ޕްރަތީކް އާއި ނީތީ--
13 ފެބުރުއަރީ 2022 - 05:46
ބިގްބޮސްގެ އެންމެ ފަހުގެ ސީޒަނުން ގިނަ ބައެއްގެ ލޯބި ހޯދި ޕްރަތީކް ސެހަޖްޕަލް ވަރަށް އަވަހަށް ވީޑިއޯ ލަވައަކުން ފެންނާނެ ކަމަށް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ޕްރަތީކަކީ އެމްޓީވީން ގެނެސްދިން ރިއަލިޓީ ޝޯތައް ކަމަށްވާ "ލަވް ސްކޫލު" އާއި "އޭސް އޮފް ސްޕޭސް" އިން ވެސް ފެނުނު މޫނެކެވެ. އޭނާގެ މަގުބޫލުކަން އިތުރުވީ މި ދިޔަ މަހު ނިމުނު ބިގް ބޮސްގައި އޭނާ އުޅުނު ގޮތް ގިނަ ބަޔަކަށް ކަމުގޮސްގެންނެވެ.
މިފަހަރުގެ ޝޯ ކާމިޔާބުކުރާނީ ޕްރަތީކް ކަމަށް ގިނަ ބަޔަކަށް ހީވިޔަސް، ތެޖަސްވީ ޕްރަކާޝް އަށް އެއް ވަަނަ ދިނުމުން އަދިވެސް ގިނަ ބަޔަކު ތިބީ އެކަމާ ރުޅި އައިސްފަ އެވެ. އަދި ޕްރަތީކަށް ސަޕޯޓަރުން ހިތްވަރުދީ އޭނާ ބިގްބޮސް ހައުސިން އިން ނިކުތުމުން އެތައް ހަދިޔާއެއް ގެއަށް ވެސް ފޮނުވާފައިވެ އެވެ.
މިހާ ބޮޑަށް އޭނާ މަގުބޫލުވެފައި ވަނިކޮށް ވަރަށް އަވަހަށް ބަތަލާ، ނީތީ ޓޭލާއާ އެކު އޭނާގެ ވީޑިއޯ ލަވައެއް ގެނެސްދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ލަވަ އަށް ނީތީ އާއި ޕްރަތީކްގެ ސަޕޯޓަރުން ކެތްމަދުވެފައި ތިއްބަސް އަދި ލަވަ ނެރޭނެ ދުވަހެއް ނޭނގެ އެވެ.
ނީތީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މި ހަބަރު ހިއްސާކުރި އިރު އަދި ކުރަމުން އަންނަނީ ލަވައިގެ ޝޫޓިންތަކެވެ.
ނީތީއަކީ ޓީވީ ޑްރާމާ "ކޭސޭ ޔޭ ޔާރިން" އިން މަގުބޫލުވި ފަންނާނެކެވެ. އެހެން ވެސް ވަރަށް ގިނަ ޝޯތަކުން އޭނާ ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy