ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ފެށުން ލަސްވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޭން ޖެހޭ ހުއްދަ ނުދީގެން ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދޭން ދެކޮޅު ހަދައިފި އެވެ.
ފްލައިމީގެ ދަތުރުތައް މިމަހުގެ 15ވަނަ ދުވަހު ފަށާނެ ކަމަށް އިއުލާންކުރުމަށް ފަހު ނުފެށުނީ ސިވިލް އޭވިއޭޝަނުން ހުއްދަ ނުދީގެން ކަމަށް ބުނެ އެކި ފަރާތްތަކުން ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.
ފްލައިމީގެ ދަތުރުތައް ފެށުމަށް ހުއްދައަށް އެދިފައިވޭތޯ އެހުމުން ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކްޓިވް ހުސެއިން ޖަލީލު އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކެވި އެވެ. ނަމަވެސް އެސްއެމްއެސްއަކުން ވިދާޅުވީ އައްޑު އާއި ފުވައްމަލުކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަކަން ހަބަރުން އެނގިވަޑައިގެންފައިވާ ކަމަށާއި ދަތުރުތައް ފަށާނެ ދުވަހެއް އަދި ނުނިމޭ ކަމަށެވެ.
ވިލާ އެއާގެ ޑިސްޓްރިބިއުޝަން މެނޭޖަރު އާދަމް ފައިނާން ވަހީދު ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފެށުމަށް ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ސިވިލް އޭވިއޭޝަނާއެކު މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް އޭވިއޭޝަނުން ހުއްދަ ނުދޭ ގޮތަކަށް ނޫން އޮތީ. އެކަމަ ގުޅޭ ތައްޔާރީތައްވަމުން ދަނީ،" ފައިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދަތުރުތައް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން ދަނީ. ސިވިލް އޭވިއޭޝަނާއެކު ވެސް އެބަ މަސައްކަތްކުރަން. އައްޑު އަށާއި ފުވައްމުލަކަށް ދަތުރުކުރުމުގެ ހުއްދަ ލިބޭނެ،" ފައިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިވިލްއޭވިއޭޝަން ވެސް ހުށަހަޅަން ޖެހޭ ޑޮކިއުމަންޓް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުއްދަ ލިބިގެން ދަތުރުތައް ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ފައިނާން ވިދާޅުވި އެވެ.