އޮސްޓްރޭލިއާ އެވޯޑު ސްކޮލަޝިޕުން ކިޔެވި ބައެއް ދަރިވަރުން.
20 މާޗް 2025 - 14:10
އޮސްޓްރޭލިއާ ސަރުކާރުގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް މިނިސްޓްރީން ފަންޑުކުރާ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އެ ސްކޮލަޝިޕުގައި ޓިއުޝަން ފީ، ދިރިއުޅުމުގެ ހަރަދުތައް އަދި ކިޔެވުމާ ގުޅުންހުރި އެހެނިހެން ހަރަދުތަކަށް އެހީ ލިބޭނެ އެވެ. އެ ސްކޮލަޝިޕަކީ ދިގު މުއްދަތުގެ ތަރައްގީ އަދި ލީޑަޝިޕް ގާބިލުކަން އިތުރުކުރުމަށް އޮސްޓްރޭލިއާގެ ސަރުކާރުން ކުރާ މަސައްކަތުގެ ބައެެކެވެ.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕުން ކިޔެވި ބައެއް ދަރިވަރުން.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިފުން ރާއްޖޭގެ އަންނަން އޮތް ޖީލުގެ ލީޑަރުންނަށް، ގައުމުގެ ތަރައްގީގެ އިސްކަންދޭ ދާއިރާތަކާ ގުޅުންހުރި ދާއިރާތަކުން ފުލްޓައިމްކޮށް މާސްޓާސް ފެންވަރުގެ ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ސްކޮލާޝިޕުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހަރުދަނާ އަދި ޖަވާބުދާރީވަނިވި ދައުލަތަކާއި ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރުމަށް މުހިންމު ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ސްކޮލަޝިޕުގެ ދަށުން 2020 ވަނަ އަހަރު މެލްބަން ޔުނިވާސިޓީގައި މާސްޓާ އޮފް މެނޭޖްމަންޓް (އެކައުންޓިން) ފުރިހަމަކުރި ދަރިވަރެއް ކަމަށްވާ އައިމިނަތު މުހައްމަދު ބުނީ އެ ސްކޮލަޝިޕުގެ ސަބަބުން ތައުލީމީގޮތުންނާއި އަމިއްލަ ކުރިއެރުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއަށް ދިއުމަށް އެހީވެދިން ކަމަށެވެ.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕުން ބުނީ އެ ސްކޮލާޝިޕުން ދަރިވަރުންނަށް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ތައުލީމާއި ދިރާސާކުރުމުގެ ފުރުސަތުތަކަށް މަގުފަހިކޮށްދޭ ކަމަށެވެ. އެކަމުގެ ސަބަބުން އެ ދަރިވަރުންގެ އަމިއްލަ ގައުމުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ހޯދުމުގެ ބާރު ލިބިގެން ދާނެ ކަމަށް ބުންޏެވެ.
އޮސްޓްރޭލިއާ އެވޯޑު ސްކޮލަޝިޕުން ކިޔެވި ބައެއް ދަރިވަރުން.
އެ ސްކޮލަޝިޕުގައި ފުރުސަތު ލިބޭ ދަރިވަރުން ކިޔެވުން ނިންމުމަށް ފަހު، ރާއްޖެއަށް އެނބުރި އަންނާނީ ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގައި ބައިވެރިވުމަށް ތައްޔާރުވެގެން ކަމަށް ވެސް އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕުން ބުންޏެވެ. އަދި އެ ދަރިވަރުންނަށް ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން، ގައުމަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދައި، ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްތަކުން ގްރެޖުއޭޓްވާ ދަރިވަރުން އޮސްޓްރޭލިއާ ގްލޯބަލް އެލަމްނައި ނެޓްވޯކުން ފުރުސަތު ލިބޭނެ އެވެ. އެ ނެޓްވޯކުން ދަރިވަރުންނަށް އޮސްޓްރޭލިއާއާ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން، އެ ސަރަޙައްދުގެ އަދި މުޅި ދުނިޔޭގެ އެލަމްނައިއާ ގުޅުން ބަދަހިކޮށްދެ އެވެ. އެ ނެޓްވޯކްގެ މެންބަރުންގެ ގޮތުގައި، އޮސްޓްރޭލިއާ އެވޯޑްސް އެލަމްނައިއަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމާއި، އެއްބާރުލުން ދިނުމާއި، ވަކާލާތުކުރުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕުގައި 2026 ވަނަ އަހަރުގެ އިންޓޭކަށް މިހާރު ވަނީ އެޕްލިކޭޝަން ހުޅުވާލާފައެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް އެޕްލިކޭޝަން ޕްރޮސެސްއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މައުލޫމާތު އޮސްޓްރޭލިއާ އެވޯޑް މޯލްޑިވްސް ވެބްސައިޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްތާރުބެ
20 March 2025
އަހެރެންވެސް އޮސްޓްރޭލިޔާ އެވޯޑްގައި ގޮސް ކިޔެވިން، ކިޔަވާގެން އައިސް ވަޒީފާގަނޑެއް ނުލިބި އެންމެ ފަހުން ދިޔައީ ބަފާބެއާއި އެކު ވެލިގަލަށް. ކިޔެވިސް މިރާއްޖޭގައި ވަޒީފާ ލިބެނީ މަގުމަތީ އުޅޭ އެކްޓިވިސްޓުންނަށް..
އެކްޓްވިސްޓޭ
21 March 2025
އާން، ދެން ލިބޭނީ މަސްތުވާ އެއްޗެހި ވިއްކާ މާރާމާރީ ހިންގާ ގޭންގު ސްޓާރުންނަށް!!!! އޭގެ މީހަކަށް ވާންވީ ، ކިޔަވާނެ ކަމެއް ނެތް!!!
ޖޯޖީ
20 March 2025
މި ކަހަލަ ލިޔުންތަކުގެ ރީޑަރ އެކްސްޕީރިއެންސް ފުރިހަމަވާނެ ވެބްސައިޓްގެ ލިންކް ޖަހާލިނަމަ.
ކޫޕަރ
21 March 2025
ގޫގްލް ކޮށްލާ