ލަސް ވެގަސް ޓުއާ ކެންސަލްކޮށްލައި، ސެލީން ޑިއޯން ކަންފަތުގެ އޮޕަރޭޝަނަކަށް

ފިލްމް ޓައިޓޭނިކްގެ ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން މަޝްހޫރުކަން ހޯދި އަންހެން ލަވަކިޔުންތެރިޔާ ސެލީން ޑިއޯން މި މަހާއި އަންނަ މަހު އެމެރިކާގެ ލަސް ވެގަސްގައި ބާއްވަން އުޅުނު ޓުއާތައް ކެންސަލްކޮށް، އޮޕަރޭޝަނަކަށް ތައްޔާރުވެއްޖެ އެވެ.


ރިޕޯޓްތައް ބުނާ ގޮތުން ސެލީންގެ ކަންފަތަށް ދިމާވެފައިވާ މައްސަލައަކަށް ކުރިން ބޭސް ކުރި ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް އައިސްފައި ނުވާތީ ކަންފަތުގެ ކުޑަ އޮޕަރޭޝަނެއް ކުރަން ވަނީ ނިންމައިފަ އެވެ. މީގެ ދޮޅު އަހަރު ކުރިން ފެށިގެން އޭނާ އަންނަނީ ކަންފަތުގެ އިވުމަށް އަސަރުކުރާ މި މައްސަލަ އަށް ފަރުވާ ހޯދަމުންނެވެ.

ޓުއާތައް ކެންސަލް ކުރަން ޖެހުނުކަން އިއުލާން ކުރަމުން ސެލީން، 49، ބުނީ ޝޯތަކަށް އިންތިޒާރު ކުރަމުން އައި އެތައް ބައެއްގެ ކިބައިން މާފަށް ވެސް އެދޭ ކަމަށެވެ.

ސެލީންގެ ޓްވީޓެއް.

"އަހަރެން ޓުއާ އަށް ދާން ބޭނުންވި ނަމަވެސް ނަސީބު ދިމާކުރި ގޮތުން މި ފަހަރު ކޮންމެހެން ވެސް ފަރުވާއަކަށް ވަގުތު ހުސްކުރަން ޖެހިގެން ޓުއާތައް ކެންސަލްކޮށްލަން ޖެހުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް. އެހެންވެ ލަސް ވެގަސް ޓުއާ އަށް އިންތިޒާރު ކުރަމުން އައި އެންމެންގެ ކިބައިން މާފަށް އެދެން،" ސެލީން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަންފަތުގެ އޮޕަރޭޝަނަށް ފަހު، އަލުން ސެލީން އަށް ސްޓޭޖަށް ނުކުމެވޭ ވަރު ވާނީ އަންނަ މަހުގެ 22 ހިސާބުގަ އެވެ. އެހެންވެ ޝޯތަކަށް ޓިކެޓް ނެގި މީހުންނަށް ރިފަންޑް ދޭން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.