ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.
22 މެއި 2020 - 05:38
(މޭ 21، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ)
ސިކުނޑީގައި އޮތީ ފިކުރާއި ސުވާލާއި ބިރެވެ. އޭނާ އަނގަ ހުޅުވުނެވެ. އޭރު ހާދީގެ ފަހަތުން މުޖޭ އެ އައި ގޮތަށް އައިސް ފުންމައިގެން އަރާ ބުރަކަށީގައި ފައިން ޖެހި އެވެ. ދެ މީހުން ވެސް ވެއްޓުނެވެ. އެކަމަކު ހާދީގެ ކުރިން، މުޖޭ ތެދުވެ، އޭނާގެ ބުރަކަށި މަތީގައި އިށީނެވެ. ދެން ދަތްދޮޅީގައި ވާތުން ހިފައި، ހާދީގެ ބޯ މައްޗަށް ނެގި އެވެ. މުޖޭގެ ކަނާތުގައި އޮތް ވަޅީގެ މުއްގަނޑުގައި ބާރަށް ހިފަހައްޓާލިތަން ގުރޯއަށް ފެނުނެވެ.
މިއީ އާދައިގެ ކަމެއް ނޫނެވެ. އޭނާގެ ހިތަށްއެރި އެވެ. މިހާރު މުޖޭ ކަތިލަން އެ އުޅެނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ.
"މުޖޭ...ޕްލީޒް...އަހަރެމެންނަކީ އެކައްޗެއް ނޫންތަ؟ މުޖޭ...ވިސްނާލާ...." ހާދީ ރޮމުން އާދޭސްކުރަމުން ދިޔަ އެވެ. ހާދީ އޮތީ ގުރޯ ބަނދެފައި އިން ތަނާ ދިހަ ވަރަކަށް ފޫޓު ދުރުގަ އެވެ. މުޖޭ އާއި ހާދީއަށް ވެސް އޭނާ ރަނގަޅަށް ފެންނާނެ އެވެ. ދެ މީހުންގެ ނޭފަތުން ވެސް ލޭ ފައިބައިފައި ހުރުމުން، ގުރޯއަށް ވިސްނުނީ ރަނގަޅަށެވެ: އޭނާ އެކޭ އެއްގޮތަށް، އެ މީހާގެ އަނިޔާވެރިކަން، ހަތަރު ރަހުމަތްތެރިންނަށް ވެސް އެ އޮތީ ކުރިމަތިވެފަ އެވެ. އަދި އެކަކު އަނެކަކު މަރަން އެ އުޅެނީ ވެސް އެ މީހާގެ ރޭވުމެއްގެ ދަށުންނެވެ.
"ގުރޯ...ހެޔޮނުވާނެ މުޖޭއަށް ވިސްނައިދީ...." ދިރިހުރުމާ މެދު ގެއްލެމުން ދިޔަ އުއްމީދާ އެކު ހާދީ، ގުރޯއާ ދިމާއަށް ބަލައިލާފައި އާދޭސްކުރި އެވެ.
ބާރަށް ވަޅީގައި ހިފަހައްޓާލައިގެން މުޖޭ އިނެވެ. އެއީ މީގެ ކުރިން އޭނާ ކަތިލި މީހުންނާ މެދު ކަންކުރި ގޮތެއް ނޫނެވެ. އެ އެންމެންގެ ކަރަށް، މެޔަށް ވަޅި ހެރީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. ފުރުސަތު ލިބުމާއި ހަމަލާ ދިނުމާ ދިޔައީ އެކުއެކީގަ އެވެ.
އެކަމަކު ހާދީގެ ބުރަކަށި މަތީގައި އިނދެ، ދަތްދޮޅީގައި ހިފަހައްޓާލައިގެން ހުއްޓިފަ އެވެ. މުޖޭގެ ލޮލުން ވެސް ކަރުނަ ފައިބަ އެވެ. އޭނާއަށް ވެސް އެވަރަށް އަނިޔާ ލިބިއްޖެ އެވެ. ހާދީއަކީ އެންމެ ގާތް، އެންމެ އިތުބާރުކުރާ ރަހުމަތްތެރިޔާ ނަމަވެސް، ދިރިހުންނަން ބޭނުން ނަމަ، އޭނާއަށް އޮތީ ކަތިލުމެވެ. ހާދީގެ އާދޭހުގެ އަޑާ އެކު ހުއްޓުމެއް އައި ނަމަވެސް، އޭނާގެ ހިތުން ގޮވަމުން ދަނީ، ދިރިހުންނަން ބޭނުމިއްޔާ މިރޭ ދެން އެ ނޫން ގޮތެއް ނެތޭ އެވެ.
"މުޖޭ...ޕްލީސް އަހަރެން ދޫކޮށްލާ...." އަނެއްކާވެސް ހާދީގެ ނިކަމެތި އަޑެވެ.
އާދޭސްކުރުމާއި ރުއިން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ ކޮން ކަހަލަ ވަގުތެއް ހެއްޔެވެ؟ އޭނާގެ އަނިޔާވެރި ހަޔާތުގެ ނިމުން ހެއްޔެވެ؟ އޭނާއަށް ވުރެ މާ ނުބައި މީހުން، މާ ގިނަ ދުވަހު ދުނިޔޭގައި އެބަ އުޅެ އެވެ. އޭގެ އެތައް ބަޔަކު އޭނާއަށް އެނގެ އެވެ. އެމީހުން ލައްވާ ނުބައި ހުރިހާ ކަމެއް ކުރުވި ސިޔާސީ މީހުންނާއި މަހުޖަނުންގެ އަނިޔާވެރިކަން ވަކި ކުޑަވާނެ ހެއްޔެވެ؟ އެކަމަކު އެ މީހުންނަށް މިކަހަލަ ބިރެއް ކުރިމައްޗެއް ނުވެ އެވެ.
ކަރުނައިގެ ތެރެއިން ލޯ ފުސް ވެއްޖެ އެވެ. އެވަގުތު އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު، ލޯބިން ކިޔާ ގޮތުން ނަމަ، ޔުމްނުގެ މޫނުކޮޅު ފެނުނެވެ. އެ ބޮޑު ދެ ލޮލުން ބައްޕައާ ދިމާއަށް ބަލަނީ އެވެ. އެ ލާ ނެތް، ކުއްލިއަކަށް ޖަހާލާ ހިނިގަނޑު އިވެނީ އެވެ. ބައްޕައަށް އަބަދު ދިއްކޮށްލާ ނޫ ކުލައިގެ ކްލޭގަނޑު ހިފައިގެން އަންނަނީ އެވެ. ކޮންމެ ދުވަހަކު އެތައް ބުރަކަށް އެ ކުލޭގަނޑުން އެކި ސިފަތަކަށް އެއްޗެހި ހަދައިދިނެވެ.
"ބައްޕި އާދެ...." ހާދީއަށް، ޔުމްނުގެ އަޑު އިވުނެވެ.
އެއީ އޭނާގެ އަލަތު ކައިވެނީގެ އަލަތު ދަރިފުޅެވެ. ކައިވެންޏަށް އަދި ވީ އެންމެ ފަސް އަހަރެވެ. އޭނާގެ އުމުރުން އަށާވީހެވެ.
އޭނާގެ އަނދިރި ދިރިއުޅުމުގެ އެއްވެސް އަސަރެއް އަންހެނުން އައިމިނަތު ހުދާ އާއި ޔުމްނުއަށް ކުރިއަކަ ނުދެ އެވެ. އޭނާއަކީ، އާއިލާގެ އެހެން މީހުންގެ ނަޒަރުގައި، މަސައްކަތްކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ޒުވާނެކެވެ. އޭނާގެ ގާތް ރަހުމަތްތެރިޔާ މުޖޭއާ އެކު ވިޔަފާރިކޮށް، ރަނގަޅު އާމްދަނީއެއް ހޯދަ އެވެ.
ދަރިފުޅު ބަލަން ހުދާ ގޭގައި ބަހައްޓައިގެން، ހަރަދުތައް ހަމަޖައްސަނީ ހަމައެކަނި ހާދީގެ އާމްދަނީންނެވެ. ނަމަކަށް މުޖޭއާ އެކު ވިޔަފާރީގަ އެވެ. ހަގީގަތުގައި، ލޭއޮހޮރުވުމެވެ.
ހާދީގެ ޒުވާން، އަލި މޫނުން އޭނާގެ ފޮރުވިފައިވާ އަނިޔާވެރިކަން އެކަކަށް ވެސް ނުފެނެ އެވެ. ގޭތެރޭގައި މަޑުމައިތިރި، ބަސް މަދު މީހެކެވެ. އަނބިމީހާ ހުދާގެ އުފަލަށް ހުރިހާ ކަމެއް އިންތިޒާމްކޮށްފަައި ހުންނަ ފިރިއެކެވެ. ދަރިފުޅު ޔުމްނު ދެކެ ލޯބިން މަރުދޭ ބައްޕައެކެވެ.
އެކަމަކު ރަށުން ބޭރަށް ދާ ދިއުމާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާއި ރޭގަނޑު އެކި ވަގުތުތަކުގައި މާލޭގެ އެކި ގޭގެއަށް ވަދެ ހިންގާ ކަންކަމުގައި އޮތީ ޖިނާއީ ބޮޑެތި ކުށްތަކެވެ. މަރުގެ އަދަބު އަންނަ ވަރުގެ އަނިޔާވެރިކަމެވެ.
ހާދީއަށް އެންމެ ފުރަތަމަ ހުދާ ފެނުނީ ލަންކާ އެއާޕޯޓުންނެވެ. އިމިގްރޭޝަން ކައުންޓަރު ކައިރީގައި ހުރެފައި، ކުއްލިއަކަށް ހުދާ ކިއު ދޫކޮށް ނުކުތެވެ. ހާސްވެފައި ހުރެ އެހެން ދިމާއަކަށް ހިނގައިގަތެވެ. ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅެނީކަން، އެ ކިއުގެ ފަހަތުގައި ހުރި ހާދީއަށް އިހުސާސްވި އެވެ. ހުދާގެ ހަރަކާތްތަކަށް އޭނާ ބަލަން ފެށި އެވެ. ހުދާ ގޮސް ހުއްޓުނީ، އިމިގްރޭޝަން ކާޑު ފުރަން ދަތުރުވެރިން ބޭނުންކުރާ ކައުންޓަރެއް ކައިރިއަށެވެ. މުޅި ކައުންޓަރު ވަށައިގެން ދެތިން ބުރު ޖެހި އެވެ. ދެން ވާނުވާއެއް ނޭނގި، ކުޑަކޮށް ވިސްނަން ހުއްޓެވެ.
ހާދީ ހިނގައިގަތީ އެހާ ހިސާބުންނެވެ. އޭނާ ހުދާ ކައިރިއަށް ގޮސް ހުއްޓުނެވެ.
"އެއްޗެއް ގެއްލުނީތަ؟" ހާދީ ސުވާލުކުރި އެވެ.
"އާނ. ފޮށި މި ތަނުގައި ބެހެއްޓިން،" މާ ބޮޑު ސަމާލުކަމެއް ހާދީއަށް ނުދީ އޭނާ ބުނެލި އެވެ.
"ޔަގީންތަ؟" ހާދީ އެހި އެވެ. ބައެއް ފަހަރަށް ބޯޓުން ފޮށި ނުބާލާ ވެސް، ގެނައި ކަމަށް ހީކޮށް ބައެއް މީހުން އުޅެ އެވެ. އެހެންކަމުން އޭނާ ބޭނުންވީ އެކަން އޮޅުންފިލުވާށެވެ.
"ޔަގީންހޭ...މިހާރު ކުޑަކޮށް ޝައްކުވެއްޖެ،" ސީރިއަސް ނަޒަރަކުން ފުރަތަމަ ފަހަރަށް ހާދީއާ ދިމާއަށް ބަލަމުން ހުދާއަށް ބުނެވުނެވެ.
ހާދީ އޭނާ ގޮވައިގެން އެއާލައިންގެ ކައުންޓަރު ކައިރިއަށް ގޮސް ވީ ގޮތް ކިޔައިދިނެވެ. މާ ގިނަ އިރެއް ނުވެ، ހުދާގެ ފޮށި ލިބުނެވެ. އޭނާ ބޯޓުން ފޭބީ ފޮށި ބަހައްޓައިފަ އެވެ.
ގުޅުން އުފެދުނީ ހުނުމުގެ ތެރެއިންނެވެ. ލަންކާއަށް ހުދާ ދިޔައީ އޮފީސް ދަތުރެއްގަ އެވެ. ހާދީ އޭނާގެ ބައެއް ރައްޓެހިން ކައިރިއަށް ޖައްސާލީ އެވެ. ހޮޓެލް ގަލަދާރީގެ ތިރީގައި، ގޯލް ފޭސްއަށް ކުރިމަތިވާ ގޮތަށް ހުންނަ ކުޑަ ކެފޭގައި ދެ މީހުން، ފުރަތަމަ ފަހަރަށް، ބައްދަލުކުރި އެވެ. އޭގެ ފަހުން ހަމަ އެ ދަތުރުގައި، ޑައިންމޯއަކަށް ކާން ވެސް ދިޔަ އެވެ.
ހުދާގެ ލޯބިވެރިއެއް ނެތެވެ. އެކަމަކު އޭނާގެ ރީތިކަމަށް ބަލާއިރު ހުހަށް ހުރެދާނެއޭ، ހާދީގެ ހިތަކަށް ވެސް ނާރަ އެވެ. ހުދާ ބުނި އެއްޗެއް އޭނާ ފަހުން، ކޮންމެވެސް ގޮތަކުން ކަށަވަރު ވެސް ކުރި އެވެ.
