ދިގު ކިޔޫއެއް، ފަރުވާ ލިބޭނެ ގޮތެއް ނެތް!

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބަލިމީހަކު ޑަޔަލިސިސް ހަދަން ސިއްހީ އެހީތެރިއަކު އެހީވަނީ: -- ފޮޓޯ: ހެލްތު މިނިސްޓްރީ

02 ސެޕްޓެމްބަރ 2021 - 08:44

ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދާ 2000 އަށް ވުރެ ގިނަ މީހުން، އަދި ކިޑްނީ ފެއިލްވެގެން ޑައިލަސިސް ހަދާ 257 މީހުން އެބަ ތިއްބެވެ. އެ މީހުންގެ ތެރެއިން އެކި ރަށްރަށުގައި ދިރިއުޅޭ މީހުން ފަރުވާ ހޯދަން ޖެހެނީ ރަށުގައި ބިނާކުރި ދިރިއުޅުން މުލުން އުފުރާލައިގެން ހަރަދު ބޮޑު މާލެއަށް ބަދަލުވާށެވެ. އަދި ފަރުވާގެ ކޮންމެ ވެސް މަރުހަލާއެއްގައި ރާއްޖެއިން ބޭރަށް ދަތުރު ނުކޮށް ވާނެ ގޮތެއް އެ މީހުންނަކަށް ނޯވެ އެވެ.

ކިޑްނީ ބަލިތަކަށް ފަރުވާ ދޭ ހަ ޑޮކްޓަރުން މި ވަގުތު ރާއްޖޭގައި ތިބި އިރު، މާލޭގެ ފަސް ހޮސްޕިޓަލުގެ އިތުރުން، އަތޮޅު ތެރޭގެ އަށް ހޮސްޕިޓަލަކުން ޑައިލަސިސްގެ ހިދުމަތް ދެ އެވެ. މިއީ ޓްރާންސްޕްލާންޓް ހެދެންދެން، ހަފްތާއަކު ދެތިން ފަހަރު، ކިޑްނީން އަދާ ކުރާ ދައުރު މެޝިނެއް ބޭނުންކޮށްގެން ކޮށްދޭ ފަރުވާ އެކެވެ.

އައިޖީއެމްއެޗް، އޭޑީކޭ، ޓްރީޓޮޕް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދެ އެވެ. ކީމޯތެރަޕީގެ ހިދުމަތުގެ އިތުރުން، ކެންސަރުގެ އެކި ސާޖަރީ ވެސް ހެދެ އެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރުގެ ސާޖަރީ އާއި ބޮލުން މަތީގެ ކެންސަރުތަކުގެ ސާޖަރީގެ އިތުރުން ގޮހޮރުގެ ކެންސަރުގެ ސާޖަރީ ހިމެނެ އެވެ. ވަރަށް ބޮޑަށް ފެތުރިފައިވާ ނުވަތަ ސްޓޭޖް ހަތަރެއްގެ ކެންސަރަށް ދެވޭ އިމިއުނޯތެރަޕީ މޮލިކިއުލާ ޓާގެޓެޑް ތެރަޕީ ހޯމޯން ތެރަޕީ ވެސް ރާއްޖޭގައި ދެވެ އެވެ.

ނަމަވެސް، ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ނުކުރެވޭއިރު ކެންސަރަށް އެންމެ މުހިންމު ފަރުވާތައް ކަމަށްވާ ރޭޑިއޯތެރަޕީގެ އެއްވެސް ބާވަތެއްގެ ފަރުވާއެއް ވެސް ނުދެވެ އެވެ. ރާއްޖެއިން ބޭރަށް ދާން ޖެހި ބަލި މީހުންގެ އިތުރުން ދައުލަތުން ވެސް އުފުލަން ޖެހޭ ތަކުލީފުތަކާއި ހަރަދުތައް ބޮޑު ވަނީ މިހެންވެ އެވެ.

ބޭނުން ވަނީ ރާއްޖޭގައި ޓްރާންސްޕްލާންޓް ހެދޭނެ ގޮތެއް

ޓްރާންސްޕްލާންޓް ކުރުމަކީ ރާއްޖެއިން ކުރެވޭ ކަމަކަށް ނުވާއިރު، އެ އޮޕަރޭޝަން ކުރަން ޖެހޭ މީހުންނަށް އާސަންދައިންނާއި އެންސްޕާއިން އެހީތެރިކަން ދެ އެވެ. އެ އޮޕަރޭޝަނުގެ ހަރަދު އާސަންދައިން ކަވަރު ކުރެ އެވެ. އެހެންކަމުން ބަލި މީހާ އަތުން ދާނީ ހަމައެކަނި ބޭރުގައި ހުރުމާއި ކެއުމުގެ ހަރަދެވެ.

އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓްރާންސްޕްލާންޓް ހެދުމަށް 2018 އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް 70 މީހަކަށް އެހީދީފައިވެ އެވެ. އެއީ 2018 ވަނަ އަހަރު 26 ކޭސް، 2019 ވަނަ އަހަރު 32 އަދި މިދިޔަ އަހަރު 12 ކޭހެވެ. ޓްރާންސްޕްލާންޓަށް ހޭދަވާ އެވްރެޖް އަދަދު ކަމަށްވާ އޮޕަރޭޝަނަކަށް 13،800 ޑޮލަރުން (213،210ރ.) ބަލާ ނަމަ އެއީ އެކަމަށް އެކަނި ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އެވެ.

މި ހަރަދު އާސަންދައިން ކަވަރު ކޮށްދޭ ނަމަވެސް، ފަރުވާގެ ކަންކަމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަހު މަޑު ކުރަން ޖެހޭތީ ބަލި މީހާ ކުރަން ޖެހޭ ހަރަދު ވަކި ކުޑައެއް ނޫނެވެ. ވަޒީފާތައް ދޫކޮށްލާފައި ބޭރު ގައުމެއްގައި ތިބުން ވެސް ވަނީ ދަތި އުނދަގޫ ކަމަކަށެވެ.

އައިޖީއެމްއެޗްގެ ނެޕްރޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު އަބްދުﷲ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރެވޭނެ ގޮތް ވީހާ ވެސް އަވަހަށް ހަމަޖެއްސުން މުހިންމީ މިހެންވެ އެވެ.

"މީގެ ހައްލަކަށް ވާނީ ރާއްޖެއިން މި ހިދުމަތް ލިބުން، ކިޑްނީ ބަދަލު ކުރުމުގެ ހިދުމަތް. މިހާރު ރާއްޖޭގައި ކިޑްނީ ބަލިތަކަށް ނުލިބޭ ބޮޑު ހިދުމަތަކީ ކިޑްނީ ބަދަލުކުރުމުގެ ހިދުމަތް،" އަހުމަދު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ނެޕްރޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރު، ޑރ. އަހުމަދު "މެެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހުމަދު ކިޔައިދެއްވި ގޮތުގައި ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ ގާބިލުކުރަން ހުރި ޑޮކްޓަރުން އެބަ ތިއްބެވެ. ނެތީ އެކަމަށް ބޭނުންވާ ތަމްރީނު ލިބިފައި ތިބި ސިއްހީ އެހެން މުވައްޒަފުންނެވެ.

"ވަރަށް ގިނަ ބަޔަކު ތަމްރީނު ކުރަން ޖެހޭ. އެކަމަށް ނަރުހުން ތަމްރީނު ކުރަން ޖެހޭ، މެޑިކަލް އޮފިސަރުން ތަމްރީނު ކުރަން ޖެހޭ. ހޭނައްތާ ޑޮކްޓަރުން ތަމްރީނު ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ގާނޫނުތަކާއި ގަވައިދުތައް ވެސް ރާއްޖޭގައި ހެދިފައި ނެތީ އެވެ. އަދި ފާހަގަކުރެއްވީ ހަރުދަނާ ގާނޫނުތަކެއްގެ ތެރެއިން އެކަން ނުކުރެވޭ ނަމަ ބޮޑެތި މައްސަލަތަކެއް އުފެދިދާނެ ކަމެވެ. އެހެންވެ، އެކަން ގާނޫނުތަކެއް އެކުލަވާލައި ޓްރާންސްޕްލާންޓް ކުރާ ގޮތް މޮނިޓާ ކުރަން ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކުރިން ސަރުކާރުން ރާވާފައި އޮތީ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރަން ބޭނުންވާ ހުރިހާ ކަމެއް 2020ގެ ފަހުކޮޅަށް ނިންމާލުމަށެވެ. ނަމަވެސް، ކޮވިޑްއާ ހެދި ދިމާވި އިގްތިސާދީ ދަތިތަކުގެ ސަބަބުން އެ މަސައްކަތް މިހާރު އޮތީ މަޑުޖެހިފަ އެވެ.

ޑައިލަސިސް ހެދުމަކީ ކިޑްނީ ފެއިލްވުމުގެ ދާއިމީ ހައްލެއް ނޫނެވެ. ޑައިލަސިސް އަށް އެކަނި ބަރޯސާވެ މީހާ އަށް ދިރިހުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާ ކުރަނީ ވެސް މަދު އަހަރުތަކަކަށެވެ. ހަމައެކަނި ދާއިމީ ހައްލަކީ އެހެން މީހެއްގެ ކިޑްނީއެއް ހޯދައިގެން ޓްރާންސްޕްލާންޓް ކުރުމެވެ. ޑޮކްޓަރުން ބާރު އަޅަނީ ވެސް މިކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބާރު އަޅަނީ ކިޑްނީ ބަދަލު ކުރަން. ކިޑްނީ ބަދަލު ކުރުން ކިޑްނީ ބަލީގެ ފަރުވާ އަކީ. އުމުރު ދުވަހަށް ޑައިލަސިސް ހެދުމަކީ އެއްގޮތަކަށް ވެސް މި ބަލީގެ ފަރުވާއެއް ނޫން، އަދި ފަރުވާގެ އަމާޒެއް ވެސް ނޫން. އެއީ ހަމަ ފާލަމެއް،" އަހުމަދު ވިދާޅުވި އެވެ.

ކެންސަރަށް ރޭޑިއޯތެރަޕީގެ ހިދުމަތާއި އިތުރު ސްޕެޝަލިސްޓުން ބޭނުންވޭ

ރާއްޖޭގެ ހަމައެކަނި ދިވެހި އޮންކޮލޮޖިސްޓް ޑރ. މުހައްމަދު އަމްރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މި ވަގުތު ދެވެން ނެތް ކެންސަރު ބަލީގެ އެންމެ މުހިންމު ފަރުވާ އަކީ ރޭޑިއޯތެރަޕީ އެވެ. އެއީ ކެންސަރު ސެލްތަކަށް އަމާޒުކޮށް ރޭޑިއޭޝަން ފޮނުވައިގެން ދޭ ފަރުވާއެކެވެ. ހުރިހާ ސްޓޭޖެއްގެ ކެންސަރުތަކަށް ވެސް އެ ފަރުވާ ބޭނުންވެ އެވެ.

"ރާއްޖޭގައި ރޭޑިއޯތެރަޕީ އާއި ނިއުކްލިއާ އެނާޖީ ބޭނުންކޮށްގެންދޭ ޓްރީޓްމަންޓްސްތައް ފިޔަވައި އެހެން ޓްރީޓްމަންޓްސްތައް އެބަ ދެވޭ،" އަމްރު ވިދާޅުވި އެވެ.

ކެންސަރުގެ އެކި ބާވަތްތަކުގެ ދޭ ރޭޑިއޯތެރަޕީގެ ވައްތަރުތައް ތަފާތެވެ. އޭގެ ތެރޭގައި ތްރީޑީ ސީއާރްޓީ، އައިއެމްއާރްޓީ، ބްރާންޗީތެރަޕީ އަދި ސައިބާ ނައިފް ހިމެނެ އެވެ. ރާއްޖޭގައި އެންމެ އާންމީ އުރަމަތީގެ ކެންސަރެވެ. އެ ކެންސަރަށް ދެވޭ ރޭޑިއޯތެރަޕީގެ ބާވަތަކީ ތްރީޑީ ސީއާރްޓީ އެވެ. އެއީ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުން ގިނަވެގެން ގާތްގަނޑަކަށް 1400 ޑޮލަރު (21،630ރ.) ހަރަދުވާ ފަރުވާއެކެވެ. އާސަންދައިން ކަވަރު ކުރާ އެ ފަރުވާއަކީ ނިސްބަތުން އަގު ހެޔޮ ރޭޑިއޯ ތެރަޕީގެ ބާވަތެކެވެ.

ކެންސަރު ބައްޔަށް ފަރުވާ ދިނުމުގެ ދާއިމީ ހައްލެއް ގޮތުން ސަރުކާރުން ވިސްނާފައި އޮތީ ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށެވެ. އެއީ މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި އޮތް ކަމަކަށްވާއިރު މަސައްކަތް ނުފެށި ކުރެވެނީ މަޝްވަރާ އެވެ.

ރާއްޖޭގައި ރޭޑިއޯތެރަޕީ ދެވޭނީ އެފަދަ ހޮސްޕިޓަލެއް ގާއިމްކޮށްގެންނެވެ. އެ ފަރުވާ ދޭން ބޭނުން ކުރާ "މެޑިކަލް ލީނިއާ އެކްސެކެރޭޓާ" މެޝިނުތައް ބިމު އަޑީގައި ވަކި ގޮތަކަށް ބަހައްޓަން ޖެހެ އެވެ. އަދި އެ މެޝިންތަކަކީ އަގުބޮޑު މެޝިންތަކެކެވެ. އޭގެ ރަނގަޅު މެޝިނެއް ލިބެނީ 1.5 މިލިއަން ޑޮލަރަށް ކަމަށް އަމްރު ވިދާޅުވި އެވެ.

ރާއްޖޭގެ ހަމައެކަނި ދިވެހި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު "މެދު ސަފުހާ" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑރ. އަމްރު ދެކެވަޑައިގަންނަވަނީ ކެންސަރު ހޮސްޕިޓަލެއް އެޅުން އެންމެ ރަނގަޅީ މާލޭ ސަަރަހައްދުގައި ކަމަށެވެ. އެއީ ފަރުވާ ދޭއިރު އެ ކެންސަރެއް އުފެދޭ ހަށިގަނޑުގެ ސަރަހައްދަކާ ގުޅޭ ސްޕެޝަލިސްޓުންގެ އެހީތެރިކަން ވެސް ބޭނުންވާއިރު، އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގައި އެ ފެންވަރުގެ ޑޮކްޓަަރުން މަދުވުމުންނެވެ. ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް އަޅާ ނަމަ، އެ އަތޮޅުގައި އައިޖީއެމްއެޗް ފެންވަރުގެ ހޮސްޕިޓަލެއް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަލްޓި ސްޕެޝަލްޓީ ޑިޒީސެސް މިއީ. އަޅުގަނޑުމެން އެބަ ބޭނުންވޭ ހުރިހާ ސްޕެޝަލިސްޓުންގެ ކޮންޓްރިބިއުޝަން. މިސާލަކަށް ބްރެއިންގެ ޓިއުމާއެއް ވެއްޖެއްޔާ އެ ބޭނުންވޭ ނިއުރޯސާޖަންއެއް،" އަމްރު ވިދާޅުވި އެވެ.

ބައެއް ގުނަވަންތަކުގައި އުފެދޭ ކެންސަރުގެ ސާޖަރީ ހަދަން އެ ގުނަވަންތަކާ ބެހޭ ސްޕެޝަލިސްޓުން ވެސް އަދި ބޭނުންވެ އެވެ. އަމްރު ވިދާޅުވި ގޮތުގައި ކެންސަރަަށް ހާއްސަ ސްޕެޝަލިސްޓުން ނެތިގެން ރާއްޖޭގައި ލިވާ، ގޯލް ބްލެޑާ ކުޑަކަމުދާ ނިޒާމު އަދި ޕެންކްރިއަސްގެ ކެންސަރުގެ ސާޖަރީއެއް ނެހެދެ އެވެ. އަމްރު ފިޔަވައި ދެން ކެންސަރު ބައްޔާ ގުޅޭ ދިވެހި ޑޮކްޓަރަކަށް ހުންނަވަނީ ކެންސަރާ ގުޅޭ ސާޖަރީގެ ދާއިރާއިން ތަމްރީނު ހޯއްދަވާފައިވާ ޑރ. މުހައްމަދު ޝިފާނެެވެ. ބޭރުގެ ޑޮކްޓަރަކަށް އޭޑީކޭގައި ޑރ. ކަމާލް ރާޖް ވެސް ހުންނަވަ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ކެންސަރު ބަލި ހުރިތޯ ކުރީބައިގައި ބަލަން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އަމްރު ވިދާޅުވި ގޮތުގައި އެއީ ފަރުވާގެ ނިޒާމުގެ ވަރަށް މުހިންމު ބައެކެވެ. ގައުމީ ފެންވަރުގައި ސްކީނިން ޕްރޮގްރާމުތައް ހިންގައިގެން ކުރީބައިގައި ބަލި ހުރިކަން ދެނެގަނެވޭނެތީ މިއީ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އަދި މިއީ އެކަށީގެންވާ ވަރަށް ރާއްޖޭގައި ނުކުރެވޭ ކަމެކެވެ.

ކެންސަރާއި ކިޑްނީ ބައްޔަކީ އެ ބަލިތައް ޖެހިގެން މީސްމީހުން އެހީތެރިކަން ހޯދަން އެންމެ ބޮޑަށް އެދޭ ބަލިތަކެވެ. އަމްރާއި އަހުމަދު ވެސް ވިދާޅުވި ގޮތުގައި ފަރުވާގެ ކަންކަމަށް ވުރެ މިހާރު ހަރަދު ބޮޑީ ބަލި މީހުންގެ ހުރުމާއި ކެއުމުގެ ހަރަދެވެ. ރަށްރަށުން އަންނަ ބަލި މީހުން މާލޭގައި މަޑުކުރަން ޖެހުނަސް އަދި މާލެއިން ރާއްޖެއިން ބޭރަށް ދާން ޖެހުނަސް އެ ހަރަދު ބޮޑުވެ އެވެ.

ކިޑްނީގެ ބައްޔެއް ހުރިތޯ ބަލަން ހަދަން ޖެހޭ ބަޔޮޕްސީ ޓެސްޓަކީ ވެސް ފުރައިގެން މާލެ އައިސް އައިޖީއެމްއެޗަށް ގޮސްގެން ނޫނީ ނެހެދޭ ޓެސްޓެކެވެ. ފަރުވާ ފުރަތަމަ ފަށަން ޖެހޭ ހިސާބަކީ ވެސް އެއީ އެވެ. ކެންސަރަށް ބަލާ ނަމަ، ރާއްޖޭގައި ކެންސަރަށް ފަރުވާ ދެވޭ ހުރިހާ ތަންތަނެއް މި ވަގުތު ހުރީ ވެސް މާލޭގަ އެވެ. އެ ބަލި ޖެހިއްޖެ ނަމަ މާލެއަށް ދިރިއުޅުން ބަދަލުކުރުން ނޫން ގޮތެއް ނޯންނާނެ އެވެ.

ބަލި މީހުންނަށް އުފުލަން ޖެހޭ ތަކުލީފު ކުޑަ ކުރަން، ރާއްޖެއިން ދެވޭ ފަރުވާތައް ފުރިހަމަކުރުމަށް ފަހު، ރަށްރަށުގެ ސިއްހީ ނިޒާމު ވެސް ވަރުގަދަ ކުރުން މުހިންމު ވަނީ މިހެންވެ އެވެ. ނަމަވެސް، ބައްދަން ޖެހޭ ބާގަނޑުތައް ގިނަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454