ގެސްޓް އިންޝުއަރެންސް ޕްރޮމޯޝަންގެ އިނާމް ގުރުއަތުން ލިބުނު ފަރާތްތައް މިއަދު އިނާމް ހަވާލުކޮށްދެއްވަނީ. ފޮޓޯ: އެލައިޑް
23 އޮކްޓޯބަރ 2017 - 11:57
އެލައިޑް އިންޝުއަރަންސުން ކުރިޔަށްގެންދިޔަ "އެލައިޑް ގެސްޓްހައުސް އިންޝުއަރަންސް ޕްރޮމޯޝަން"ގެ ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް އިނާމް ހަވާލުކޮށްފި އެވެ.
ޓާކިޝް އެއާލައިނާއި އެކު ކުރިޔަށް ޕްރޮމޯޝަންގެ އިނާމް ހަވާލުކުރުން އޮތީ މިއަދު ހެނދުނު އެލައިޑް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އިނާމް ހަވާލުކޮށްދެއްވީ ޓާކިޝް އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ފަހީމް ބަކޯވާ އެވެ.
އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ކުރިޔަށް ގެންދިޔަ ގެސްޓްހައުސް އިންޝުއަރަންސް ޕެކޭޖް ގަނެގެން އެ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ނަސީބުވެރިއަކަށް ހޮވިފައި ވަނީ ފ. ނިލަންދޫ، ނިލަންދެ އިންގެ ވެރިޔާ އެވެ.
ގެސްޓް އިންޝުއަރެންސް ޕްރޮމޯޝަންގެ އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެލައިޑާއި ޓާކިޝް އެއާލައިންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެލައިޑް
އޭނާ އެލައިޑުން ވަނީ އިނާމެއްގެ ގޮތުން ވާލްޑް ޓްރެވަލް މާކެޓުގައި ބައިވެރިވުމަށް ލަންޑަން ދެކޮޅު ޓިކެޓާއި އެކު 2،100 ޑޮލަރު ދީފަ އެވެ. އަންނަ މަހުގެ 6- 8 އަށް ލަންޑަނުގައި އޮންނަ ޑަބްލިޔުޓީއެމް ފެއާއަކީ ޓޫރިޒަމް ދާއިރާގައި ދެވަނައަށް އެންމެ މަގުބޫލު ފެއާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ ވިދާޅުވީ މުސްތަގުބަލުގައި ވެސް އެލައިޑްގެ ކަސްޓަމަރުންނަށް މިފަދަ އަގުހުރި އެތަކެއް ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް ޓާކިޝް އެއާލައިނުން އެއާލައިން ޕާޓްނަރެއްގެ ހައިސިއްޔަތުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއިއެކު ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy