ޒުވާނުން މަރުގެ ހަނގުރާމައެއްގައި!

ދެ ޒުވާނުން އިރުއޮއްސޭ މަންޒަރު ބަލަނީ: ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ޒުވާނުންގެ އަދަދު ދަނީ ގިނަވަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

02 ސެޕްޓެމްބަރ 2021 - 08:49

1 comments

ދޭތެރެ ދޭތެރެއިން ކިތަންމެ ގަދައަށް ބޮލުގައި ރިއްސިއަސް އީނާސް އަހުމަދު އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިނީ އެއީ މައިގްރެއިން ކަމަށް ޑޮކްޓަރުން ބުނާތީ އެވެ. އެހެން ގޮސް، ބޮލުގެ ރިހުން އެއްގޮތަކަށް ވެސް މައިތިރިނުވުމުން އެ ވާ ގޮތެއް ބަލަން އޭނާ ބޭނުންވި އެވެ. އޭރު ބަނޑުގައި ރިއްސާ، ދެ ފައިތިލަ ވެސް ހުރީ ދުޅަވެފަ އެވެ.

މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ 26 އަހަރުގެ އެ ޒުވާނާގެ ކިޑްނީގައި މައްސަލައެއް އުޅޭކަން އެނގުނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގަ އެވެ. އަލަތު ކައިވެނީގެ ހަތަރު ވަނަ އަހަރު ދިރިއުޅުމަށް ބިންދާލި ވަރުގަދަ ރާޅާ އެކު އީނާސް އަށް ލިބުނީ ޝޮކެކެވެ.

"ފުރަތަމަ ޓެސްޓު ހެދިއިރު ވެސް މިކަހަލަ ކަމެއްކަން އިހުސާސްވި. އެކަމަކު އުއްމީދުކޮށްގެން ހުރީ ހުރިހާ ކަމެއް ވެސް ރަނގަޅަށޭ ދާނީ. ޓެސްޓުތައް ހަދައި ކިޑްނީ ފެއިލްވެފައި ހުރިކަން ފުރަތަމަ އެނގުނުއިރު ުރީ މީހާ ހުއްޓުން އަރައިފައި. އޭގެ ފަހުން ވަރަށް އުނދަގޫވާން ފެށީ،" ކިޑްނީ ފެއިލްގެ ފަސް ވަނަ ސްޓޭޖުގައި ހުރުމުން މިހާރު ޑައިލިސިސް ހަދަމުން އަންނަ އީނާސް ބުންޏެވެ.

މިއީ އެންމެ ޒުވާނެއްގެ ވާހަކަ އެވެ. ނަމަވެސް އެއީ، މުސްތަގުބަލާ މެދު ފޮނި އުއްމީދުތައް ކުރަމުން އައި އެތައް ޒުވާނުންގެ ތަޖުރިބާ އެވެ.

ރާއްޖޭގައި ގައިން ބަޔަށް ނާރާ ބަލިތަކުގެ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެފަދަ ބަލިތަކުގެ މަޅީގައި ގިނަ އަދަދެއްގެ ޒުވާނުން ޖެހިފައި އެބަތިއްބެވެ. ހިތާއި ކެންސަރާއި ކިޑްނީގެ ބަލިތައް އޭގެ ތެރޭގައި ހިމެނެނީ ކަންބޮޑުވާން ޖެހޭ ހާލަތުގަ އެވެ. ހާއްސަކޮށް ކެންސަރާއި ކިޑްނީ ބަލީގައި ޒުވާނުން އުފުލަމުން ގެންދާ ވޭން އެއީ އާ ވާހަކައެއް ނޫނެވެ. މިއީ ވަރަށް ވޭން ގަދަ، އަދި އަތުން ކުރަން ޖެހޭ ހަރަދު އިންތިހާ އަށް ބޮޑު ދެ ބައްޔެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ދިވެހިންގެ ދިރިއުޅުމަށް އައި ބަދަލުތަކާއި ހެލިފެލިވެ އުޅުމަށް އައި އިންތިލާބީ ބަދަލުތަކަކީ މި ބަލިތައް ޒުވާނުންގެ ތެރޭގައި ފެތުރުމުގެ މައިގަނޑު އެއް ސަބަބެވެ. ރާއްޖޭގައި ވަރަށް ޒުވާން އުމުރުގެ އަންހެނުންނާއި ފިރިހެނުން ވެސް ކިޑްނީ ފެއިލްވެފައި އެބަތިއްބެވެ. ހަމަ އެގޮތަށް ކެންސަރު ބަލީގެ ޝިކާރަ އަކަށް ވެސް ވެފައި އެބަތިއްބެވެ.

ކޮފީ މޭޒުމަތުން ފެންނަ މަންޒަރުން ހައިރާނެއް ނުވޭ!

ކިޑްނީ އާއި ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަވަމުންދާ ކަމުގެ ނުރައްކަލުގެ ރަނގަބީލާ އެކު، ދެން އެންމެ ކަންބޮޑުވުން އުފެދޭ ކަމަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ޒުވާނުންގެ އަދަދު ގިނަވަމުންދާ ކަމެވެ. އެކަމާ ގުޅޭގޮތުން ދިރާސާއެއް ހެދިފައި ނެތަސް، ކިޑްނީ އާއި ކެންސަރުގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ޒުވާނުން ގިނަ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ކެންސަރު ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޓްރީޓޮޕްގައި މަސައްކަތް ކުރައްވާ ޑރ. މުހައްމަދު އަމްރު އަހުމަދު "މިހާރު"ގެ "މެދުސަފުހާ" އަށް ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރެވެ. އަދި އެހެން ގައުމުތަކާ އަޅާބަލާފައި ރާއްޖޭގައި ޒުވާން އުމުރު ނުވަތަ ދަރިމައިވާ އުމުރުގައި ކަންބޮޑުވާ ދަރަޖައެއްގައި ކެންސަރު ބަލި ޖެހޭ މީހުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ބަލި ވާރުތަވުމެވެ.

އުރަމަތީގައި އާއްމުކޮށް ގަނޑުލުމަކީ އަންހެނުންނަށް ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށްވާތީ، އަމްރު ލަފާދެއްވަނީ ގަވައިދުން ސްކްރީނިން ހެދުމަށެވެ. އެއީ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ފަރުވާދިނުމަށް ފަސޭހަވާތީ އެވެ.

ހުޅުމާލޭގެ ކެންސަރު ސެންޓަރުގައި، ބަލި މީހަކަށް ނަރުހަކު ފަރުވާ ދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކޮފީ މޭޒުމަތިން ފެންނަ ދުފުމާއި ސިނގިރޭޓު ބުއިމުގެ މަންޒަރުތަކަށް ބަލައި ރާއްޖޭގައި ކެންސަރުގެ ހާލަތު އޮތް މިންވަރަކީ ހައިރާންވާ ވަރުގެ ނޫނެވެ. ދިރިއުޅުމުގައި ގެންގުޅޭ އެފަދަ އާދަތަކުގެ ސަބަބުން ޒުވާން އުމުރުގައި އަނގައިގެ ކެންސަރު ޖެހުން ފަދަ ކަންކަން މަގުފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ހިސާބުތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މި ވަގުތު ވެސް ކެންސަރު ބަލީގެ 2،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖް އުމުރަކީ 50 އަހަރެވެ. ނަމަވެސް އެއަށްވުރެ ހަގު އުމުރުގައި ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން އަމްރު ފާހަގަކުރެއްވި އެވެ.

ކެންސާ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު ވެސް ވިދާޅުވީ ކެންސަރު ސަޕޯޓު ގްރޫޕުގައި ރަޖިސްޓްރީވެފައި ތިބި ޒުވާނުންގެ އަދަދު ގިނަ ކަމަށެވެ. އެ ގްރޫޕުގައި ހިމެނެނީ، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އެ ބަލިން ރަނގަޅުވެފައި ތިބި މީހުން އަދި ކެއާގިވާސް އެވެ.

ކެންސާ ސަޕޯޓު ގްރޫޕުގައި މި ވަގުތު 214 މީހުން އެބަތިއްބެވެ.

އަންހެނަކު، ދެ ދަރިން ގޮވައިގެން ރަސްފަންނުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމްރު ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ ރިކަވަރީ ރަނގަޅު ކަމަށެވެ. އަދި ބަލީގެ ކުރީކޮޅު އެކަން ދެނެގަނެވެއްޖެ ނަމަ 60-70 ޕަސެންޓް ރިކަވާވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސްޓޭޖު ހަތަރަކާ ހަމައަށް ދިއުމުން ރިކަވާ ނުވާނެ ކަމަށާއި ދެން ޖެހޭނީ ދާއިމީ ބައްޔެއް ގޮތަށް ކެންސަރަށް ފަރުވާ ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަރުވާގެ އަމާޒަކަށް ވާނީ ބަލި ވީހާ ވެސް ހިފަހައްޓައިގެން ބަލި ކޮންޓްރޯލްކުރުން. ދެން ކޮލިޓީ އޮފް ލައިފް އިތުރުކުރުން،" އަމްރު ވިދާޅުވި އެވެ.

ރާއްޖޭގެ ހަމައެކަނި ދިވެހި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު "މެދު ސަފުހާ" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ކެންސަރު ބަލީގެ މީހުންނަށް ދޭނެ އިރުޝާދަކީ، ގަބޫލުނުކުރައްވާށޭ ބަލި މީހެކޭ ތިމަންނައަކީ ތިމަންނަ ބަލި ވީމަ ކަންތައްތަކެއް މަހުރޫމްވެގެން ހުންނަކަން ގަބޫލުނުކުރާށޭ. ދުޅަހެޔޮ ސިއްހަތެއް، އެހެންޏާ ވެސް ކެންސަރު ޖެހޭ މީހެއް ފަދައިން ފިޓްނެސް، ނިއުޓްރިޝަން ބަޔަށް ވަރަށް ބޮޑަށް ފޯކަސް ކުރައްވާށޭ. އެކްޓިވްކޮށް އުޅޭށޭ."

އައިޖީއެމްއެޗުގެ ކިޑްނީ ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު އަބްދުﷲ "މެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކިޑްނީ ބަލީގެ ހާލަތު އޮތީ ކިހިނެއް؟

އައިޖީއެމްއެޗުގެ ކިޑްނީ ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު އަބްދުﷲ ވިދާޅުވީ ދުނިޔޭގެ އެހެން ހިސާބުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކިޑްނީގެ މައްސަލަތައް އާއްމު ކަމަށެވެ. ޑައިލިސިސް ހަދަމުންދަނީ ކިޑްނީގެ ބަލި ތަހައްމަލުކުރަމުންދާ މީހުންގެ އެއް ޕަސެންޓު ކަމަށާއި މިހާރު ވެސް އެކި ހިސާބުތަކުގައި 200 އަށްވުރެ ގިނަ މީހުން ޑައިލިސިސް ހަދަމުންދާތީ، ކިޑްނީގެ އެކި ބަލިތައް ތަހައްމަލުކުރާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު އާބާދީއެއް ކިޑްނީގެ އެކި ބަލިތައް ތަހައްމަލުކުރަމުންދޭ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލީގެ ކުރީކޮޅު ކިޑްނީގެ މައްސަލައެއް އުޅޭކަން ދެނެގަނެވޭ ކަމަށެވެ. އެކަމަކު ކިޑްނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިތޯ ބުނެވޭނެ ދިރާސާއެއް ނެތަސް އެ ބައްޔަށް މަގުފަހިވާ އެހެން ކަންކަން ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިޑްނީ ބަލި ޖެހިދާނެ ހުރިހާ ހާލަތެއް އަޅުގަނޑުމެންގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް މަތީގައި...ކިޑްނީ ބަލި އެންމެ އާއްމު ސަބަބެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެންމެ އާއްމު ކަންތައް. ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ތިބެންޖެހޭ ވަރަށްވުރެ ބަރުކޮށް ތިބުން، ދުންފަތުގެ އިސްތިއުމާލުކުރުން އަދި ނޭނގި ނަމަވެސް ކެވޭ ބޭސްތައް."

"އަޅުގަނޑުމެންނަށް ފެންނަ ޒުވާން އުމުރުގެ ކުދިން ކުއްލިއަކަށް ކިޑްނީ ބަލީގައި ޑައިލިސިސް ހަދަން ފައްޓާފައި ހުއްޓާ. އެހެން ނަމަވެސް މި ސްޓޭޖުގައި ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ އޭގެ ކުރީގައި، އެއް އަހަރު ދެ އަހަރު ކުރިން އެ ބޭފުޅުންނަށް ބައެއް ކަންތައް ފާހަގަކުރެވިފައި ހުންނާނީ. މިސާލަކަށް އެ ބޭފުޅުން ޕްރެޝާ މައްޗަށް ގޮސްފައި ހުރެދާނެ ދެ އަހަރު ކުރިން ނަމަވެސް އެކަމާ އަޅާނުލެވި. ސިއްހަތަށް ބަލަންޖެހޭ ކަންކަން ބައެއް ފަހަރު ނުބެލިގެން ކިޑްނީގެ ކަންކަން ގިނަވެގެން އުޅެނީ،" އަހުމަދު ވިދާޅުވި އެވެ.

ކިޑްނީ ބަލީގެ ޒުވާނެއް ކަމުގައިވާ ސައިމަން، ޑައިލިސިސް ހެދުމަށް ތައްޔާރުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކިޑްނީ އަށް އެންމެ ގިނަ މައްސަލަތައް ދިމާވަނީ ހަކުރު ބަލީގެ ސަބަބުންނެވެ. ދިވެހީންގެ ދިރިއުޅުމުގެ އާދަކާދަ ހުރީ އެ ބަލިތަކަށް މަގުފަހިވާ ގޮތަށް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އެގޮތުން އެންމެ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަކީ، ހަކުރު ބަލީގެ މީހުންގެ އާބާދީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުން ކަމަށާއި އެއާ އެއްކޮށް ކިޑްނީ ބަލިތައް ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

"ޒުވާން އުމުރުގައި މި ފެންނަނީ ކުއްލިއަކަށް ކިޑްނީ ފެއިލްވާތަން. މިއީ ހަކުރު ބަލީގެ ސަބަބަކުން ނޫން. އެއީ ކިޑްނީ އަށް ކުއްލިއަކަށް ޖެހޭ ބަލިތައް. އެ ބަލިތައް ނޭނގި ހުރެދާނެ ދުވަސްތަކެއް ވަންދެން. ކިޑްނީ ވަކި ވަރަކަށް ގޯސްވަމުން ގޮސްފައި، ކުއްލިއަކަށް ގޯސްވެގެން މި ދަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމުރުން 20 އަހަރުން ފެށިގެން ލޭގެ ޕްރެޝާ ބެލުން މުހިއްމު ކަމަށެވެ. ޒުވާން އުމުރުގައި ޕްރެޝާ މަތިވެއްޖެ ނަމަ އެއީ ކިޑްނީ ބަލީގެ އަލާމާތެއް ކަމަށާއި އެ ހިސާބުން ކިޑްނީގެ ޓެސްޓު ހަދަންޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަރަށް ގިނައިން ފެނޭ އުމުރުން 18 އަހަރު ކުއްޖެއް، 20 އަހަރު ކުއްޖެއް މީގެ ދެ އަހަރު ތިން އަހަރު ކުރިން ޕްރެޝާ މަތިވެފައި އެކަމަކު އެކަމާ އަޅާ ނުލެވި. ޕްރެޝާ ހުންނަންޖެހޭ ވަރު ވެސް އެނގޭ، އެއަށްވުރެ މަތިވެއްޖިއްޔާ ބަލަންޖެހޭކަން އެނގޭ. ދެން ކިޑްނީ ގޯސްވާން ފެށީމަ ވާ އުނދަގޫތަކަކީ ތަންކޮޅެއް ފަހުން އެ ހިސާބަށް ދިޔައީމަ ކިޑްނީ ސަލާމަތްނުކުރެވޭ ހިސާބަށް ދަނީ،" އަހުމަދު ވިދާޅުވި އެވެ.

ބައްޔަށް ހުށަހެޅޭ ކަންތައް އިތުރުވެ، ކަންބޮޑުވާ ދަރަޖައެއްގައި ހާލަތު އޮތް ނަމަވެސް ލިބޭ ކުޑަ ހިތްހަމަޖެހުމެއް އެބައޮތެވެ. އަހުމަދު ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ޑައިލިސިސް ހަދާ މީހުން ގިނަ ދުވަހު ދުނިޔޭގައި އުޅެ އެވެ. ރާއްޖެއިން ބޭރުން އަންނަ ޑޮކްޓަރުން ވެސް އެކަން ފާހަގަކުރާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ޑައިލިސިސް ހަދާ ބޭފުޅުން، އިންޑިއާއިން މި ވަޑައިގަންނަވާ ވިޒިޓިން ޑޮކްޓަރުން ވެސް ފާހަގަކުރައްވާ ނިއުޓްރިޝަން ވަރަށް ރަނގަޅޭ. އިންޑިއާ، ނޭޕާލް ސަރަހައްދުގައި ނިއުޓްރިޝަން ވަރަށް ލޯ. އެ ބޭފުޅުން އެހާ ގިނަ ދުވަހު ދުނިޔޭގައި ނުތިބޭ،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޑައިލިސިސްގައި ތިބުމަކީ ވަރަށް ބޮޑަށް އުމުރު ކުރުކޮށްލާ ކަމެއް. ޑައިލިސިސްގައި އަޅުގަނޑުމެން ބަލަނީ ގާތްގަނޑަކަށް ފަސް އަހަރު. އެހެން ނަމަވެސް ރާއްޖޭގައި އެބަތިބި 11-12 އަހަރު ވެސް ޑައިލިސިސްގައި ކުރިއަށްދާ މީހުން."

ބޭސްފަރުވާގެ ކަންކަމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަނުން ހަރަދުކުރެ އެވެ. ބަޖެޓުގެ ހިސާބުތަކުން ފެންނަނީ، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބެގެން ފަރުވާ ދިނުމަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް މައްޗަށް ދާ ކަމެވެ. ހަގީގަތުގައި އެއީ އުފާ ކުރަންޖެހޭ ކަމެއް ނޫނެވެ. ދިވެހީންގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވާންވީ އެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކަށެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިިއުންތެރި

02 September 2021

އެ ބަލިތަކުގެ އަލާމާތްތަކެއް ލިޔެލި ނަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454