ނައިޓް މާކެޓް ބާއްވާނީ ނޮވެމްބަރު މަހުގެ 27 އިން ޑިސެމްބަރު 6 އަށް ފޭދޫގައި.
އައްޑޫގައި ބޮޑު ނައިޓް މާކެޓެއް ބާއްވަން ސްކައި ލައިޓުން އަންނަނީ ތައްޔާރުވަމުން.
26 ސެޕްޓެމްބަރ 2016 - 11:42
އަންނަ ބޮޑު ބަންދު ތެރޭގައި އައްޑޫގައި ބޮޑު ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.
ސްކައި ލައިޓް އެޑްވަޓައިޒިން ކިޔާ ކުންފުންޏަކުން އިންތިޒާމްކުރާ މި މާކެޓްގައި 300 މޭޒު ބަހައްޓަން ވަނީ ނިންމައިފަ އެވެ. އެ ކުންފުނިން ފޭދޫ ބޮޑު މަގު ސަރަހައްދުގައި ބާއްވާ ނައިޓް މާކެޓް އޮންނާނީ ނޮވެމްބަރު މަހުގެ 27 އިން ޑިސެމްބަރު މަހުގެ 6 އާ ހަމައަށް ކަމަށެވެ.
ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ބައިވެރިވުމުގެ ފުރުސަަތު އޮންނާނެ ކަމަށް ސްކައި ލައިޓުން ބުންޏެވެ. ނައިޓް މާކެޓާ ބެހޭ އިތުރު މައުލޫމާތު 9847740 އިން ލިބޭނެ އެވެ.
ސްކައި ލައިޓުން ބުނީ ބީއެމްއެޗް ޓްރޭޑާސްގެ ކޯސްޓާއި ޑަޗް ލޭޑީން ސްޕޮންސަކޮށްގެން ބާއްވާ ނައިޓް މާކެޓަށް މިހާރު ވެސް އައްޑޫގެ ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.
"މި މައިޓް މާކެޓްގެ މަގުސަދަކީ ގިނަ އަދަދެއްގެ ވިޔަފާވެރިންނާއި އާންމުން އެެއް ތަނަކުން އެއްފަހަރާ ވިޔަފާރިކޮށްލުމަށް ފުރުސަތު ހޯދައި ދިނުން. އައްޑޫގައި ނައިޓް މާކެޓް ބޭއްވުމުން އައްޑު އާ ކައިރީގައިވާ އަތޮޅުތަކުން ވެސް މާކެޓްގައި ބައިވެރިވުމަށާއި ވިޔަފާރިކޮށްލުމަށް މަގުފަހިވެގެން ދާނެ،" ސްކައި ލައިޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ 10 ދުވަހުގެ މުއްދަތަށް ބާއްވާ ނައިޓް މާކެޓްގައި އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.
އައްޑޫގައި އެންމެ ފަހުން ބޮޑު ނައިޓް މާކެޓެއް ބޭއްވީ 2012 ގަ އެވެ. އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބޭއްވި އެ ނައިޓް މާކެޓަށް ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy