ޕޯސްޓް އޮފީހުގެ އީ-ޓުކުރި އިފްތިތާހުކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް ޕޯސްޓުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން "އީ-ޓުކުރި" ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތައާރަފު ކޮށްފި އެވެ.


ރޭ ޕޯސްޓް އޮފީހުގައި ބޭއްވި ހަފްލާގައި މި ހިދުމަތް ތައާރަފު ކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ. މިނިސްޓަރުގެ އިތުރުން ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އާއި ޕޯސްޓް އޮފީހުގެ އިސް ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ.

އީ-ޓުކުރިއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދާ އިޝްތިހާރުކުރެވޭނެހެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ރަޖިސްޓްރީވާ ކުންފުނިތަކުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މޯލްޑިވްސް ޕޯސްޓްގެ އެމްޑީ ވާހަކަދައްކަވަނީ-- ފޮޓޯ: މޯލްޑިވްސް ޕޯސްޓް

ޕޯސްޓް އޮފީހުގެ އެމްޑީ ޝަފީގު ވިދާޅުވީ އީ-ޓުކުރިއަކީ ޕޯސްޓުގެ ހިދުމަތްތައް ޒަމާނީ ކުރުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ވިއްކުމުގަ އާއި ޑެލިވަރީ ކުރުމުގައި ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީ-ޓުކުރި ބޭނުންކޮށްގެން ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އެއްޗެހި އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

"މިއީ މައިކްރޯ، ސްމޯލް އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް. މުސްތަގުބަލުގައި މި ހިދުމަތުގެ ތެރެއިން އިންޓަނޭޝަނަލް މާކެޓުގައި ދިވެހި ވިޔަފާރިވެރިން އުފައްދާ މުދާތައް ވިއްކޭ ގޮތް ވެސް ހަމަޖެހިގެންދާނެ،" ޝަފީގު ވިދާޅުވި އެވެ.

ޕޯސްޓުން ތައާރަފުކުރި މި ޕްލެޓްފޯމަކީ ތިން ހިދުމަތަކަށް ބަހާލާފައިވާ ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި އީ-ޓުކުރި ފިހާރަ އާއި ވެސެލް މެނޭޖްމަންޓް ސިސްޓަމް (ވީއެމްއެސް) އަދި ޕޯސްޓަލް ޑެލިވަރީ ނެޓްވޯކު ހިމެނެ އެވެ.

އީ-ޓުކުރި ފިހާރައިން ރާއްޖޭގެ ވިޔަފާރިވެރިން ވިއްކާ މުދާތައް ފެންނަން ހުންނައިރު އެ ގަންނަ ފަރާތްތަކަށް ޑެލިވަރީ ނެޓްވޯކްގެ ޒަރީއާއިން ޑެލިވަރީ ކޮށްދެވޭނެ އެވެ. މި މުދާތައް ލައިވް ޓްރެކިން ބޭނުންކޮށްގެން ޓްރެކް ކުރެވޭނެ އެވެ.

މި ހިދުމަތުގެ ތެރެއިން ތައާރަފުކުރި ވީއެމްއެސްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އުޅަނދުތައް އެއް ޕްލެޓްފޯމުގެ ދަށުން މެނޭޖްކުރާ ހިދުމަތެކެވެ. މި ހިދުމަތުގައި ޕިކަޕާއި ކަނޑު އުޅަނދުތައް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.