރީގެ ޓަވަރެއްގައި ހިމެނެނީ އެންމެ ހަތަރު ލިފްޓެވެ. އެންމެ މަތީބުރިން ތިރިއަށް، އެއްވެސް ފްލޯއަކުން އިތުރު މީހަކު ލިފްޓަށް ނާރާ ނަމަ، ގްރައުންޑް ފްލޯ އަށް ފައިބަން ގާތްގަނޑަކަށް އަށް މިނެޓް ހޭދަވެ އެވެ. އެކަމަކު، މީހުން އަރާ ފައިބާ ނަމަ، މަދުވެގެން ވިއްސަކަށް މިނެޓް ހޭދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. -- ކުނި ވެސް، މީހުން ވެސް، އަދި ނުވިތާކަށް ދެން ހުރި އެއްޗެއް ވެސް އުފުލަން ހުރީ ހަމަ މި ލިފްޓްތަކެވެ.

ފްލެޓްތަކަށް އަރާ ފޭބުމުގެ މައްސަލަ އަކީ އެތާނގައި ދިމާވާނެ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ ވާހަކަ މިހާރު ވެސް އެތާނގައި ހޫނުކޮށް ދެކެވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެތާނގައި އުޅޭ މީހުން އާންމު އުސޫލުން ދާ ގޮތަށް ދާ ނަމަ އޮފީހަށް ގަޑިޖެހި، ސްކޫލު ކުދިން ވެސް ގަޑިއަށް ސްކޫލަށް ނުދެވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެން ދިމާވާނެ އެންމެ ބޮޑު އަނެއް މައްސަލައަކީ އަޑުގަދަވުމެވެ. އެހާ ގިނަ ބަޔަކު އެއް ފްލޯއެއްގައި އުޅެން ޖެހުމުން މިޒާޖު ތަފާތުވެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމަކީ ދިމާވެދާނެ ކަމެކެވެ. "މިހާރު"ގެ ނޫސްވެރިން ވާހަކަ ދެއްކި ބައެއް މީހުން ވެސް ބުނި ގޮތުގައި، އެއް ފްލެޓެއްގައި ބާރަށް ކުރާ ޒުވާބު އަނެއް ފްލެޓާ ހަމައަށް އިވުން އެއީ ތަން ޑިޒައިން ކޮށްފައިވާ ގޮތުން ވަރަށް ފަސޭހަ ކަމެކެވެ. އަދި އެއް ފްލެޓްގައި ކައްކާ އެއްޗެއްގެ ވަސް އަނެއް ފްލެޓާ ހަމައަށް ވެސް ފަސޭހައިން ފޯރާނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރި ޓަވަރެއްގެ ކޮރިޑޯ. .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ބައެއް މީހުން ފާހަގަކުރި ގޮޮތުގައި ތަން ހަދާފައި ހުރީ ސޯޝަލް ހައުސިން އަށް ވިސްނައިގެނެއް ނޫނެވެ. އެހާ ބޮޑު އާބާދީއެއް އެއްފަހަރާ އެއްތަނަކަށް އެޅުމުގެ ބޭނުމަކީ ކޮބައިތޯ އެންމެން ވެސް ސުވާލު ކުރި އެވެ. ހުޅުމާލޭގެ ދެވަނަ ފޭހުގައި ބިން އޮވެމެ، މަތިމައްޗަށް، ބަރިބަރި އަށް، އެހާ އުސްކޮށް މީހުން ތޮއްޖެއްސީ ކީއްވެތޯ އެއީ ހަގީގަތުގައި ވެސް ބޮޑު ސުވާލެކެވެ.

ސައިޒްްގެ ގޮތުން ކުޑަ: ސޯޝަލް ހައުސިން އަށް ކަމަކު ނުދޭ

ހިޔާ މަޝްރޫއުގެ އެޕާޓްމެންޓްތައް ހުރީ ތިން ގޮތަކަށް ޑިޒައިންކޮށްފަ އެވެ. ފްލޯ ސައިޒް ތިން ޑިޒައިންގައި ވެސް ދާދި އެއްވަރެވެ. އެކަމަކު ކޮޓަރިތަކާއި ސިޓިން ރޫމްގެ މިންތަކަށް ކުދިކުދި ބަދަލުތައް އައިސްފައި ހުރެ އެވެ. މި ތިން ޑިޒައިންގައި ވެސް، ބެލްކަނިކޮޅެއް އޮވެ އެވެ. އެއް ފަޅިން ކުޑަދޮރު ހުޅުވާލީމަ، މޫދު ފެނި، އަރާމު ވައި ލިބެ އެވެ.

ކައްކައި ކާން ޖެހެނީ ކާން ޖެހެނީ ސިޓިން ރޫމްގަ އެވެ. އެއްޗެހި ދޮންނަ ތަން ވެސް ހުންނަނީ ސިޓިން ރޫމްގަ އެވެ. އަޅުގަނޑުމެން ބެލިބެލުމުންް އެއްވެސް ކޮޓަރިއެއްގައި ކްއީން ސައިޒްގެ އެނދަކާއި ތިން ދޮރުފަތްލީ އަލަމާރިއެއް ބަހައްޓައިފި ނަމަ، ބާކީ ހުސްކޮށް އޮންނާނީ މުސައްލައެއް ބާއްވާލާވަރުގެ ޖާގައެކެވެ. އެއް ކޮޓަރީގައި ޑްރެސިން ޓޭބަލް ބަހައްޓާނެ ޖާގައެއް އޮވެ އެވެ.

ހިޔާ ފްލެޓްގެ ތިން ޑިޒައިން

ފްލެޓް ލިބުނު ބައެއް މީހުން ކުރާ އަނެއް ޝަކުވާ އަކީ މި އެވެ؛ ބަންކް ބެޑެއް ބަހައްޓައިފި ނަމަ ފަންކާއެއް ހަރެއް ނުކުރެވެ އެވެ. ފްލެޓެއްގެ އުސްމިނަކީ އެންމެ ނުވަ ފޫޓެވެ. އެތަން ޑިޒައިން ކުރި މީހުން ވިސްނާފައި އޮތީ މުޅި އެޕާޓްމަންޓް އޭސީ ކުރާނެ ކަމުގެ ވިސްނުން ކަމަށް ވެސް ވެދާނެ އެވެ.

ފްލެޓަށް ބަދަލުވާ މީހުންގެ ވިސްނުމަކީ، އެތަނުގެ ސައިޒަށް ބަލައިގެން ނުވަތަ އެލް ޝޭޕަށް އެނދު ހެދުމެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެ ކޮޓަރިތަކަށް ވެއްދޭ ވަރުގެ ފަރުނީޗަރެއް މާލެއަކު ނެތެވެ.

"[އަހަރެމެން] ނިކަމެތި ވީމަ ކަމަށް ވެދާނެ މިހާ ނިކަމެތި ގޮތެއް ހަދާފައި މިހިރީ،" ފްލެޓް ބަލަން ވަދެ ހުރި އެހެން މީހަކު ބުންޏެވެ.

އަނެއްކޮޅުން ޒުވާން ދެމަފިރިއަކު އެތަން ވަރަށް ރީތިކޮށް ޕްލޭން ކުރަމުން ދިޔަ އެވެ. އޭގެ ތެރެއިން އަންހެން މީހާ، މިތާނގައި ބަހައްޓާނީ 65 އިންޗީގެ ޓީވީއެކޭ ބުނިތަނުން، ފިރިހެން މީހާ އޭނާގެ ހިޔާލު ނޫސްވެރިންނާ ހިއްސާކުރި އެވެ.

"އަހަރެމެން ފުރަތަމަ ވެސް ކުރާނެ ކަމަކީ ބަދިގޭ ސިންކު ބަހައްޓާފައި މިހިރަ ތަން އެއްކޮށް ތަޅާލާނީ. މިއީ ދިވެހިން ބޭނުންކުރާ ވަރުގެ ސިންކެއް ނޫން. މިއަކަށް ބަތްކާ ތައްޓެއް ވެސް ނުލެވޭނެ. އެތަން އެއްކޮށް ތަޅާލައިފައި ވަރަށް ޕޮޝްކޮށް ސިޓިން ރޫމް ޑިޒައިންކޮށްލައިފައި ޕާކޭ އަޅާލީމަ ސިޓިން ރޫމްގެ ޖާގަ ވަރަށް ބޮޑު ކަމަށް ދައްކާނެ،" އޭނާ ބުންޏެވެ.

ފްލެޓްތައް މީހުންނާ ހަވާލުކުރާއިރު، އެތާނގައި ހުރީ އެޕާޓްމެންޓަށް ވަންނަ ދޮރާއި ދޮރުފަތް އެކަންޏެވެ. ދެން ފާހާނާ ތައްޓާއި ބައެއް އިސްކުރު އެބަހުއްޓެވެ. ސިޓިން ރޫމާއި ކޮޓަރީގައި ވެސް ތަށިމުއްޓެއް ވެސް ނުޖަހަ އެވެ. ކުލައެއް ވެސް ނުލަ އެވެ. ކަރަންޓް ވައިރު ވެސް ހުރީ ނުކޮށެވެ. އެހެންވެ، އެތެރޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ އަމިއްލަ އަށެވެ.

ހިޔާ ފްލެޓެއްގެ ވިއު: ރީތި ސާފު ވައި ލިބި ވިއު ރީތި، އެކަމަކު އެނބުރި ބަލާލުމުން ބޯ ހާސްވޭ -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

އިޖުތިމާއީ މައްސަލައިގެ ހާއްޔަކަށް ބަދަލުވެދާނެ!

ހުޅުމާލޭގެ ދެވަނަ ފޭހުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ އެންމެ ބޮޑު މައްސަލައަކީ އެއް ތަންކޮޅެއްގައި އެހާ ގިނަ ފްލެޓް އެޅުމެވެ. ހާއްސަކޮށް ސޯޝަލް ހައުސިން އަށް އަމާޒުކޮށް ފްލެޓް އެޅުމެވެ.

"25 ބުރީގެ އިމާރާތްތަކެއް ސޯޝަލް ހައުސިން އަށް އެޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫންް،" އެޗްޑީސީގެ މެނެޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު ހުޅުމާލޭގައި ފްލެޓް ހަދައިގެން އަޅުގަނޑުމެން ކުރިއަށްދާތާ އެތައް އަހަރެއް ވީ އިރު ވެސް ނޯންނާނެ އެންމެ ސެންޓްރަލް ހައުސިންއެއް ވެސް ހަދައިފައެއް. ސަބަބެއް އޮވެގެން އެއީ. އެއީ މާލޭގެ ތަޖުރިބާ ކުރަން ބޭނުންނުވާތީ."

ހިޔާ މަޝްރޫއުގެ ޓަވަރެއް: ޝަކުވާތައް ގިނަ .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

އޭނާ ވިދާޅުވީ ހުޅުމާލޭގައި ފުރަތަމަ 280 ފްލެޓް އެއްކޮށް އެޅުމުން ވެސް އެއީ ރަނގަޅު ތަޖުރިބާއެއް ނޫންކަން ކުރިން އެނގިފައިވާ ކަމަށެވެ.

"މިހާރު މި މަޝްރޫއުގައި ފްލޯއެއްގައި އެ ހުރީ 20 އެޕާޓްމަންޓް. ވިހި އެޕާޓްމަންޓް އިންނަ ބިލްޑިންގެްގައި މި އިންނަނީ ހަތަރު ލިފްޓު. އެއީ 25 ބުރީގެ. އެއީ އަނެއްހެން ސްޕޭސް ސޭވްކޮށް އެކަހަލަ ކަމެއްގައި ރަނގަޅު ކަމަކަށް ވިޔަސް، ސޯޝަލް ހައުސިން އަކަށް އެ ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި 16 ޓަވަރަށް އެ އަންނަނީ، ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅުގެ ހުރިހާ ރަށެއްގެ އާބާދީއާ އެއްވަރުގެ އަދަދެކެވެ. އެއީ ގާތްގަނޑަކަށް 30،000-35،000 މީހުންނެވެ.

"މައްސަލަތައް ދިމާވާނެ. ތަފާތު ވައްތަރުގެ މީހުން، ތަފާތު އެޓިޓިއުޑްގެ މީހުން ދިރިއުޅޭނެ. އަޅުގަނޑުމެން ޖެހޭނީ އެކަމަށް ތައްޔާރުވާން،" އޭނާ ވިދާޅުވި އެވެ.

އެތާނގައި ދިމާވާނީ ކޮންކަހަލަ މައްސަލަތަކެއް ކަން، އެޗްޑީސީ އަށް ވެސް ވިސްނައިގަންނަން އަދި ނޭނގެ އެވެ. ސަބަބަކީ، އެވަރުގެ ބޮޑު އާބާދީއެއް ކުއްލިއަކަށް އައިސް ދިރިއުޅެން ފެށުމުން ކުރާނެ ޑިމާންޑްތަކާއި ފުރިހަމަނުވެ ހުރި ހިދުމަތްތަކުން ކުރިމަތިވާނެ ޝަކުވާތަކާއި ޓަވަރުތަކުގައި ދިމާވެދާނެ މައްސަލަތައް އެއީ މީގެ ކުރިން ހުޅުމާލޭގައި ކޮށްފައިވާ ތަޖުރިބާއަކަށް ނުވާތީ އެވެ. އެކަމަކު އެޗްޑީސީން ބުނާ ގޮތުގައި އެކަމަށް އެތަން އޮތީ ތައްޔާރަށެވެ.

އެތަނަށް ބަދަލުވާ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް އެއީ އެވެ. އެހާ ގިނަ ބައެއްގެ ތެރޭގައި ހަމަޖެހިގެން ދިރިއުޅެވިދާނެ ހެއްޔޭ، ކޮންމެ މީހެއްގެ ހިތަށް ވެސް އަރަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓް ޓަވަރުތަކެއް-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މިހާރު މާލޭގައި ވެސް އެހުރި ފްލެޓްތަކުގައި ވަރަށް ގިނަ މައްސަލަތައް ދިމާވޭ. ޑްރަގްސް އާއި ވައްކަމުގެ މައްސަލަތައް ހެސްކިޔާފައި އޮވޭ. މިކަހަލަ ތަނެއްގައި އެކަން މެނޭޖް ކުރާނީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނުވިސްނޭ،" ފްލެޓް ބަލަން ގޮސް ހުރި މީހަކު ބުންޏެވެ.

އެޗްޑީސީން ބުނަނީ ކޮންމެ ފްލެޓް ޓަވަރެއްގައި ވެސް، އެތަނެއްގެ ކަންކަން ބަލަން ކައުންސިލެއް އޮންނާނެ ކަމަށެވެ. އަދި އެއީ އެ ޓަވަރެއްގައި ދިރިއުޅޭ ބައެއްގެ މެދުގައި ހޮވާ ބަޔަކަށް ވާތީ، މައްސަލަތައް މަދުވުމުގެ ފުރުސަތު އޮތް ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ފުލުހުން ވެސް ތިބޭނެ. އަޅުގަނޑުމެންނަށް ވެސް ހަގީގަތުގައި އަދި ނޭނގެ މިތާނގައި ދިމާވާނީ ކޮންކަހަލަ މައްސަލަތަކެއް ކަން ވެސް،" އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގައި ދިރިއުޅެން ފަށަން ތައްޔާރުވަނީ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ހައުސިންގެ އެންމެ ބޮޑު މަޝްރޫއުގެ ފްލެޓް ތަޅުދަނޑި މިހާރު އަންނަނީ ހަވާލުކުރަމުންނެވެ. ފްލެޓްތަކަށް ކަރަންޓް ދެވުނުހާ އަވަހަކަށް އެ މީހަކު ބޭނުން ގޮތަކަށް ހަދައިގެން އުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

އެކަމަކު ވެސް އުފެދޭ ސުވާލަކީ މިއެވެ؛ އެ ތާނގައި ދިރިއުޅެވިދާނެ ހެއްޔޭ އެވެ؟ ފްްލެޓް ލިބިގެން އެތައް ބަޔަކު އުފާކުރާއިރު، އެއީ ކުރިމަގުގައި ލިބިދާނެ ހިތްދަތި ކަމެއް ނޫން ބާއޭ ވެސް އެތައް ބަޔަކު ހިތަށް އަރާނެ އެވެ! -- ގޮތް ނިންމަން އަދި އަވަހެވެ.

"އަހަރެން ހިތަށް އަރަނީ މިތާނގައި އުޅޭ މީހުންނަށް ކިހާ ރައްކާތެރި ކަމެއް ލިބޭނެބާއޭ. މިތާނގައި އުޅޭ އިރު އެ މީހަކަށް ކިހާ ރައްކާތެރިކަމެއް އިހުސާސް ކުރެވޭނެ ބާއޭ،" ފްލެޓްތައް ބަލައި ނިންމާލުމަށް ފަހު ނޫސްވެރިޔަކު ބުންޏެވެ.

"ހަގީގަތަކީ މިއަށް ވުރެ ރަނގަޅަށް މިކަން ސަރުކާރަށް ކުރެވުނީސްކަން. މިއަށް ވުރެ ތަނަވަސްކޮށް ޖާގަ ފަހިކޮށްދެވުނީސް. ހާލުގައި ޖެހިފައި ތިބި ބަޔަކަށް އޯކޭ ވާނެއޭ ބުނެ މި ފެންވަރުގެ ތަންތަން ދިނުމަކީ ހަމަ ހާލުގައި ޖެއްސުން."

9 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 23%
icon angry icon angry 61%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވީލް

07 August 2021

ކިރިޔާވެސް އެހެން ގޮތެއް އޮތް މީހެއް ވިއްޔާ ނުދާނެ. އަދި ކުޑަ ކުދިން ތިބި އާއިލާތައް މިތަނަށް ގޮސްގެން ދަރިން ބެލުމަކީވެސް ބޮޑު ޗެލެންޖަކަށްވާނެ. މިއީ ދިވެހިންނަށް ހައްޤު މިންވަރުކަމެއް ގަބޫލެއް ނުކުރާނަން. ދިވެހިންގެ އާދަ ކާދަ ހުންނަގޮތައް ބަލާއިރު 10 ބުރިއަށް ވުރެ އިސްވުން އެއީ އުނދުގުލަކަށްވާނެެ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

07 August 2021

"ހިޔާ ފްލެޓްތަކަށް ކުރިއަށް އޮތްތާންގައި 6500އެއްހާ އާއިލާ ބަދަލުވާނެ އެވެ. އޭގެ ތެރޭގައި ގިނަވާނީ ވެސް މާލޭގައި ދަތި ހާލުގައި ދިރިއުޅެމުންް އަންނަ މީހުންނެވެ." މިއީ ކަނޑައެޅިގެން އޮޅުވާލުމަށް ލިޔެފައިވާ ވާހަކައެއް! މާލޭގައި ދަތިހާލުގައި އުޅޭ މީހުންގެ %25 މީހުންނަށްވެސް ފުލެޓް ލިބިފައެއްނުވޭ! އެބަހުރި ލިބިފައި ދުވަހަކުވެސް މާލޭގައި ނޫޅޭ މީހުންނަށް! މިހާރު ތިޔަހާ ފަސޭހައިން އޮޅުވާނުލެވޭނެ!

The name is already taken The name is available. Register?

ސަސް

07 August 2021

ތަރައްގީގެ ބާނީ އަޅައިދީފަ ހުރި މޮޅު ފްލެޓް ތީ. ފޫކޮޅުގަ ރޯނުވަނީސް އަލިފާނުން ހޫނު ވާނެ ކަމަށް ގަބޫލް ނުކުރާނެ ދިވެހިން.

The name is already taken The name is available. Register?

ކީއްތަކުރެވޭނީ

06 August 2021

ޣައްދާރުންނަށް ރައްޔިތުން އެއްޗަކަށް ނުވޭ. ތިމާމެން ހިތްހަމަޖެހޭ ތަނެއްގައި ބޭނުން ވަރެއްގެ ގަނޑުވަރު އެބައެޅޭނުން!

The name is already taken The name is available. Register?

