07 ޖުލައި 2023 - 07:01
އެލިއާއިން މިދިޔަ އަންގާރަ ދުވަހު ބޯޓު އޮޕަރޭޓަރުންނަށް ފެށި ޓްރެއިނިން ޕްރޮގުރާމް ނިންމާލައިފި އެވެ.
އެ ޕްރޮގުރާމުގައި އެކި ރިސޯޓުތަކުންނާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތައް ހިމެނޭ ގޮތަށް 50 ފަރާތަކުން ބައިވެރިވި އެވެ.
އެލިއާއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީއާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި ޔަމަހާ ޖަޕާންގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެލިއާއިން ބުނި ގޮތުގައި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގުރާމަށް ހޫނު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި ބައިވެރިންނަށް ސްޕީޑް ބޯޓާއި އިންޖީނުގެ މެއިންޓެނެންސް ފަދަ މަސައްކަތްތަކުގެ އާ ކަންތައްތައް ދަސްކޮށްދީ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތަކާއި މި ސިނާއަތަށް ބޭނުންވާރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތަމްރީނުތައް ވެސް ދީފައިވާކަމަށް ބުންޏެވެ.
ސްޕީޑް ބޯޓަށް ހާއްސަ މެނިއުވާ ކުރުމުގެ އުކުޅުތަކާއި ނެވިގޭޝަން، ޗާޓް ރީޑިން އަދި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކިޔައިދީފަ އެވެ. އަދި ފަޔަ ސޭފްޓީ އާއި ފަސްޓް އެއިޑާ ގުޅޭ ޓްރެއިނިން އާއި އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއް ވެސް ވަނީ ނަގައިދީފަ އެވެ.
މި ޕްރޮގުރާމްގެ ބައިވެރިންނަށް މައުލޫމާތުގެ އިތުރުން އަމަލީ ތަމްރީނުތައް ވެސް ވަނީ ދީފަ އެވެ.
ޕްރޮގުރާމުގެ ބައެއް ބައިވެރިން ބުނި ގޮތުގައި މި ޓްރެއިނިންގެ ސަބަބުން މައުލޫމާތު މުއްސަނދިވެ، އިތުރު ތަޖުރިބާތަކެއް ލިބި، ސިނާއަތުގައި ކުރަމުން އަންނަ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް އޮންނަ އިތުބާރު ވަނީ އިތުރުވެފަ އެވެ. އަދި އެ ފަދަ ތަމްރީނު ޕްރޮގުރާމެއްގެ މުހިންމުކަން ވެސް ބައިވެރިން ފާހަގަކުރި އެވެ.
ސިނާއަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލާއި ރޭ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy