7،000ރ. އިން ދުވެލި ބާރުވެދާނެތަ؟

ސިވިލް ސާވިސް މުވައްޒަފުންތަކެއް މަސައްކަތުގައި: ސިވިލް ސާވިސް މުވައްޒަފުންނަށް 7،000ރ. މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވޭ--ފޮޓޯ: ނިޝާން އަލީ/މިހާރު

ވަރަށް ގިނަ އަހަރުތަކެއްގެ އިންތިޒާރަށް ނިމުން އައީ އެވެ! މިނިމަމް ވޭޖް މިއޮތީ ކަނޑައަޅައި ގާތްގަނޑަކަށް ނިމިފަ އެވެ. ސަރުކާރުން ހުށަހެޅި ގޮތަށް އެ ނިންމުން މިނިމަމް ވޭޖް ބޯޑުން ފާސްކުރީ އެވެ. އެ ގަރާރު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނެރެ، އެއަށް އަމަލުކުރަން ފެށުމާ އެކު، މުސާރަ ދަށް ކަމުގެ ޝަކުވާ ނިމުމަކަށް އައުން ގާތެވެ!

އެކަމަކު މުޅިން އެހެނެއް ވެސް ނޫނެވެ؛ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކުއްޔާއި އެހެނިހެން ކަންކަން އޮތް ހާލަތުން، މިނިމަމް ވޭޖް އެއީ އެންމެން އުފާ ކުރާވަރުގެ އަދަދަކަށް ވެސް ނުވެ ހިނގައިދާނެ އެވެ. ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ މަހަކު 7،000ރ. ކަމަށް ހެދިޔަސް، އެއީ މިއަދަށް ބަލާއިރު އެކަށީގެންވާ ވަރުގެ އަދަދެއް ނޫން ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ވެސް އެބައުޅެ އެވެ. އަނެއްކޮޅުން މިހާރު މަހަކު 5،000ރ. ވަރު ލިބެމުން އަންނަ އެތައް ސަތޭކަ ބަޔަކަށް އެއީ ހިނިތުން ވުމަކަށް ވެސް ވާނެ ކަމެކެވެ.

ސިވިލް ސާވިސްގެ ކުރީގެ ރައީސް އަލީ ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި މިނިމަމް ވޭޖްގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7،000ރ. ރަނގަޅެވެ.

"އޭގެ މާނައަކީ ސިވިލް ސާވިސްގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި މުވައްޒަފުންގެ މުސާރަ ބޮޑުވާނެއޭ،" އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންތަކެއް ހިނގާފައި ދަނީ. ސަރުކާރު ބައެއް މުވައްޒަފުން ބުނަނީ މިިނިމަމް ވޭޖްގެ އަދަދަކީ ރަނގަޅު ފެށުމެއް ކަމަށް--ފޮޓޯ:ނިޝާން އަލީ/ މިހާރު

"ސަޕޯޓް ސްޓާފުންގެ ތެރެއިން ހަމަ ވަރަށް ގިނަ ބައެއްގެ މުސާރަ ބޮޑުވެގެންދާނެ."

އެކަމަކު ސިވިލް ސާވިސްގެ މުވައްޒަފަކު މަހަކު 7،000ރ. އަށް މާލޭގައި ދިރިއުޅެވިދާނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ހަރަދުތައް ބޮޑުވެ، ކުއްޔާއި އެހެނިހެން ކަންތައްތައް އެވަރުގެ އަދަދަކުން ސަލާމަތްވެދާނެތޯ އެއީ އޭނާގެ އިތުރުން އެހެން ބައެއް މީހުން ވެސް ބޮޑު ސުވާލެކެވެ!

"މިއީ ކިހިނެއް ކަނޑައެޅި އަދަދެއްތޯ،" މިނިމަމް ވޭޖް ބޯޑުން ނިންމި ނިންމުމާ ދޭތެރޭ ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު ހިޔާލުފާޅުކުރި އެވެ.

އަނެއްކޮޅުން ދަށް މުސާރަތައް ލިބެމުން އަންނަ މީހުންގެ ހިޔާލު ވަރަށް ތަފާތެވެ.

ސިވިލް ސާވިސްގައި 15 ވަރަކަށް އަހަރު ވަންދެން މަސައްކަތް ކުރި، އަދި މިހާރު ވެސް އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ބުނި ގޮތުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ކޮންމެ މަހަކު ވެސް ގެއަށް ގެންދަން ލިބެނީ 5،000ރ. އެވެ.

"މިނިމަމް ވޭޖު ބޯޑުން ކަނޑައެޅި އަދަދާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ. އުންމީދުކުރަން އަވަހަށް މިއަށް އަމަލުކުރާނެ ކަމަށް،" އޭނާ ބުންޏެވެ.

މުވައްޒަފުންތަކެއް މަސައްކަތުގައި. މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެންމެ ކުޑަ އުޖޫރައަކަށް 7،000ރ. ވާނެ.--- ފައިލް ފޮޓޯ: މިހާރު

ސިވިލް ސާވިސް މުވައްޒަފުންނަށް މިހާރު އެންމެ ދަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބެނީ 5،300ރ. އެވެ. އެހެން ކަމުން މިނިމަމް ވޭޖާ އެކު އެންމެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް ވެސް 2،000ރ. އިތުރުވާނެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި އަދަދާ ދޭތެރޭ އޭނާ ހިތްހަމަޖެހިވަޑައިގަނެ އެވެ.

"މިއީ ހަމަ ރަނގަޅު އަދަދެއް. މިވަރުގެ އަދަދެއް ލިބޭ ނަމަ އިތުރު އެލަވަންސްތަކާއި އިތުރު ގަޑިއާ އެކު ބައެއް މުވައްޒަފުންގެ މުސާރަ 7،000ރ. އަށް ވުރެ ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އޭނާ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އިރު ވެސް މުވައްޒަފުންގެ އެންމެ ބޮޑު ޕްރެޝަރަކަށް ވެފައި އޮތީ މުސާރަ ދަށްވުމެވެ.

"މި އަދަދުން އެކަމަށް ހައްލެއް އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންތަކެއް: މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައާ މެދު ވަނީ ގޮތެއް ނިންމި ނަމަވެސް ތަންފީޒު ކުރަނީ އިކޮނޮމިކް މިނިސްޓަރު.-- ފައިލް ފޮޓޯ: މިހާރު

ރަނގަޅު ބަދަލަކަށް ވާނެ: ޕޭކޮމިޝަން

މިނިމަމް ވޭޖާ އެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު، އަދި ޕޭ ކޮމިޝަންގެ ރައީސް އިބްރާހިމް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މުސާރަ ހަމަ ހަމަ ކުރުމުގައި ޕޭ ކޮމިޝަނުގެ މަސައްކަތްތަކާއި މިނިމަމް ވޭޖެއް ކަނޑައެޅުމާ ގުޅުންތަކެއް އޮންނާނެ ކަމަށެވެ. އެ ދެ މަސައްކަތުން ވެސް މުވައްޒަފުންގެ މުސާރަތަކަށް އަންނާނީ ހެޔޮ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ -- ފޮޓޯ: މިހާރު

"އަޅުގަނޑު ދެކޭ ގޮތުގައި މިނިމަމް ވޭޖް ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކަނޑައަޅާ. ޕޭ ހާމަނައިޒް ސްޓްރަކްޗާއަކަށް ދިޔައިމަ ވެސް އަޅުގަނޑުމެންނަށް ފެންނާނެ ގިނަ ބޭފުޅުންނަށް ގެއަށް ގެންދަން ލިބޭނެ 7،000ރ.،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅިއިރު، ސިވިލް ސާވިސް އަށް ބޭނުންވާ އެންމެ މުހިންމު އަނެއްބައި، ނުވަތަ މުސާރައިގެ ފަރަގުތައް ނައްތާލުމުގެ މަސައްކަތުގެ ވެސް 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ ސަބަބުން ސިވިލް ސާވިސްގައި މިހާރު ހުރި ވަރަށް ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވީ ޕޭ ކޮމިޝަނުން މުސާރަތަކުގެ ފަރަގުތައް ކުޑަ ކުރުމުގެ ތެރޭގައި، އެ މީހަކު އަދާ ކުރާ ވަޒީފާއަކީ އެކަށީގެންވާ މުސާރައެއް ލިބޭ ވަޒީފާއެއްތޯ ވެސް ޔަގީން ކުރި ކަމަށެވެ. މުސާރަ އެކުލަވައިލުމުގައި އެ މީހެއްގެ ފަންނުވެރިކަން ބޭނުންވާ މިންވަރާއި ގާބިލްކަން ބޭނުންވާ މިންވަރާއި ވަޒީފާ އަދާ ކުރުމުގައި ނަގާ ރިސްކަށް ބަލާފައިވެ އެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ޓީޗަރުންނަށް ބެލިކަމުގައި ވިޔަސް ޑޮކްޓަރުންނަށް ބެލިކަމުގައި ވިޔަސް އަދި އެހެނިހެން ސެކްޓާތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް ނުދެވޭ ހައްގު މުސާރައެއް. އެ ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އެއް އޮފީހެއްގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މުސާރަ އާއި އެހެން މުއައްސަސާއެއްގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މުސާރައިގެ ވަރަށް ބޮޑު ފަރަގުތައް އެބަހުރި."

