23 މާޗް 2025 - 13:10
އއ. ތޮއްޑޫގައި "މިހާރު ބަދިގެ" ޝޫޓްކުރިއިރު، ޑިޓިއުންބޭންޑްގެ ފާތުމަތު ފެޒްލީން (ފެޒޫ)އާ ދިމާވީ މި ރަށުގެ އެންމެންނަށް ވަރަށް ހާއްސަ ފާތުމަތު އިބްރާހީމް (ތިއްތަ)އާ އެވެ. މި ރަށުގައި ހެދޭ މޭވާ އިން އަމިއްލަ ޖޭމެއް އުފައްދައި އޭނާ ވަނީ ބްރޭންޑްކޮށްފަ އެވެ. ދިވެހިންގެ އިތުރުން މި ރަށަށް އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މި ޖޭމް މަގްބޫލެވެ.
އޭނާ ޖޭމް ހަދާ ތަން ޓޫރިސްޓުންނަށް ޝައުގުވެރިވެގެން ފޮޓޯ/ވީޑިއޯ ނަގަން ވެސް ދެ އެވެ.
ތޮއްޑޫ ތިއްތަ ހަދާ ތިން ވައްތަރުގެ ޖޭމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދިރާގާ ގުޅިގެން ގެނެސްދޭ މިހާރު ބަދިގެ މިއަދު އެޕިސޯޑަކީ ޖޭމް ޕޭންކޭކެވެ. ފެޒޫގެ މި ރެސިޕީ ހާއްސަކުރީ ތިއްތަ އުފައްދާ ޖޭމަށެވެ.
ފެޒޫ، ތޮއްޑޫގެ ފަޅޯ ދަނޑެއްގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިއްތަ ކިޔައިދިން ގޮތުގައި ޖޭމް ހެދީ ވިޔަފާރީގެ ނިޔަތެއް އޮވެގެން ނޫނެވެ. ތޮއްޑުއަކީ ދަނޑުވެރި ރަށަކަށް ވެފައި ގިނަ އަދަދަކަށް މޭވާ އަބަދުވެސް ލިބެން ހުންނާތީ، ހުރިހާ މޭވާއެއް އުކާލަން ބޭނުން ނުވާތީ އައި ހިޔާލެކެވެ.
ޖޭމް ހަދަން ފަށައި ފުރަތަމަ އެކި މީހުންނަށް ރަހަ ދެއްކީ އެވެ. ފުރަތަމަ ހެދީ ޕެޝަން ފުރުޓުންނެވެ. އޭގެ ފަހުން ފަޅޯ އާއި ކަރާ އިން ވެސް ޖޭމް ހަދަ އެވެ.
"ޕެޝަންފުރުޓް ޖޭމް ހަދާފައި ރަހަ ދެއްކީމަ އެންމެންނަށް ވެސް ވަރަށް މީރުވި. ފަހުން ފަޅޮލުގައި ހަދަން ފެށީ،" އޭނާ ބުންޏެވެ.
ތިއްތަ މިހާރު ތިން ވައްތަރުގެ ޖޭމް ހަދަ އެވެ. އެއީ ޕެޝަން ފުރުޓާއި ކަރާގެ އިތުރުން ފަޅޯ އެވެ. އެންމެ ހިނގަނީ ޕެޝަންފުރުޓެވެ. ރަށުގެ އުފެއްދުމަކަށް ވާތީ، މި ރަށަށް އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މި ޖޭމް މަގްބޫލެވެ.
ތިއްތަ ޖޭމް ހަދަން ފެށި ގޮތް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ
ވިޔަފާރިއެއްގެ ގޮތުގައި ޖޭމް ހަދަން ފެށީ މީގެ ދެތިން އަހަރު ކުރިންނެވެ. އެއީ، ދަނޑުވެރިކަމުގައި މަޝްހޫރު އޭނާގެ ކޮއްކޮ ގަމީރާ އާދަމް ބާރު އަޅައިގެން ފެށުނު ކަމެކެވެ.
ޖޭމް ވިޔަފާރިއާ އެކު ބޭކަރީއެއް ވެސް ހިންގަ އެވެ. އެތަނުން ހުރިހާ ވައްތަރެއްގެ ޕާނާއި އެކި ވައްތަރުގެ ބަނަސް ވެސް ހަދަ އެވެ.
1 ޖޯޑު ފުށް
2 ބިސް
އޮލިވް އޮއިލް
ކުޑަ ލޮނުކޮޅެއް
ބޭކިން ޕައުޑާ
މާމުއިކޮޅެއް
ޕެޝަންފުރުޓް ޖޭމް
ފުށުގެ ތެރެއަށް ބިހާއި އޮލިވް އޮއިލް އާއި ލޮނުކޮޅު އަދި ބޭކިން ޕައުޑާކޮޅު އަޅައި ރަނގަޅަށް ގިރާލާށެވެ. އޭގެތެރެއަށް ޖޭމްކޮޅެއް އަޅައި އެއްކޮށްލާށެވެ. ޕޭންކޭކް ފިހާ ގޮތަށް ތަވާގައި ރީއްޗަށް ފިހެލާށެވެ.
ތޮއްޑޫގައި ހަދާ ޖޭމް ބޭނުންކޮށްގެން ޕޭންކޭކް ހެދުމުން ހުންނާނީ މީރު ރަހައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy