އެޑް ޝީރަން: އޭނާ ބުނީ ދަރިން ލިބުނީމަ މިއުޒިކް ކުޅުން ހުއްޓައިލާނެ ކަމަށް.
24 ޖެނުއަރީ 2018 - 06:04
އިނގިރޭސިވިލާތުގެ ޒުވާން ލަވަ ކިޔުންތެރިޔާ އެޑް ޝީރަން ލޯބިވެރިޔާ ޗެރީ ސީބޯންއާ އެންގޭޖްވިކަން އިއުލާން ކުރުމުން އެތައް ބަޔަކު އެކަމާ އުފާވެ، އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަދި އޭނާ ކައިވެންޏަށް ވެސް އެތައް ބަޔަކު މިހާރު ވަނީ އިންތިޒާރު ކުރަން ފަށައިފަ އެވެ.
އެންގޭޖްމަންޓްގެ އުފާވެރިި ހަބަރު ޝީރަން ފޭނުންނަށް ދިން ނަމަވެސް، މިހާރު މިއޮތީ ފޭނުންގެ ހިތްމަރައިލާނެ ކަހަލަ ވާހަކައެކެވެ. "ޝޭޕް އޮފް ޔޫ" ފަދަ މަގުބޫލު އެތައް ލަވައެއް އެހުންތެރިންނަށް ގެނެސް ދިން އުމުރުން 26 އަހަރުގެ ލަވަ ކިޔުންތެރިޔާ ބުނީ ކައިވެނިކޮށް ދަރިން ލިބުމުން މިއުޒިކް ކުޅުން ހުއްޓައިލާނެ ކަމަށެވެ.
"ދަރިން ލިބުނީމަ އަހަރެން މިއުޒިކް ކެރިއާ ހުއްޓާލަނަން. އެކަމަކާ އަހަރެން ކަންބޮޑެއް ނުވޭ. ދަރިންނަކީ ވަަރަށް ބޮޑު ޒިންމާއެއް،" މިހާތަނަށް ހަތަރު އަލްބަމް ނެރެ، ގްރެމީ ވެސް ހާސިލްކޮށްފައިވާ ޝީރަން ބުންޏެވެ. "އަހަރެން ބޭނުން ވަރަށް ރަނގަޅު ބައްޕައަކަށް ވާން. ދަރިން ލިބި، ދަރިން ބޮޑެތިވާ އިރު އެ މީހުންގެ ކައިރީގައި ހުންނަން އަހަރެން ބޭނުން."
ޝީރަން އާއި ޗެރީ: ދެ މީހުން އެންގޭޖްވި ނަމަވެސް ކައިވެނި ކުރާނެ ދުވަހެއް އަދި ނޭނގޭ.
ކައިވެނި ކުރާނެ ދުވަހެއް އަދި އިއުލާންކޮށްފައި ނެތަސް ޝީރަން ވަނީ ހޮކީ ކުޅުންތެރިޔާ ޗެރީއާ ކައިވެނިކޮށް، އުމުރުން 30 އަހަރު ވުމުގެ ކުރިން ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"އަހަރެން އަދި މިހެން ބުންޏަސް ދަރިން ހޯދުމުގެ ޕްލޭނަކީ ބައިވެރިޔާގެ ހިއްސާއާ ކުރެވޭނެ ކަމެއް،" ބްރިޖެޓް ޖޯންސް ބޭބީ އާއި ގޭމް އޮފް ތުރޯންސްގައި އެކްޓް ވެސްކޮށްފައިވާ ޝީރަން ބުންޏެވެ. "އަހަރެން ވަރަށް ބޭނުން ދިރިއުޅުމެއް ފަށައި، ދަރިން ހޯދަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާޝަލް
24 January 2018
ވަރަށް ދެެެރަ.