25 އެޕްރީލް 2025 - 20:07
ހުޅުމާލެ ފޭސް 2 ގައި މިހާރު ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސް "ބޭފެންސީ ރެޒިޑެންސް"ގެ އެޕާޓްމަންޓުތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ އެޕާޓްމަންޓް ކޮމްޕްލެކްސްގެ މަސައްކަތް ހަލުވި މިނުގައި ކުރިއަށް ދާ ކަމަށެވެ. އެގޮތުން އެ އިމާރާތުގެ ތިން ވަނަ ބުރީގެ ކޮންކްރީޓް ސްލެބް އެޅުމުގެ 50 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި ހަތަރު ވަނަ ބުރީގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ބުންޏެވެ.
ބޭފެންސީއިން ބުނީ އެ ތަނާ ގުޅޭ އިތުރު މައުލޫމާތާއި އެ ތަނުން އެޕާޓްމަންޓު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ކުރިއަށް ދާ ބިލްޑް އެކްސްޕޯއިން ލިބެން ހުންނާނެ ކަމަށެވެ.
ބޭފެންސީއިން މައުލޫމާތު ދޭ ގޮތުގައި، އެ ތަން ފަރުމާކުރާނީ ދިރިއުޅުމުގެ މާހައުލަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އެގޮތުން އެތަނުން އަސާސީ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމާއި އެކި ފެސިލިޓީތައް އެ ތަނުގައި ގާއިމުކުރުމަށް ވަނީ ރާވާފަ އެވެ. އަދި އެ ތަން ފަރުމާކުރުމުގައި އާކިޓެކްޓުންނާއި ޕްލޭނަރުންނާ އަދި ޓެކްނިކަލް މާހިރުންނާ ގުޅިގެން އެޕާޓްމަންޓުތައް ފަރުމާކުރާނީ އެންމެ ފުރިހަމައަށް އެ ޖާގަ ބޭނުން ކުރެވޭނެ ގޮތަކަށް ކަމަށް ވެސް ބުންޏެވެ. އަދި އެތަނުގައި އެޕާޓްމަންޓުތައް ހަދާނީ ވައި ދައުރުވުމާއި ގުދުރަތީ އަލިކަން ލިބެން ހުންނާނެ ގޮތްތަކަށް ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން، ޑިޖިޓަލް އެކްސެސް އަދި ސެކިއުރިޓީ ސިސްޓަމްތަކާއި ހަކަތައާ ގުޅުންހުރި އީޖާދީ ސޮލިއުޝަންތައް އެ ތަނުގައި ހުންނާނެކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
ބޭފެންސީ ރެޒިޑެންސްގެ މަސައްކަތަކީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ އިމާރާތެކެވެ.
ބޭފެންސީ އަކީ ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެދެ
25 April 2025
ވެބްސައިޓެއް ވަރު ނޫހުގަ އޮތްނަމަ ވަރަށް ރަންގަޅުވީސް