ރޭ ބޭއްވި "އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯ ނާޝިދު ބަލާލަނީ. ފޮޓޯ: މިސްކް
22 ސެޕްޓެމްބަރ 2016 - 11:23
ސުވާލެއް ނެތެވެ؛ ޒީރޯ ޑިގްރީ އަހުމަދު ނާޝިދު )ފުލޫ ނާޝިދު( އަކީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް މިއުޒީޝަނެކެވެ. ދިވެހި މިއުޒިކަށާއި ދިވެހި އުފެއްދުމަށް އޭނާ ވަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އެހެންވެ، ރޭ ފެނިގެން އެ ދިޔައީ، ދިވެހި ފަންނާނުންތަކެއް އޭނާާ އަށް ދިން އަގުބޮޑު ހަދިޔާ އެކެވެ. އެ މަންޒަރު ބަލަން "ބަލި އެނދުގައި" ނާޝިދު އޮލިމްޕަހުގައި ވަގުތުކޮޅަކަށް ނަމަވެސް އޮތީ ވެސް އެހެން މީހުންގެ ލޮލުން ކަރުނަ އޮއްސުވަމުންނެވެ.
ނާޝިދުގެ ހަނދާންތައް ކުރިމަތީގައި ހުރި ސްޓޭޖްގައި ދިރުވަމުން އައިއިރު، އޭނާ އިނީ އޭނާ އަށް ޚާއްސަ ސޯފާއެއްގައި އެ މަންޒަރުތައް ބަލާށެވެ. ނާޝިދު، 53، އަންނަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި އެނގިފައިވާ ގޮތުގައި އޭނާ ސީރިއަސް އެވެ. ތެދުވެ ވެސް ނޫޅެވެ އެވެ.
ރޭ އޮލިމްޕަހުން ފެނިގެން ދިޔަ "އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯ ކުރިއަށް ދިޔައީ ޒުވާން އާޓިސްޓުންތައް ޖޯޝާ އެކުގަ އެވެ. މިކަމުގައި އެންމެ ނަގާ ކިޔާ އެކަކަށް ހުރީ ނާޝިދުގެ އަންހެން ދަރިފުޅެއް ކަމަށްވާ ނިޝް ނާޝިދެވެ.
ޝޯ ފެށުމުގެ ގޮތުން ނިޝް އާއި ނާޝިދުގެ އަނެއް ދަރިފުޅު ނަޝް ސްޓޭޖަށް އަރައި އޯޑިއަންސާ ކުރިމަތިލައި ބުނީ މިއީ އެ މީހުންނަށް ވަރަށް އުފާވެރި ވަގުތެއް ކަމަށެވެ. އަދި ބައްޕަގެ ހިދުމަތުގެ އަގު ވަޒަން ކުރަން މިފަދަ ޝޯއެއް ބޭއްވޭތީ އެކަމާ ފަހުރުވެރިވާ ކަމަށާއި މިކަމުގައި ބައިވެރިވާ އެންމެންނަށް ޝުކުރު ވެސް އަދާ ކުރާ ކަމަށެވެ.
ޝޯ ފެށިގެން ދިޔައީ ނާޝިދު މިއުޒިކީ ކެރިއަރު ފެށިގެން އައި ގޮތުގެ މައްޗަށް ދައްކާލި ޕްރެންޒެންޓޭޝަނަކާ އެކުގަ އެވެ. ކެރިއަރިގެ ހިސާބުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދޭތެރެ ދޭތެރެ އިން ޝޯގައި ވީޑިއޯގެ ޒަރީރާ އިން ހިއްސާ ވެސް ކުރަމުން ދިޔަ އެެވެ.
"އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯގެ ތެރެއިން. ފޮޓޯ: މިސްކް
ނާޝިދު ކިޔާފައިވާ ބައެއް އިނގިރޭސި ލަވަތަކާ އެކު ނިޝްގެ އަޑުން ޝޯ ފަށައިގަތް އިރު އޯޑިއަންސް އޮތީ ވަރަށް ހިމޭންކޮށެވެ.
އެކަމަކު ޒީރޯ ޑިގްރީގެ އެންމެ މަޝްހޫރު އަލްބަމް "ދޯނި" ގެ ލަވަތައް އާޓިސްޓުން ހުށަހަޅައިދޭން ފެށުމުން އޯޑިއަންސް ގުގުމަމުން ދިޔަ އެވެ. ނާޝިދަށް ޝުކުރުގެ ބަސްތައް ރައްދު ކުރަމުން ދިޔަ އެވެ.
ހަމަ މިއާ އެކު ބޭންޑް އެހެން އަލްބަމެއް ކަމަށްވާ "ބާޑް އިން ފްލައިޓް" ގެ ލަވަތަކާ އެކު ވެސް އޯޑިއަންސް ކެކިގަތެވެ.
"އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯގެ ތެރެއިން. ފޮޓޯ: މިސްކް
ވަރަށް ކުޑަ ވަގުތުކޮޅަކަށް އޮލިމްޕަހުގައި މަޑު ކުރުމަށް ފަހު ނާޝިދު ޝޯއިން ވަކިވީ އެވެ. އެކަމަކު އޭގެ ފަހުން ދެން އައީ ނާޝިދުގެ ކުރިއަށް އޮތް އަލްބަމް "ޖާނީ" ގެ ލަވައަކުން އޯޑިއަންސް ހިތް ފުރާލަ ދިނުމެވެ.
މި އަލްބަމަކީ ނާޝިދުގެ އަމިއްލަ މަސައްކަތެކެވެ. "ޖާނީ" އަކީ 10 އަހަރު ކުރިން މަސައްކަތް ފެށި އަލްބަމެލެވެ. އެކަމަކު ހާލަތު ތަން ދިން ގޮތުން އެ އަލްބަމް އަދި އެހުންތެރިންނާ ހަމައަށް ފޯރުކޮށް ދެވިފައި ނެތީ އެވެ.
އެކަމަކު ނިޝް އާއި އޭނާގެ އާއިލާ އޮތީ ނާޝިދުގެ "ޖާނީ" އާންމުންނަށް ދޫކޮށްލުމުގެ ތައްޔާރީތަކުގަ އެވެ. ކައިރި މުސްތަގުބަލެއްގައި މި އަލްބަމް އެހުންތެރިންނާ ހަމައަށް އަންނާނެ ކަމަށް އިންތިޒާރު ކުރަމާ ހިނގާށެވެ.
"އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯގައި ނާޝިދުގެ ދެ އަންހެން ދަރިން ކަމަށްވާ ނިޝް އާއި ނަޝް. ފޮޓޯ: މިސްކް
ރާއްޖޭގައި އުފެދުނު ވަރުގަދަ އަދި ދިވެހި މިއުޒިކަށް އިންގިލާބެއް ގެނައި މިއުޒިކް ލެޖެންޑަކަށް ޓްރިބިއުޓެއް ދޭން މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކް މޯލްޑިވްސް) އިން ކުރި މަސައްކަތަށް ވެސް ސާބަސް ދޭން ޖެހެ އެވެ. އެތައް އާޓިސްޓުންނެއް އެއްތަންކޮށްގެން މިފަދަ ކަމެއް ކުރުމަކީ ގައިމު ވެސް އަގު ވަޒަން ކުރަން ޖެހޭނެ ކަމެކެވެ.
"އަ ޓްރިބިއުޓް ޝޯ" އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިން ފަރާތްތަކުން ރޭ ވަނީ ނާޝިދަށް ހަނދާނީ ފިލާ ވެސް އަރުވައިފަ އެވެ. އެ ފިލާތަކާ ހަވާލުވީ ނާޝިދުގެ ދެ އަންހެން ދަރިން ކަމަށްވާ ނިޝް އާއި ނަޝް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙާ
23 September 2016
މަރުވުމުގެ ކުރިން އިޙްލާސްތެރިކަމާއެކު ތަޢުބާވޭ... ތިލަވަތަކުން އެއްވެސް ފައިދާއެއް އާޙިރަތުގައި ނުކުރާނެ... ތިލަވަތަކަކީ ޝައިތާނާގެ ބަސްތަކެއް. ﷲ ގެ މަގަށް އަދި އެކަލާންގެ ފޮތަށް ރުޖޫއަވުމަށް ގޮވާލާ ނަސޭޙަތްތެރިވަން.
ހެހެހެހެ
23 September 2016
މޮޅުކަން ދައްކަން، އޮވެގެން ހިތުގާ، އޮޅިގެން ނަމަމަ ދަަތުރައް ނުފުރާ. މީވެސް ހަމަ ޝައިތާނަގެ ބަސްބާ؟
ހެހެހެހެ
22 September 2016
ނާޝިދު އަދި ހަމަ އޭގެ އިތުރުން މޮހުޖު އަދި އަހުމަދު ވެސް މީ ހުރިހާދިވެހިން ވެސް އަގު ވަޒަން ކުރަންޖެހޭ ފަންނާނުންތަކެއް. ދިވެހިންގެ ދިރިއުޅުމާ ވައްޓަފާޅި ހިމެނޭ ލަވަތަކަކާ (ޅެން ހެއްދެވި ބޭފުޅުންގެ ނަން އަޅުގަނޑު ހަނދާނެއް ނެތް) މިޔުޒިކު ހިމެނޭ ޒީރޯޑިގުރީ އަކީ ދުވަހަކުވެސް ދެން މިރާއްޖޭން ނުފެންނާނެ ފަދަ ފުރިހަމަ އުފެއްދުން ތަކެއް. އަދިވެސް ހަމަ އެރާގުތައް އަޑުއަހާ ކުޑައިރުގެ މަތިން ހަނދާންވޭ އަދި ރައްފުށުގެ ދިރިއުޅުން މަތިންވެސް ހަނދާންވޭ. ނާޝިދައް އަވަސް ޝިފާއަކައް އެދެން އަދި ކޮއްދެއްވި މަސައްކަތައް ސާބަސް ކިޔާ ޝުކުރު އަދާކުރަން.
މެންޓަލިސްޓް
22 September 2016
ނާޝީދުއަކީ ވަރަށްވެސް ކުރިއޭޓިވް މިއުޒިޝަންއެއް ، ހަމައެކަނި ދިވެހި ވަންތަމިއުޒިކްއަކީ ޒީރޯޑިގްރީގެ ދޯނި އަލްބަމޭ ބުންޏަސް ދޮގަކަށް ނުވާނެ ،، އެކަމަށް އެމީޙުން ކުރިމަސައްކަތަކީ ރިސާޗްއަކީ އަގުމަގު ނުކުރެވޭ ފަދަ ބޮޑުމަސައްކަތެއް ، އަދި އެއަލްބަމްގެ ހުރި ޅެންވެރިކަމަކީ ވަރަށް ވެސް އޮމާން ސާދަ ޅެންވެރިކަމެށް ،، އެކަމަށް ޓަކައި ބޮނދު ނަސީރުއާޢި ނާޝީދުގެ ބައްފަ އަށް ފައްފަށުން ޝުކުރުދަންނަވަން ،، ނާޝިދު އާޢި އަހްމަދް އަދި މިހޮޖް ސާބިތުކޮއްދިނީ ދިވެހީންގެ އަމިއްލަ ވަންތަ މިއުޒިކް ސްޓައިލް އޮންނަކަން ،، އަދި މުޅިދުނިޔެއަށް ދިވެހި މިއުޒިކް ތައާރަފް ކޮއްދިނީ ،،، އެކަމަށް ޓަކައި އެބޭފުޅުންނަށް ފައްފަށުން ޝުކުރުދަންނަވަން ، އަދި ނާޝިދު އަށް ހެތޮރަހުމަތް ލެއްވުމަށް އެދި ދުއާކުރަން ،، ވަރަށް ސަލާމް ،
އެސްޓިޢޯ
22 September 2016
ހީ ވޯޒް ދެއަރ ޓިލް ދި އެންޑް.
ޝޯބެލިން
22 September 2016
ނާޝިދު ޝޯ ނިމެންދެން އެތާ އިންނެވި!