09 ޖުލައި 2025 - 11:46
އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަންގެ 31 ވަނަ ކޮންފަރެންސް ވިލާ ކޮލެޖުގައި ފަށައިފި އެވެ.
މިއީ، އިގްތިސާދީ ދިރާސާގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި ބައިނަލްއަގުވާމީ އިދާރާއަކާ އެކު ރާއްޖޭގައި މިފަދަ ދާއިރާއަކުން ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސް ފެށީ މިދިޔަ އާދީއްތަދުވަހެވެ. އަންނަ ހުކުރުދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ދުނިޔޭގެ 38 ގައުމެއް ތަމްސީލްކުރާ 196 ފަރާތަކުން ބައިވެރިވާނެ އެވެ.
އޭގެ ތެރޭގައި 88 ޔުނިވާސިޓީއެއްގެ ދަރިވަރުން ހިމެނެ އެވެ. މި ކޮންފަރެންސްގެ ތެރޭގައި 'އިންޕުޓް-އައުޓްޕުޓް އެނަލިސިސް'އާ ގުޅުން ހުރި އެކި މައުޟޫތަކަށް 150 އަށް ވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހަޅާނެ އެވެ.
މި ކޮންފަރެންސް ފަށަން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
އެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގަށްޓަކައި އިގުތިސާދީ ދިރާސާތައް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ކޮންފަރެންސްގައި އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސަރު ރޮބާޓް ކޫޕްމަން އާއި ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރު ޖިންގް މެންގް އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ޕްރިންސިޕަލް ސްޓެޓިސްޓިޝަން ޑރ. މަހިންތަން ޖޯސެފް މާރިއަސިންހަމް ވަނީ ޖިއޯ-އިކޮނޮމިކް ބާރުތަކާއި ގްލޯބަލް ސަޕްލައި ޗެއިންތަކުގައި 'ގްލޯބަލް ސައުތު'ގެ ދައުރާއި އަދި މި ޒަމާނުގެ އިގްތިސޯދީ ގުޅުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
މި ކޮންފަރެންސްގައި ޕްރޮފެސަރު ރޮބާޓް ކޫޕްމަންގެ ކީނޯޓްގައި، އިންޕުޓް-އައުޓްޕުޓް (އައިއޯ) އެނަލިސިސް އަކީ ހަމައެކަނި ވިޔަފާރި ހިސާބުކުރާ މިންގަނޑެއްގެ ބަދަލުގައި، މިއަދުގެ ބައިބައިވެފައިވާ ދުނިޔޭގައި ޖިއޯ-އިކޮނޮމިކް ބާރާއި ނާޒުކުކަން ދެނެގަތުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތަކަށް ވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ގައުމުތައް ގުޅިގެން މަސައްކަތްކުރާ ވެއްޓަކުން، ސްޓްރެޓެޖިކް ވާދަވެރިކަމާއި ފްރެގްމެންޓޭޝަންގެ ވެއްޓަކަށް ދުނިޔެ ބަދަލުވެފައިވާ ކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު ގޮންޖެހުމަކީ، އޭއައި ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން އުފެދޭ، އާދައިގެ ޑޭޓާއިން ނުފެންނަ "ނެޓްވޯކް ލުބްރިކަންޓް" ގުޅުންތަކާއި "އެޑެޕްޓިވް ކެޕޭސިޓީ" މިންކުރުން ކަމަށް ވިދާޅުވި އެވެ.
މި ޒަމާނާ އެއްގޮތަށް، މި ދާއިރާގެ ދިރާސާތަކުގެ މުހިންމުކަން ދަމަހައްޓަން، އިތުރަށް ތަފްސީލީ އަދި ޑައިނަމިކް މޮޑެލްތައް އުފައްދައި، އާ މިންގަނޑުތަކެއް ހޯދުމަށް ކޫޕްމަން ވަނީ ދާއިރާގެ މާހިރުންނަށް ގޮވާލައްވައިފަ އެވެ.
މި ކޮންފަރެންސްގައި 40 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު ކަރުދާހަށް "ލިއޮންޓީފް މެމޯރިއަލް ޕްރައިޒް"ގެ ނަމުގައި ހާއްސަ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ. މި އިނާމަށް 1,000 ޔޫރޯގެ އިތުރުން، އެ ކަރުދާސް އައިއައިއޯއޭގެ ރަސްމީ ޖާނަލް "އިކޮނޮމިކް ސިސްޓަމްސް ރިސާޗް" ގައި ޝާއިއު ކުރާނެ އެވެ.
މި ކޮންފަރެންސްގެ މުހިންމު ބައެއްގެ ގޮތުގައި، ދިރާސާ ކުރާ ޒުވާނުންނަށް ހާއްސަކޮށްގެން "އިންޓަނޭޝަނަލް ސްކޫލް އޮފް އިންޕުޓް-އައުޓްޕުޓް އެނަލިސިސް"ގެ 13 ވަނަ އެޑިޝަން، ހޯމަ ދުވަހު ވަނީ ބާއްވައިފަ އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި ޖުމްލަ 115 ބައިވެރިންނާ އެކު ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ތަނަވަސްކޮށްދީ، ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ މަގުފަހިކޮށްދިނުމެވެ. އޭގެ އިތުރުން ޒުވާނުންގެ ރިސާޗް ހުނަރުވެރިކަން ދައްކާލަން 'ޔަންގް ރިސާޗާސް ނައިޓް' އަދި 'ފްލޭޝް ޕްރެޒެންޓޭޝަން' ފަދަ ހާއްސަ ހަރަކާތްތަކެއް ވެސް ތާވަލުކޮށްފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
މިފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސެއް ވިލާ ކޮލެޖުން އިންތިޒާމްކުރުމަކީ ރާއްޖެއަށް ތައުލީމީ ދާއިރާއިން ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ޝަރަފެއްގެ ގޮތުގައި ވިލާ ކޮލެޖުން ސިފަކުރެ އެވެ. މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ރާއްޖެ އަކީ އިގްތިސާދީ ދިރާސާތަކާއި ބައިނަލްއަގުވާމީ އިލްމީ ބައްދަލުވުންތަކުގެ މަރުކަޒެއްގެ ގޮތުގައި ފާހަގަވެ، ރާއްޖޭގެ އިލްމީ ދާއިރާގެ ބޭފުޅުންނާއި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ މާހިރުންނާ ބައްދަލުކޮށް، އިލްމީ ގުޅުންތައް ބަދަހިކުރުމުގެ އަގުހުރި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy