ޓްރާންސްޕޯޓް: ލަސް ހިދުމަތުގެ ނަމޫނާ އެއް އޮފީސް!

"ބޮޑު ބޮލުގެ ރިހުމެއް ޒަމާނުއްސުރެން ޓްރާންސްޕޯޓަކީ. ބަދަލުތަކެއް އަޔަސް ހިދުމަތް ފަސޭހައެއް ނޫން."

މިއީ، މިއަދާ ހަމައަށް ވެސް ޓްރާންސްޕޯޓާ މެދު ނިމުމެއް ނެތް ޝަކުވާ އެވެ.

ހިދުމަތެއް ހޯދަން ދިގު ކިޔޫތަކުގައި ގިނަ ގަޑިއިރަކީ އުނދަގޫ ކަމެކެވެ. ބުރަ ދިރިއުޅުމުގައި އެންމެން ވެސް އެދެނީ ވީހާ ވެސް އަވަސް ފަސޭހަ ހިދުމަތަށެވެ. މައުލޫމާތެއް ހޯދަން ގުޅުމުން އިޖާބަދިނުމަށެވެ. ހާއްސަކޮށް ސަރުކާރުގެ އޮފީސްތަކުންނެވެ.

ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ހިދުމަތްތައް ޒަމާނީކޮށްލައި ލުއިފަސޭހަ ކަމާއި ހިތްހަމަޖެހުން ރައްޔިތުންނަށް ހޯދައިދެވެން އެބައޮތެވެ. ދިގު ކިޔޫއެއްގައި އިންނާކަށް މިހާރު ހަގީގަތުގައި ނުޖެހެ އެވެ.

އެކަމަކު އާސިމް ތައުފީގާއި މުހައްމަދު ޝާފީގެ އިތުރުން އަހްމަދު ހަލީމް އިއްޔެ ވެސް ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ތިބީ ހިދުމަތާ މެދު ހިތްހަމަނުޖެހިފަ އެވެ.

"ފަސޭހައެއް ނޫން. ވަރަށް އުނދަގޫ،" އަތުގައި އޮތް ނަމްބަރަށް ހިދުމަތް ލިބޭނެ އިރެއް ނޭނގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ހަލީމް ބުންޏެވެ.

ހިދުމަތް ހޯދަން މީހަކު ޓްރާންސްޕޯޓް އޮތޯރިޓީން ނަމްބަރެއް ނަގަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރު މުވައްޒަފުންގެ ހުރި ޝަކުވާތަކުގެ އަޑާއި ވަޒީފާ އަދާކުރާ މިނިސްޓްރީތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން "މިހާރު"ން އެއްކުރި މައުލޫމާތުތަކުން، ގިނަ ބަޔަކު އެދޭ ވަރަށް ވުރެ ލަހުން ހިދުމަތް ލިބޭ އަދި ތަކުލީފު އުފުލަން ޖެހޭ އެއް ތަނެއްގެ ގޮތުގައި އަދިވެސް އޮތީ ޓްރާންސްޕޯޓް މިނިސްޓްރީ އެވެ. މި ނޫނަސް ހިދުމަތް ލަސްކަމަށް ބުނެ ބައެއް ތަންތަނާ މެދު ހިތްހަމަނުޖެހުން އެބައޮތެވެ.

ޓްރާންސްޕޯޓަށް ފަސޭހަ އިން އިނގިލި ދިއްކޮށްލެވެނީ އާއްމުންނާ ގުޅޭ ގިނަ ހިދުމަތެއް ކޮންމެ ދުވަހަކު ފޯރުކޮށްދޭން ޖެހޭ ތަނަކަށް ވާތީ އެވެ.

ޒަމާނުއްސުރެ ވާރުތަވަމުން އައި މައްސަލަތަކާ އެކު އެ މިނިސްޓްރީއާ މެދު ޝަކުވާ ބޮޑެވެ. ސަރުކާރުތަކުން މި މައްސަލަތަކުގެ ހައްލަށް މަސައްކަތްތަކެއް ކޮށްފި އެވެ. ހިދުމަތް ލުއި ފަސޭހަ އަދި އަވަސްވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަމާ އެކު ބަދަލުތަކަށް މަސައްކަތް އަދިވެސް އެބަކުރެ އެވެ.

އެކަމަކު ޓްރާންސްޕޯޓުން ހިދުމަތް ހޯދަން ގޮސް ތިބި މީހުންނާ "މިހާރު"ން ސުވާލުކުރިއިރު އަދިވެސް ބުނަނީ "ރަނގަޅު ކުރަން ޖެހޭ ކަންކަން ބައިވަރު" ކަމަށެވެ.

އާއްމުންގެ މީހަކު ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ ސަރުކާރުގެ ވެސް ސަމާލު ކަމަށް އައިސްފައި އޮތް މައްސަލައެކެވެ. ޓްރާންސްޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީއާ ދެމެދު ހުރި ގާނޫނީ ފުށުއެރުންތަކަކީ ހިދުމަތްތައް ލަސްވުމުގެ އެއް ސަބަބު ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުގެ ބެލުމުގެ ދަށުން އެތަނުގެ އޮނިގަނޑު ރަނގަޅުކުރަން މަސައްކަތް ފަށައި، އޮޑިޓެއް ވެސް އަންނަނީ ހަދަމުންނެވެ.

"ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލައި މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާ އެކު ހަލުވި ކަމެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެނީ" ރައީސް ވިދާޅުވެފައިވެ އެވެ.

"އެންމެންނަށް ފަސޭހައެއް ނޫން، ވަކި ބަޔަކު ލައްވައި ކުރުވޭ"

އާސިމް ބުނި ގޮތުގައި އޭނާގެ ލައިސަންސް ކާޑު ނިމުނުކަން އެންގީ ހިދުމަތަށް އެދުނުތާ ފަސް ދުވަސް ފަހުންނެވެ. ވަރަށް ފަހުން ހިދުމަތް ފެށި އޮންލައިން ޕޯޓަލް މެދުވެރިކޮށް ޑޮކިއުމެންޓް ހުށަހެޅިއަސް އިތުރު ކަމެއް ސާފުކުރަން ގުޅުމުން ފޯނަށް ޖަވާބެއް ނުލިބުނެވެ. އެހެންވެ މިނިސްޓްރީއަށް އައީ އެވެ.

ދިމާވި މައްސަލަ ޓްރާންސްޕޯޓް މުވައްޒަފެއްގެ އެހީތެރިކަމާ އެކު ހައްލުކޮށް ހުޅުމާލެ ދިޔަތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް ޑޮކިއުމެންޓެއް މަދުވާތީ އޮންލައިންކޮށް ހުށަހަޅަން އެދުމުން އެކަން ކުރަން އުޅެގެން ނުވީ އެވެ. ދެން ވެސް އޭނާ އަންނަން ޖެހުނީ މިނިސްޓްރީއަށެވެ.

"މިއަށް ވުރެ ލުއި ގޮތްތަކެއް މިކަމުގައި ހޯދައި ދެވޭނެ،" އޭނާ ބުންޏެވެ.

"އޮންލައިންކޮށް ފޮނުވަން ޖެހޭއިރު އެކަން ނުކުރެވޭ މީހުން އައިސް މިތަނުގައި ތިބެ ގަޑިތަކެއް ހޭދަކުރުން ބަލައެއް ނުގަނެވޭ."

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ސްޓާސިނަމާ އިމާރާތަށް ބަދަލުކުރި ފަހުން ހިދުމަތެއް ހޯދަން އަލަށް ދިޔަ ޝާފީ ހިތްހަމަނުޖެހުނު އެއް ކަމަކީ ނަމްބަރު ދޫކުރަން ބިދޭސީއަކު އިނުމެވެ.

"އެހީމަ އޭނައަކަށް ފުރަތަމަ ނޭނގުނު ވާންވީ ގޮތެއް ވެސް. ސަރުކާރު އޮފީސްތަކުގައި ހިދުމަތްދޭ އިރު އެއީ ގޭޓުން ކަމަށް ވިޔަސް ދިވެއްސަކާ ދިމާވުން މުހިއްމު."

އެތަނުގައި އޭނާ ހޭދަކުރި ވަގުތާ މެދު ވާހަކަ ދައްކަމުން ބުނީ މި ޒަމާނުގައި ހިދުމަތް ލިބެން ޖެހޭ ވަރަށް ވުރެ ޓްރާންސްޕޯޓުގެ ދުވެލި އުޅެނީ މާ ލަސްކޮށް ކަމަށެވެ.

"ނިމިފައި އޮތް ކާޑެއް ވީމަ އަޅުގަނޑު އެ ބަލާ އައިސް މިހާ ގިނައިރު ވެގެން ނުވާނެ،" އޭނާގެ ކުރިން 43 މީހުން ހޯދަން އެދިފައި ތިބި ކަން ފާހަގަކުރަމުން ބުންޏެވެ.

"ރާއްޖޭގައި އެބަހުރި ފާސްޓް ސާވިސަސް. ކޮވިޑު ޒަމާނެއްގައި މިތަނަށް އައިސްގެން ކާޑު ނަގަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން. ޕޯސްޓުން ވެސް ފޮނުވާލެވޭނެ. ނުވަތަ އެހެން ގޮތެއް ވެސް ހޯދިދާނެ އަވަހަށް ކާޑު ނެގޭނެ."

ހަލީމް ކިޔައިދިނީ ހިދުމަތުގެ ތެރޭގައި ނާޖާއިޒު ނުފޫޒު ވަދެފައި އޮތް މިންވަރެވެ. އޭނާގެ ރައްޓެއްސަކު ހިދުމަތަށް އެދިގެން ހުށަހެޅި ލިއުންތަކާއި ފޮޓޯތައް ބަލައިނުގަނެ ތަކުރާރުކޮށް ރިޖެކްޓްކުރީ އެވެ. އެހެންވެ ހަމަ އެ ފޯމާއި ފޮޓޯ ރަޖިސްޓްރީކުރުމުގައި އުޅޭ މީހަކަށް އަތަށް ދިނުމުން އޭނާ އަށް ވަރަށް ފަސޭހަ އިން އެކަން ވެއްޖެ އެވެ.

ހިލޭ ކޮށްލެވެން އޮތް ކަމެއް އަމިއްލަ އަށް ނުވެގެން އަތުން 500ރ. ހޭދަކޮށްގެން ކުރީ ކުރިމަތިވި އުނދަގޫތަކާ ހެދި އެވެ.

"ރިޖެކްޓްކުރި ފޮޓޯ ވެސް އެކަން ކުރާ މީހާ ހުށަހެޅީމަ ބަރާބަރު. އަޅުގަނޑުމެން ކުރީމަ އެ ކަމަކު ނުދިޔަ. ތިން ދުވަސް ފަހުން ލައިސަންސް ވެސް އާކޮށްދީފި."

ދެން ކިޔައިދިން ވާހަކަ އިން އެނގުނީ ލައިސަންސް މާލެ އިން ނަގަން އުޅެ ނުވެގެން އައްޑޫ ކަހަލަ ތަންތަނުން ފަސޭހަކަމާ އެކު ލައިސަންސް ނެގެން އޮތް ކަމެވެ.

"މިކޮޅުން ނުނެގުނީމަ ޕޯޓަލް މެދުވެރިކޮށް އައްޑޫން ނަގަން އުޅެނީ. އެކޮޅުން އެކަން ވެއްޖެ."

އެހެން މީހަކު ބުނީ ޓްރާންސްޕޯޓުން ވޭތުވެދިޔަ ކުރު މުއްދަތުގައި ވަރަށް ގިނަ ކަންކަން ރަނގަޅުކޮށް ހިދުމަތްތައް ކުރިއަށް ވުރެން އަވަސްކޮށްދީފައިވާ ކަމަށެވެ.

"އެކަމަކު އަދިވެސް މިވާ ގޮތަކީ އޮންނަ ޑިމާންޑާ އެއްވަރަށް ސާވިސް ރަނގަޅެއް ނުކުރެވޭ. އެއީ މިސާލަކަށް ރާއްޖޭގެ 18 އަހަރު ފުރޭ އެތައް ބަޔަކު އުޅޭއިރު ލައިސަންސް ބޭނުންވާ މީހުންގެ ކިޔޫ ދިގުދެމިގެން އެބަދޭ ވަރަށް ދުވަހަށް."

އޭނާ ދެކޭ ގޮތުގައި ހިދުމަތްތަކުގައި ޓްރާންސްޕޯޓުގެ ގަވާއިދުތަކާއި އުސޫލްތައް ވެސް ހަރުދަނާ ކުރަން ޖެހެ އެވެ.

މިނިސްޓްރީ ތެރޭގައި މައްސަލަތަކެއް

މި ރިޕޯޓަށް ވާހަކަ ދެއްކި ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތު ވަރަށް ގާތުން އެނގޭ މީހުން ކިޔައިދިން ގޮތުގައި، ކުރިން ވެސް ބޮޑެތި މައްސަލަތަކާ ހެދި މަޑުދުވެލީގައި އޮތް މުއައްސަސާގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެކަން މި ސަރުކާރުގައި އުފެދެން ފެށި އެއް ސަބަބަކީ މި ވެރިކަމުގެ ކުރީކޮޅު 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން އުޅުމެވެ. މިއީ މަސައްކަތުގެ މާހައުލު ކިލަނބުވެ، މިހާރު ހުންނެވި މިނިސްޓަރު އައިޝަތު ނަހުލާއާ މުވައްޒަފުންތަކަކާ މެދު ހިތްހަމަނުޖެހުމުގެ ފާރެއް ލެވުނު އެއް ސަބަބު ކަމަށް އެ މީހުން ބުނެ އެވެ.

މުވައްޒަފުންނަށް ނޭނގި ޑިޕާޓްމަންޓް ބަދަލުކުރުމާއި ޒިންމާތައް ސާފުނުވުމާއި ކުދިކުދި ކަންތައްތަކުގައި ކުށްވެރިވުމުގެ ބިރާ އެކު ވަޒީފާގެ ޔަގީންކަމެއް ނެތުން އޭގެ ތެރޭގައި ހިމެނެ އެވެ.

"ހާލަތު އަދިވެސް ބަދަލެއް ނުވޭ. މަސައްކަތް ކުރަން އަދި ނުކޮށް ހުންނަން ވެސް ޖެހިލުންވޭ،" އެކަކު ބުންޏެވެ.

ހިދުމަތް ލަސްވުމާ ގުޅިފައިވާ ސަބަބުތައް

މިނިސްޓްރީގެ މަސައްކަތްތައް ސިޔާސީ ބަޔަކު ކޮންޓްރޯލްގެ ދަށުގައި އޮތުން.

ހިންގުމާއި އެކި ހިދުމަތްތައް ދިނުމުގައި ފަންނީ މުވައްޒަފުންގެ އަދަދު މަދު.

ހިދުމަތް ރަނގަޅުކުރަން އެކަށީގެންވާ ޕްލޭނެއް ނެތި އަންނަ ޝަކުވާއެއް އެކަނި ހައްލުކުރުން.

ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފުން.

ރެކްރޫޓްމަންޓް ކުރިއަށް ނުގެންދިއުން.

ދުވަހުން ދުވަހަށް މިނިސްޓަރުގެ ލަފާގެ މަތިން އޮތޯރިޓީ ހިންގަން ރައީސް އެކުލަވާލި ބޯޑު ނުހިނގުން.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި އޮތޯރިޓީ ހިންގަން ސްޓާ ސިނަމާ އިމާރާތުގައި ހަތަރު ފްލޯ ނަގާފައި ވިޔަސް ބޯޑުގެ ބައްދަލުވުން ބާއްވަން ޖާގަ ނުލިބުން.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގަން އައްޔަންކުރި ޗީފް އެގްޒެކްޓިވްގެ މަސްއޫލިއްޔަތު އާދަކުރަން ހުރަސްއެޅި އެކަހެރިވުން.

މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ނުހިންގުން.

ޓްރާންސްޕޯޓް ސެކްޓާ ކުރިއަރުވަން އާ ވިސްނުންތަކަކަށް ޖާގަ ނުލިބުން.

ފަސޭހަ ހިދުމަތަށް ގިނަ ބަދަލުތަކެއް

ޝަކުވާތަކަށް ބަލައި ހިދުމަތްތައް ރަނގަޅުކުރަން ގިނަ ބަދަލުތަކަކާއި ގިނަ ކަންކަމަށް އިސްލާހުތައް ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލައިސަންސާއި ރަޖިސްޓްރޭޝަން އަދި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް އެއްތަނަކަށް ބަރޯސާވެފައި އޮންނަ އިރު ދުވާލަކަށް އެތައް އެޕްލިކޭޝަނެއް އެ މިނިސްޓްރީ އަށް ހުށަހަޅަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރާންސްޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވިދާޅުވީ މިނިސްޓްރީގެ ހިދުމަތްތައް ލުއި ފަސޭހަކުރަން ގެނައި އެއް ބަދަލަކީ ހިދުމަތްތައް އޮންލައިންކޮށްލުން ކަމަށެވެ.

މަސައްކަތު ގަޑިއަކީ 8-2 އަށް ނަމަވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނީ 8-12 އަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ހިދުމަތެއް ވެސް މިހާރު އޮންލައިންކޮށް ލިބޭނެ. ހަމައެކަނި ވެރިފިކޭޝަން ނުވަތަ އޮރިޖިނަލް ޑޮކިއުމެންޓްސް ގެންނަން ޖެހޭ ނަމަ ފިޒިކަލީ ވަޑައިގަންނަވަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކާ އެކު މިހާރު ލަސްވާން ދިމާވާ ސަބަބު ރުޝޫނާ ކިޔައިދެއްވި އެވެ. އޭގެތެރޭގައި ފޯމުގައި ހުރި ހުރިހާ މައުލޫމާތެއް ރަނގަޅަށް ހުށަނޭޅުމާއި ފޮޓޯ ނުބައިކޮށް އަޕްލޯޑްކުރުން ފަދަ ކަންކަން ހިމެނެ އެވެ. ސޮޔާއި އުޅަނދު ދުއްވަން ޖެހޭ ތަން ފަދަ މައުލޫމާތު ހިމަނާފައި ނުވިޔަސް ފޯމު ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ލަސްވުން މި އަންނަނީ. ނޫނީ ފައިސާ ދައްކަން އިންނަ މުއްދަތުގައި އެކަން ނުކުރަންޏާ ވެސް ލަސް އެބަވޭ."

އޭނާ ވިދާޅުވި ގޮތުގައި ޓާގެޓަކީ ވެހިކަލް ރެޖިސްޓްރީ ވެސް ހުށަހަޅާތާ ގިނަވެގެން ތިން ދުވަސް ތެރޭގައި ނިންމައި ވެރިފަރާތާ ހަވާލުކޮށްދިނުމެވެ.

މި އަހަރުގެ ބޮޑު އީދު ބަންދަށް ފަހު އޮފީސްތައް ހުޅުވާލުމުން އެންމެ ދުވަހެއްގެ ތެރޭގައި ވެސް ގާތްގަނޑަކަށް 800 އެޕްލިކޭޝަން ހުށަހެޅި އެވެ. ޖެހިގެން އައި ދެ ދުވަހު ވެސް 700 ފޯމު ހުށަހެޅި ކަމަށް ވިދާޅުވި އެވެ.

"ބެކްލޮގެއް ކްރިއޭޓްވެގެން ދިޔަ, އެއަށް އެޓެންޑްވަމުން ގޮސް މިހާރު ގާތްގަނޑަކަށް ނިމެނީ."

ފޯނަށް ޖަވާބު ނުދޭތީ ކުރާ ޝަކުވާތައް ހައްލެއް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހިދުމަތް ދެމުން މުވައްޒަފުންނަށް ކޯލްތަކަށް އެޓެންޑްވާން ދަތިވާތީ ކޯލް ސެންޓަރެއް ގާއިމްކުރަން އެދިގެން އެ މަސައްކަތް އެބަދާ ކަމަށް ރުޝޫނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދިވެސް މި އަންނަނީ ގިނަ ބަދަލުތައް ގެންނަމުން" އޭނާ ވިދާޅުވި އެވެ.

ހިދުމަތަށް ހުށަހަޅަން ޓްރާންސްޕޯޓުގައި މިހާރު ކުރިއަށް ވުރެން އެތައް ގުނައެއް ފަސޭހަ އެވެ. އެކަމަކު އޮންލައިން ޕޯޓަލްއަށް ޑޮކިއުމެންޓް ހުށަހެޅުމުން ހިދުމަތް ލަސްވާ ސަބަބުތައް އަދިވެސް ދެމިއެބައޮތެވެ. ކުރިން މިނިސްޓްރީއަށް ގޮސް ހުށަހަޅަން ޖެހުމުގެ ޝަކުވާ ކުޑަވިޔަސް އެއްފަހަރާ ގިނަ ބަޔަކު ހިދުމަތަށް އެދުމުން އެކަން ނިންމުމުގެ ގާބިލްކަމެއް މިނިސްޓްރީގައި ނެތުމެވެ. މުވައްޒަފުން މަދުވުމެވެ. ޒަމާނަށް ނުފެތި ހިދުމަތް ކުރިއަށް ގެންދިއުމެވެ.

"އީ ޕޯޓަލް ކަނެކްޓްވެފައެއް ނެތް އެތެރޭގެ ހުރި ސިސްޓަމަކާ. ދެން އަނެއްކާ ވެސް ބަލާނީ މެނުއަލްކޮށް. އެ ޑޮކިއުމެންޓް ސައްހަތޯ ބަލައި ވަކިން އެހެން ސިސްޓަމަކަށް އަޅާނެ،" މައުލޫމާތު އެނގޭ ބޭފުޅަކު ކިޔައިދެއްވި އެވެ.

"ހަމައެކަނި އޮންލައިންކޮށް ސަބްމިޓްކޮށްލެވޭ ކަން އޮތީ."

ޓްރާންސްޕޯޓާ މެދު ހިތްހަމަނުޖެހިފައި ތިބި މީހުން ރަނގަޅުކުރަން އެދެނީ ވަކި ބަޔަކު ހިދުމަތްތައް ކޮންޓްރޯލްކުރުން ދޫކޮށްލުމެވެ. ބާރުގަދަ ވަކި ބަޔަކު މެދުވެރިކޮށް ފަސޭހަ އިން ހިދުމަތް ހޯދޭނެ ނިޒާމް ބަދަލުކޮށްލުމެވެ. ކޮންމެ މީހަކު ގޮސްގެން ވެސް ދިގު ކިޔޫގައި ނުޖެހި ފަސޭހަކަމާ އެކު އެކަމެއް ނިންމާލެވުމެވެ. ޝަކުވާތައް ނުކޮށްވާނެ ހައްލެއް ހޯދައި ދިނުމެވެ.

މި ހުރިހާ ކަމެއްގެ ތެރޭގައި އުޅޭ ޓްރާންސްޕޯޓުގެ މުވައްޒަފަކު އެތަނުގެ ހިދުމަތް ރަނގަޅުކުރުމާ ގުޅޭ ގޮތުން ބުނީ މިހެންނެވެ:

"ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ހިދުމަތް ދިނުމުގެ ނިޔަތް އޮވެގެން ބަދަލު ގެނެވޭނީ."

20 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

09 October 2021

ޓްރާސްޕޯޓް މިނިސްޓްރީން ދޭ ޚިދްމަތްތައްވެސްވީ އައުޓްސޯސްކޮށް ކުރެވޭނެގޮތް ހަދަން. ދިރާގުން ބިލަށް ފައިސާދެއްކުން ޕަރައިވެޓް ޕާޓީތަކަށް ދިނުމުން ދިރާގުގަ އޮތްބޮޑު ކިޔު ބަދުވި. ޕާސްޕޯޓަށް އެދުން އައުޓްސޯސް ކުރުމުންވެސް ވަރަށް ފަސޭހަ. އޮފީސްގަޑީގަ ގޮސް ކިޔުގަޖެހިގެން ތިބުމުގެ ބަދަލުގަ، ރޭދަނޑުގެ ވަގުތުގަ އެކީދްމަތް ލިބޭތީ ވަރަށް ފަސޭހަ. ޓްރާންސްޕޯޓުންވެސް މިގޮތަށް ކަންކުރެވޭނެ.

The name is already taken The name is available. Register?

ޒާހިދު-މާލެ

08 October 2021

ބައެއް މުވައްޒިފުން ކަސްޓަމަރަކާއި ދިމާލައް ނުވެސް ބަލާނެ.. ފޯނާއި ކުޅެންހުއްޓާ މީހަކު އައީތީ ރުޅިއައިސްފަ ހުންނަނީ.. މިކަހަލަ މުއައްޒަފުން މުސާރަނަގަން ލަދުނުގަންނަނީ ކީއްވެތޯ ހިތައްއަރާ..

The name is already taken The name is available. Register?

ދޮން މަނިކު

07 October 2021

ހަގީގަތުގަވެސް ޓްރާންސްޕޯރޓްގެ ޚިދުމަތްތައް ވަރައް ފީކަޅާ. ފޯމްތައް އަޕްޑޭޓެއް ނުވޭ. އަދިވެސް ރެވެނިއު ސްޓޭމް ސްލޮޓް ވެސް އިނދޭ. މައުލޫމާތެއް ސާފްކޮއްލަން ދެވެނީވެސް ނަންބަރެއް ނަގައިގެން ދިގު ކިޔޫއެއްގައި ޖެހިގެން.

The name is already taken The name is available. Register?

މުނިކާފަ

07 October 2021

ނަހޫ ކޮބާތަ މިހާރު އެއްކަލަ ހުޅުދޫ ޝިމާޒު އޭނައަށް ކޮންކަމެކޯމިކުރެވުނީ.. ގައިމުވެސް ވަސާޖިއޯ ނަމްބަރު ޕްލޭޓް ހެދުނު އޮތަ...

The name is already taken The name is available. Register?

ދެވަންދުނި

07 October 2021

މި ޓްރާންސްޕޯޓް މިނިސްޓްރީ އަކީ އުވާލަންޖެހޭ ތަނެއް!ޓްރާންޕޯޓް ކަންކަން ސިޓީ ކައުންސިލްތަކާ އަތޮޅު އަދި ރަށުކައުންސިލް ތަކުން ބަލަހައްޓައްވީ.އޭރުން ގައުމު ތަރައްގީވާނީ. އާގޮތްގޮތަށްޖެހޭ ކަންކަން ގެއްދަން!

The name is already taken The name is available. Register?

ޒުވާންވަރު

07 October 2021

ކޯލިޝަނަކީ ތަރައްގީއަށް އޮތް ހުރަހެއް މިކޯލަޝަންގެ ތެރޭ ކުދި ޕާޓިތަކަކީ ޕާޓީވެރިންގެ ގާތް ތިމާގެ މީހުންނަށާ ރައްޓެހިންނަށް ވަޒީފާދޭން ހަދާ ޕާޓީތަކެއް. މިއީ މިރާއްޖޭގެ ޒުވާނުން ގެ ކުރިއެރުމަށް އޮތް ހުރަހެއް.މިކުދި ޕާޓީތައް އުވާލާ!

The name is already taken The name is available. Register?

މެލޭސިޔާ ހުސޭނު

07 October 2021

ތީ ވަރަށް އުދަގޫ ބޮޑުތަނެއް. ނަމުގަ އޮންލައިން. މިހަަރުވެސް ބޭނުންކުރާ ފޯމް ތަކަކީ އަންޒަމާނުގެ ފޯމް. އެފޯމްގަ ވުޖޫދުގަ ނެތް ތަންތަންވެސް ހުރޭ. ނުވިތާކަށް ވެބްފޯމް އެއްނެތް. ޕްރިންޓް ކޮއްފަ ސްކޭންކޮއްފަ ލާންޖެހެނީ. ވެބްފޯމް ހަދާބަލަ. އީފާސް ބޭނުންކޮއްގެން ވެރިފައިކޮށް ޑިޖިޓަލް ނޫނީ އިލެކްޓްރޯނިކް ސިގްނޭޗަރ ހަދާބަލަ. ލާފަ އިންނަ އެޕްލިކޭޝަން އެކްޕަޔަ ވީމަ ދެން އެކަަމަށް އަލުން އެޕލިކޭޝަން ނުލެވޭ. ނުހޮރުއްޕާން ސިސްޓަމެއް.

The name is already taken The name is available. Register?

އެހީ ދިނުމުން ބަލައި ނުގަތް

07 October 2021

ޓްރާންސް ޕޯރޓްގެ ސިސްޓަމްއެއް ރަނގަޅު ކުރުމަށް، އެހެން މުއައްސަސާއަކުން ސިސްޓަމެއް ފަރުމާކޮސް ދިނީމަ ވެސް، އެ ސިސްޓަމް ޤާއިމްނުކުރަން ފޫކަހާ ވާހަކަޔަކީ ތެދެއްބާ.

The name is already taken The name is available. Register?

ނަނަނަ

07 October 2021

އެއީ ތެދެއް.

The name is already taken The name is available. Register?

ބިން މުހައްމަދު

07 October 2021

ރިޕޯޓްގައި ބަޔާންކުރެވިފައި ވާ ކަންތައްތަކަކީ ގިނަ ދިވެހީންނަށް އެނގޭ ކަންކަން. ހަޤީޤީ މައްސަލައަކީ މި ލިޔުން ރަނގަޅުގޮތުގައި އެތަނުގެ ވެރީން ބަލައި ނުގަންނާނެކަން. ތެދެއް. ކުރިއާ ބަލައިފައި ރަނގަޅު. އެކަމު ޒަމާނީ ކުރިއެރުމާއި ހަމަކުރުމަށް ވަރަށް މަސައްކަތް އެބަ ހުރި. އެމް.ކިޔު.އޭ އެކޭ ކިޔާ ބަޔަކުވެސް ހަމަ މިހާ ފުރިހަމައަށް ޚިދުމަތް ދެނީ. ތާކުންތާކުން ޖެހޭ ގޮތައް އެންމެ ކަމެއްވެސް އެތާކުން ހަމަ ނުކުރެވޭ. އެތަނާއި ބެހޭގޮތުންވެސް ލިޔެލަންވީނު؟

The name is already taken The name is available. Register?

ތުއްތު ސާހިބު

07 October 2021

އަހަރެން އަލަށް ޓްރާންސްޕޯޓް އަށް އޮންލައިންނަށް ޚިދުމަތަށް އެދުނީ. ލައިސަން އާކުރަން. އެއްވެސް މައްސަލައެއް ދިމާނުވޭ. ބަރާބަރަށް ފޯމު. ފިލްކޮށްފަ ލައިފިއްޔާ ރިޖެކްޓެއް ނުކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454