ރައީސް އަވަހާރަކޮށްލައި އެލުވި ތާލިބާނުން ބަދަލުވީތަ؟

ތާލިބާނުންގެ ބާރުގެ ދަށަށް ވެރިކަން ދިއުމާ ގުޅިގެން އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު އަފްޣާން-ޕާކިސްތާން ބޯޑަރު ހުރަސްކުރުމަށް ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ

ތާލިބާނުންނަށް މީގެ 25 އަހަރު ކުރިން، 1996 ގައި އަފްޣާނިސްތާނުގެ ކޮންޓްރޯލް ލިބުމާ އެކު ފުރަތަމަ ވެސް ކުރި ކަމަކީ އޭރުގެ ރައީސް މުހައްމަދު ނަޖީބުﷲ ހިފައި ހައްޔަރުކޮށް އަނިޔާކޮށް އަވަހާރަކޮށްލުމެވެ. އޭރު އޮތް ދާޚިލީ ހަމަނުޖެހުންތަކުގައި އެތައް އަހަރެއްގެ ހަނގުރާމައަށް ފަހު ތާލިބާނުން ކާބުލް ހިފިއިރު ނަޖީބުﷲ ހުންނެވީ ހިމާޔަތް ހޯއްދެވުމަށް އދ.ގެ އިމާރާތެއްގަ އެވެ. ތާލިބާނުންގެ ހަނގުރާމަވެރިން އެތަނަށް ވަދެ ނަޖީބުﷲ އަތުލައިގަނެ އަނިޔާކޮށް އަވަހާރަކޮށްލުމަށް ފަހު މަގުމަތީގައި ދަމާކޫއްތާފައި ގެންގޮސް ޓްރެފިކް ލައިޓެއްގައި އެލުވާފައި ބެހެއްޓި އެވެ.

އާންމު ތަންތަނަށް ނެރެ އެތައް ބަޔަކަށް މަރުގެ އަދަބު ދިނެވެ. އަންހެނުން ވަޒީފާއަށް ނުކުތުން މަނާކޮށް އަންހެން ކުދިން ކިޔަވަން ދިއުން ހުއްޓުވި އެވެ. ޓީވީ ބެލުމާއި މުނިފޫހިފިލުވުމުގެ އެތައް ކަމެއް ވެސް މަނާކުރި އެވެ. މިފަދަ ކަންކަން ތަންފީޒުކުރުމުގައި ހަރުކަށިކަން އިސްކުރުމުން އާންމުންގެ ތެރޭގައި އޮތީ ބިރުވެރިކަމެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރަމުން ދަނިކޮށް 2001 ވަނަ އަހަރު އެމެރިކާ ސިފައިން އަރައި އަފްޣާނިސްތާނު ހިފައިގެން ތިބޭތާ 20 އަހަރު ފަހުން ފައިބައިގެން ދިއުމާ އެކު ތާލިބާނުން ކުއްލިއަކަށް ނުކުމެ މުޅި ގައުމުގެ ކޮންޓްރޯލް އަތުލީ އެވެ. އެންމެ ފަހުން މި މަހުގެ 15 ވަނަ ދުވަހު، ވެރިރަށް ކާބުލް ހިފުމާ އެކު ބިރުވެރިކަން ބޮޑުވީ މީގެ 25 އަހަރު ކުރިން ތާލިބާނުންގެ ފަރާތުން ފެނުނު ފަދަ އަނިޔާވެރި އަމަލުތަކެއް ފެނިދާނެތީ އެވެ. އެކަމަކު އަދި ފެންނަނީ އެހެންނެއް ނޫނެވެ. ތާލިބާނުނ ގަބޫލުކުރާ އުސޫލުތަކާއި ސިޔާސަތުތައް ބަދަލުވީ ހެއްޔެވެ؟

"އެއީ ހަމަ އެކައްޗެއް"

ތާލިބާނުން 1994 ގައި އުފެދުނީންސުރެ އެ ޖަމާއަތުގެ ކަންކަން ބަލައި ރިޕޯޓްކުރަމުން އަންނަ ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ އަހްމަދު ރާޝިދު ލިޔެފައިވާ ފޮތެއްގައި ބުނެފައިވަނީ އޭރުގެ ތާލިބާނުންނާއި މި ޒަމާނުގެ ތާލިބާނުންގެ ތަފާތުތަކެއް އެބަހުރި ކަމަށެވެ.

"ތާލިބާނުންގެ އިހުގެ ޖީލު، އަހަރެން ދަންނަ، 1990ގެ މީހުން ހަމަ ހަގީގަތުގައި ވެސް މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ކިޔަވައި ތަންދޮރު އޮޅުންފިލާފައި،" ތާލިބާން: ދަ ސްޓޯރީ އޮފް އަފްޣާން ވޯ ލޯޑްސް ފޮތުގައި ރާޝިދު ލިޔެފައިވެ އެވެ.

އެކަމަކު އޭނާ ބުނީ އިހުގެ ލީޑަޝިޕްގެ މީހުންގެ ވިސްނުމަށް އައި ބަދަލާ ހިލާފަށް ތާލިބާނުންގެ ޒުވާން ކޮމާންޑަރުން މާ ހަރުކަށި ކަމަށެވެ.

"އެ މީހުން ގަބޫލުކުރާ 'ދީނީ' އުސޫލުތައް މާ ހަރުކަށި،" އެންއާރްޕީ އަށް ރާޝިދު ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. "އެ މީހުން ތިބެނީ އަންހެންނުންމާ މެދު އަމަލުކުރާ ގޮތާއި އެ މީހުންނަށް ތައުލީމު ދިނުމާ މެދު ދެކޭ ގޮތް ފަދަ ހުރިހާ ކަމަކާ މެދު ވެސް ވަރަށް ފަހުރުވެރިވެފައި. މީގައި ކަންބޮޑުވާން ޖެހޭ ކަމަކީ ކާބުލް ހިފުމުގައި އިސްކޮށް ތިބީ މި މީހުންކަން. އަދި ތާލިބާނުންގެ އިހުގެ ކޮމާންޑަރުންނަށް ޒުވާން ކޮމާންޑަރުންނާ ދެކޮޅު ހެދޭކަށް ވެސް ނޯންނާނެ."

ކާބުލްގެ ކޯޓޭ ސަންގީ ސަރަހައްދުގެ ބާޒާރެއްގެ ތެރޭގައި ތާލިބާނުންގެ ހަނގުރާމަވެރިން ޕިކަޕެއްގައި ދަތުރުކުރަނީ. --އޭއެފްޕީ

ތާލިބާނުންގެ ވިސްނުން ބަދަލު ނުވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަނެއް ސަބަބަކީ ގަތަރުގައި އެ މީހުންނާ އެކު އެމެރިކާ އާއި އެހެން ގައުމުތަކުން އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ވެސް، ތާލިބާނުންގެ ބައެއް އުސޫލުތައް ދޫކޮށްލަން ޝަރުތުކޮށްފައިވެ އެވެ. އަންހެން ކުދިން ތައުލީމު އުނގެނެން ފުރުސަތު ދިނުމާއި އަލްގައިދާއާ ގުޅުން ކަނޑާލުން ފަދަ ކަންކަން ކުރާނެ ކަމަށް ތާލިބާނުން މަޝްވަރާތަކުގައި ބުނި ނަމަވެސް އެ ބަސްތަކުގައި މާބޮޑު ބުރަދަނެއް ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ތާލިބާނުންނާއި އަލްގައިދާ ވަނީ އެކުވެ އެކަތިގަނޑަކަށް ވެފައި. ކައިވެނީގެ ގޮތުން ގުޅިފައޭ ވެސް ބުނެވިދާނެ. އެއީ އަލްގައިދާ އިން ވަރަށް ރޭވުންތެރިކަމާ އެކު އެ މީހުންގެ ހަނގުރާމަވެރިން ވަނީ ތާލިބާނުންގެ އާއިލާތަކުގެ މީހުންނާ ކައިވެނި ވެސް ކުރުވާފައި،" އަފްޣާނިސްތާނުގައި ޓެރަރިޒަމާ ދެކޮޅަށް ކުރި މަސައްކަތުގައި އިސްކޮށް ހުރި އެމެރިކާގެ ސީއައިއޭގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޑޯ ލަންޑަން ބުނެފައިވެ އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ތާލިބާނުން އަދިވެސް އަލްގައިދާ އަށް ހިމާޔަތް ދޭނެ އެވެ. އަދި އަފްޣާނިސްތާނުގައި އަލްގައިދާގެ ހަރަކާތްތައް ހިންގަން ވެސް ފުރުސަތު ދޭނެ އެވެ.

ތާލިބާނުންގެ ވާހަކަ ތަފާތު

އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދުމަށް ފަހު އެ ޖަމާއަތުން ބޭއްވި ރަސްމީ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ ތާލިބާނުން އެއްވެސް މީހެއްގެ ކިބައިން ބަދަލު ނުހިފާނެ ކަމަށެވެ.

"އެތެރޭން އަދި ބޭރުން ވެސް އަހަރެމެން ދުޝްމަނުންނެއް ބޭނުމެއް ނޫން،" ޒަބީހުﷲ ބުންޏެވެ.

އޭނާ ބުނީ ތާލިބާނުން އިސްލާމީ އުސޫލުތަކުގެ ތެރެއިން އަންހެނުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށެވެ.

މި ވާހަކަ ދެއްކުމުގެ ކުރިން ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ އެންމެންނަށް އަފޫއާންމެއް އިއުލާނުކޮށް އަންހެނުން ސަރުކާރާ ގުޅުމަށް ދައުވަތު ދީފަ އެވެ. މިއީ ކުރިން ތާލިބާނުން ހުއްދަކުރާ ކަމެއް ނޫނެވެ.

ޓެރަރިސްޓް ޖަމާއަތްތަކަށް ތާލިބާނުން އެހީވާނެ ކަމަށް ބުނާ ވާހަކަ ވެސް އެ ޖަމާއަތުން ދޮގުކުރި އެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުއަށް އަދި ހާއްސަކޮށް އެމެރިކާ އާއި އަވަށްޓެރި ގައުމުތަކަށް ޔަގީންކަން ދެން އެ ގައުމުތަކާ ދެކޮޅަށް އަފްޣާނިސްތާނު ބޭނުން ނުކުރެވޭނެ ކަމަށް،" ތަރުޖަމާނު ބުންޏެވެ.

ތާލިބާނުން އަފްޣާނިސްތާނު ހިފުމަށް ފަހު އަންގާރަ ދުވަހު ބޭއްވި ރަސްމީ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ތާލިބާނުން އެކުލަވާލާނީ ގައުމުުގެ އެންމެން ތަމްސީލްކުރާނެ ސަރުކާރެއް ކަމުގެ ޔަގީންކަން ދެމުން މިހާތަނަށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ދޭހަވަނީ އެހެން ގައުމުތަކުން، އަދި ހާއްސަކޮށް އެމެރިކާ އިން ތާލިބާނުން ބަލައިގަނެ އަފްޣާނިސްތާނަށް އެހީ ލިބެމުން ދާނެ ގޮތަކަށް ސިޔާސަތުތައް ބަހައްޓާނެ ކަމަށެވެ.

މީގެ ކުރިން ތާލިބާނުންގެ ހަރަކާތްތައް ހިންގަމުން ދިޔައީ މައިގަނޑު ގޮތެއްގައި އެކި ގައުމުތަކުން ލިބެމުން ދިޔަ އެހީންނެވެ. ތާލިބާނުން އުފެދިގެން އައި އިރު ތަޖުރިބާ މަދު ހަނގުރާމަވެރި ބައެއްގެ ގޮތުގައި އެކަނި ސިފަކުރެވުނަސް ތާލިބާނުން މިހާރު ވަނީ މާލީ ގޮތުން ކުރިއަށްވުރެ މާބޮޑަށް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެފަ އެވެ. ރޭވުންތެރިކަން ބޮޑުވެ ޖަމާއަތް ތަރުތީބު ވެފަ އެވެ. ތާލިބާނުންގެ އާމްދަނީ ގުޅުން ހުރި އެތައް ކަމެއް އަފްޣާނިސްތާނުގައި މިހާރު އެބަ ހުއްޓެވެ. ބާރު ލިބުނަސް އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވައްޓާލަން ތާލިބާނުން ބޭނުން ނުވާނެ އެއް ސަބަބަކީ ތާލިބާނުންގެ ވިޔަފާރިތަކަށް ގެއްލުންވުމެވެ.

ތާލިބާނުންގެ ވެރިކަން ވައްޓާލުމަށް ފަހު 2001 ވަނަ އަހަރުން ފެށިގެން އެކި ގައުމުތަކުން ދިން އެހީއާ އެކު އަފްޣާނިސްތާނުގެ އިންފްރާސްޓްރަކްޗާ ބިނާކޮށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ އަންހެނުންނާއި އަންހެނުން ކުދިންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ. އަންހެން ކުދިން ސްކޫލަށާއި ޔުނިވަސިޓީތަކަށް ދާން ފެށި އެވެ. ވަޒީފާ އަދާކުރަން ފެށި އެވެ. މި ހުރިހާ ކަމެއް ގުޅިފައިވަނީ އަފްޣާނިސްތާން ބައިނަލްއަގުވާމީ މުޖުމަތައުގައި ބަލައިގަތުމާ އެވެ. އެކަން ނިމުމަކަށް އަތުވެއްޖެ ނަމަ ތާލިބާނުންނަށް އަނެއްކާވެސް ޖެހޭނީ ސުމަކުން ފަށާށެވެ. އެހެންވެ އެންމެ ކުރިން ތާލިބާނުން ގެންގުޅު މިންވަރަށް ހަރުކަށިކަން އިސްނުކުރުން އެކަށީގެންވާ ކަމަށް ބެލެވޭނެ ސަބަބުތައް ވެސް މިހާރު އެބަ ހުއްޓެވެ.

އިހުގެ ތާލިބާނުން އެނބުރި އަތުވެއްޖެ ނަމަ "ނިމުމެއް ނެތް ހަނގުރާމަ" އަނެއްކާ ޖެހޭނީ ފަށާށެވެ. އެކަމަކު ތާލިބާނުން މިފަހަރު ފަސޭހަ މަގެއް އިހްތިޔާރު ވެސް ކޮށްފާނެ އެވެ. އެކަމަކު އަދި މި ފެންނަނީ ޕްރެޝަ ކުޑަކުރުމަށް ދައްކާ ރީތި ވާހަކަތަކަކަށް ވެސް ވެދާނެ އެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 11%
icon angry icon angry 33%
icon wow icon wow 22%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެކޮޅުބަލާ

20 August 2021

އެމެރިކާނުން ބަދަލުވީބާ؟ އީރާގައްއަރާ މުޅިގައުމު ސުއްނާފަތިކޮއް 13 އަހަރުގެ ކުދިން ރޭޕްކޮއް ދިރިހުއްޓާ މައިންބަފައިނާ އެކު އަންދާލާ އަންހެންކުދިން ލައްވާ ހަށިވިއްކުވާ އަންހެންކުދިންގެ ސްކޫލް މަދަރުސާ ގޮއްވާލާ ސައްދާމު ހުސައިން ހިފާ ހައްޔަރުކޮއް އީދުދުވަހު ދަންޖައްސާ ހަށިގަންޑު އެބައިމީހުން ގެންގޮސް ވީދާ ކުދިކޮއް ރޯކޮއްލާ ހެދި ބަޔަކު ބިރުންނޫނީ އަފްގާނިސްތާނުން ފައިބަފާނެތޯ؟

The name is already taken The name is available. Register?

އަހުމަދު203

19 August 2021

ރެފެރެންސް ދީފައި ހުރިނަމަ ފަސޭހަވިސް ކޮރޮސް ޗެކް ކޮއްލަން...ހީވާނީ ހުނޅަގުގެ ނޫސްތަކުގެ ތަރުޖަމާ ހެން.

The name is already taken The name is available. Register?

އިބްރ

19 August 2021

ޤައުމަށް ޣައްދާރުވީމާ ހަދާނީ ކިހިނެއްތޯ؟

The name is already taken The name is available. Register?

ދަބަރޭ

19 August 2021

އާ ތާލިބާނުން ބަދަލުވީ މަލާލާ ހުންނީ ބޮޑުވަޒީރަކައް

The name is already taken The name is available. Register?

ސުބޫތު

22 August 2021

މަލާލާއަކީ.ޕާކިސް ތާނު ކުއްޖެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454