ސިވިލް ސާވިސްގެ މައްސަލަތައް ހަގީގަތުގައި ފެންމަތިވާ ހިސާބަކީ މުސާރަ ދަށްވުމާއި މުސާރަތަކުގައި ހުރި ފަރަގުތައް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. މުވައްޒަފުން ދޭ ހިދުމަތްތަކަށް އެޅެނީ އެ ހިޔަންޏެވެ. މުވައްޒަފުންގެ ހިތުގައި އޮންނަނީ ވެސް އެ ބޭއިންސާފު ކަމެވެ. މި ހުރިހާ ކަމެއް ހަމަޖެހުމާ އެކު، ދެން އޮތް ސުވާލަކީ މުވައްޒަފުންގެ އެފިޝަންސީ ރަނގަޅުވެދާނެތޯ އެވެ؟

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިބޫނީ

07 October 2021

ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ލިވިންގްއެލަވަންސާއި އެހެނިހެން އެލެވެންސް ލިބޭ..އަނެއް ބަޔަކަށް ނުލިބޭ..

The name is already taken The name is available. Register?

މިނިވަން މުއައްސަސާތައް

07 October 2021

މި އާޓިކަލްގަ ވެސް، ސަރުކާރުގެ ބައެއް މުއައްސަސާތަަކުގެ މުސާރަތަކުގެ ފަރަގު ބޮޑުވުމުން، އަދި މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުވުމުން، އެހެން އޮފީސްތަކުގައި މަސަކަތްކުުރާ ތަޖްރިބާހުރި މުވައްޒަފުން، ބުނެވިދިޔަ މުއައްްސަސާތަކަށް ބަދަލުވާ ވާހަކަ ބަޔާންވެފައި ނުވޭ. އަދި ރައީސް އޮފީހުގެ މުސާރަ ވަރަށް ބޮޑުތަނުން ބޮޑުވުން.... ފާހަގަކޮށްފައި ނުވޭ.

The name is already taken The name is available. Register?

ާއަބްދު

07 October 2021

ކިތަންމެ ބޮޑުވިޔަސް ނުވާނެ!. ޢެމީހުން ޒިންމާދާރު ކުރުވާނެ ނިޒާމެ ނެތީމާ. ކިތަންމެ ނާގާބިލަސް އިސްލޙު ނުވެ މާގާމު ދެމި ހުރެވޭނަމަ ނުވާނެ އިސްލާހެއް!

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

07 October 2021

ދުވެލިބާރުކުރަންޏާ ޖެހޭނީ މުޣުނީގާތުގާ ބުނެގެން އިންޖީނުތަކުގެ ހޯސްޕަވަރު ދެތިންގުނަ އިތުރުކުރާން. ނޫނީ ދުވަލިއޮންނާނީ މިހާރުވެސް މިއޮންނަ ބަރަވެލި ސްޕީޑުގޭ. އެހެންގޮތަކަށްބުނަންޏާ 2-ޓީ ސްޕީޑުގާ.

The name is already taken The name is available. Register?

ސަސި

07 October 2021

އާދައިގެ ސިވިލް ސާވިސް 15 މުވައްޒަފުންނަށް ދެވޭ އަދަދަށް އެންމެ މަޖިލިސް މެންބަރަކަށް މުސާރަ އެބަދެވޭ. ސަރުކާރަށް ބަލަދުއަރާ 100 އަށް ވުރެ ގިނަ ބޭކާރު ސިޔާސީ މަގާމު އެބަހުރި، މި މީހުންްނަށް ކުރާ ހަރަދުތައްވެސް ލިޔެލާތި އެހެން ފަހަރަކުންް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454