ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭޓަރިންގެ ހިދުމަތް ދެެމުން އަންނަ ސައުތު އެންޓަޕްރައިސަސް އިން "ޑުލްސޭ" ގެ ނަމުގައި އާ ބޭކަރީއެއް ހުޅުވައިފި އެވެ.
މިއަދު ހަވީރު ހުޅުވި މި ބޭކަރީ ހުންނާނީ އަލި ކިލެގެފާނު މަގުގެ ސިޓީ ޕާކު ކައިރީގަ އެވެ. ސައުތުން ވަނީ ޑުލްސޭ ހުޅުވުމުގެ އުފަލުގައި މިއަދު ހަވީރު 6:00 ގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮމޯޝަނުގައި އެ ބޭކަރީން ގަންނަ ކޮންމެ އެއްޗަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ދިނެވެ.
ސައުތުން ބުނީ ޑުލްސޭ އިން ލިބެން ހުންނާނީ އާއިލީ ރެސިޕީތަކަށް ތައްޔާރުކޮށްފައިވާ އެއްޗެހި ކަމަށެވެ. އެ ކުންފުންޏަށް 30 އަހަރު ވެފައިވާއިރު ބޭކަރީގައި ހުރިހާ އެއްޗެއްވެސް ތައްޔާރު ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށް ވެސް ސައުތުން ބުންޏެވެ.
ޑުލްސޭއިން ލިބެން ހުންނަ އެއްޗެހީގެ ތެރޭގައި ޕޭސްޓްރީ އާއި ސޭންޑްވިޗްގެ ބާވަތްތަކާއި ކޭކާއި ޕާން އަދި އައިސް ކްރީމް ހިމެނެ އެވެ. މި ހުރިހާ އެއްޗަކީ ވެސް ގުދުރަތީ އިންގްރީޑިއެންޓް ބޭނުންކޮށްގެން އެ ބޭކަރީން ތައްޔާރު ކުރާ ތަކެއްޗެވެ.
ސައުތުން ބުނީ އެ ކުންފުނިން ބޭނުންވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ތައްޔާރުކުރާ ކާއެއްޗެހި ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެ ކުންފުނީގެ ކާމިޔާބުގެ ސިއްރަކީ ކާއެއްޗެހީގެ ކޮލިޓީ ކަމަށް ވެސް ސައުތުން ބުންޏެވެ.