ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 މާޗް 2025 - 13:22
ވިލާ ކޮލެޖުން މެއި އިންޓޭކުގައި އަލަށް ފަށަން ހަމަޖެހިފައިވާ ހަ ކޯހެއް ލޯންޗުކޮށްފި އެވެ.
އެ ކޮލެޖުން އަލަށް ފަށަން އިއުލާނު ކުރި ކޯސްތަކަކީ ބެޗްލާ އޮފް ސައިންސް އިން ސޮފްޓްވެއާ އިންޖިނިއަރިން، ބެޗްލާ އޮފް ސައިންސް އިން ނެޓްވޯކިން، ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީ، މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް އަދި ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ އެވެ.
ވިލާ ކޮލެޖުން ބުނީ އަލަށް ތައާރަފްކުރާ ސޮފްޓްވެއާ އިންޖިނިއަރިން ދާއިރާގެ ބެޗްލާ އޮފް ސައިންސް ޕްރޮގުރާމަކީ މިހާރު އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ އަދި މުސްތަގުބަލުގައި ސޮފްޓްވެއާ ތައްޔާރުކުރުމުގެ ދާއިރާގައި ކެރިއާއެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޕޮރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމަކީ ސޮފްޓްވެއާ ތައްޔާރުކުރުމާއި، މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމާއި، ވެބް ޑިޒައިނިން ދާއިރާގެ ތަފާތު ސެކްޓާތަކާއި މުއައްސަސާތަކުގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކަށީގެންވާނެ ޕްރޮގްރާމެއް ކަމަށް ބުންޏެވެ.
އެ ކޮލެޖުން އަލަށް ތައާރަފުކުރި ބެޗްލާ އޮފް ސައިންސް އިން ނެޓްވޯކިން ޕްރޮގްރާމަކީ ދަރިވަރުންނަށް ނެޓްވޯކިން މައްސަލަތައް ހައްލުކުރަން ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. އެ ކޯހުން ދަރިވަރުންގެ ޓެކްނިކަލް ހުނަރުތަކާއި ނެޓްވޯކިން އާއި އަމަލީ މަސައްކަތްތަކުގައި ޕްރޮފެޝަނަލް ކޮމްޕިޓެންސީ ތަރައްގީކުރަން އެހީވެދޭނެ އެވެ.
އެ ކޯހުގައި ކިޔަވައިދޭނީ ސިސްކޯގެ ޕެކެޓް ޓްރޭސިން ޓޫލް ބޭނުން ކޮށްގެންނެވެ. ޕެކެޓް ޓްރޭސިން ޓޫލް އަކީ ސެޓިފިކޭޝަން އިމްތިހާނުތަކަށް ތައްޔާރުވުމަށް، ހާއްސަކޮށް ސީސީއެންއޭ ދަރިވަރުންނަށް ހިލޭ ބޭނުންކުރެވޭ ނެޓްވޯކް ސިމިއުލޭޓާ އެކެވެ.
އެ ކޮލެޖުން އަލަށް ފަށަން ނިންމާފައިވާ ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީ ޕްރޮގްރާމަކީ ދަރިވަރުންނަށް ނެޓްވޯކް ސެކިއުރިޓީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭނެ ކޯހެކެވެ. އެ ކޯހުގައި ނެޓްވޯކިންގެ ނަޒަރިއްޔާތުތަކާއި ޓެކްނިކަލް ހުނަރުތައް އެއްކޮށްލައިގެން، ފެންވަރު ރަނގަޅު ނެޓްވޯކު ހައްލުތައް ތަރައްގީކޮށް ބެލެހެއްޓުމަށް ދަސްކޮށްދޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. މި ކޯސް ވެސް ކިޔަވައި ދޭނީ ސިސްކޯގެ ޕެކެޓް ޓްރޭސިން ޓޫލް ބޭނުން ކޮށްގެންނެވެ.
މި ތިން ޑިގްރީ ޕްރޮގްރާމަކީ އެސޯސިއޭޝަން ފޯ ކޮމްޕިއުޓިން މެޝިނަރީ (އޭސީއެމް) ގެ ކަރިކިއުލަމް، އައީއީއީ ކޮމްިޕއުޓިން ސޮސައިޓީގެ ކޮމްޕިއުޓާ ސައިންސް ކަރިކިއުލަމް އަދި ޔޫކޭގެ ޕްރޮފެޝަނަލް ބޮޑީއެއް ކަމުގައިވާ ބްރިޓިޝް ކޮމްޕިއުޓިން ސޮސައިޓީގެ ކޮމްޕިއުޓިން ކަރިކިއުލަމް އާއި އަޅާކިޔާފައިވާ ޕްރޮގްރާމްތަކެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. އަދި އެ ކޯސްތަކުގެ މޮޑިއުލްތައް ވާވޭ އެކަޑަމީގެ ކޯސްތަކާ ގުޅުވާލެވިފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
އެ ތިން ޕްރޮގުރާމަކީ އެމްއެންކިއުއޭ ލެވަލް ހަތެއްގެ ތިން އަހަރުގެ ކޯސްތަކެކެވެ.
ވިލާ ކޮލެޖުން އަލަށް ފަށާ މާސްޓާ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ ޕްރޮގްރާމަކީ ދަރިވަރުންނަށް އޯގަނައިޒޭޝަނަލް/އިންޑަސްޓްރިއަލް ސައިކޮލޮޖީގެ އުސޫލުތައް އެޕްލައިކޮށް، މަސައްކަތުގެ މާހައުލުގެ އުފެއްދުންތެރިކަމާއި ހަރުދަނާކަން އިތުރުކުރުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި އަލަށް ތައާރަފް ކުރާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމަކީ ހިއުމަން ރިސޯސަސްގެ ދާއިރާގެ މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި، އޮފީސްތަކުގައި މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގާ ފަރާތްތަކަށް ބޭނުންތެރި ވާނެ ކޯހެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުންނަށް 'ސޮސައިޓީ ފޯ އިންޑަސްޓްރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ'ގެ މެމްބާޝިޕް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
އެއް އަހަރު ދުވަހުގެ އެ ކޯހަކީ އެމްއެންކިއުއޭ ލެވެލް 9 ގެ ޕްރޮގުރާމެކެވެ.
ވިލާ ކޮލެޖުގެ އެ ތިން ޑިގްރީ ޕްރޮގްރާމާއި މާސްޓާސް ޕްރޮގުރާމަކީ ފޭސްޓުފޭސްކޮށް އަދި އޮންލައިންކޮށް ކިޔެވޭނެ ޕްރޮގުރާމުތަކެކެވެ.
ވިލާ ކޮލެޖުން ތައާރަފް ކުރި ސެޓްފިކެޓް 4 އިން ކަލިނަރީ އާޓްސް އަކީ ރާއްޖޭގައި އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ފުރަތަމަ ޕްރޮގުރާމެވެ. އެ ޕްރޮގުރަމުގައި ކަލިނަރީ ސައިންސް ކިޔަވައިދިނުމުގެ އިތުރުން ފުރަތަމަ ދުވަހުން ފެށުގެން ޕްރޮފެޝަނަލް ކިޗަންއެއްގައި އަމަލީ މަސައްކަތްކުރުމުގެ ފުރުސަތާއި ތިއަރީއާ އެކު ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ކޯހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކަލިނަރީ އުކުޅުތަކުގެ އިތުރުން ދިވެހި ކެއުމުގެ ވައްޓަފާޅި އާއި ސަގާފީ ބައިތައް ހިމަނައިގެން ރާއްޖޭގައި ހިންގާ ފުރަތަމަ ރަސްމީ ކޯހެވެ.
އެ ކޮލެޖުން ތައާރަފް ކުރި ނެޝަނަލް ސެޓްފިކެޓް 3 އިން ފްލެބޮޓޮމީ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ގުޅިގެން، ފްލެބޮޓޮމީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަށާ ކޯހެކެވެ. މިއީ ފްލެބޮޓޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ އަސާސީ މައުލޫމާތާއި، އަމަލީ ހުނަރުތަކާއި، ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ގާބިލުކަން ހޯދަ ދޭނެ ޕްރޮގުރާމެކެވެ. މިއީ 17 ހަފްތާގެ ކޯހެކެވެ.
ވިލާ ކޮލެޖުން އަލަށް ތައާރަފް ކުރި ކޯސްތައް ހިމެނޭ ގޮތަށް އެ ކޮލެޖުގެ މެއި އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅޭނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy