ފިނި ކޮޓަރިން ހިންގާ ކަޅުބާޒާރުގެ ހަތަރު ފަރާތް!

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: ގަވައިދާ ހިލާފު ރޭޓުތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށް. އެކަމަކު މިކަން ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޒޯޓެއްގެ ހުދު ކުލައިގެ ޔުނީފޯމަކާއި ސޯޓު ބުރިއެއް ލައިގެން ހުރި މީހަކު ޖީއެން ސައިކަލެއްގައި ގޮސް ހުއްޓުނީ ބޮޑުތަކުރުފާނު މަގު ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ހުންނަ، ޑޮލަރު އެކްސްޗޭންޖުކުރާ ތަނެއްގެ ކުރިމައްޗަށެވެ. އޭނާގެ އިންތިޒާރުގައި އޭރު ބިދޭސީއަކު ހުއްޓެވެ. އޭނާގެ ޖީބުގައި ބޮނޑިބޮނޑިއަށް ފައިސާ ހުއްޓެވެ. ސައިކަލުގައި އައި މީހާ ޑޮލަރުތައް ނަގައި ގުނަން ފެށުމުން ބިދޭސީ މީހާ އޭނާގެ އަތުގައި ހުރި 500ރ.ގެ ނޫޓުތަކުގެ ބޮނޑިތަކުން ގުނައި އަދަދު ކަށަވަރު ކުރި އެވެ.

ސައިކަލުގައި އައި މީހާ ފައިސާތައް ދަބަހަށް އަޅައި ހަމަޖެހިލާފައި ދުން ޖަހާފައި ދިޔައީ އެވެ. ޑޮލަރު ގަތް މީހާ ވެސް އެ ބޮނޑިވަރުތަކާ އެކު ގޮސް ގެއްލިއްޖެ އެވެ. ހިނދުކޮޅެއްގެ ތެރޭ އެ ނިންމާލީ ބޭރު ފައިސާގެ ބޮޑު މުއާމަލާތެކެވެ.

"މިހާރު"ގެ ނޫސްވެރިން މި މަނީ އެކްސްޗޭންޖަށް ގޮސް އެހުމުން އެ މީހުން ބުނީ ޑޮލަރު މާރުކުރަނީ 17.80ރ. އަށް ކަމަށެވެ. އެކަމަކު، އެހެން ތަނަކުން 17.85ރ. އަށް މާރުކުރާ ކަމަށް ބުނުމުން އެ މީހުންނަށް ވެސް އެ އަގު ވަގުތުން އޯކޭ ވި އެވެ. ރޭޓު ކަނޑައެޅީ އެތަނުގައި ހުރި ބިދޭސީއެކެވެ.

ގަވައިދާ އެއްގޮތަށް ޑޮލަރު ވިއްކޭނީ ވަކި ރޭންޖެއްގެ ތެރޭގަ އެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގޮތުގައި ޔޫއެސް ޑޮލަރުގެ "މިޑް ޕޮއިންޓް އޮފް އެކްސްޗޭންޖް" އަކީ ޑޮލަރެއް 12.85ރ. އަށެވެ. އަގަށް އިތުރުކޮށް ނުވަތަ އުނިކުރެވޭނީ މި އަގުގެ 20 ޕަސެންޓަށްވުރެ މަތި ނުވާ ގޮތަށެވެ. އެހެންވެ އެއީ އެންމެ ދަށްކޮށް ނަމަ 10.28ރ. އެވެ. ބޮޑުވެގެން ނަމަ 15.42ރ. އެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ޑޮލަރު މާރުކުރަނީ: ގަވައިދާ ހިލާފު ރޭޓުތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށް. އެކަމަކު މިކަން ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު، ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރި އާއި އެތާ ކައިރީގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރީގައި ގަވައިދާ ހިލާފަށް ދުވާލެއްގެ މައްޗަށް މިފަދަ ކިތަންމެ ޑީލެއް ނިންމާލަ އެވެ. ޖީބުތައް ފުރައި ފައިސާ އަޅައިގެން އެ ތަންތަނުގައި ބިދޭސީން ތިބެނީ ޑޮލަރު މާރުކުރަން ބޭނުންވާ މީހުން ދެނެގަނެ ވާހަކަ އަޅުވާލަން ތައްޔާރަށެވެ. އެތަނަށް ކައިރިކޮށްލައި މަޑުކޮށްލާއިރަށް އައިސް، ޑޮަލަރު ބޭނުންތޯ އަހާނެ އެވެ. ވަކިވަކިން އުޅޭ ބިދޭސީންނާއި މަނީ އެކްސްޗޭންކުތަކާ ގުޅޭ ބިދޭސީންތައް ވެސް އެތަނުގައި އުޅެ އެވެ.

ޑޮލަރުގެ ރޭޓުތައް އެމްއެމްއޭ އިން ކަނޑައަޅައި އެކަން ކުރަން ވަކި ބަޔަކަށް ހުއްދަ ދީފައި އޮއްވައި މި މީހުން މަގުމައްޗަށް ނުކުމެ މިކަން ކުރަނީ ހިތުހުރި ގޮތަކަށެވެ. ޑޮލަރު ލިބުން ދަތިވަންޏާ އަގު މައްޗަށް ޖައްސާލަ އެވެ. ކޮވިޑާ އެކު އައި އިގްތިސާދީ ދަތިކަމާ އެކު މިކަން އިތުރަށް ބޮޑުވި އެވެ.

މިއީ ގާނޫނާ ހިލާފަށް ހިންގާ ވަގު ވިޔަފާރިއެކެވެ. އެކަމަކު، ރެޔާއި ދުވާލު ފާޅުގައި މިކަން ކުރަމުން އެ ދަނީ އެއްވެސް ޖެހިލުމެއް ބިރެއް ނެތި އެވެ.

ފުން ޖީބުތަކަށް ޑޮލަރު ވަންނަނީ ފިނި ކޮޓަރިން

ރާއްޖޭގެ ބޭންކިން ސިސްޓަމަށް އެންމެ ގިނައިން ޑޮލަރު ވަންނާނީ ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ހަރަކާތް ކަމަށްވާ ޓޫރިޒަމުންނެވެ. އެކަމަކު، ބޭންކިން ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ގިނަ އަދަދެއްގެ ޑޮލަރު ފޭދިގެން ދަނީ ކަޅުބާޒާރަށެވެ. މިއީ މިކަން ފެށޭ ހިސާބެވެ.

ރިޒޯޓުތަކުގެ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އާންމުކޮށް އިސްކޮށް ތިބެނީ އަވަށްޓެރި ބައެއް ގައުމުތަކުގެ މީހުންނެވެ. މީރާ އަށް ޓެކްސް ދެއްކުމާއި އެ ނޫން ވެސް ޕޭމަންޓުތައް ހެދުމަށް ރިޒޯޓުތަކަށް ލިބޭ ޑޮލަރުން ބައެއް ދިވެހި ފައިސާއަށް ބަދަލުކުރަން މި މީހުން ޑޮލަރުތައް މާރުކުރަން ޖެހެ އެވެ. މި ޑޮލަރުތައް ހަވާލުކުރަނީ އެ މީހުންނާ ގުޅުން އޮންނަ ވަގު ވިޔަފާރީގެ ކޮންމެ ވެސް ބޮޑަކާ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި މި ޑޮލަރުތައް މާރުކުރަން ބައެއް ފަހަރު ދެނީ ވެސް އެކައުންޓިން ޑިޕާޓްމެންޓުތަކުގައި ތިބޭ މީހުންނަށް ބައި އަޅާ ގޮތަށެވެ.

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ކަޅު ބާޒާރަށް އެންމެ ގިނައިން ޑޮލަރު ވަންނަނީ ޓޫރިޒަމް އިންޑަސްޓްރީއިން ކަމަށް ތަޖުރިބާކާރުން ބުނޭ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ކަޅު ބާޒާރަށް ޑޮލަރު ވަދެ، ފުފި، ނުފޫޒާއި ބާރު ގަދަވަނީ ރިޒޯޓުތަކުގެ މި ޑޮލަރުތައް އެ ބާޒާރަށް މާރުކުރާތީ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ އެ ބާޒާރަށް ވަންނަނީ މިހެންނެވެ. އެކަމަކު، މި ނޫނަސް ޑޮލަރު ލިބޭ ބޮޑެތި ވިޔަފާރިތަކުންނާއި ޑޮލަރުން މުސާރަ ލިބޭ މީހުން މާރު ކުރާ ޑޮލަރަކީ ވެސް މި ބާޒާރަށް ވަންނަ ޑޮލަރެވެ. މިހާރު ކިތަންމެ ގިނަ އަދަދެއްގެ ފައިސާ ވިޔަސް މީގެ ތެރެއިން ބައެއް މީހުންނަށް މާރުކުރެވޭހާ މި މާރުކޭޓުގައި ޑޮލަރާއި ދިވެހި ފައިސާ ގިނަ އެވެ.

މިކަން ބަލަން އަހަރެމެން ގުޅީ ޑޮލަރު ގަނެ ވިއްކުމުގެ ވިޔަފާރީގައި ގިނަ ދުވަސްވެފައިވާ ބިދޭސީއަކަށެވެ. ރުބެލް ނަމަކަށް ކިޔާ މި މީހާ އަކީ މިހާރު ދިވެއްސެއްގެ ނަމުގައި މަނީ އެކްސްޗޭންޖް ކުރުމުގެ ލައިސެންސް ހޯދައިގެން އޭގެ ތަނެއް ހިންގާ ވެސް މީހެކެވެ.

ރުބެލް ގާތުގައި ބުނީ 100،000 ޑޮލަރު އަތުގައި އެބަހުރި ކަމަށާއި އަދި ފަހުން 50،000 ޑޮލަރު ލިބޭނެ ކަމަށެވެ. މި ފައިސާ ވަރަށް އަވަހަށް މާރުކުރަން ބޭނުންވާ ކަމަށް ބުނީމެވެ.

އަހަރެމެންނަށް މިއީ ބޮޑު ކަމެއްގެ ގޮތުގައި ހީވިޔަސް ރުބެލް އަށް މިއީ އާދައިގެ ކަމެކެވެ. އަހަރެމެން އެއްބަސްވި ރޭޓަކީ 17.85ރ. އެވެ. ރުބެލް އެދުނީ ފައިސާ ހިފައިގެން ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރިން ބައްދަލުކުރުމަށެވެ. އެކަމަކު އެކަން ރައްކާތެރިކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނުމުން އޭނާ ހުރީ ޑޮލަރަށްވާ 1،785،000ރ. ނަގުދު ފައިސާގެ ގޮތުގައި ހިފައިގެން އަހަރެމެން ތިބި ތަނަކަށް އަންނަން ވެސް ތައްޔާރަށެވެ.

އަޑީގައި ބާރުގަދަ ބަޔަކު

ޑޮލަރުގެ ކަޅު ބާޒާރުގެ ބޮޑު މަންޒަރު މަގުމައްޗަކުން ނުފެންނާނެ އެވެ. ފައިސާ ހިފައިގެން ކަންކަންމަތީ އުޅޭ ބިދޭސީންނަކީ ހަވާސާގައި ހޭކިލާ މީހުންނެވެ. "މިހާރު"ގެ ނޫސްވެރިން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މިކަމުގައި އެންމެ އަޑީގައި ތިބީ ބާރުގަދަ ދިވެހިންނާއި ބިދޭސީންނެވެ.

"އަޅުގަނޑުމެން އެކަހަލަ [ޑޮލަރާ ގުޅޭ] އޮޕަރޭޝަނެއް ހިންގާލިޔަސް އެކި ދިމަދިމާލުން ފޯނު ކޯލުތައް އާދޭ،" "މެދު ސަފުހާ" އަށް ދިން އިންޓަވިއުގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވި އެވެ.

މި ވަގު ވިޔަފާރީގެ އަޑީގައި ދައުލަތުގެ އިސް މަގާމުތަކުގައި އުޅޭ ބައެއް މީހުންނާއި ބޮޑެތި ވިޔަފާރިވެރިން ވެސް އެބަ ތިއްބެވެ. އެ މީހުންގެ ނުފޫޒާއި ބާރު ގަދަ އެވެ.

"ވަރަށް އިސް ދައުލަތުގެ މަގާމުތައް އަދާކުރައްވާ ނޫނީ ބޮޑެތި ޒިންމާތައް އަދާކުރައްވާ [ބޭފުޅުންނާއި]، ބޮޑެތި ވިޔަފާރިވެރިން ވެސް ހަަމަ އިންވޯލްވް [ބައިވެރި] ވެގެން ހިންގާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،" ލޫތު ވިދާޅުވި އެވެ.

މި ވަގު ވިޔަފާރީގެ އަޑީގައި ތިބި މި މީހުންގެ ދަށުން މަސައްކަތްކުރަން އެ މީހުންގެ ކުންފުނިތަކުގެ އިތުބާރު ހިފޭ ބިދޭސީ މުވައްޒަފުން ހަމަޖައްސާފައި ތިބެ އެވެ. މި މީހުންނަކީ ވިޔަފާރީގެ ހުރިހާ ކަމެއްހެން ބަލަހައްޓާ މީހުންނެވެ. މިކަމުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދަ އެވެ. އަދި އެ މީހުންގެ ދަށުން މަގުމައްޗަށް އެހެން ބިދޭސީން ނެރެ އެވެ. މި ބިދޭސިންނަށް އާންމުކޮށް ދެނީ މަހު މުސާރަ އެވެ. އެކަމަކު، މި ވިޔަފާރީގައި އުޅޭ ބިދޭސީންގެ ކޮންޓްރޯލު ވަރަށް ބޮޑެވެ.

ޑޮލަރު އެކްސްޗޭންޖެއް ހިންގާ ދިވެއްސަކު ކަންބޮޑުވުން ފާޅުކޮށް ބުނީ މި ބިދޭސީންގެ ބާރު މިހާރު ބާޒާރުގައި ވަރަށް ގަދަ ކަމަށެވެ. ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލުކުރަނީ ވެސް އެ މީހުން ކަމަށް އޭނާ ބުންޏެވެ. އެ މީހުން ބޭނުން ގޮތަކަށް މި ބާޒާރު އަނބުރާލަ އެވެ.

"މިވަގުތު ކޮންޓްރޯލު އޮތީ އެ މީހުންގެ އަތުގައި. އެ މީހުން ބޭނުންވީމަ ރޭޓު ދަށް ވެސް ކޮށްލާނެ ބޮޑު ވެސް ކޮށްލާނެ،" އޭނާ ކިޔައިދިނެވެ.

ލައިސެންސްގެ ފަހަތުގައި ފިލައިތިބެ ވަގު ވިޔަފާރި

މަގުމަތީގައި ޑޮލަރު މާރުކުރުމުގެ ބަދަލުގައި މި ވިޔަފާރިކުރާ ބައެއް މީހުންގެ ވިސްނުން ހުރީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރާ ކަމުގެ މަންޒަރު ދައްކާށެވެ. އެހެންވެ، އެ މީހުން ހަދާ ގޮތަކީ ދިވެއްސެއްގެ ނަންމަތީގައި މަނީ އެކްސްޗޭންޖުތައް ހުޅުވަނީ އެވެ. ދިވެހި މީހާއަށް ކޮންމެ މަހަކު ކުޑަ ފައިސާކޮޅެއް ދީ ނަމެއްގައި ބަހައްޓާފައި ލައްކައިން، މިލިއަނުން ފައިދާ ނަގަ އެވެ.

އެކަމަކު، މިފަދަ މީހުން ކޮންޓްރޯލު ކުރާ މަނީ އެކްސްޗޭންޖުތަކުން ވަގަށް ކަޅުބާޒާރުގެ ރޭޓުތަކުގައި ވިއްކަ އެވެ. މިކަން "މިހާރު" އިން މިފަދަ ތަންތަނަށް ގޮސް ބެލި ބެލުމުން ކަށަވަރުވި އެވެ. ރޭޓުތައް ހުންނަނީ މަގުމަތީގައި އުޅޭ ބިދޭސީންގެ ރޭޓުތަކާ ދާދި އެއްވަރަކަށެވެ. އެކްސްޗޭންޖުތަކުގައި މަސައްކަތްކުރާ ބިދޭސީން ވެސް ކަންކަންމަތީ ހަރަކާތްތެރިވެ އެވެ.

"ލީގަލްކޮށް އެކަން ކުރަން އެ ނަން އެ މީހުން ބޭނުންވަނީ. ދިވެހިންގެ ނަންމަތީގައި ތަން ހަދާފައި ހުންނާނީ. ދިވެހި މީހާގެ ހުންނާނީ ހަމައެކަނި ނަމެއް. ބޭރު މީހުން މުޅިތަން ބަލަހައްޓާނީ،" ހުއްދަ ނަގައިގެން މަނީ އެކްސްޗޭންޖެއް ހިންގާ ދިވެއްސަކު ކިޔައިދިނެވެ. "މައިގަނޑު ގިނަ ތަންތަން ހުންނާނީ އެ މީހުން އަތްދަށުގައި. ވަރަށް މަދު ތަނެއް ދިވެހިންގެ އަތް ދަށުގައި އޮންނާނީ."

އެ މީހާ ކިޔައިދިން ގޮތުގައި މިފަހުން ވެސް ބިދޭސީންތަކެއް އޭނާގެ ވިޔަފާރީގެ ކޮންޓްރޯލު އަތުލަން ވެސް ފައިސާ ހުށަހަޅާފައި އެބަ ހުއްޓެވެ.

"ލައިސެންސް ހޯދަން ވަރަށް މަސައްކަތް ކުރި. އެކި ދިމަދިމާލުން އައި ލައިސެންސް ބޭނުންވެގެން. އެއް ލައްކަ ރުފިޔާއަށް ވެސް މައްސަލައެއް ނެތޭ ބުނީ. އެވަރުން ނުވެގެން ވަކި ހިސާބަކުން އައި ބައި އަޅާ ގޮތަށް ވެސް. ޕަސެންޓޭޖެއް ދޭ ގޮތަށް ވެސް،" އެ މީހާ ކިޔައިދިނެވެ.

ޑޮލަރުގެ މި ވަގު ވިޔަފާރި އަކީ އިގްތިސާދަށް ބޮޑު ނުރައްކަލެކެވެ. ވިޔަފާރިވެރިން މުދާ އިމްޕޯޓުކުރަން ބޭންކުތަކުން ދެނީ އެ މީހުން ޑޮލަރު ހޯދަން އެދޭ ވަރަށް ވުރެ ބޮޑު ތަނުން ކުޑަ ޕަސެންޓޭޖެކެވެ. ހަމަ އަގުގައި ލިބޭ ހަމައެކަނި ޑޮލަރުކޮޅަކީ އެއީ އެވެ. އެހެންވެ، ދެން ޖެހެނީ ބޮޑެތި ވިޔަފާރިވެރިން ވެސް މަގުމައްޗަށް ނުކުންނާށެވެ. އެ މީހުން ވެސް މި މަޖުބޫރުގައި ޑޮލަރުގެ ކަޅުބާޒާރުގެ ބޭނުން ހިފުމާ އެކު މަޑުމަޑުން އެ ބާޒާރުގެ ނުފޫޒުގަދަވެ އެވެ.

ވިޔަފާރިވެރިޔަކު ބުނި ގޮތުގައި މިއީ މުދަލުގެ އަގު އުފުލުމުގެ ވެސް އެއް ސަބަބެވެ. މިސާލަކަށް، 15.42ރ. އަށް ލިބެން ޖެހޭ ޑޮލަރު 18.00ރ. އަށް ވިއްކުމުން އެއީ ވިޔަފާރިވެރިޔާ ގެއްލުމުގައި ހޯދާ ޑޮލަރެވެ. އެ ގެއްލުން ފޫބައްދަން ޖެހެނީ އިމްޕޯޓުކުރާ ތަކެތީގެ އަގު ބޮޑުކުރާށެވެ. ނަތީޖާއަކަށް ވަނީ މުދަލުގެ އަގު އުފުލި އާދައިގެ ރައްޔިތު މީހާގެ ދިރިއުޅުމަށް ވެސް މި ކަޅު ބާޒާރުގެ ނޭދެވޭ އަސަރު ފޯރުމެވެ.

އާންމުން ރާއްޖެއިން ބޭރަށް ދަތުރެއް ކުރަން ޖެހުނަސް މަޖުބޫރުވަނީ އިތުރު ޑޮލަރު ބޭނުންވާތީ ކަޅު ބާޒާރުން ބޮޑު އަގުގައި ގަންނަން ޖެހެ އެވެ. ބޮޑު އަގުގައި ޑޮލަރު ހިފައިގެން ރާއްޖެއިން ބޭރަށް ދާން ޖެހޭ ނަމަ އެއީ ވެސް ލިބޭ އާމްދަނީން ގެއްލޭ ބައެކެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ޑޮލަރުގެ ކަޅުބާޒާރުން ލިބޭ ގެއްލުމެވެ.

25 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 44%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒައީމް

30 October 2021

ތި އިންޓަވިއު ދިން ފުލުސް މީހާގެ ލަދު ކޮބާތޯ .. ޣައިރު ޤަނުނީ ކަމެއް ބަޔަކު ކުރާއިރި އެކަން ނުހުއްޓުވެނީ ފުލުހުންގެ އިންޓަރ ގްރިޓީ އެއް އިޚްލާސްތެރިކަމެއް ނެތީމަ އެއް ނޫންތޯ.. ފަހަތުގައި ހުރީ ބޮޑު މީހަކޭ އެބަ ކިޔައެއް ނުނ.ް.

The name is already taken The name is available. Register?

ބޮޑު މަރުމޯލު

30 October 2021

ބައަލަވާ ޒައީމް ޕޮރޮސީޖަރ އޮންނަ ގޮތް އެންގިލައްވާތޯ ނޭނަގެނީނަމަ މައުލޫމާތު ހޯއްދަވައިގެން ލަދިކޮބާހޭކިޔާބަލަ އޭގަލިޔަފަވެސް އެބައޮތެއްނުން ކަންކަން ބަލަންފެށީމަ ކޯލް އަންނަ ވާހަކަ ޕިސް ޕިސް މަރުމޯލު.

The name is already taken The name is available. Register?

އަލިފުލައިލާ

29 October 2021

ސަރުކާރުގެ ކުންފުނިތަކަށް ގަންނަ ހުރިހާ ޑޮލަރެއް މިހާރު ގާނޫނީ އިމުގެތެރެއައް ފައްތައިގެން ބޮޑުއަގުގަ ވިއްކަމުން އަންނަނީ ރާއްޖޭގެ އެންމެ އުތުރުގެ ދާއިރާއެއް ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލިސްގެ (އިއްޒަތްތެރި) މެންބަރެއް މިކަން މޫލާފަ ހުރިހިސާބު!

The name is already taken The name is available. Register?

ސޯދު

29 October 2021

ސުކުރިއްޔާ މިހާރު

The name is already taken The name is available. Register?

ބުރުމާ ދޫނީ

29 October 2021

ނޫސްވެރިންނަށް ތިކަންތައް ފެނުނަސް ފުލުހުންނަކަށް ނުފެއްނާނެ!

The name is already taken The name is available. Register?

ހައްލުވީ

28 October 2021

- އެމްއެމްއޭ މެދުވެރި ކޮށް ނޫން ގޮތަކަށް ރިސޯޓު ތަކުން އައްނަ ޑޮލަރު މާރު ކުރުން މަނާ ކުރުން - ޑޮލަރު ގަންނަން ބޭނުން ވަންޔާ އެބައެއް ގެންގުޅޭ ބެންކު މެދުވެރިކޮށް އެމްއެމްއޭ އަށް ރިކުއެސްޓު ކޮށްގެން ޑޮލަރު ލިބޭ ގޮތް ހެދުން

The name is already taken The name is available. Register?

ދަނބިސޮރު

28 October 2021

އެމް އެމް އޭ އަށް އަދި ތި މައުލޫމާތް ނުލިބެނީ ރަގަޅަށް. އެގިއްޖިއްޔާ ހިލާ ދޫނުކުރާނެ. ގާނޫނުގަ ބުނާ ގޮތަށް މީހުން ޖުރިމަނާ ކޮށް ހަރުކަށި ފިޔަވަޅު އަޅާނެ އަޑު އެބައިވޭ އެމް އެމް އޭ އިން އެމީހުންގެ ގާނޫނަކަށް ކަމެއް ނުވެހުރެގެން ފައިނޭންޝަލް އިންސްޓިޓިއުޓްއެއް ދުވާލަކަށް ބޮޑުއަދަދަކުން ޖޫރިމަނާކޮށްގެން އުޅޭ ވާހަކަ. ޢެހާވެސް ކުޅަދާނަ ތަނެއް އެމްއެމްއޭ އަކީ

The name is already taken The name is available. Register?

ސަންސިމް

28 October 2021

އަޑުއެހިން ކަޅުބާޒާރުގައި ޑޮލަރު ވިއްކައިގެން ލިބޭ ފައިދާއިން މުވައްޒަފުންނަށް މުސާރަދޭ ރިސޯޓް އޯނަރުން ތިބެޔޭ

The name is already taken The name is available. Register?

ރެޓޭ

28 October 2021

މިތަނުގަ ދައުލަތެއް އޮތްކަމަށް ޤަބޫލެއް ނުކުރެވޭ! ދާޙިލީ ހަނގުރާމަ ހިނގާ އިތުއޯޕިޔާ އާއި ސޯމާލިޔާ އަދި ޔަމުނުގަވެސް މިޔަށްވުރު ބޮޑަށް ޤާނޫނު ތަންފީޒުކުރޭ! މިއީ ހަމަ ދައުލަތުގެ ބާރު ފޯރުވޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހިންގާ ޖަރީމާއެއް!

The name is already taken The name is available. Register?

ކޮރަލް

28 October 2021

ކައުންޓަރުގަ ކޭޝިއަރުންނަށް ބިދޭސީން ހުންނަން ކޯޓާ ދުލެއް ނުކުރެ އެވެ. ޗެކް ކައުންޓަރުގަ ހުރި ބިދޭސީ މީހުން ޑިޕޯޓް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. ދިވެއްސެއް ފަހަތުގަ ހުއްޓަސް ކައުންޓަރުގަ ކޭޝިއަރަކަށް ބިދޭސީ އަކަށް ނުހުރެވޭނެ އެވެ. އެކަމު އަޅާ ވެސް ނުލަ އެވެ. ފުލުހުންނަށް ވެސް ފެންނާނެ އެވެ.

The name is already taken The name is available. Register?

ސިޔާސީމޭން

28 October 2021

ރާއްޖޭގެ ސެންޓުރަލް ބޭންކަށް ވުރެ ރިސޯޓު އޯނަރުން ބާރުގަދަ ސެންޓުރަލް ބޭންކަށް ލިބެނީ ޓޫރިޒަމް ވިޔަފާރި ކުރާ ފަރާތްތައް ޓެކްސްގެ ގޮތުގައި ދައްކާ ޑޮލަރު ކޮޅު އެކަނި އެހެން ގައުމުތަކުގައި ހުރިހާ ވިޔަފާރިއެއް ކުރަން ޖެހޭނީ އެ ގައުމެއްގެ ލޯކަލް ކަރަންސީން ލޯކަލް ކަރަންސީ ނުލިބޭނެ ގައުމުން ބޭރަކުން މި ރާއްޖޭގައި މަގު މަތީގައި އުޅޭ ބިދޭސީންނަކީ ސެންޓުރަލް ބޭންކު ގައުމާ ދައުލަތް ނިކަމެތިކޮށް މުއްސަނދިން ބާރުގަދަ ކުރާ ސިޔާސަތު މިއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454