ވެރިކަން ބަދަލުކޮށްލުން ތާލިބާނުންނަށް އުނދަގޫ ކަމަކަށް ނުވި، ކީއްވެ؟

ތޯލިބާނުން، އަފްގާނިސްތާންގެ ރިޔާސީ ގަނޑުވަރުގައި --- ފޮޓޯ: އަލްޖަޒީރާ

"ތާލިބާނުންގެ ބާރު މި ވަނީ ނިމުމަކަށް ގެނެވިފައި،" ޑިސެމްބަރު 12، 2001 ގައި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް މުޅި ދުނިޔެއާ މުހާތަބު ކުރައްވަމުން ވިދާޅުވެފައިވެ އެވެ.

"އަހަރެމެންނާ ގުޅިފައިވާ އަސްކަރީ ބާރުތަކާއި އަފްގާނިސްތާންގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ޝުކުރު ހައްގު. އަދި މިހާ ހިސާބުން އަފްގާނިސްތާނަށްޓަކައި އަހަރެމެން އަދާ ކޮށްދޭން ޖެހޭ ކަންކަން ނުނިމޭ. އަފްގާނިސްތާނުގައި އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި އިންސާނީ ކަރާމާތް ރައްކާތެރިކޮށް ދިނުމަކީ އެ ގައުމުގެ ރައްޔިތުންނަށްޓަކައި އަހަރެމެން ކޮށްދޭން ޖެހޭނެ ކަމެއް."

އަފްގާނިސްތާންގައި ތާލިބާނުންގެ ބާރު ކަނޑުވާލެވިއްޖެ ކަމަށާއި ފުނޑުކޮށް ބިމާ ހަމަކޮށްލެވިފައިވާކަން، ބުޝްގެ ފަހުން އެމެރިކާގެ ރައީސްކަން ކުރެއްވި ތިން ރައީސުން ވެސް ވަނީ ވިދާޅުވެފަ އެވެ. ބޮޑު ދެ ޕާޓީން ވެރިކަމަށް ވަޑައިގެންނެވި، ބަރަކް އޮބާމާ އާއި ޑޮނަލްޑް ޓްރަމްޕު ވެސް ވިދާޅުވެފައި ވަނީ އެމެރިކާއިން އަފްގާނިސްތާނަށް ކުރި ޓްރިލިއަން ޑޮލަރުގެ ހޭދަ ފެނަށް ވެގެން ނުދާނެ ކަމަށެވެ. އެމެރިކާއިން ތަމްރީންކޮށް ރެކްރޫޓު ކުރި އަފްގާނިސްތާންގެ ސަލާމަތީ ބާރުތައް ފުނޑުފުނޑުވެގެން ނުދާނެ ކަމަށެވެ. މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް ޖޯ ބައިޑަން ވެސް މިދިޔަ އޭޕްރީލް މަހު އެހެން ވިދާޅުވެފައި ވެއެވެ.

ތާލިބާން

"އަފްގާނިސްތާންގެ 300،000 ސިފައިން ތަމްރީންކޮށް މިއަދު ވާނީ ނިންމާފައި،" އޭޕްރީލް މަހު ބައިޑަން ވިދާޅުވެފައި ވެއެވެ.

"އަދި މިދިޔަ 20 އަހަރުތެރޭ ވެސް އެތައް ލައްކަ ސިފައިންނެއް ތަމްރީން ކޮށްފައި ވާނެ. އަގްފާނިސްތާންގެ ރައްޔިތުންގެ ފަރާތުން ހަނގުރާމަ ކުރުމުގައި އެ އަސްކަރީ ބާރުތައް ކުރިއަށްދާނެ."

ބައިޑަން މިދިޔަ މަހު ވެސް ވިދާޅުވީ ވިއެޓްނާމް ހަނގުރާމައިގައި ވީގޮތް އަފްގާނިސްތާންގައި ނުވާނެ ކަމަށެވެ. އެކަމަކު އެމެރިކާއިން ޓްރިލިއަން ޑޮލަރު ހޭދަކޮށް އަދި އަސްކަރީ ހަތިޔާރު ދީގެން ބިނާ ކުރި އަފްގާނިސްތާންގެ އަސްކަރީ ބާރެއް މިއަދު ތިބި ކަމަކަށް ނުވި އެވެ. ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލާފައި ވާނެ ކަމަށް އެމެރިކާގެ ވެރިން ވިދާޅުވި، ތާލިބާނުން ހަމަ އިސްކޮޅަށް ދެމިލައިފި އެވެ. އެ ގައުމުގެ ވެރިރަށާއި ރިޔާސީ ގަނޑުވަރަށް އެ ގުރޫޕުން ވެރިގެންފި އެވެ.

އަފްގާނިސްތާންގެ ސަލާމަތީ ބާރުތައް ތާލިބާނުންނާ ދެކޮޅަށް ރުކުރުވާލާނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ، އެ ގައުމުގެ ރައީސް އަޝްރަފް ގާނީ ވަނީ ވަރުގަދަ ޗެލެންޖެއް ވެސް ކުރައްވައިފަ އެވެ. ތާލިބާނުންނާ ދެކޮޅަށް ހަނގުރަމާ ކުރުމުގައި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދެމިހުންނަވާނެ ކަމަށް ގައުމީ ޓީވީ މެދުވެރިކޮށް ގާނީ ވިދާޅުވި އެވެ. އެހެން ވިދާޅުވިތާ ދެ ދުވަސް ފަހުން އަފްގާނިސްތާން ދޫކުރައްވައި އޭނާ ވަޑައިގެންފި އެވެ. އަވަށްޓެރި ތަޖިކިސްތާން އަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް އެ ގައުމުން ހުއްދަ ނުލިބުމުން އޭނާ ވަޑައިގެންނެ މިހާރު ހުންނެވީ ޔޫއޭއީގަ އެވެ.

ޑިސެމްބަރު 2001 ގައި މުޅި އަފްގާނިސްތާންގެ ކޮންޓްރޯލް އެމެރިކާ އާއި ހުޅނގުގެ އަސްކަރީ ބާރުތަކުގެ ކޮންޓްރޯލްގައި އޮތެވެ. އެކަމަކު 20 އަހަރު ފަހުން ހަމަ އެ ސިޓީތަކާއި ޕްރޮވިންސްތައް މިހާރު އޮތީ ތޯލިބާނުންގެ ބާރުގެ ދަށުގަ އެވެ. ގާތްގަނޑަކަށް ހަތަރު މަސް ދުވަސްތެރޭ މުޅި އަފްގާނިސްތާން ތާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ އެވެ. ތާލިބާނުން އަލުން އެނބުރި އައީ ކުރިއަށް ވުރެ މާ ގަދަކޮށެވެ. އެ ބާރުވެރިކަން އެ ގުރޫޕުން ހޯދީ ކިހިނެއް ހެއްޔެވެ؟

އެމެރިކާގެ ޓޮކްނޮލޮޖީ އާއި އެ ގައުމުގެ ޖާސޫސީ އިދާރާއިން އަންދާޒާ ކުރި ގޮތަކަށް އެއްކަމެއް ވެސް ނުހިނގި އެވެ.

ސިފައިންގެ ތެރޭގައި ތާލިބާނުންގެ އޮފިސަރުން

ކުރީގެ ރައީސް ޓްރަމްޕުގެ ނިންމުމާ އެއްގޮތަށް މުޅި އަފްގާނިސްތާނުން އެމެރިކާ ސިފައިން ބާލަން ނިންމި އެވެ. މިހާރުގެ ރައީސް ބައިޑަން ވެސް ނިންމެވީ ކުރީ ސަރުކާރުގައި ތަންފީޒުކުރަން ފަށާފައިވާ އެ ނިންމުން އެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. އަސްކަރީ ހައްލަކުން އަފްގާނިސްތާނަށް ސުލްހަ ނުގެނެވޭނެކަން ވިސްނިވަޑައިގެން ޓްރަމްޕް މަސައްކަތް ފެއްޓެވީ ސިޔާސީ ހައްލެއް ހޯދުމަށެވެ. އޭނާގެ ސަރުކާރުން ތާލިބާނުންނާ އެކު ސިޔާސީ މަޝްވަރާތައް ފެށި އެވެ. ޓްރަމްޕްގެ ދިފާއީ ވަޒީރު، މައިކް ޕޮމްޕިއޯ ވަނީ ނޮވެމްބަރު 2020 ގައި ގަތަރުގެ ވެރިރަށް ދޯހާގައި ތާލިބާނުންގެ ނެގޯޝިއޭޓާއާ ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ. ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން ކަނޑައެޅި، ތާލިބާނުންނާ އެކު އެ ގައުމުން އިސްވެ މަޝްވަރާ އަށް ހިނގައިދާނެ ކަމަށް އޭގެ ކުރިން ހީކުރެވިފައި ވެސް ނެތެވެ.

އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު ޕޮމްޕިއޯ ވަނީ ނޮވެމްބަރު 2020 ގައި ގަތަރުގެ ވެރިރަށް ދޯހާގައި ތާލިބާނުންގެ ނެގޯޝިއޭޓާއާ ބައްދަލު ކުރައްވަނީ

އެމެރިކާއާއެކު މަޝްވަރާތައް ފެށުމަކީ، އަފްގާނިސްތާންގެ ސިޔާސީ މަސްރަހަށް ވަންނަން ތާލިބާނުންނަށް ލިބުނު ފުރުސަތެކެވެ. ރައީސް ޓްރަމްޕްގެ ދައުރުގެ އެންމެ ފަހު ދެތިން މަސްތެރޭ ތާލިބާނުންގެ ސިޔާސީ ހަރަކާތްތައް އަފްގާނިސްތާންގައި ވަރުގަދަ ކުރި އެވެ. ތާލިބާނުން އަލުން ދިރުނީ އެވެ.

ތާލިބާނުން އަފްގާނިސްތާންގެ ސިޓީއަކަށް ފަހު ސިޓީއެއް ކޮންޓްރޯލް ހޯދަމުން ދިޔައިރު، އެ ޖަމާއަތާ ކުރިމަތިލާނެ އަސްކަރީ އެއްވެސް ބާރެއް ނުވި އެވެ. އެމެރިކާއިން ތަމްރީން ކުރި އެތައް ލައްކަ ސިފައިން ވެސް ހަތިޔާރު ބަހައްޓާފައި އަމާން ދިނީ އެވެ. އެމެރިކާގެ އަސްކަރީ ކޭމްޕްތަކުގައި އެމެރިކާއިން ހަރަދު ކޮށްގެން ތަމްރީންކޮށް ރެކްުރޫޓް ކުރި އަފްގާނިސްތާންގެ ސިފައިންނާ މެދު އެމެރިކާގެ އިތުބާރެއް ނެތެވެ.

އަފްގާނިސްތާންގައި އެމެރިކާގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ކާނަލް ސްޓިވަން ލުޓްސްކީ ވިދާޅުވެފައި ވަނީ އެމެރިކާއިން ތަމްރީން ކުރި އަފްގާނިސްތާންގެ ސިފައިންނާ މެދު އިތުބާރު ނެތް ކަމަށެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި ބައެއް ސިފައިން ދިޔައީ ސިއްރިޔާތުގައި ތާލިބާނުންނާ އެކު އޭރު ވެސް މަސައްކަތް ކުރަމުންނެވެ.

