އައްޑޫ ފްލައިން ސްކޫލް
17 ޖުލައި 2019 - 20:27
އައްޑޫ ފްލައިން ސްކޫލުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް އަދި ސަރުކާރަށް ވެސް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށް އޭއައިއޭ އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭއައިއޭގެ ޑިރެކްޓަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ، ފްލައިން ސްކޫލް ހިންގަން ދީފައިވަނީ 2009 ވަނަ އަހަރު، 10 އަހަރު ދުވަހަށް ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެއްބަސްވުން ބާތިލްކުރަން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45،000 ޑޮލަރު ނަގަ އެވެ. އިބްރާހިމް ނޫރައްދީން ވިދާޅުވީ، މިދިޔަ އަހަރު އެކަނި ފުލްޓައިމް 150 ކުދިން އެ ސްކޫލުގައި އުޅުނު ކަމަށެވެ. މިހާތަނަށް 354 ކުދިން ކިޔަވައި ނިމުނު އިރު ކުދިންގެ ކިޔެވުމުގެ ފީން މިދިޔަ އަހަރު އެކަނި ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ފްލައިން ސްކޫލަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާ ހިސާބަށް ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު ލިބިއްޖެ. އައްޑޫ އެއާޕޯޓަށް 2012 އިން 2018 އަށް ލިބުނީ 38،000 ޑޮލަރު. ބައެއް ބިން ކުއްޔަށް ދީގެން 4 ލައްކަ ޑޮލަރު. އެހެންވީމަ ފްލައިން ސްކޫލުން އަތޮޅަށް ވަންނަ އެއްޗެއް ނުވަތަ ސަރުކާރަށް ވަންނަ އެއްޗެއް ވަރަށް ކުޑަ،" އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުން އެއާޕޯޓް ބޭނުން ކުރުމުގައި އޭވިއޭޝަން ޗާޖެއް، ނައިޓް ފްލައިން ޗާޖެއް ވެސް ނުނަގާ ކަމަށާއި އެ ސްކޫލުގެ 80 ޕަސެންޓް އޮޕަރޭޝަން ހިންގަނީ ފީއަކާ ނުލައި ކަމަށް އިބްރާހިމް ނޫރައްދީން ވިދާޅުވި އެވެ.
އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ހަމަވާން ކައިރިވުމުން، ފްލައިން ސްކޫލަށް ލިބޭ އާމްދަނީން ބައެއް އެއާޕޯޓަށް ހޯދުމަށް ހުށަހެޅި ކަމަށާއި ފްލައިން ސްކޫލުން އެގޮތަށް އެއްބަސްނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަނުގައި ދިވެހި ކުދިން ކިޔަވާތީވެ، ފިނޭންސާ ވާހަކަދައްކައިގެން މުއްދަތު އިތުރުކުރީ. އައްޑޫ އަށް ފްލައިން ސްކޫލުން ވަންނާނެ އާމްދަނީ އަކީ އެ ސްކޫލު ހިންގާ މީހުން ކުއްޔަށް ނަގައިގެން އުޅޭ 30 ކޮޓަރިން ލިބޭ އެއްޗެއް. ކޮޓަރިއެއް 1،000 ރުފިޔާއަށް ހިފައިގެން އުޅެނީ. އެއީ އަތޮޅަށް ވަންނާނެ އެއްޗަކީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފްލައިން ސްކޫލެއް ހިންގަން ބޭނުމީ، ރަނގަޅު ފެންވަރެއްގައި ހުރިހާ ފަރާތަކަށް ވެސް ފައިދާވާނެ ގޮތަކަށް ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލު އަންނަ އަހަރު ޖުލައި މަހު ބަންދުކުރާނެ ކަމަށް އެ ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިހާރު ވަނީ އަންގާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
18 July 2019
އޭރު މަގްސަދަކަށްވީ ރާއްޖޭގައި ތިބެގެން ޕައިލެޓްކަން ކިޔެވޭނެ ގޮތް ވުން، އައްޑޫއަށް އިތުރު ތަރައްގީއެއް އައުން. ފައިސާއާއި އާމްދަނީއަށް ވިސްނި ނަމަ ކީއްވެބާ ސަރުކާރުން ކުންފުންޏެއް ހަދައިގެން ފުލައިން ސްކޫލް ނުހިންގީ؟
ބަނާނާ
18 July 2019
ރނގެ ވެރިކަމުގައި ރައްޔިތުންނަށް ފައިދާ އެއްހުރި އެއްވެސް އެގްރީމަންޓެއް ހެދިތޯ؟
ނަގިލި
18 July 2019
ދެން އެގްރިމެންޓް އުވާލީމަ ކިހާ ފައިދާއެއްތަ ވާނީ؟
ހިސްގާ
18 July 2019
އެބަޔާއެކު ސަރުކާރުން އިންވެސްޓް ކުރީމައި ލިބޭ ބައި ބޮޑުވާނެ.. ވިޔަފާރީގައި އެއީ ދެކޮޅަށް ހިނގާނެ ކަމެއް.. ނޫނިއްޔާ ބަޔަކު ބިމެއް ކުއްޔަށް ނަގައިން ކިތަންމެ ބޮޑު ފައިދާއެއް ހޯދިއަސް ބިމުގެ ވެރިފަރާތާ އެ ވިޔަފާރީގެ ނަފާ ޙިއްސާ ކުރާކަށް ނުޖެހޭ.. އެކަމު ނުސީދާ އެތައް ފައިދާއެއް ޤައުމަށް ދިވެހި ކުދިންނަށް އެބަ ކުރޭ.. ތިކަން ކުރުމަކީ އެއަރކްރާފްޓް މެއިންޓަނަންސް ޙަރަދު ބޮޑު ކަމެއް.. ޕްރޮފެޝަނަލް ޓެކްނިކަލް މީހުން ބޮޑު މުސާރައިގާ ބޭނުންވާކަމެއް.
އަޝްރަފް
18 July 2019
ޖުހާ އަށް ފައިދާ ވޭތޯ ބަލަމާ.
ޢައްދޫ
18 July 2019
ސަރުކާރައް ފައިދާ ނުވިއަސް ދިވެހި ދަރިންނަށާ އައްޑު އަތޮޅު ގިނަރައްޔިތުންނައް ފައިދާ މިހާރުވެސް ލިބޭ ތަނެއް
ޕާޓް2
18 July 2019
ހުޅުމާލެ ހަދާ ކުންފުނިން ފައިދާއެއްނުވެއޭ، އެއޮތީ 14 ބިލިއަނުން ދަރަނިވެފައޭ ބަންދުކުރަންވީނޫންތޯ؟ އުތުުރުގައި ބިކާކޯ ޔުނިވާސިޓީ ހިންގަނީ ދައުލަތަށް ކިހާ ފައިދާއެއްވާތީތޯ؟ މެޑިކަލް ސްކޫލުން އަހަރަކު އެންމެ ލޯލާރިއެއްވެސް ފައިދާވޭތޯ؟ ގައުމީ ޔުނިވާސިޓީގެ ފައިދާ ކިހާވަރެއްތޯ. އެގްރިކަލްޗަރުން ހިންގާ ކޯސްތަކުން ކިތައް މިލިއަން ފައިދާވޭތޯ، މިތަންތަން ބަންދުކުރާކަށްނުވޭތޯ.
ފަނާނުކުރާށޭ
17 July 2019
ފައިދާއެއް ވަނީ ކޮންތާކުންތޯ؟ އެމްއެމްޕީއާރުސީއިން ފައިދާއެއްވޭތޯ؟ މިފްކޯއިން ފައިދާއެއްވޭތޯ؟ އެމްޓީޑީސީއިން ފައިދާއެއްވޭތޯ؟ ފެނަކައިން ފައިދާއެއްވޭތޯ؟ އެމްއާރުޑީސީއިން ފައިދާއެއްވޭތޯ؟ އެޗްޑީސީއިން ފައިދާއެއްވޭތޯ؟ އެއްވެސް އެއާޕޯޓަކުން ފައިދާއެއްވޭތޯ؟ ރާއްޖޭގައި ހިންގާ އެއްވެސް ސްކޫލަކުން މަދުރަސާއަކުން ކޮލެޖަކުން ޔުނިވާސިޓީއަކުން ސަރުކާރަށް ފައިދާއެއްވޭތޯ؟ މިހުރިހާ ތަނެއް ބަންދުކުރަންވީނޫންތޯ!
ތުނިޔަ
17 July 2019
އެއްބަސްވުން އުވާލާފަ އަވަހަށް ފްލައިން ސްކޫލަށް ބަދަލުދޭން ނުނިންމައިފިއްޔާ ވެދާނެ!
މޮޑަފްް
17 July 2019
150 ކުދިންތިތާނގަ އުޅޭއިރު ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީއަކީވެސް ތިވަރު. އެނގޭ ކަމަކީ ތިއެންމެންގެ ކެއުން ބުއިމާ އެކޮމޮޑޭޝަނާ އެހެނިހެން ޚަރަދުތަކަށް މަހެއްގެ މައްޗަށް މިލިޔަނުން އަތޮޅަށް ފައިސާ ވަންނާނެކަން. ވަންނަންވެސް ވަދޭ. އެމީހުން ފިހާރަތަކުން ވިޔަފާރިކުރޭ. ރެސްޓޯރެންޓްތަކަށް ވަދޭ. މިހެންގޮސް ނުސީދާގޮތުން ކިތަންމެ ފައިދާއެއް ރަށްރަށަށްލިބޭ.