ކުނިން ސަލާމަތްކޮށްދޭނެ ބިޔަ މަޝްރޫއެއް!

ކުނި ނައްތާލުމުގެ މައްސަލަ ހައްލުވެގެން ދާއިރު ތިލަފުށި ބަދަލުވެގެންދާނެ ގޮތް ދައްކައިދޭ ކުރެހުމެއް

23 ސެޕްޓެމްބަރ 2021 - 08:45

6 comments

ކުރިން ނަމަ, ބޯ ދުންތަކުގެ ތެރެއިން ތިލަފުއްޓަށް އަރައި ފައި އެޅޭނީ މެހި ފުނި މަތީގަ އެވެ; ވަށައިގެން އޮންނަ ކުނި ފުނީގެ އުނދަގޫ ނުޖެހި ރަށަށް އެރޭނެ ހަމަ އެއްގޮތެއް ވެސް ނޯންނަނީ އެވެ. ކުނިި އުފުލާ އުޅަނދުތަކުގައި އަންނަ މީހުން ވެސް ހޯދަނީ ކޮންމެވެސް ދިމާލަކަށް އޮއްސާލާފައި އަވަހަށް ސަލާމަތްވެވޭނެ ގޮތެކެވެ.

އެހާ ވެސް ގޮނޑު، "ކުނި" ރަށެކެވެ؛

އޮކްޓޯބަރު، 17، 2017 ގައި "މިހާރު"ގެ ފޮޓޯގްރާފަރު ނިޝާން އަލީ ނެގި ފޮޓޯގައި ތިލަފުށި މެހިން ފުރިފައި.

އެކަމަކު ތިލަފުށި މިހާރު އޮތީ މުޅިން ބަދަލުވެފަ އެވެ. މެހީގެ އުނދަގުލެއް، ކުނި ފަރުބަދައިން އަރާ ވިހަ ދުމުގެ ހާސްކަމެއް ވެސް ނެތެވެ.

ކުނި ފުނީގެ ތެރެއިން 15 ހެކްޓަރު އޮތީ ހިއްކައި ތަޅުން އަޅައިފަ އެވެ. އެ ސަރަހައްދުގައި ހަދަމުން ދިޔައީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ކުނި މެނޭޖްކުރަން ބޭނުންވާނެ އިމާރާތްތަކެވެ. އެތަނުގެ ކައިރީގައި ޒަމާނީ ވެހިކަލްތަކާއި މެޝިނަރީޒްތަކާއި ބޮޑެތި ޑަސްބިންތައް ބަހައްޓާފައި ހުއްޓެވެ. މިއީ، ތިލަފުށި ބަދަލުކޮށްލުމުގެ ޕްލޭންގައި އަދި ފެންނަ ކުޑަ މިންވަރެކެވެ.

ކުނީގެ ތިލަފުށިން 15 ހެކްޓަރު ހިއްކައި ބަރު ވެހިކަލް ދުއްވޭ ގޮތަށް ހަދާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު، ގްރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގައި ކުރިއަށް އޮތް ތަނުގައި ތިލަފުށީގެ ކުނި ފަރުބަދަ ފެހިކޮށް، ފެންނާނީ ޒަމާނީ ރީތި ރަށެއްގެ ގޮތުގަ އެވެ. ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅާލައި އެ ޖެހުނު އުނދަގުލުން ސަލާމަތްވާނެ އެވެ. އެއްތަނުން އަނެއް ތަނަށް ކުނި އުފުލައި ނައްތާލާނީ ވެސް ރައްކާތެރިކަމާ އެކުގަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ފެށި، 210 މިލިއަން ޑޮލަރުގެ މި މަޝްރޫއު ހިންގަނީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) އާއި ޓެކްނިކަލް އެސިސްޓަން ސްޕެޝަލް ފަންޑް (ޓީއޭއެސްއެފް) ގުޅިގެންނެވެ.

ދެ ފިޔަވައްސަށް ބަހާލާފައި އޮތް އިރު މައިގަނޑު އަމާޒަކަށް އޮތީ ތިލަފުށީގައި ބިން ހިއްކުމާއި ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުނީގެ ފަރުބަދައިން ދުން އެރުން ހުއްޓުވުމެވެ.

ފުރަތަމަ ފިޔަވަހި: 40 މިލިއަން ޑޮލަރު

އޭޑީބީ: 33 މިލިއަން ޑޮލަރު

ޖަޕާން ފަންޑް: 2 މިލިއަން ޑޮލަރު

ޓީއޭއެސްއެފް: 500،000:

ދިވެހި ސަރުކާރު: 4 މިލިއަން ޑޮލަރު

ފުރަތަމަ ފިޔަވަހި ނިމޭއިރު، ދުޅަހެޔޮ ދިރިއުޅުމުގެ މާހައުލެއް މާލެ ސަރަހައްދުގައި އުފެއްދުމަކީ މި ޕްރޮޖެކްޓުން ނެރެން ބޭނުންވި ނަތީޖާ އެވެ.

ތިލަފުށީގައި މުވައްޒަފުންތަކެއް މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ފިޔަވައްސަށް ކަނޑައަޅާފައި ވަނީ 129 މިލިއަން ޑޮލަރެވެ. މި މަޝްރޫއު ނިންމަން އޮތީ 2024 އަށެވެ.

މަޝްރޫއުގެ ޚުލާސާއެއް

- މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން 32 ރަށަކަށް އަމާޒުކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމްކުރުން.

- ދެ ފިޔަވައްސަކަށް ހިންގާ މި މަޝްރޫއުގައި ތިލަފުއްޓަކީ ކުނި މެނޭޖްކުރާ މަރުކަޒު

- ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހަދާނެ.

- ރަށްތަކުގެ ކުނި ފުނި ގެންނާނީ މާލެއަށް

- 32 ރަށުގައި ކުނި ކޮށި ގާއިމްކޮށް، ބަދަލުވާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް

- ކުނި އުފުލައި ތިލަފުއްޓަށް ޖަމާކުރުމުގައި ރައްކާތެރި ނިޒާމެއް.

- ކުނި ބޭލްކޮށް، އަންދާނީ އިންސިނިރޭޓާގައި

ކުނި އުފުލަން ހާއްސަކޮށްފައިވާ ވެހިކަލްތަކެއް: ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒް ވަނީ ހަމަކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިލަފުށި: ކުނި މެނޭޖްކުރާ މަރުކަޒަކަށް

ކުނީގެ މައްސަލަ ބޮޑު ރާއްޖޭގައި ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ނައްތާލެވޭނެ ރަނގަޅު އިންތިޒާމެއް ނެތުމެވެ. މިކަން ކޮޅެއްގައި ޖައްސަން މީގެ ކުރިން ވެސް މަޝްރޫއުތައް ހިންގި އެވެ. އެކަމަކު މާ ބޮޑު ނަތީޖާއެއް ނުނެރެވެ އެވެ.

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު ޖަލީލް ވިދާޅުވީ މި މަޝްރޫއުގައި ހައްލު ހޯދެނީ ހަމައެކަނި މާލެ ސަރަހައްދަކަށް ނޫނެވެ. ރާއްޖެއަށް ކުރިމަތިވެފައި އޮތް ކުނީގެ ކާރިސާއަށް މި މަޝްރޫއުން ބޮޑު ހައްލެއް ލިބޭނެ އެވެ.

މަޝްރޫއު ނިމޭއިރު ތިލަފުށި އޮންނާނެ ގޮތް.

މަޝްރޫއުގައި އަމާޒު ހިފާފައި ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން (ކ. އއ. އދ. ވ) އަތޮޅުގެ 32 ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކަމަށް ވިދާޅުވި އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ތިލަފުށި ބަދަލުވަނީ ކުނި މެނޭޖްކުރާ މަރުކަޒަށެވެ. ހާއްސަ ޓްރާންސްފާ ސެންޓަރުތަކެއް މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ހަދާނެ އެވެ.

ގޭގެ އާއި އޮފީސްތަކުން ނެރޭ ކުނިތައް ޓްރާންސްފާ ސެންޓަރުތަކަށް ގެނެސް ބަރުކުރާނީ ކޮންޓެއިނަރުތަކަށެވެ. މި ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންނާނީ އުފުލިތަކުގައި ރައްކާތެރިކަމާ އެކުގަ އެވެ. މި މަޝްރޫއުގެ ދަށުން ކުނި އުފުލަން ހާއްސަ ތިން އުޅަނދެއް ބަންނާނެ އެވެ.

"މާނައަކީ ކުނި އުފުލާއިރު މޫދަށާއި މަގުތަކަށް ކުނި އެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އިމްޖާދު ވިދާޅުވި އެވެ.

މަޝްރޫއުގެ ތަފްސީލްތައް ކޮމިއުނިކޭޝަން ސްޕެޝަލިސްޓު އިމްޖާދު "މިހާރު"ގެ ނިއުސް ޓީމަށް ކިޔައިދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވަކި ތާވަލެއްގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް ރަށްރަށާއި މި ސަރަހައްދުގެ 75 ރިސޯޓުން ވެސް ކުނި ނަގާނެ އެވެ. މި ކުނިތައް ތިލަފުއްޓަށް ގެންގޮސް ބަހައްޓާނީ ބެއިލްކޮށްފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި ނިމޭއިރު މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ.

ތަޅާލައި ވައްޓާލާ އިމާރާތްތައް އަލުން މާކެޓަށް

މާލެ ސަރަހައްދުގައި ބިމާ ހަމަކޮށްލާ އިމާރާތްތައް ތިލަފުއްޓަށް ގެންގޮސް ބަހައްޓަން ޖެހެނީ ފުންޏަކަށް ޖަހައިފަ އެވެ. މިކަމަށް ވެސް ހައްލެއް ހޯދާނެ އެވެ. ކޮންސްޓްރަކްޝަން އަދި ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކުން ބޮޑެތި ކޮންކްރީޓް ތަނބުތަކާއި ބީމްތައް އެކި ސައިޒުތަކަށް ކުދިކޮށްލާނެ އެވެ.

ކުނި ފަރުބަދައިން ބާވަތްތައް ވަކިކުރަނީ: މީގެ 29 އަހަރު ކުރިން ފެށިގެން ކުނި ޖަމާކުރަން ފެށި މި ފަރުބަދައިން ވަނީ އެކި ބާވަތްތައް ވަކިކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތިން ސައިޒެއް ނުވަތަ ފަސް ސައިޒަކަށް އެ އެއްޗެހި ކުދިކޮށްލެވޭނެ. މީގައި ވެސް މާކެޓެއް އޮތިއްޔާ އެ ހިސާބަކަށް ގެންދެވޭ ގޮތް ހަދާނެ" އިމްޖާދު ވިދާޅުވި އެވެ.

"މިސާލަކަށް އުކުޅަސް، ރަސްދޫ ފަދަ ޓޫރިޒަމަށް މަޝްހޫރު ރަށްރަށުގެ ބީޗު ސަރަހައްދުގައި ގާފުނިތައް ބެހެއްޓުން ވެސް ނިމުމަކަށް އަންނާނެ."

ވެހިކަލްތަކުން ތޮއްޖެހިފައި އޮތް މާލޭގެ މަގުތަކަށް ޖަމާވާ ބާ ވެހިކަލްތަކުން ވެސް ސަލާމަތްކަން ހޯދޭނެ އެވެ. އެ އެއްޗެހި ރޫޅައި ކޮށައި ކުދިކޮށް މާކެޓެއް އޮތް ނަމަ އެކަން ކުރަން ޕްލޭންގައި އޮތީ ރާވައިފަ އެވެ.

"ފަސޭހަ ދާއިމީ ހައްލެއް، ނަމޫނާ ޕްރޮޖެކްޓެއް"

ކޮވިޑުގައި ތާށިވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މި މަޝްރޫއުގެ މަސައްކަތެއް ނުހުއްޓެވެ.

ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ޒަމީލް ވިދާޅުވީ ޕްލޭންކޮށްފައި އޮތް މުއްދަަތަށް ވުރެ މަޝްރޫއު ލަސްވާން ބޭނުން ނުވީ ކަމަށެވެ. ހުރިހާ ސާމާނުތަކެއް ހޯދުމުގެ އިތުރުން ތިލަފުއްޓަށް ގެނެސް ބަހައްޓާ ސަރަހައްދު ވެސް އަންނަ މަހުގެ ނިޔަލަށް ނިމޭނެ އެވެ. ރަށްރަށުގައި ކުނި ކޮށިތައް އެޅުން ވެސް މި އަހަރުގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ތިލަފުށީގައި: މި މަޝްރޫއުން ހޯދައިދެނީ ކުނީގެ މައްސަލައަށް ޖުމްލަ ހައްލެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި ނިމޭއިރު މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ޒަމީލް ވިދާޅުވި އެވެ.

މި މަޝްރޫއުގައި ކާމިޔާބަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

"ޖުމްލަކޮށް ފުރިހަމަ ނަތީޖާއެއް ނުކުންނާނެ ގޮތަށް ދިރާސާކޮށް ޑިޒައިންކޮށް އެއަށް ބޭނުންވާ ސާމާނު ހޯދައި އިމްޕްލިމެންޓްކޮށް އެއް ނިޒާމެއްގެ ތެރެއިން ހުރިހާ ކަމެއް ކުރިއަށް ގެންދާ އެންމެ ބޮޑު ވޭސްޓްމެނޭޖްމަންޓް މަޝްރޫއު މިއީ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ފައްކާކުރާ މި މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ ކުނި ނައްތާލުމުގައި މިސާލު ގާއިމްކުރެވޭނެ ކަމަށެވެ.

"ސަބަބަކީ މި މަޝްރޫއުގައި އެހާ ގިނަ އަދަދަކަށް އިންޓަނޭޝަނަލް ފަންޑިން އޮގަނައިޒޭޝަންތަކެއް ހިމެނޭ ގޮތަށް ގެންދެވޭތީއާ އެކު މީގެއިން ކާމިޔާބު ނަތީޖާއެއް ނެރެން އެ ބޭފުޅުން ވެސް ބޭނުންވާނެ."

ތިލަފުށިން މިހާރު ފެންނަނީ އެ މަންޒަރެވެ. ރާއްޖެއަށް ކުނިން ސަލާމަތްވެ ފަސޭހަ ދާއިމީ ހައްލެކެވެ. މި ނަމޫނާ މަޝްރޫ އިން ދެން އޮތީ އެހެން ރަށްތަކަށް ހައްލު ހޯދުމެވެ.

6 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމިދު ޝާހިދު

23 September 2021

މީ ބޮޑު ކޮރަޕްޝަނެއް. ބޮޑު އޮޅުވާލުމެއް. މިކަން ވެސް ނިމޭނީ ތިގޮތަށް.

The name is already taken The name is available. Register?

ހިތަދޫ 2

23 September 2021

މޮޅެތި ވާހަކަ ނުދައްކާ އެކަން ކުރަން އެންމެ އެކަށީގެންވާ ކުންފުނިން ކުރި ބިޑް ރެޖެކްޓް ކޮށް އަދި އެމީހުނަށް އެދެވޭ ސަބަބެއްވެސް ނުދައްކާ ކަޓް ނެގުމުގެ ޑީލް މިހާރުވެސް ހަދަނީ.. ތިޔައީކީ ފޮނިކަނޑަން ދައްކާ ވާހަކަ.. ދެން މިހާރުވެސް މި ކޮމެންޓް ނުޖަހާތި އިނގޭ! :(

The name is already taken The name is available. Register?

ހުސެންކޮ

23 September 2021

ޝުކުރިއްޔާ ރައީސް ޔާމީން.

The name is already taken The name is available. Register?

ކިހާވަރެއް

23 September 2021

ތިބުނާ މީހެއްގެ އެކައުންޓަށް މީގެން ކިހާވަރެއް ނެގިބާ؟ އެކައުންޓަށް ބައެއް ކަހާނުލާ އެންމެ ކަމެއް ނުކުރޭ، މީވާ ފިސާރި އިކޮނޮމިސްޓެއް!! މައްސަލައަކީ، ކިތަންމެ ވަރަކަށް ކެޔަސް، ވައްކަންކުރިޔަސް، އަނިޔާވެރިވިޔަސް، މިމީހުނާގެން ބަޔަކު މޮޔަވާތީ. ތިމާ ތާއީދުކުރާ މީހާވެއްޖެއްޔާ، އެއީ ހަމަ ހުދު ފޮތިކޮޅެއް.

The name is already taken The name is available. Register?

ޙަބީބު

23 September 2021

ކޮބާ ހދ އައްޑޫ ފުއްވައް މުލައް ތިނަދޫ އެ މީހުނައް އޮތީ ވޯޓުލައިގެން އަތްޖެހުން އެކަނިދޯ ނޫނޭވޭ ތަރައްގީއެއް ތިޔަގެނެސްދެނީ އޮޅުވާލު މާ މަކަރުން ބަލަތިޔަ ތިލަފުށި ގުޅީފަޅު ހުޅު މާލެ ކުނީގެ މައްސަލަޔަކީ ޔާ މިނު ވެރިކަ މުގަ ޕުލޭންކޮއް ބަޖެޓު ކަނޑައަޅާ ބަޔަކާ ހަވާލުކުރެވިފަ ހުރި ކަންކަން ކުންފުންޏެއް އުފައްދާ ބަންގާޅުން އަތުން ކުނިކޮތަޅުއަތުލާ މާ މާލޭގެ ކުނިފަރުބަދަތައް އިންތިހާބައް އަންދާލުން ހުއްޓުވީ އެގޮތުގެ ތެރެއިން

The name is already taken The name is available. Register?

ފފފފފ

23 September 2021

ކޮރަޕްޓްވެފަ އޮތް އެއްޗެއް. ރަނގަޅު އެއްޗަކުން ނޫނީ ރަނގަޅު އެއްޗެއް ނުކުންނާނެތަ؟ ޑްރަގް ވިއްކައިގެން ލިބޭ ފައިސާއިން ދަރިންނަށް ކާން ދިނީމަ ބޮޑެތި ބަލިތައް ޖެހި އަޚްލާޤު ނުބައި މައިންމަފައިނަން އަޅާނުލާ ވިޔާނުދާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިވާނީވެސް. ހަމަ އެގޮތަށް ރިޝްވަތު ދީގެން ހައްޤު ނޫން ބަޔަކަށް މަޝްރޫޢު ދިނުމުން ތީގެ ނަތީޖާ ނުބައިވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454