އެފްއެސްއެމް އީޒީފިލް 1: ހަމައެކަނި ކާޑުން ފައިސާ ދައްކަން ޖެހޭނީ އީޒީ ފިލް 2 އަދި އީޒީ ފިލް 4އަށް-- މިހާރު ފޮޓޯ
12 އޯގަސްޓް 2020 - 11:20
ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލޭގައި ހިންގާ އީޒީފިލް 2 އާއި 4 އަށް އަންނަ ހޯމަ ދުވަހުން ފެށިގެން ފައިސާ ބަލައިގަންނާނީ ކޭޝް ކާޑުން އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ދެ ޝެޑަކީ ކާނިވާ ސަރަހައްދުގައި ހުންނަ ޝެޑާއި އިންޑަސްޓްރިއަލް ސަރަހައްދުގައި ހުންނަ ޝެޑެވެ. ނަމަވެސް ސްޓެލްކޯ ސަރަހައްދުގައި ހުންނަ އީޒީފިލް 1 އާއި ހުޅުމާލޭގައި ހުންނަ އީޒީފިލް 3 އިން ކޭޝް ކާޑުގެ އިތުރުން ނަގުދު ފައިސާއިން ވެސް ފައިސާ ދެއްކޭނެ އެވެ.
އެފްއެސްއެމް އިން ނެރުނު އިއުލާނެއްގައި ބުނީ މި ބަދަލު ގެނައީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭގެ ލަފަޔާ އެއްގޮތަށް އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.
އެ ކުންފުނިން ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު ކުންފުނީގެ ހުރިހާ ޝެޑުތަކަކުން ވެސް ބީއެމްއެލްއާ ގުޅިގެން ކޭޝް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފަ އެވެ. އަދި ޕެޓްރޯލް އަޅަން އަންނަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށް އެ ކުންފުނިން ވަނީ އަންގައިފަ އެވެ.
ރާއްޖޭގައި ތެލުގެ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ މާޗު މަހުގެ ތެރޭގަ އެވެ. އެގޮތުން މިހާރު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy