ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އާ ގާނޫނުއަސާސީއަށް ފަހު ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި އެންމެ ގިނައިން ވާދަކުރެއްވި އެއް ބޭފުޅަކީ އޭނާ.
25 މެއި 2023 - 08:30
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އަންނަ މަހު 9 ގައި ހަވާލުކުރާ ގޮތަށް ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބުނި ގޮތުގައި ރިޔާސީ ޓިކެޓް އަރުވަން މާލޭގެ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. ޕްރައިމަރީއަކާ ނުލައި ގާސިމަށް ޓިކެޓް ދޭން ނިންމީ ޕާޓީގެ ކައުންސިލަށް ހުށަހެޅި ގަރާރަކުން ފާސްކޮށްގެންނެވެ.
ޓިކެޓް އަރުވާ ޖަލްސާއަކީ ޖޭޕީން މި ފަސް އަހަރުގެ ތެރޭގައި ހިންގާ މިފަދަ ސިޔާސީ އެންމެ ބޮޑު ހަރަކާތެވެ.
މި ވެރިކަން ހިންގާ ކޯލިޝަންގައި ދެމިއޮވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށްލަން ރިޔާސީ އިންތިހާބުގައި މިފަހަރު ވާދަކުރާ ޖޭޕީން ސިޔާސީ ގޮތުން ހަރަކާތްތެރިވާން ފެށީ ވެސް އިންތިހާބަށެވެ. އިންތިހާބުގައި ވާދަކުރާއިރު ވެސް ކޯލިޝަން ރޫޅާލާކަށް ޖޭޕީން ބޭނުމެއް ނުވެ އެވެ.
އާ ގާނޫނުއަސާސީއަށް ފަހު ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި އެންމެ ގިނައިން ވާދަކުރެއްވި އެއް ބޭފުޅަކީ ގާސިމް އެވެ. ރާއްޖޭގެ ސިޔާސީ ހާލަތު ހުރި ގޮތުން ގާސިމަށް ނުނިކުންނެވުނީ 2018 ގެ އިންތިހާބަށް އެކަންޏެވެ.
ގާސިމް އިންތިހާބުގައި މިފަހަރު ވާދަކުރައްވަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ދަމަހައްޓަން ޖޭޕީއަށް ދައުވަތު ދީފައި ވަނިކޮށެވެ. އެކަމަކު ގާސިމް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އޭނާ ވާދަކުރަން ނިންމެވުމުން އެއަށް ތަބާވުން ފިޔަވައި އިތުރު ގޮތެއް ނެތީ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރަން، ގާސިމް ގެންދެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު ވެސް އިންތިހާބަށް އެކުގައި މަސައްކަތް ކުރެއްވޭނެ ފޯމިއުލާތަކެއް ހޯއްދަވަމުންނެވެ. އިއްތިހާދުވުމުގެ އެ ބައްދަލުވުންތައް ބަރުލަމާނީ ޝަރުތާ އެކު މަޑުޖެހިފައިވާ އިރު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ މަޖިލީސް މެމްބަރުން ގެންދަވަނީ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން އިއުލާންކޮށްފައިވާ އިރު އެއީ ނަޝީދަށް ވުން ގާތެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިވަކިން ފަސް ޕާޓީއަކުން ވާދަކުރާނެ ކަން އޮތީ އިއުލާންކޮށްފަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ އިތުރުން އަލަށް އުފައްދަން އުޅޭ ދަ ޑިމޮކްރެޓްސް އެވެ.
ސިޔާސީ މަސްރަހުގެ ބައިބައިވުންތަކަށް ބަލާއިރު ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ފުރަތަމަ ބުރުގައި ލިބުމުގެ ފުރުސަތު ބޮޑީ އިދިކޮޅު ޕީޕީއެމަށެވެ. އެ ޕާޓީއަކީ ރިޔާސީ އިންތިހާބުތަކުގައި ނިސްބަތުން އަބަދުވެސް ރާއްޖޭގައި އެންމެ ގިނަ ވޯޓު ހޯދާ އެއް ފިކުރެވެ.
އެމްޑީޕީ ތެރެ ބައިބައިވެ މުޅި ޕާޓީގައި އެކުގައި އިންތިހާބަށް ނުކުތުމުގެ ފުރުސަތު ގެއްލިފައި އޮތުމަކީ އެހެން އިންތިހާބުތަކާ އަޅާބަލާއިރު އެ ޕާޓީގެ ވޯޓަށް އަސަރުކޮށްފާނެ ކަމެކެވެ. އެކަމަކު އެމްޑީޕީގެ އަމާޒަކީ އެމްޑީއޭ އާއި އަދާލަތު ކޯލިޝަނާ އެކު އެއް ބުރުން އިންތިހާބު ކާމިޔާބު ކުރުމެވެ. ޖޭޕީން ކޯލިޝަންގެ ދައުވަތު ދިން އެއްވެސް ބަޔަކު އަދި އެ ޕާޓީއާ ނުގުޅުނަސް އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ޕާޓީން ބުނެ އެވެ.
މި ޕާޓީތަކުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު އޮތީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
26 May 2023
މި ސަރުކާރުން ހިންގި ހުރިހާ ޖަރީމާއެއްގަ ފުރިހަމައަށް ބައިވެރިވެފަ ހިއްސާ ވެފަ އޮތް ފަރާތެއް.
އާޗާ
25 May 2023
ވިލާގެ ރައީސަކަށް ގާސިމް ހޮވަންވީނު؟ އޭރުން ކޮންމެވެސް ރައީސް ކަމެއް ކުރެވުނީތާ..
ބަބުރާ
25 May 2023
ޓިކެޓް ހަވާލު ކުރެވިދާނެ ވޯޓުވާނީ ބިލާހަކަށް
އޭރުން ކިޔާނީ...
25 May 2023
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޤާސިމް ދޯ!
އެޗް އެމް
25 May 2023
ޕީޕީއެމަށް ވިންވެދާނެ އުމަރު ކެންޑިޑޭޓަކަށް ހަދައިގެން ނިކުތިއްޔާ. ކަންދިމާވާ ގޮތަކުން ގާސިމަށް މިފަހަރުވެސް ކޭކުން އެތިކޮޅެއް ލިބިދާނެ.
ކެރިޔާ
25 May 2023
ހުވާ ނޫންތަ އޭނަ ކުރަނީ 9 ގަ؟
ކިރު ސައި
25 May 2023
މުވައްޒަފުންގެ މުސާރަ ދީފަ ތިކަމެއް ކުރާތި!
ހުސްނުހީނާ
25 May 2023
ގާސިމް އަކީ އަބަދުވެސް އެއިރެއްގައި އޮންނަ ވެރިކަން ވައްޓާލަން މަސައްކަތް ކުރާމީހެއް. އޭ ހެޔޮ އެސަރުކާރެއްގެ ބައިވެރިޔަކަށް ހުރެމެވެސް. އެހާވެސް ވެރިކަމަށް ފެންބޮވައިގެންފަ ހުރިމީހެއް.
ކުޑަ-ކަތީބު
25 May 2023
ގާސިމަށް ދެން ތިޔަ ކަމާ އުޅެވިއްޖެ އެއް ނޫންތޭ. ދެން އެމް.އެން.ޕީ. އާ ގުޅިގެން، ނާޒިމަށް ތާއީދުކޮށް، އެކަހަލަ ކޮންމެސް ރަނގަޅު ގޮތަކަށް ސިޔާސީ ކަންކަމާ އުޅޭންވީއެއް ނޫންތޭ. މައުމޫނު ޕާޓީއެކޭ އެއްގޮތަށް ފަނޑުވެފައި ތިޔަ ވަނީ މިހާރު
ކިޑްސް
25 May 2023
ގާސިމްއަކީ ޗޮއިސްއެއްނޫން.
ކުޑަ-ކަތީބު
25 May 2023
ޗޮއިސްއަކީ މިފަހަރު ދެން ނާޒިމް. އެމް.އެން.ޕީ