ޓެރަރިޒަމާ ދެކޮޅު ހަނގުރާމަައަށް 20 އަހަރު، ހާސިލުވީ ކޮން ކަމެއް؟

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ފޭބުމަށް މަތިންދާބޯޓަކަށް އަރަން ދަނީ. ޓެރަރިޒަމާ ދެކޮޅު ހަނގުރާމައަށް ނިމުމެއް ނެތް.

11 ސެޕްޓެމްބަރ 2021 - 08:22

މުޅި ދުނިޔޭގައި ކުރާ ހަނގުރާމައެއްގެ ގޮތުގައި "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" އެމެރިކާއިން އިއުލާނު ކުރި ފަހުން މިއަދާ ހަމައަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. "ސެޕްޓެމްބަރު 11 ގެ ހަމަލާ" ނުވަތަ "9/11 ހަމަލާ" އަށް ދޭ ރައްދެއް ކަމަށް ބުނެ ފެށި އެ ހަނގުރާމައަށް ބަދަލުތައް ގެންނަން ޖެހުނީ މާހިރުން ވިދާޅުވާ ގޮތުގައި، އެމެރިކާއަށް އޮތް ނުރައްކަލުގެ ދަރަޖަ އާއި ބާވަތަށް އަންނަމުން ދިޔަ ބަދަލުތަކެވެ.

"ޓެރަރިޒަމާ ދެކޮޅަށް އަހަރެމެން ކުރާ ހަނގުރާމަ ފެށުނީ އަލްގައިދާއާ އެކު. އެކަމަކު މި ހަނގުރާމަ އެހިސާބަކަށް ނުނިމޭ" ހަމަލާގެ ކުޑަ ދުވަސްކޮޅެއް ފަހުން، ސެޕްޓެމްބަރު 20، 2001 ގައި އެެމެރިކާގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން އޭރުގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް ވިދާޅުވި އެވެ.

އެ ދުވަހު ބުޝް ވިދާޅުވީ އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމޭނީ ހުރިހާ ޓެރަރިސްޓް ޖަމާއަތްތައް ބަލިކުރެވުނީމާ ކަމަށެވެ.

އޭގެ ފަހުން މިއަދަށް 20 އަހަރު ވީއިރު އެމެރިކާއިން ވަނީ ވަރުގަދަ ދެ ހަނގުރާމައެއް ކޮށްފަ އެވެ. އަފްގާނިސްތާނާއި އިރާގަށް އަރައި ކުރި އެ ހަނގުރާމަތަކުގައި އެތައް ހާސް އާއްމުންނެއް ވަނީ މަރުވެފަ އެވެ. އަދި އެތައް ޓްރިލިއަން ޑޮލަރެއް އެ ދެ ހަނގުރާމަައަށް ވަނީ ހަރަދުކޮށްފަ އެވެ. އެކަމަކު އެމެރިކާއަށް އޮތް ނުރައްކާ އަދިވެސް ދަނީ ބޮޑުވަމުންނެވެ. މިހާރުގެ ހާލަތު 2001 ވަނަ އަހަރާ ތަފާތެވެ.

ގިނަ އަދަދެއްގެ މީހުން އެއްފަހަރާ މަރާލަން ހަމާލޭ ޖަމާއަތްތައް ބަލިކަށިވެ، ބައިބައިވެއްޖެއޭ ބުނެވިދާނެ އެވެ. އެކަމަކު އެ ފަދަ ޖަމާއަތްތައް މުޅިން ނައްތައިލުމުގެ ލަނޑުދަނޑި އޮތީ ހާސިލު ނުވެ އެވެ.

އަލްގައިދާއިން 9/11 ގައި ދިން ފަދަ ހަމަލާއެއް އެމެރިކާގެ އަމިއްލަ ފަސްގަނޑުގައި ދެވޭ ފަދަ ޖަމާއަތެއް މިހާރު ނެތް ކަމަށް ބެލެވިދާނެ އެވެ. އެކަމަކު އެ ފިކުރުގެ ޖަމާއަތްތަކާއި އެ ޖަމާއަތްތަކަށް ތާއިދުކުރާ މީހުން ވަނީ މުޅި މެދުއިރުމައްޗަށާއި އޭޝިއާ އަދި އެފްރިކާ އަށް ފެެތުރިފަ އެވެ.

މިދިޔަ 20 އަހަރު ވެސް އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ އަޅުގަނޑުމެން އެއް ސަރަހައްދެއްގައި އޮތް ޓެރަރިޒަމްގެ ނުރައްކަލަކާ ކުރިމަތިލާއިރަށް އެއާ ގުޅިގެން ހިނގާ ކަންތައްތަކެއްގެ ގޮތުގައި އެހެން ސަރަހައްދަކަށް ޓެރަރިސްޓުން ވެެރިވެގަންނަތަން.

އެމެރިކާއަށް ހަމަލާ ދިން އިރު އަލްގައިދާގައި ތިބި ވަރުގަދަ ގިނަ ލީޑަރުން މިހާރު ވަނީ މަރާލާފައި ނުވަތަ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ޖަމާއަތުގެ އޭރުގެ ވެރިޔާ، އުސާމާ ބިން ލާދިން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އަލްގައިދާއަށް ބަލިކަށިކަމެއް ނާންނަ ކަމުގެ ހެއްކަކީ އެ ޖަމާއަތުގެ ގޮފިތައް މިހާރު ވެސް ދުނިޔޭގެ 17 ގައުމެއްގައި ހަރަކާތެރިވަމުން ދިއުމެވެ.

"މިދިޔަ 20 އަހަރު ވެސް އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ އަޅުގަނޑުމެން އެއް ސަރަހައްދެއްގައި އޮތް ޓެރަރިޒަމްގެ ނުރައްކަލަކާ ކުރިމަތިލާއިރަށް އެއާ ގުޅިގެން ހިނގާ ކަންތައްތަކެއްގެ ގޮތުގައި އެހެން ސަރަހައްދަކަށް ޓެރަރިސްޓުން ވެެރިވެގަންނަތަން،" އެމެރިކާގެ ކައުންސިލް ފޯ ފޮރިން ރިލޭޝަންސްގައި މަސައްކަތްކުރައްވާ ކައުންޓާ ޓެރަރިޒަމް އަދި ހޯމްލޭޭންޑް ސެކިއުރިޓީ ފެލޯއެއް ކަމަށްވާ ބްރޫސް ހޮފްމަން އަލްޖަޒީރާ އަށް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއް ސަރަހައްދެއްގައި މަރުކަޒުވެފައި ތިބުމުގެ ބަދަލުގައި ޖިއޮގްރަފިކް ގޮތުން މުޅިން ތަފާތު އެކި ސަަރަހައްދުތަކުގައި ހަރަކާތްތެރިވުމަކީ ޓެރަރިސްޓް ޖަމާއަތްތައް ބަލިިކުރަން އެންމެ އުނދަގޫ ސަބަބެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާއާ އަޅައި ކިޔޭ ވަރުގެ ހަމަލާއެއް އެމެރިކާގެ އަމިއްލަ ފަސްގަނޑުގައި ދިނުމުގެ ގާބިލުކަން އެ ޖަމާއަތްތަކުގައި ނެތިދާނެ އެވެ. އެކަމަކު އެ ޖަމާއަތްތައް ފެތުރެމުންދާ ދިއުމުން ދޭހަކޮށްދެނީ ބުޝް ކަނޑައެޅުއްވި ލަނޑުދަނޑިކަމަށްވާ "ޓެރަރިޒަމް މުޅިން ފުހެލުން" ހާސިލު ކުރުމަށް އޮތް ގޮންޖެހުމުގެ ބޮޑުކަމެވެ.

"ދެހާސް އެއްވަަނަ އަހަރަށް ވުރެ މާ ގިނަ ތަންތަނުގައި އެމީހުން މިހާރު އެބަ އުޅޭ. އެއީ ސުވާލެއް ވެސް އޮތް ކަމެއްނޫން،" ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް އިން ހިންގާ އިންޓަނޭޝަނަލް ސެކިއުރިޓީ ޕްރޮގްރާމްގެ ޑައިރެކްޓަރު، ސެތު ޖީ ޖޯންސް އަލްޖަޒީރާއަށް ވިދާޅުވެފައިވެ އެވެ.

އަފްގާނުން ފޭބުން، ޓެރަރިސްޓުންނަށް މޮޅެއް

ފަހަކަށް އަައިސް އެމެރިކާގެ އަސްކަރީ ސިޔާސަަތަށް ގެނައި ބަދަލުތަކުގެ ސަބަބުން ޓެރަރިސްޓް ޖަމާއަތްތަކަށް ވީ ފައިދާ އެވެ. އަފްގާނިސްތާނުން ސިފައިން ބޭލުމާއި އިރާގާއި ސީރިޔާގައި ތިބި ސިފައިންގެ އަދަދު މަދުކުރުމަކީ ސިޔާސަތުތަކަށް އައި ބަދަލުތަކުގެ ނަތީޖާ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އަފްގާނިސްތާނުން ފޭބި ފޭބުމެވެ.

މާހިރުން ލަފާކުރައްވާ ގޮތުގައި އަފްގާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުންނަށް ލިބުމަކީ ޓެރަރިސްޓް ޖަމާއަތްތައް މީން ދުވަހަކު ވެސް އިންތިޒާމް ނުވާ ވަރަށް އިންތިޒާމްވެ، ރޭވުންތެރިކަމާ އެކު މަސަައްކަތް ފަށަން ލިބުނު ފުރުސަތެކެވެ.

އަފްގާނިސްތާނުގައި ޓެރަރިސްޓް ޖަމާއަތްތައް ކުރިއަރައިދާތަން އަދި ނުފެނުނަސް، އެމެރިކާ ސިފައިން ނެތުމުން، އެ ގައުމު ވާނީ ޓެރަރިސްޓުންނަށް ވަރަށް ރައްކާތެރި ތަނަކަށް ކަމަށް މާހިރުން ގަބޫލުކުރެ އެވެ.

"ތާލިބާން ސަރުކާރެއްް އުފެދުމަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ހާއްޔަކަށް އެގައުމު ވެދާނެ ކަމަށް ބެލެވިދާނެ ސަބަބެެއް. އަޅުގަނޑަށް ހީވަނީ މިހާރު މި ތިބެވުނީ ޓެރަރިސްޓް ޖަމާއަތްތައް އަލުން ކުރިއަރަން ފަަށާ މަންޒަރު ފެނުމާ ގާތުގައި ހެން،" ޖޯންސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވަނީ ހަނގުރާމަ އަދި އެއްގޮތަކަށް ވެސް ނުނިމޭ ކަމަށެވެ.

އެއްވެސް ހާލެއްގައި އަދި އެއްވެސް ގޮތެއްގައި ހަނގުރާމަ އަދި ނުނިމޭ. ވަކިވަކި މީހުންނަށް ހަމަލާދީ މެރުން ދަނީ ކުރިއަށް.

"އެއްވެސް ހާލެއްގައި އަދި އެއްވެސް ގޮތެއްގައި ހަނގުރާމަ އަދި ނުނިމޭ. ވަކިވަކި މީހުންނަށް ހަމަލާދީ މެރުން ދަނީ ކުރިއަށް،" ޖޯންސް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓެރަރިޒަަމާ ދެކޮޅަށް މިހާރު ކުރެވެން އޮތް އެއް ކަމަކީ ތަންތަން ތަރައްގީކުރުމާ އެކު ޑިޕްލޮމެޓިމް ގޮތުން މަސައްކަތްް ކުރުން އދި ޖާސޫސް ކުރާ އިދާރާތައް ވަރުގަދަކުރުމެވެ.

އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ފެށި ހަނގުރާމައެއް ކަމަށް ބުނި ނަމަވެސް އެ ހަނގުރާމައަކީ ހަގީގަތުގައި ޓެރިޒަމާ ދެކޮޅު ހަނގުރާމައަކަށް ނުވި ކަމީ ވެސް ހަނގުރާމައިން މާބޮޑު ކަމެއް ހާސިލު ނުވި އެއް ސަބަބެވެ. އެމެރިކާއިން އަފްގާނިސްތާނަށް އަރަައި އެގައުމު ހިފީ އަލްގައިދާއަށް ހިމާޔަތްދޭ ކަމަށް ބުނެ، އެކަން ހުއްޓުވުމަށެވެ. އެއީ އެމެރިކާގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ކޮންމެވެސް ވަރަކަށް ބަލައިގެންފާނެ ކަމެކެވެ.

އެކަމަކު ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިދޭ ކަމަށް ބުނެ، ހަގީގަތާ ދުރު ވާހަކައެއް ދައްކައިގެން އިރާގަށް އެރި އެރުމަކީ ބަލައިގަނެވޭނެ ކަމެެއް ނޫނެވެ. އިރާގާއި މުޅި ސަރަަހައްދުން އާ ޖަމާއަތްތައް އުފެދުމުގެ އަސްލަކީ ވެސް އެއެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ ވެސް އޭގެ މިސާލެކެވެ.

އެހެންވީމާ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިން އެމެރިކާއަށް ހާސިލުވި ހަމަ އެއްވެސް މޮޅެއް ނެތެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454