އެޕްރީލް މަހު ނޫސްވެރިން ކުރި މުޒާހަރާ: ހައްގުތަކަށް ހުރަސް އެޅުނަސް ކަންބޮޑުނުވާ މީހުން ގިނަ
24 މެއި 2016 - 19:00
ސަރުކާރާ ގުޅިފައި ތިބި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެ އެވެ؛ ލޭބަ ޑޭގައި މުޒާހަރާކުރުމުގެ ހުއްދަ އެހެން ބައެއް ގައުމުތަކުގައި ވެސް ނުދެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ވެސް ކޮރަޕްޝަން އޮތީ އިންތިހާގަ އެވެ.
ރާއްޖޭގައި ނޫސްވެރިކަމާއި އެއްވެއުޅުމުގެ މިނިވަންކަން ނެތެކޭ ނުބުނެވޭނެ އެވެ.
މައްސަލައެއް އޮވެއްޖެއްޔާ މިނިވަން މުއައްސަސާތަކަށް ހުށަހަޅަންވީ އެވެ.
ކޯޓުތައް އެ ހުރީ އެވެ. ސުޕްރީމް ކޯޓަށް ވެސް ދާންވީ އެވެ.
މަތީގައި ލިއެފައިވާ ވާހަކަތަކަށް ދޭނެ ޖަވާބެއް ނޭނގި ބައެއް މީހުން ތިބެދާނެ އެވެ. އެކަމަކު ސީނާ އަހުމަދު ޒާހިރަކީ އޭގެ ތެރޭގައި ހިމެނޭ ދިވެއްސެއް ނޫނެވެ. އޭނާގެ ޑީއެންއޭ، އަހަރެމެންގެ ގިނަ ދިވެހިންގެ ޑީއެންއޭއާ އެބަ ތަފާތުވެ އެވެ.
"އަޅުގަނޑަށް ހީވަނީ މިނިވަންކަމާ މެދު ވާހަކަ ދެއްކުމަކީ އަޅުގަނޑުގެ ޑީއެންއޭގައި ހުންނަ ކަމެކޭ،" މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަން ދުވަހު، މޭ 3 ގައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލްގެ އަހަރީ ހަފުލާގައި އޭނާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ނެތް ދުވަސްވަރު އަމިއްލަ އަށް ނޫހެއް ނެރުއްވައި، އަދި އެކި ނަންނަމުގައި ކޮލަމްތައް ލިއުއްވި ޒާހިރު "މިނިވަންކަމުގެ ވާހަކަ"އޭ އެ ވިދާޅުވަނީ ދައުލަތުގެ ކަންކަމާ މެދު ފާޑުކިޔުމުގެ ނަޒަރިއްޔާތަށެވެ. ޕީޕީއެމްގެ މެމްބަރަކަށް ވެވަޑައިގަތަސް، އަދި ރައީސް އަބްދުﷲ ޔާމީނާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކެބިނެޓްގެ އެކި މަގާމުތައް ފުރުއްވައި އަދި ފަހުން ކެމްޕޭންތަކުގައި ގާތްކޮށް އުޅުއްވި ކަމަށް ވިޔަސް، މިހާރުގެ ސަރުކާރުގެ ބައެއް ކަންކަމާ މެދު ފާޑުވިދާޅުވާކަށް އޭނާ ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ. ސަރުކާރުގެ ކޮންޓްރޯލްގެ ތެރޭގައި ރާއްޖޭގެ މިނިވަން މުއައްސަސާތައް ބަނދެ، ހާސްކޮށްފައި އޮތް އިރު އެކަމާ މެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކަންބޮޑުނުވިޔަސް ޒާހިރު ހުންނެވީ ފިކުރު ބޮޑުވެފަ އެވެ.
"މުސްތަގިއްލު މުއައްސަސާތައް އެބަ އޮތް،" ނޫސްވެރިންގެ ޚާއްސަ ހަފުލާގައި ޒާހިރު ވިދާޅުވި އެވެ.
އެކަމަކު "ކޮން ތަނެއްތޯ މުސްތަގިއްލު ވަނީ؟ ނަމުން މުސްތަގިއްލީ."
އޭގެ ސަބަބު ވެސް ޒާހިރު ދެއްކެވި އެވެ. އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި، ވިސްނައި ފިކުރުކުރުމެއް ނެތި، ކަންކަން ނިންމެވުމެވެ. މީހަކު މަގާމުން ވަކިކުރަން ހުށަހަޅާ އިރު އޭގެ ސަބަބުތަކަށް ބެއްލެވުމެއް ނެތި "ބަޓަން އަށް އޮއްބާލުމެ"ވެ.
ސީނާ ޒާހިރު: ތަފާތު ޚިޔާލުތަކުގެ ބޭފުޅެއް -- ފޮޓޯ: މޯލްޑިވްސް މީޑިއާ ކައުންސިލް
މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު މަޖިލިހަށް އޮންނަ އިރު މަޖިލިހުގެ މެޖޯރިޓީ ވިސްނުން "ކަންނެތް" މޯޑަށް ލައިފި ނަމަ، ދައުލަތުގެ މުހިންމު އެތައް އިދާރާއެއް އެދަނީ ނުކުޅެދުންތެރިކަމުގެ ތެރެއަށެވެ. އެކަން މިދަނީ ފެންނަމުންނެވެ.
ޒާހިރު ވަރަށް ކެރިވަޑައިގެން އަދި ހިތްޕުޅުގައި އޮތް ޝުއޫރު ފޮރުވުމެއް ނެތި، އޭގެ އަސަރާއި ފޯރިއާ އެކު ނޫސްވެރިންނާއި ރައްޔިތުންގެ ކުރިމައްޗަށް އޮއްސާލެއްވި އިރު އެ ހަފުލާގައި ރައްޔިތުންގެ މަޖިލިހުގެ ބާރުގަދަ ބައެއް މެމްބަރުންނާއި މިނިވަން ބައެއް މުއައްސަސާތަކުގެ އިސް ވެރިން ތިއްބެވި އެވެ. އެ ބޭފުޅުންނަށް ޒާހިރުގެ ވާހަކަތައް ނެގުނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެކަމަކު ބައެއް ބޭފުޅުންގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
މިނިވަން ޚިޔާލަށް ލޯބިކުރާ މީހުން ޖެހިލުންނުވުމަށް ޒާހިރުގެ ވާހަކަތަކުން ހިތްވަރު ލިބެ އެވެ. ހައްގު ބަސް، ހައްގު ގޮތުގައި ބުނަން ޖެހިލުންވެއްޖެ ނަމަ ގައުމުގައި ކޮންމެ ފަދަ ނުބައެއް ހިނގަމުން ދިޔަސް ތިބެން ޖެހޭނީ، 2005 ގެ ކުރިން ރާއްޖެ އޮތް ގޮތަށް، އަނގައިގައި ތަޅު އަޅުވައިގެންނެވެ. ދިވެހިންގެ މުއްސަނދިކަން ފޭރިގަންނަ އިރު ވެސް، "އެއީ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތް" ކަމަށް ބުނެ، ކޮރަޕްޝަންގެ ފައިދާ ލިބޭ މީސްމީހުން ދައްކާ ވާހަކަތައް އަޑުއަހާލުން ނޫން ކަމެއް ނުކުރެވޭނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ސާފު ބަހުން ކަނޑާ ބިންވަޅު ނަގާފައިވާ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރާއި ފުލުހުންނާއި އަދުލުއިންސާފުގެ ދާއިރާ އިން އަރައިގަތް ނަމަވެސް "އެއީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫން" ކަމަށް ބުނެ އަމިއްލަ ނަފުސަށް ވިސްނައިދީ ބޮލުން ކަޓުވާލުން އެންމެ ފަހުން ވާނީ އާދައަކަށެވެ.
ރާއްޖެ އިން އަނެއްކާވެސް ފެންނަމުން މިދަނީ އެ މަންޒަރެވެ. އެތައް ބައެއްގެ އެތައް ގުރުބާނީއަކުން ހޯދި އެތައް ހައްގަކަށް ވަނީ ހުރަސްއެޅިފަ އެވެ. އެއިން ކަމަކާ ރައްޔިތުން ކަންބޮޑުވެގެންނެއް ނޫޅެ އެވެ. ފަސޭހަ ގޮތް ފަސޭހަ އެވެ. އެކަމަކު އެ ފަސޭހަކަމުގައި އުޅެން އާދަކުރުމުގެ ނަތީޖާ ޔަގީނުން ވެސް ފޮންޏެއް ނުވާނެ އެވެ. ރާއްޖޭގެ ތާރީޚުން ވެސް އެކަން ދައްކައިދެ އެވެ.
ސީނާ ޒާހިރު އެ ވިދާޅުވި ޑީއެންއޭ އެހެން ދިވެހިންގެ ހަމަ ނެތީ ހެއްޔެވެ؟ ނޫނެކެވެ. މައްސަލަ އަކީ އެ ޑީއެންއޭ ތިމާގެ ވިސްނުމުގެ ބައިވެރިޔަކަށް ނުހަދައި، ނިންދުވާފައި ބޭއްވުމެވެ. އެކަމަކު ކިހާ ދުވަހަކު ހެއްޔެވެ؟
ބާރު އޮތް ފަރާތްތަކުން ކަންކަން ރަނގަޅު ނުކުރި ނަމަވެސް، ނުބައި އުސޫލުތައް ބަލައިގަންނާނެ ބައެއް ނޫންކަމުގެ ވާހަކަ ކޮންމެ ތަނެއްގައި ވެސް ދެއްކެން ޖެހޭނެ އެވެ. ރަށްރަށުގެ ހޮޅިއަށިތަކާއި މައިޒާންތަކަކީ އެ ސަގާފަތުގެ ބައެކެވެ. މިހާރު ނަމަ ސޯޝަލް މީޑިއާ އަކީ ޒަމާނީ ވަސީލަތެވެ. އެއީ ވަކި ސަރުކާރެއް އޮވެގެން ލިބޭ ހައްގެއް ނުވަތަ ވަކި ސަރުކާރެއް ނެތުމުން އުނިވާ ހައްގެއް ވެސް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy