22 ޖެނުއަރީ 2023 - 06:44
ނިމިގެން ދިޔަ ހަފްތާގައި ސޯޝަލް މީޑިއާ އާއި ހަބަރުތަކުގެ ސުރުހީތަކުގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކަ އަކީ ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ އާ ލަވަ "ފްލާވާސް" ގެ ވާހަކަ އެވެ. އެ ލަވަ ވަނީ ޓިކްޓޮކް ފަދަ ޕްލެޓްފޯމުގައި ވެސް ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ.
މި މަހު 12 ގައި ނެރުނު މައިލީގެ އާ ސިންގަލް އަށް މިހާރު ވަނީ ތާރީހީ ރެކޯޑެއް ވެސް ލިބިފަ އެވެ. އެއީ މިދިޔަ ހަފްތާގައި ސްޕޮޓިފައިން 100 މިލިއަނަށް ވުރެ ގިނަ މީހުން ލަވަ ސްޓްރީމްކޮށް، ލަވަ ނެރުނުތާ ހަފްތާއެއްގެ ތެރޭ ސްޕޮޓިފައިން އެންމެ ގިނައިން އަޑުއެހި ލަވައިގެ ރެކޯޑެވެ.
މައިލީގެ ކާމިޔާބަށް ސްޕޮޓިފައިން ވެސް ވަނީ މަރުހަބާ ކިޔައި ޓްވީޓުކޮށްފަ އެވެ. އަދި އެއަށް ރިޕްލައި ކުރަމުން މައިލީ ވަނީ ސްޕޮޓިފައިއަށާއި އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މައިލީ ސައިރަސް: ފަހު ލަވަޔަށް ގިނަބައެއްގެ ތައުރީފް
އެ ލަވަޔަކީ އަންނަ މާޗުމަހުގެ 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ މައިލީގެ އަލްބަމް "އެންޑްލެސް ސަމާ ވެކޭޝަން" ގައި ހިމެނޭ ލަވައެކެވެ.
ލަވަ ނުކުތުމާ އެކު ގިނަ ފޭނުން ވަނީ އެ ލަވަޔަކީ މައިލީގެ ކުރީގެ ފިރިމީހާ، ލިއަމް ހެމްސްވޯތަށް އަމާޒުކޮށް ކިޔާފައިވާ ލަވައެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ލަވައިގައި މައިލީއާ ލިއަމްގެ ލޯބީގެ ހަޔާތާ ގުޅޭ ގިނަ ވާހަކަތަކެއް ނުސީދާކޮށް ދައްކާފައިވާ ކަމަށް އެ މީހުން ބުނެ އެވެ.
މައިލީއާ ލިއަމް ފުރަތަމަ ދިމާވީ 2009 ވަނަ އަހަރު އެވެ. އެއަށް ފަހު 2012 ވަނަ އަހަރު އެ ދެ މީހުން ވަނީ އެންގޭޖު ވެފަ އެވެ. ނަމަވެސް، 2013 ވަނަ އަހަރަށް ކައިވެނި ލަސްކޮށް، އެ އަހަރު ފަހުން ވަނީ ކައިވެނި ނުކޮށް އެންގޭޖްމެންޓު ރޫޅާލައިފަ އެވެ.
މައިލީ އާއި ލިއަމް ހެމްސްވޯތު
ދެތިން އަހަރު ވަކިވެ ތިބުމަށް ފަހު އެ ދެ މީހުން އަނެއްކާ ވެސް 2016 އަހަރު ވަނީ ގުޅިފަ އެވެ. އަދި އަލުން އެންގޭޖްމެންޓު އާކުރުމަށް ފަހު 2018 ވަނަ އަހަރު ލިއަމް އާއި މައިލީ ކައިވެނި ކުރި އެވެ. ނަމަވެސް، އެ މީހުންގެ ކައިވެންޏަށް ވީ އަހަރެކެވެ. ދެހާސްނަވާރައިގައި ވަނަ އަހަރު އޮގަސްޓު މަހު އެ މީހުން ދުރުވެ، 2020 ވަނަ އަހަރު ވަނީ ވަރިވެފަ އެވެ.
ލަވައާ މެދު ފޭނުންގެ އެކި ތިއަރީތައް ގެންގުޅުނަސް، މައިލީ އާއި ލިއަމް، އެއާ ގުޅޭ އެއްވެސް ވާހަކައެއް ރަސްމީ ސިފައެއްގައި ދައްކައިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިލީ
22 January 2023
ވަރަށް ރީތި ލަވައެއް ކޮންމެ އަކަސް