ނިކީ މިނާޖް މިއުޒިކުން ރިޓަޔާކޮށްފި

އާއިލާއެއް ފަށަން ނިންމާފައިވާތީ މިއުޒިކުން ރިޓަޔާކޮށްފައިވާކަން އެމެރިކާގެ މަޝްހޫރު އަންހެން ރެޕާ/ލަވަކިޔުންތެރިޔާ ނިކީ މިނާޖް އިއުލާންކޮށްފި އެވެ.


އުމުރުން 36 އަހަރުގެ މިނާޖް ބުނީ އޭނާ ރިޓަޔާކުރަން ނިންމުމުން ފޭނުން އުފާވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިއުޒިކް ކެރިއާ ދޫކޮށްލިޔަސް ފޭނުން އޭނާ މަތިން އަބަދު ހަނދާންކުރާނެ ކަމަށް ދެކޭ ކަމަށް ވެސް ބުންޏެވެ.

މިހާތަނަށް 10 ގްރެމީ އެވޯޑް ނޮމިނޭޝަން ވެސް ލިބުނު މިނާޖް ބުނިގޮތުގައި އޭނާ މިހާރު އަންނަނީ ލޯބިވެރިޔާ ކެނެތު ޕެރީއާ ކައިވެނިކުރަން ތައްޔާރުވަމުންނެވެ. އަދި ކައިވެނީގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ބުންޏެވެ.

މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވާ މިނާޖަކީ މިއުޒިޝަނެއްގެ އިތިރުން ބަތަލާއެއް އަދި ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ކްއީން" އެވެ.

މިނާޖް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2016 ގެ "ބާބާޝޮޕް: ދަ ނެކްސްޓް ކަޓް" އަދި 2014 ގެ "ދި އަދާ ވުމަން" ހިމެނެ އެވެ.