ކަރެކްޝަންސްގެ މުވައްޒަފުން ވޯޓު ލާނީ ޖަލުތަކުގެ ފޮށިތަކަށް

ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުރިހާ މުވައްޒަފުން ޖަލުތަކުގައި ހުންނަ ފޮށިތަކަށް ވޯޓުލާން އަންގައިފި އެވެ.


ކަރެކްޝަންސް އިން މިއަދު ނެރުނު ހާއްސަ އުސޫލުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގައި އޮފިސަރުންނާއި މުވައްޒަފުން ވޯޓުލާނީ އެ މީހަކު މަސައްކަތްކުރާ ތަނެއްގައި ބަހައްޓާ ފޮއްޓަކަށް ކަމަށެވެ. އަދި މާލޭގައި މަސައްކަތްކުރާ އޮފިސަރުންނާއި މަދަނީ މުވައްޒަފުން ވެސް ވޯޓުލާން ޖެހޭނީ މާލޭ ޖަލުގައި ބަހައްޓާ ވޯޓު ފޮއްޓަށް ކަމަށް ވެސް ބުނެފައިވެ އެވެ.

"ޖަލުތަކުގައި ބެހެއްޓޭ ފޮށިތަކަށް ރީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ޖަލުތަކާ ގުޅިގެން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ކުރިޔަށް ގެންދާނެ އެވެ. ވީމާ، ކޮންމެ އޮފިސަރެއް އަދި މަދަނީ މުވައްޒަފެއް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވޭތޯ 10 އޯގަސްޓް 2018ގެ ކުރިން ބަލައި ޗެކްކުރުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެކެވެ،" ކޮމިޝަނާ އޮފް ޕްރިޒަންސް ފޮނުވި އެ އުސޫލުގައި ބުނެފައިވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، އިންތިޚާބުތަކުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ޖަލުތަކުގައި ބަހައްޓަން ފެށީއްސުރެ އަމަލު ކުރަމުން އަންނަނީ އެ އުސޫލުން ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވަކި އާ އުސޫލެއް ކަނޑަނާޅާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ކަރެކްޝަން އޮފިސަރުންނާއި މަދަނީ މުވައްޒަފުން ޖަލުތަކުގައި ހުންނަ ފޮށިތަކަށް ވޯޓުލާން އެންގިއިރު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވެސް އަންނަނީ އެތަންތަނުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީވުމަށް އަންގަމުންނެވެ. އަދި އެކަމާ ހެދި ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ހިތްހަމަނުޖެހޭކަން ފާޅު ކުރަމުންނެވެ.