ސުނީތާ އަލީ (ސުނީ) ގެ ނެށުމުގެ ހުނަރު މީގެ ކުރިން އޭނާ ވަނީ ބެލުންތެރިންނަށް އެތައް ވީޑިއޯ ލަވައަކުން ދައްކާލައިފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ރާއްޖޭގެ އެންމެ ބޮޑު ފޭންކަން ސާބިތުކޮށް ދީފައިވާ ސުނީ މި ފަހަރު އަނެއްކާވެސް ޕްރިޔަންކާގެ ފިޔަވަޅު މަތިން ފިޔަވަޅެއް އެޅީ ކަމަށް ބުނެވިދާނެ އެވެ. އެއީ މި ފަހަރު އަނެއްކާވެސް މުޅިން އާ ކަމެއް ކޮށްލީމަ އެވެ.
ޕްރިޔަންކާއެކޭ އެއްގޮތަށް ސުނީ މިހާރު މި ވަނީ ލަވައެއް ކިޔައިފަ އެވެ. އޭނާގެ 37 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް މިރޭ މި ދޫކޮށްލި "ސުނީތާ އޯ މައި ޑާލިން" އަކީ، ސުނީގެ އަމިއްލަ އަޑުން ކިޔާލި ފުރަތަމަ ލަވަ އެވެ.
މި ލަވައަކީ ކުރީގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޕަރްދާ ޕަރްދާ" ލަވައިގެ ކޮޕީއެކެވެ. މި ލަވައިގެ ފަހުގެ ވާޝަން އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ އަޖޭ ދޭވްގަން އާއި ކަންގަނާ ރަނާވަތު ލީޑް ރޯލް ކުޅުނު 2010 ވަނަ އަހަރުގެ ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ގަ އެވެ. ޑިސްކޯއެއް ދައްކާ ލަވައިން ފެނިގެން ދާނީ ގޯހަރް ހާނެވެ.
ސުނީތާ ބުނީ ލަވައެއް ކިޔާލީ ކޮންމެހެން ޕްރިޔަންކާ މިހާރު ލަވަ ކިޔާތީ ކޮޕީ ކުރަން ނޫން ކަމަށެވެ. ޕްރިންޔަންކާ ކިޔާފައިވާ އިނގިރޭސި ލަވަތަކުގެ ތެރެއިން "އިން މައި ސިޓީ" އާއި "އެގްޒޯޓިކް" އަކީ ވަރަށް މަގުބޫލް ދެ ލަވަ އެވެ.
"އަސްލު ތަންކޮޅެއް ކުރިން ރައްޓެހިންތަކާ އެކީގައި އުޅުނު ދުވަހެއްގައި މަޖަލަކަށް ލަވައެއް ކިޔާލީމަ އެންމެން ވެސް ބުނެފި ހާދަ ރީއްޗޭ ލަވަ ކިޔާލިލެއް. ލަވަ ކިޔަންވީ ނޫންހޭ،" އަމިއްލަ އަޑުން ލަވައެއް ރެކޯޑް ކުރަން ބޭނުންވި ސަބަބާ ބެހޭ ގޮތުން ސުނީ ބުންޏެވެ. "ރައްޓެހިންނަށް އެހާ ކަމުގޮސްފައި އޮތީމަ ހިތަށް އެރީ މި ފަހަރު ފޭނުންނަށް ހަދިޔާއެއް ދޫކޮށްލާ އިރު އާ ކަމެއް ކޮށްލުމުގެ ގޮތުން ލަވައެއް ކިޔާލާނީއޭ. އެގޮތުން ކުރެވުނު ކަމެއް މިއީ."
އޭނާ ބުނީ އަމިއްލަ އަޑުން ލަވައެއް ކިޔާފައި ދޫކޮށްލުމުން ޕްރިޔަންކާ ކިޔާފައި ހުރި ލަވަތަކާއި އޭނާގެ ލަވަ ގިނަ ބަޔަކު އަޅާކިޔާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަމަށް ތައްޔާރަށް ހުރި ކަމަށް ބުންޏެވެ.
"އެނގޭ ކޮމްޕެއާ ކުރާނެކަން. އެކަމަކު މިއީ އެއްގޮތަކަށް ވެސް ޕްރިޔަންކާ ލަވަ ކިޔާތީ އޭނާ ކޮޕީ ކުރަންވެގެން ކުރި ކަމެއް ނޫން،" މިދިޔަ އަހަރުގެ އުފަން ދުވަހު ވީޑިއޯ ލަވައަކުން ޕްރިޔަންކާ އަށް ޓްރިބިއުޓެއް ދިން ނެށުންތެރިޔާ ބުންޏެވެ.
ސުނީ ބުނީ ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށެވެ. އަދި އެކަމަށް އޭނާ ތައްޔާރު ކަމަށް ވެސް ބުންޏެވެ.
"އަހަރެން ބުނާނީ ލަވަ ރެކޯޑްކޮށް ވީޑިއޯ ހަދައި މި ދޫކޮށްލީ ވަރަށް ހިތްހަމަޖެހިގެންނޭ. ކޮލިޓީ ރަނގަޅު ރީތި ލަވައަކަށް ލަވަ ހެދޭތޯ ވަރަށް މަސައްކަތްކޮށްފައި ހުންނާނެ." އާންމުކޮށް ލަވަތަކަށް ފުދޭ ވަރެއްގެ ހަރަދެއް ވެސް ކުރާ ސުނީ ބުންޏެވެ.
"ސުނީތާ އޯ މައި ޑާލިން" އަކީ އޭނާ ސިލްސިލާކޮށް ނެރެމުން އަންނަ "ހިތް ދީވާނާ" ވީސީޑީގެ ފުރަތަމަ ލަވަ އެވެ. އޭނާ ބުނީ އޭގެ އޯޑިއޯ މިހާރު ނިމިފައިވާ ކަމަށެވެ.
"ދެން ހުރިހާ ލަވައެއްގެ ވީޑިއޯ ހަދައި މި އަހަރު ނިމުމުގެ ކުރިން ބެލުންތެރިންނާ ހަމައަށް ގެނެސް ދެވޭތޯ ވަރަށް މަސައްކަތް ކުރާނަން،" ފޭނުން ހިތްހަމަޖައްސައި ދޭން ބުރަކޮށް މަސައްކަތް ކުރާ ސުނީ ބުންޏެވެ.