ބިރުވެރި މާލެދަތުރު

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)


"މިހާ އަވަހަށް؟" ހައިރާންވެފައި ފާޒިރާ ބުންޏެވެ. "ކިހިނެއްވީ؟"

"މާ ހޫނުގަދައީ،" އަހަރެން ސަބަބެއް ހަދައިލީމެވެ. "މި ތާކު ނުވާނެ ކެތެއް."

"އެކަމަކުވާ!" ފާޒިރާ އަށް ލިބުނީ ޝޮކެކެވެ. "އޭސީ ހުންނަ ތަންތަނެއް ނުލިބޭނެ. އަހަންނަށް ފެންނަނީ.."

"ބަލައިލަދީބަލަ!" އަހަރެން އެދުނީމެވެ. "އޭސީ ނެތަސް މާ ހޫނު ނޫން ތަންތަން ހުންނާނެއްނު! އަޅެ ބަލައިދީބަލަ! މި ރޭ މި ތާކު ނުނިދޭނެ."

"ނާސިހާ!" ފާޒިރާ ބުންޏެވެ. "މާލެއިން ތަނެއް ހޯދުމަކީ ތިހާ ފަސޭހަ ކަމެއް ނޫނޭ. އާދެ މިކޮޅަށް. ތަނެއް ލިބުނީމަ ބަދަލުވާނީ. މި ތަނުގަ އޭސީއެއް ނުހުންނާނެ. އެކަމަކު ވަރަށް.."

"ރަނގަޅުވާނެ،" އަހަރެން އެއްބަސްވީމެވެ. "އަހަންނަކަށް ނޭނގެ ތި ގެއަށް ކިޔާ ނަމެއް ވެސް. ޓެކްސީއަށް އަރައިފައި ޑުރައިވަރު އަތަށް ފޯނު ދޭނަން. ފާޒިރާ ފޯނު ހިފައިގެން އުޅޭތި."

އެ ރެއިން އެ ރެއަށް ފާޒިރާ އުޅޭ ތަނަށް ބަދަލުވީމެވެ. ހަލީމާ ގާތަކު ނުވެސް ބުނަމެވެ. އެއީ އަހަރެން ބަދަލުވި ތިންވަނަ ގެއެވެ. އެ ގެ ހުންނަނީ ބުރިބުރިއަށް ހަދައިފައެއް ނޫނެވެ. ވަރަށް އާދައިގެ ގެއެކެވެ. އެ ގޭގައި ދެ ޖިންސުގެ ވަރަށް ގިނަ މީހުން އުޅެއެވެ. ގޭގެ މީހުންނާއި، ގޭގެ މީހުންގެ ތިމާގެ މީހުންނާއި، އެ މީހުންގެ އަނބިދަރިންނާއި، ދަތުރުވަރުގައި އައިސް އުޅޭ މީހުންނާއި، ދުވަހު ކުއްޔަށް އުޅޭ މީހުންނެވެ. ކުޑަކުދިން ވަރަށް ގިނައެވެ. އަޑުފައްގަނޑު ވަރަށް ގަދައެވެ. ކޮޓަރިތައް ކުދިކަމާއި ގިނަކަމުން ހީވަނީ ކޮތަރު ކޮށްޓެއް ހެންނެވެ. ޓީވީއެއް ނުވަތަ ރޭޑިޔޯއެއް ނުހުންނަ ކޮޓަރިއެއް ނެތް ކަހަލައެވެ. ކޮންމެ ތާކުން ވެސް ހުންނަނީ ވަރަށް އަޑު ގަދަކޮށްފައެވެ. އެކިއެކި ޓީވީ ޗެނަލުތަކުގެ އަޑުއިވެ އެވެ. ދެ ކޮޓަރިއަކުން އެއް ޗެނަލެއްގެ އަޑެއް ނާދެއެވެ. ހިންދީ ސީރީޒާއި ހިންދީ ލަވައިގެ އަޑެވެ. އިނގެރޭސިން ވާހަކަދައްކާ އަޑާއި، ބަޑިތަޅާ އަޑާއި، ދިވެހި ލަވަޔާއި، ދިވެހި ޚަބަރުގެ އަޑެވެ. ދިވެހި ޗެނަލުތަކުން އިވޭ ސިޔާސީ ހަޅޭކާއި، ބަޔަކު ސިޔާސީ ޒުވާބެއް ކުރާ އަޑު ވެސް އިވެ އެވެ. ސިނގެރޭޓު ދުމުން މުޅި ތަން އޮތީ އެއްވަސް ވެފައެވެ. ގެއަށް ވަދެފައި ވެސް ހިތަށްއެރި އެވެ. އެ ގެއަކު އަހަންނަކަށް ކެތެއް ނުވާނެ އެވެ. އެކަމަކު އެހެން ގޮތެއް އެ ރެޔަކު ނެތެވެ. ފާޒިރާއާ އެކުގައި ގޮސް ކޮޓަރިއަށް ވަނީމެވެ. ފާޒިރާ ނިދަނީ އެ ގޭގައި ހުންނަ ރައްޓެހި އަންހެން ކުއްޖެއްގެ ކޮޓަރިއެއްގައެވެ. އެއް އެނދުގައެވެ. އެއީ ހަތަރު ފޫޓު ހަ ފޫޓުގެ އާދައިގެ އެނދެކެވެ. ހަމަޖެހިލައިގެން ނިދޭނީ އެކަކަށެވެ. ދެ މީހުން ތިބޭއިރު ފުރޮޅިލާނެ ޖާގައެއް ނޯވެއެވެ. ތިން މީހުންނަކަށް ނުނިދޭނެ އެވެ.

"އަހަރެން އޮވެދާނަން ބެޑްޝީޓެއް އަޅައިލައިގެން ތަޅުންގަނޑުގައި." އަހަރެން އިސްނަގައި ބުނީމެވެ.

އަހަންނަކީ ތަޅުންގަނޑުގައި ނިދި މީހެއް ނޫނެވެ. ގޮދަނޑި ނޫން ތަނެއްގައި ނިދި މީހެއް ވެސް ނޫނެވެ. ފާޚާނާ ކުޑަވެފައި، ވައި ދައުރުވާނެ އެއްވެސް ގޮތެއް ނެތެވެ. މިނެޓެއް ނުވަނީސް އަހަރެން ނޭވާހާސްވެއެވެ. ހިތަށްއެރިއެވެ. އެއް ރެޔަށް ވުރެ ގިނަ ރެޔަކު އެ ތަނުގައި ހުންނާކަށް ނުޖެހޭނެއެވެ.

ކޮލެޖަށް ގޮސްފައި އެކި ކުދިންނާ ވާހަކަ ދެއްކީމެވެ. އެހެން ތަނެއް ލިބޭތޯ މަސައްކަތް ފެށީމެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެވަނަ ރެޔަކު ވެސް ނިދަން ޖެހުނީ ކޮތަރު ކޮށީގައެވެ. ދަންވަރު ދޭއްޖަހާއިރު ވެސް ޓީވީތަކުގެ އަޑުފަށްގަނޑު ނުކެނޑެއެވެ. އެ ރޭ އަހަންނަށް މޫމިނާގެ މެސެޖެއް ލިބުނެވެ. މޫމިނާއަކީ ކޮލެޖުން ދިމާވި ކުއްޖެކެވެ. އޭނައަށް ތަނެއް ލިބުނީއެވެ.

"މިގެ ކައިރީގަ ހުންނަ ގެއެއް،" މޫމިނާ ބުންޏެވެ. "އެ ގޭ ދައްތަ ބުނީ ގޭގަ ހުންނާނެ ކުއްޖަކު ހޯދަދީބަލާށޭ."

"އަޅެ ތި ތަން ހޯދަދީބަލަ!" އަހަރެން ބުނީމެވެ. "ކިހާ ވަރަކަށް؟"

"އެހެނެއް ނުބުނޭ،" މޫމިނާ ބުންޏެވެ. "ދައްތަ ބުނީ ހުންނާނެ ކުއްޖަކު ހޯދައިދޭށޭ. އެކަމަކު އެއީ ވިލިނގިލި އިނގޭ."

އަހަންނަކަށް ފަސޭހައެއް ނުވާނެއެވެ. އެހެންނަމަވެސް އެހެން ގޮތެއް ނެތެވެ.

"ވިލިނގިއްޔަކަސް ހެވޭ،" އަހަރެން ބުނީމެވެ. "ތި ތަން ހަމަޖެހޭތޯ ބަލާ! މި ރޭ ލިބޭނެތަ؟"

އެ ރެޔަކު ހަމައެއްނު ޖެހުނެވެ. ތަން ލިބުނީ ޖެހިގެން އައި ދުވަހުއެވެ. ކޮލެޖުން އައި ގޮތަށް ވިލިނގިއްޔަށް މިސްރާބު ޖެހީމެވެ. އަހަންނާ އެކުގައި މޫމިނާ ވެސް ދިޔައެވެ. އެ ގެއަށް ވަދެވުނީ އިރުއޮއްސުނު ފަހުންނެވެ. އެ ގެއަކީ ބުރިބުރިއަށް ހުރި ގެއެއް ނޫނެވެ. އުންމީދު ކުރިހާ ސާފުތާހިރު ގެއެއް ވެސް ނޫނެވެ. ބަދިގެ ވަރަށް ކުޑައެވެ. އުނދުން ކައިރީގައި އެއްފަހަރާ ދެ މީހަކަށް ނުތިބެވޭނެ އެވެ. ގޭގެ ވެރިމީހާއަކީ ޒާހިރާއެވެ. ވަރަށް ހިތްހެޔޮކޮށް ވާހަކަދައްކާ އޯގާތެރި މީހެކެވެ. އަގު އެހީމައި އަގެއް ނުބުންޏެވެ. ފައިސާއަކު ނުހިފިއެވެ. އަހަރެން ހުންނާނެ ދުވަހަކު ހުންނަންވީއެވެ. ކޮޓަރި ދެއްކުމުގެ ކުރިން އަހަރެންނަށް ކާންދިނެވެ. އެކިއެކި ވާހަކަ އަހައި، ގޭގެ ކަންތައްތައް ކިޔައިދިނެވެ. މާލެ އައިސް ވީ މަދު ދުވަސްކޮޅު އަހަންނަށް ކުރެވުނު ތަޖުރިބާ އަހަރެން ހިއްސާކުރީމެވެ.

"މިހާރު މީ ހަތަރުވަނަ ގެ." އަހަރެން ބުނީމެވެ.

"މިގެއަކު ތި ކަހަލަ އެއްވެސް ކަމެއް ދިމައެއް ނުވާނެ." ޒާހިރާ ޔަގީންކަން ދިނެވެ.

އެ ގޭގައި ތިން ކޮޓަރި ހުރެއެވެ. އެއް ކޮޓަރީގައި ޒާހިރާގެ ދެމަފިރިންނެވެ. އަނެއް ކޮޓަރީގައި ޒާހިރާގެ ހަގު އަންހެން ދަރިފުޅު ޖުމާނާއެވެ. ލަފާކުރެވޭ ގޮތުގައި ފަނަރަސޯޅަ އަހަރުގެ ކުއްޖެކެވެ. ޒާހިރާގެ ދޮށީ ދަރިފުޅު މީހަކާ އިނދެގެން އުޅެނީ މާލޭގައެވެ. އޭނަ އުޅުނު ކޮޓަރީގައި އުޅެނީ ޒާހިރާގެ ބޮޑުދައިތައެވެ. އޭނައަކީ ދެބައި އުމުރަށް ވުރެ ދޮށި މީހެކެވެ. އަހަރެން ހުންނަން ޖެހުނީ ބޮޑުދައިތަ އުޅޭ ކޮޓަރީގައެވެ. އެ ތަނުގައި ވަކި ދެ އެނދު ހުއްޓެވެ. ނަސީބަކުން ހަރުގަނޑަކުން އެނދަށް އަރާކަށް ނުޖެހެއެވެ.

ނިދުމުގެ ކުރިން އަހަރެން ބަދިގެ ސާފުކުރީމެވެ. ސިންކު ދޮވެ، ތަށިތައް ވެސް އަހަންނަށް ބަލައިލަން ކެރޭވަރު ކުރީމެވެ. އެ ހުރިހާ މަސައްކަތެއް އަހަރެން ކުރިއިރު، ބޮޑުދައިތަ ވަރަށް ފަރުވާތެރިކަމާ އެކުގައި ބަލަން ހުއްޓެވެ. ނިދަން ބަލައިލިއިރު އެނދުގައި ވަރަށް ހިރަފުސް އޮތެވެ. ބާލީހުގައި މަޑުމަޑުން ޖަހައިލިޔަސް ހިރަފުހެވެ. އެކަމަކު އެ ރޭ އިތުރު މަސައްކަތެއް ކުރާނެ ހިތްވަރެއް ނެތެވެ. ފޮތިގަނޑު ނަގައިފައި ވަރަށް ރަނގަޅަށް ފޮޅައިފައި، އަނެއް ފުށުން ޖަހައިލީމެވެ. އޭގެ މަތީގައި ތުވާއްޔެއް އަޅައިފައި އޮށޯތީމެވެ. އޭރު ވެސް ބޮޑުދައިތަ އިނީ އޭނަގެ އެނދުގައި އިށީނދެލައިގެން އަހަރެން ކުރާ ކަންތަކަށް ބަލާށެވެ. އަހަރެން ދެނަހުރިކަމަކަށް ނަހަދަމެވެ. ހީކުރި ވަރަށް ވުރެ ފާޚާނާ ރީއްޗެވެ. އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ފަތިހު ތެދުވެ ނިކަން ރަނގަޅަށް އެނދު ސާފުކޮށްލީމެވެ. އެނދުގައި އަޅައިފައި އޮތް ފޮތިގަނޑާއި ބާލީސްއުރަ ދޮވުނީމެވެ. ފެންވަރައިގެން ނުކުތްތަނާ ޒާހިރާ ވަނެވެ. އަހަރެން ސައިބޯން ގެންދިޔައެވެ. ޒާހިރާ ހުރީ ރޮށިފިހެ، މަސްހުނި މޮޑެފައެވެ. މުރަނގަތޮޅި ކިރުގަރުދިޔަ ވެސް ހުއްޓެވެ.

"އަޅެ އަހަންނަށް ވެސް ގޮވައިލި ނަމަ." އަހަރެން ބުނީމެވެ.

"ދެންފަހަރަކުން." ޒާހިރާ ހިނިތުންވެލައިފައި ބުންޏެވެ.

ވަރަށް ހަމަޖެހިލައިގެން ދެ މީހުން އެކުގައި ސައިބުއީމެވެ. އެހެން މީހަކު އެ ދުވަހަކު ސަޔަކު ބައިވެރިއެއް ނުވެއެވެ. ޒާހިރާގެ ފިރިމީހާ އާއި ދަރިފުޅެއް ވެސް ނުދެކެމެވެ. ހުރިހާ ކަމެއް އެހައި ރަނގަޅަށް ދިޔުމުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ޒާހިރާ އެހާ ހެވީ ކީއްވެގެން ހެއްޔެވެ؟ ބޮޑުދައިތަގެ ހަމަހިމޭންކަމުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަމްޖަދު ގުޅުމުން އަހަރެން އެ ހުރިހައި ވާހަކައެއް ކިޔައިދިނީމެވެ. އޭނަ ވެސް ހައިރާންވިއެވެ. ޝުކުރު ވެސް ކުރިއެވެ. އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީތީއެވެ.

ކޮލެޖު ނިންމައިފައި ގެއަށް އައީމެވެ. ބަތްކެއްކީ ޒާހިރާއެވެ. ކުދިކުދި ކަންތައްތަކުގައި އޭނާއަށް އެހީވާން އަހަރެން ހުރީމެވެ. އެންމެން ކައިނިމުމުން ތަށިތައް ދޮވެލައި، ދެން ވެސް އަހަންނަށް ހަޑިހެން ހީވާ ތަނެއް ހުރިއްޔާ ސާފުކޮށްލީމެވެ. ބޮޑުދައިތަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ކުރާ ކަންތައް ނިކަން ރަނގަޅަށް ބަލައެވެ. ނިދަން އޮށޯތްއިރު ވެސް ބޮޑުދައިތަ ބަލަހައްޓައިގެން އޮތެވެ. ދެ ފަހަރަކު އަހަރެން ބަލައިލިއިރު ވެސް އޭނަ އޮތީ ބަލަހައްޓައިގެންނެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. އެންމެ ބަހެއް ވެސް ނުބުނެ އެ ވަރަށް އޭނަ ބެލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެންމެ ފަހުން އަހަރެން ބިއްދޮށަށް އެނބުރިލީމެވެ. ނުއެއް ނިދަމެވެ. އެހެން އޮއްވާ ޒާހިރާ ވަނެވެ.

"ނިދީތަ؟" ޒާހިރާ ބުނެލި އަޑު އިވުނެވެ.

"ވަރަށް މަސައްކަތްކުރާ އަންހެނެއް ތި ގެނައީ!" ފުރަތަމަ ފަހަރަށް ބޮޑުދައިތަގެ އަޑު އަހަންނަށް އިވުނެވެ.

"އޭނަ ގެނައީ މަސައްކަތްކުރާކަށް ނޫން. ކޮންމެވެސް ކޯހެއް ހަދަން އައީ،" ޒާހިރާ ބުންޏެވެ. "މާ ގިނަ ދުވަހަކު ނުވެސް ހުންނާނެ."

"ތަންތަން ކުނިކަހައި ސާފުކޮށް، ވަރުބަލިވެގެން ކަންނޭނގެ ނިދިފަ އެއޮތީ،" ބޮޑުދައިތަ ޖަވާބުދިނެވެ. "ވަރަށް މުރާލި."

ޖެހިގެން އައި ދުވަހު ފަތިހު އަހަރެން ހޭލިއިރު ބޮޑުދައިތަ އެނދަކު ނެތެވެ. އަހަރެން ނަމާދުކޮށް ނިމުނުތަނާ ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ބޮޑުދައިތަ ބޯދިއްކޮށްލިއެވެ.

"އާދޭ ރޮށިފިހަން." ބޮޑުދައިތަ ވަރަށް އާދައިގެ ރާގެއްގައި ބުނެލިއެވެ.

އަހަރެން ގޮސް ބޮޑުދައިތަ ބުނި ވަރަށް ފުށް ނަގައިގެން ރޮށިފިހެ ނިންމައިލީމެވެ.

"މި ތަން ސާފުކޮށްލަބަލަ!" ސިންކުގެ އަރިމައްޗަށް އިޝާރާތްކޮށްފައި ބޮޑުދައިތަ ބުންޏެވެ.

އަހަރެން ކުރީ ދުވަހު ވެސް އެ ތަން ސާފުކުރީމެވެ. އެކަމަކު ދެވަނަ ފަހަރަށް ވެސް ސާފުކޮށް ނިންމައިލީމެވެ.

"ތަޅުންގަނޑު ވެސް ނިކަން ރަނގަޅަށް ސާފުކޮށްލަބަލަ!" ބޮޑުދައިތަ އެދުނެވެ. "މޮޕު ވެސް ހާކާލާތި!"

އަހަރެން ތަޅުންގަނޑު ސާފުކުރީމެވެ. ވައްކަޅިން ގަޑިއަށް ބަލަމުންނެވެ. އަހަރެން ހުރީ ވިލިނގިލީގައެވެ. ފެރީ ދަތުރަށް ވެސް ވަގުތު ނަގާނެއެވެ. ޓެކްސީއެއް ލިބޭނެކަމެއް ނޭނގެއެވެ. ހިތަށްއެރިއެވެ. މާޒީ ތަކުރާރު ވަނީބާއެވެ؟

އަނެއްކާ ވެސް އަހަރެން ކޮލެޖަށް ގަޑިޖެހެނީބާއެވެ؟ ހަތެއްޖެހުމުން މަސައްކަތް ހުއްޓައިލީމެވެ.

"މިއަދު މި ހިސާބަށް ނިންމާލާނީ،" އަހަރެން ބުނީމެވެ. "ދެން އެހެން ފަހަރަކުން."

ބޮޑުދައިތަ އެއްޗެކޭ ނުބުނެއެވެ. އަހަރެން ފެންވަރައިގެން، ސައިބޮއިގެން ދިޔައީ ކޮލެޖަށެވެ. އޭރު ވެސް އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ. ކޮންމެވެސް ކަމެއް ވާން އެބަ އުޅެއެވެ. ބޮޑުދައިތަގެ ނިޔަތް ރަނގަޅެއް ނޫނެވެ. -- ނުނިމޭ