25 ސެޕްޓެމްބަރ 2019 - 08:34
މި އަހަރުގެ ކުރީކޮޅު ކްރައިމް ތުރިލާ "ގޮށްރާޅު" ގެނެސްދިން ޑައިރެކްޓަރު އަހުމަދު ޝިނާންގެ ތިން ވަނަ ފިލްމު "ބަޅިނދު" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓިން ޕްރޮޑިއުސްކުރާ މި ބިރުވެރި ފިލްމުގެ މައިގަނޑު ކާސްޓުން ވެސް ހަމަޖައްސައި، ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. "ބަޅިނދު" އަކީ އަލަށް ފިލްމެއްގެ ސްކްރީންޕްލޭ ލިޔުނު ހޫދު އިބްރާހީމްގެ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ.
Written by @IbrahimHoodh
— Dark Rain Ent (@DarkRainEnt) September 23, 2019
Directed by @ahmedshinan
Produced by @mogerdre and Aishath Fuwad @DarkRainEnt 2020 pic.twitter.com/6r5pti9Hkj
މީގެ ތިން އަހަރު ކުރިން ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމު "4426" އިން ޑައިރެކްޝަނަށް ނުކުތް ޝިނާންގެ ދެވަނަ ބިރުވެރި ފިލްމުގެ ކާސްޓުންނަކީ ޖުމައްޔިލް (ޖުމަލް) ނިމާލް، އިސްމާއީލް (ޖުމާ) ޖުމައިހް، "ބޮސް" އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، "ގޮށްރާޅު" އިން ތައާރަފުވި ބަތަލާ އާޝާ، "އެހެނަސް" ވެބް ސީރީޒުން ތައާރަފުވި ބަތަލާ ޝަރާ އަދި "ހުވާ" ވެބް ސީރީޒުން ފެނިގެން ދިޔަ ހުނޭޝާ އާދަމް އެވެ.
"ބަޅިނދު" ގެ ކެމެރާމަނަކީ ޑާކް ރެއިނަށް ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ އަލީ (ޗިއްޕެ) ޝިފާއު އެވެ. މި ފިލްމުގެ ސިނަމަޓޯގްރަފީއާ އޭނާ ހަވާލުވި އިރު "ނޮވެމްބާ" ކިޔާ ލޯބީގެ ފިލްމެއް ޑައިރެކްޓްކުރަން ވެސް ޗިއްޕެ އަންނަނީ ތައްޔާރުވަމުންނެވެ.
ބިރުވެރި ފިލްމު "ފަތިސްހަނދުވަރުގެ ފެށުން 3ޑީ" ވެސް ގެނެސްދިން ޑާކްރެއިންގެ "ބަޅިނދު" ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިއީ އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޯލި
25 September 2019
މިފިލްމަށް ޔުނާން ނެގިވާހަކަ ބުނުމުން ވަރަށް ހިތްހަމަޖެހިއްޖެ. ހަގީގަތުގާވެސް ޔުނާންއަކީ އާދަޔާ ޚިލާފު މޮޅު އެކްޓަރެއް. ރަނގަޅު ބޮޑުބައެއް މިފިލްމުގާ ޔުނާންއަށް ލިބޭނޭކަމަށް އުންމީދުޔކުރަން.