"އަފްގާނިސްތާންގެ އެ ސަގާފަތުގެ މާހައުލު ދެނެގަތުމުގައި އުނދަގޫތައް ހުރި، އެމެރިކާ މީހުންނަށް އެ ސިފައިންނަކީ ކަޅު ނޫނީ ހުދު. އެހެން ނޫނީ ރަނގަޅު މީހުން ނުވަތަ ގޯސް މީހުން،" އެމެރިކާއިން ތަމްރީން ކުރި އަފްގާނިސްތާންގެ ސިފައިންނާ ބެހޭގޮތުން 2010 ގައި ލުޓްސްކީ ވިދާޅުވެފައި ވެއެވެ.

"އަފްގާނިސްތާން މީހުންނަށް އެ މީހުން ފެންނަނީ ރަނގަޅު ތާލިބާނުން ނުވަތަ ގޯސް ތާލިބާނުންގެ ގޮތުގައި. އަދި އަހަރެމެންނަށް ނޭންގި ތިބެ އެ މީހުން އެކަކު އަނެކަކަށް ޑިލް ހަދާ."

ކޮންމެ އަހަރަކު އެމެރިކާއިން އަލަށް ތަމްރީން ކުރާ ސިފައިގެން ވަޒީފާތަކަށް ތާލިބާނުންނާ ގުޅުން އޮތް ކިތައް މީހުން ކުރިމަތިލާނެ ހެއްޔެވެ؟ ސްކްރީންކޮށް ޓެސްޓް ހެއްދިޔަސް އެ ވެނި މިވެނި މީހަކީ ތާލިބާނުންގެ މީހެއް ކަމަށް ބުނަން ނޭންގުނެ އެވެ. ހަގީގަތުގައި ފެއިލްވީ އެމެރިކާގެ ޖަސޫސީ އިދާރާ، ސީއައިއޭގެ މަސްދަރުތަކެވެ.

ތާލިބާނުން އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމެއް --- ފޮޓޯ: ގެޓީ އިމޭޖަސް

ފާޅު ނުވިއަސް ތާލިބާނުންގެ ހަރަކާތްތައް ކުރިއަށް ދިޔަ

ތާލިބާނުން، މިހާރު އިއުލާން ކޮށްފައިވާ އިސްލާމިކް އެމިރޭޓްސް އޮފް އަފްގާނިސްތާން (އައިއޭއީ) ގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ، ތާލިބާނުންގެ ސިޔާސީ ގޮފީގެ ވެރިޔާ އަބްދުލް ގަނީ ބަރާދަރު އެވެ. އޭނާ އަކީ ސޯވިއެޓް ޔޫނިއަން އަފްގާނިސްތާނުން ބޭރު ކުރުމަށް 1980 ގެ އަހަރުތަކުގައި އެމެރިކާގެ މަދަދު ލިބިގެން ކުރި ހަނގުރާމައިގެ ބައިވެރިވި މީހެކެވެ. އަފްގާނިސްތާންގެ ބައެއް އާންމުންނަށް އޭނާ އަކީ ގައުމީ ބަތަލެކެވެ. އަނެއް ބަޔަކު ދެކެނީ ޓެރަރިސްޓެއްގެ ގޮތުގަ އެވެ.

ހަނގުރާމައިން އަވަދިވެ ސޯވިއެޓުންގެ ކިބައިން އަފްގާން، މިނިވަން ވުމުން އޭނާގެ ޅިއަނާ ގުޅިގެން ކަންދަހާރުގައި ސްކޫލެއް ބިނާ ކުރި އެވެ. އެތައް ބަޔަކަށް ކިޔަވައިދީ އާ ޖީލެއް ބިނާ ކުރުމުގެ މަސައްކަތް އޭނާ ފެށި އެވެ. އެ ސްކޫލްގެ ދަރިވަރުންނާއެކު "ތާލިބާން" ނުވަތަ ދަރިވަރުންގެ ޖަމިއްޔާއެއް އުފެއްދުމުގެ ކޯ ފައުންޑަރެއްގެ ގޮތުގައި އޭނާ އުޅުނެވެ. އެ ސްކޫލްގެ އިތުރުން އެތައް ބައިވަރު ސްކޫލެއް އަފްގާނިސްތާންގެ އެކި ކަންކޮޅުތަކުގައި ތާލިބާނުން ބިނާ ކުރި އެވެ. އެ ސްކޫލުތަކުން ކިޔެވި އެތައް ދަރިވަރުންނެއް އެ ހަރާކާތުގައި މަސައްކަތް ކުރި އެވެ. ސްކޫލުން ގްރެޖުއޭޓްވި ޒުވާން ދަރިވަރުން ހަމަ އެ މަސައްކަތުގައި ދެމިތިއްބެވެ. އަފްގާނިސްތާންގެ ވެރިކަމަށް ބަރުދާރީ ވަޑައިގަންނަވާއިރު އޭނާ އާއެކު މަސައްކަތް ކުރަން ތިއްބެވީ އޭނާ ކިޔަވައިދިން ދަރިވަރުންގެ ދަރިވަރުންނެވެ.

އަބްދުލް ގަނީ ބަރާދަރު --- ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާއިން ހަނގުރާމަކޮށް، ތާލިބާނުންގެ ވެރިކަން ވައްޓާލިޔަސް، އެ ފިކުރާއި އެ ހަރާކާތް ދިޔައީ ކުރި އަށެވެ. އަފްގާނިސްތާންގެ އެތައް ޒުވާނުންނަކަށް ކިޔަވައިދީ ތާލިބާނުންގެ ހަރަކާތުގެ ތެރޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނެވެ. ޗެރިޓީ އާއި އިޖުތިމާއީ އެހެން ކަންކަމުގައި ތާލިބާނުން ތަމްރީން ކުރި ޒުވާނުން ހަރަކާތްތެރި ކުރުވަމުން ދިޔަ އެވެ. އަލުން މުޅި އަފްގާނިސްތާން ބާރު ހޯދަން ތާލިބާނުން ނުކުތުމުން އެންމެ ކުރީގައި ތިބީ ތާލިބާނުން އެތައް އަހަރެއް ވަންދެން ތައްޔާރު ކުރި ޒުވާނުންނެވެ.

ޕާކިސްތާންގެ ޖާސޫސީ އިދާރާ، އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އިން ވަނީ ކުރިން ބަރުދާރީ، ހައްޔާރު ކޮށްފަ އެެވެ. ނަމަވެސް ތިން އަހަރު ކުރިން އޭނާ ދޫކޮށްލީ އެމެރިކާއިން އެގޮތަށް އެދުމުންނެވެ. ތޯލިބާނުންގެ މެންބަރުންގެ މެދުގައި އެންމެ މަގަބޫލު ލީޑަރަކީ ބަރުދާރީ އެވެ. ތޯލިބާނުންގެ އެންމެ މަޝްހޫރު މޫނަކީ ވެސް އޭނާ އެވެ.

ރިފޯމް

ތާލިބާނުން އަފްގާނިސްތާންގައި ވެރިކަން ކުރީ 1996-2001 އަށެވެ. އެ މުއްދަތުގައި ދީނުގެ ނަމުގައި އަންހެނުންނަށް ތައުލީމު ދިނުމާއި ވަޒީފާ އަދާ ކުރުން މަނާ ކުރި އެވެ. އަދި އަންހެނުން އެކަނި ދަތުރު ނުކުރުމަށް އެންގި އެވެ. އަލުން އަފްގާނިސްތާންގެ ބާރުވެރިކަން އެ ޖަމާއަތުން ހޯދިއިރު މިހާރު ދައްކާ ވާހަކަ ތަފާތެވެ. އަންހެނުން ކިޔަވަން ފޮނުވުމާއި ވަޒީފާ އަދާ ކުރަން ބޭނުން ނަމަ އެ ފުރުސަތު ދިނުމަށް ތާލިބާނުން ތިބީ ތައްޔާރު ވެގެންނެވެ.

އަފްގާނިސްތާންގެ އަންހެން ނޫސްވެރިންތަކެއް ރޭޑިއޯ ސްޓޭޝަނެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ: އިޕީއޭ

އެކަމަކު ހޯމަ ދުވަހު ފެނިގެން ދިޔައީ، ތާލިބާނުންގެ ތާރީހުގައި ފެނުނު އެންމެ ތަފާތު މަންޒަރެވެ. ތާލިބާނުންގެ ލޯކަލް ތަރުޖަމާން މައުލަވީ އަބްދުލް ހައްގު އާ އިންޓަވިއު ކުރަން އިނީ އަންހެން ޕްރެޒެންޓަރެކެވެ. އަފްގާނިސްތާންގެ ޓޯލޯ ނިއުސްގެ ޕްރެޒެންޓާ، ބެހާސްތާ އާގާންދު އެވެ. އެއީ ޕަބްލިކު ޓީވީގައި ތާލިބާނުންގެ އޮފިޝަލަކު އަންހެން ޕްރެޒެންޓަރަށް ދިން ފުރަތަމަ އިންޓަވިއު އެވެ. ޓޯލޯ ނިއުސްއިން ވެސް މިދިޔަ އާދިއްތަ ދުވަހު އެ ޓީވީ ހުރިހާ އަންހެން މުވައްޒަފުން ގެއަށް ފޮނުވާލީ، އެ މުވައްޒަފުންނާ މެދު ތާލިބާނުން އަމަލު ކުރާނެ ގޮތެއް ނޭންގޭތީ އެވެ. އެހެންނަމަވެސް އަލުން މަަސައްކަތަށް ނެރުނީ އަންހެނުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ތާލިބާނުން އިއުލާން ކުރުމުންނެވެ.

ތާލިބާނުންގެ އިންޓަވިއު ކުރިއަށް ގެންދިޔަ އަފްގާނިސްތާންގެ ފުރަތަމަ އަންހެން ޕްރެޒެންޓަރު ބެހާސްތާ އާގާންދު

"އަހަރެން އެ މީހުން ކައިރީގައި ބުނިން އިންޓަވިއު ކުރަން އަރާނީ އަންހެން ޕްރެޒެންޓަރެކޭ،" ޓޮލޯ ނިއުސްއިން ގެނެސްދިން ތާލިބާނުންގެ އިންޓަވިއު އާ ބެހޭގޮތުން އެ ޓީވީ ފައުންޑަރު، ސާދު މުހްސެނީ ވާހަކަ ދެއްކެވި އެވެ. "އެ މީހުން ބުނީ އެންމެ ރަނގަޅޭ. އެ މީހުން ބޭނުން ކޮންމެ ގޮތެއް ހެދެން އޮންނާނެ. ސަބަބަކީ މިހާރު މި ގައުމު ހިންގަން އެތިބީ އެ މީހުން."

ފިރިހެނުންނާ އެއް ސަފެއްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު އަންހެނުންނަށް ވެސް ދޭނެ ކަމަށް ބުނަން ފަށައިފި އެވެ. އަފްގާނިސްތާންގެ އާ ޖީލުގެ ޒުވާނުންނަށް ފަހުމު ވާނެ ބީދައިން ތާލިބާނުން އަމަލާއި ވާހަކަ ވެސް ބަދަލު ކުރި މަަންޒަރު ފެނިއްޖެ އެވެ. ހަގީގަތުގައި ވެސް އެ ޖަމާއަތް ރިފޯމް ވީ ބާވައެއެވެ. ނުވަތަ މިއީ ސިޔާސީ ބާރުވެރިކަން ހޯދަން ދައްކާ ކުލައެއް ނޫން ބާވަ އެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޖައްލާ

20 August 2021

20 އަހަރުގެ ހަނގުރާމަ އެހާ ފަސޭހަތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454