ނޫސްވެރިންނަށް ވެސް އެނގޭނެ

06 August 2021

ބިން އޮވެމެ، އެހައި ކުދިކުދި ފްލެޓްތަކެއް އެޅީ، ރައީސް ޔާމީން ދެވަނަ ދައުރަކަށް ދަހިވެތިވެ ވަޑައިގެންފައިވާލެއް ބޮޑުކަމުން، އަތޮޅުތެރޭގެ ގިނަބަޔަކަށް ފްލެޓް ބަހައިގެން ގިނަ ޢަދަދެއްގެ ވޯޓް ހޯއްދަވަންކަން ހަމަރަނގޅަށް ވެސް ނޫސްވެރިންނަށް ވެސް އެނގޭނެ އެވެ. އަލްޙަމްދުލިﷲ! އެކަމަކުވެސް ނުހޮވުނެވެ.

The name is already taken The name is available. Register?

އަޑަފި

06 August 2021

ފްލޯއެއްގަ މަޑުނުކޮށް ލިފްޓްދާނަމަ، 8 މިނެޓް ލިފްޓްގަ ހޭދަވާނެކަމަށް ރިޕޯޓުގަ ފާހަގަކޮށްފައި އޮތް ވާހަކައަކީ ރަނގަޅު ވާހަކައެއްތޯ. ވިލިނގިލިން މާލެއަށް ފެރީގަ ފަތުރެއް ކުރުމަށްވެސް 8 މިނެޓް ވަރު ހިނގާއިރު، އެހާސްޕީޑްލަސް ލިފްޓެއް ތިޔަ ފްލެޓްގަ ހުރީ ތޯއެވެ. ނޫނީ އެވަރަށް ދިރާސަ ނުކޮށް ރިޕޯޓު ލިޔެލީތޯއެވެ. ލިޔެފައިހުރި 30 ސިކުންތުން މަތިން ތިރިއަށް ލިފްޓްދާ ވާހަކަ ބައެއް ރިޕޯޓުތަކުގަ ލިޔެފަ ހުއްޓެވެ.

The name is already taken The name is available. Register?

ރޮކް1234

06 August 2021

20 ހާސް އަކަފޫޓުގެ މާސިންގާ ބިމެއް މަޖިލީހުގެ ރައިސް އަށޭ ކިޔާފަ އެދިނީ އެންމެ މީހަކަށް، ހަމަ ރެހެންދި ފްލެޓުން ފެލެޓެއް ދިނިސް ފުދޭނެދޯ.. އެތާގަ 25 ބުރީގެ ފްލެޓެއް އަޅާލިނަމަ 2500 މީހުންނަށް ބޯހިޔާވަހިކަން ދެވުނީ މާލޭން..

The name is already taken The name is available. Register?

ކުންނަމަލައި

05 August 2021

ކީއްކުރަން އަޅާ ފުލެޓެއްތަ ތިޔަ ފްލެޓަކީ ރާއްޖެ ކަހަލަ ގައުމަކަށް ފެތޭ އެއްޗެއްނޫން.ބޯހިޔަވަހިކަން ހައްލުކުރަން ހުަޅުމާލެޔެއް ނޫން ގުޅިމާލެ އެޅިޔަސް މައްސަޔަށް ހައްލެއް ނާންނެއެވެ.ރާއްޖެ އެބަޖެހޭ ޕްލެއިން ކުރަން.ސަރަހައްދުތައް ތަރައްގީ ކުރަން. ދުވިސްތަށް ރަށް ބާއްވައިގެން އެއްރަށަކަށް އެންމެން ޖަމާކޮށް މަޑުމަޑުން އަތޮޅުތައް ފަޅު ކުރާ ވިސްނުމެއް ބޭނުމެއްނޫން.

The name is already taken The name is available. Register?

ނަންސެންސް

06 August 2021

ރާއްޖޭގައި ގޯތިދޭނެހައި ބިމެއްނެތް. ދުނިޔޭގައި ސިޓީތައް އާބާދުވަނީ ޓަވަރުތަކުން. އެކަމަކު މި ޒާތަކަށް ނޫން ރައްޔިތުންނަށް ބޯހިޔާދޭނީކީ. މީ ހަމަ ނިކަމެތިކުރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454