ހަޔާތުގެ ލޯބިވެރިޔާއާ ދިމާވާކަށް ވަކި ތަނެއް، ވަކި ވަގުތެއް ނެތެވެ. އަންބަކަށް ނުވަތަ ފިރިއަކަށް ވާ މީހާ ކަނޑައެޅިގެން ދަނީ ވެސް، ބައެއް ފަހަރަށް، ހީނުކުރާ ފަދަ ގޮތްގޮތަށެވެ. ކޮލަމްބޯ އެއާޕޯޓުގައި ފޮށި ގެއްލިގެން އުޅުނު އަންހެން ކުއްޖާ އާއި އޭނާއަށް އެހީވި ޒުވާނާ، އޭގެ ހަ މަސް ފަހުން ކައިވެނިކުރުމަކީ އޭގެ ހެއްކެކެވެ.
ހަޔާތުގެ އަނެއް ހަގީގަތަކީ، ބައެއް އަނބިންނާއި ފިރިންގެ ފޮރުވިފައިވާ ސިއްރުތައް ނޭނގުމެވެ. ޝައްކު ވެސް ނުކުރެވޭ ފަދަ ބޭވަފާތެރިކަމާއި އަނިޔާވެރިކަމާއި ދޮގާއި މަކަރުން އެމީހުންގެ އެ ސިއްރު ފަޅި އޮންނަނީ ފުރިފަ އެވެ. ހުދާގެ ލޯބި ސާފެވެ. އޭނާގެ ހިތުގައި ފިރިމީހާއާ މެދު ކުޑަ ވެސް ޝައްކެއް ނެތެވެ. ޒުވާބެއް ނުކުރެ އެވެ. ރުޅިއަންނަން ޖެހޭ ވަރުގެ ކަމެއް، ދެ މީހުންގެ ކުރެ އެކެއްގެ ފަރާތަކުން ވެސް ނުފެނެ އެވެ.
ގެއަށް ވަދެފިއްޔާ ހާދީ ހުންނަނީ ހިނިތުންވުމުގަ އެވެ. ޔުމްނު ލިބުމާ އެކު ދެމަފިރިންގެ ލޯބި ވީ ބޮޑެވެ. ގޭގައި ހޭދަކުރާ ވަގުތު ވީ ގިނަ އެވެ. އަމިއްލަ ވިޔަފާރިއެއްގައި އުޅުމުގެ ފަސޭހަ ކިހާ ބޮޑުހޭ، ހުދާ ވަރަށް ގިނައިން ބުނެ އެވެ. އޮފީހެއްގައި އުޅޭ ނަމަ އެކަހަލަ މިނިވަންކަމެއް ނޯންނާނެ އެވެ.
ހާދީ އަބަދުވެސް އެއް ކަމެއް ހުދާއަށް ޔަގީންކޮށްދެ އެވެ. އޭނާގެ ހިތުގައި އެހެން މީހަކަށް ލޯތްބެއް ނެތް ކަމެވެ. އެ ވާހަކަ ހުދާ ހިތުގެ އަޑިން ގަބޫލުކުރެ އެވެ.
މީގެ ދެ ރޭ ކުރިން ނިދަން އޮވެފައި ހުދާ ބުނި ވާހަކަ އޭރު ބެލީ ވަސްވާހެއްގެ ގޮތަށެވެ. އޭގެ ކުރީ ރޭ ހުދާއަށް ފެނުނީ ހުވަފެނެކެވެ. އޭގައި ޔުމްނު ގޮވައިގެން ހުދާ އާއި ހާދީ ނުކުތީ ބޮއްކުރައެއް ދުއްވާށެވެ. ރީތި ކުޑަކުޑަ ރަށެކެވެ. ބޮޑު މޫދެކެވެ. މަޑު ނޫ ކުލައިން ވިދާބަބުޅަނީ އެވެ. ހާދީގެ އަތުގައި އޮތް ފަލި، ލޮނުގަނޑު ތެރޭގައި ޖައްސާލާ ކޮންމެ ފަހަރަކު އެ އުފެދިގެން އަންނަ އަޑު ފިޔަވައި އެ މީހުންގެ ވަށައިގެން އޮތީ ހިމޭންކަމެވެ. ހާދީގެ ކުރިމައްޗަށް މޫނު ލައިގެން، ފިލާގަނޑު މަތީގައި، ހުދާ އިނެވެ. އޭނާގެ އުނގުގައި ޔުމްނު އެވެ. އޭރު ވެސް ދަރިފުޅު އަތުގައި، ނޫ ކުލައިގެ ކުލޭގަނޑެކެވެ.
"ބައްޕީ އާދެ ބަލަ، އަން...." ހާދީއަށް ގޮވާލަމުން، ކުލޭގަނޑު ދިއްކޮށްލި އެވެ.
"ބައްޕި ދޯނި ދުއްވަނީ. ދަރިފުޅާއި މަންމައާ ކުޅެލާ!" ހާދީ ބުންޏެވެ.
"މަންމި ނޫން...." އެހެން ބުނެފައި، ހުދާގެ މޫނާ ދިމާއަށް ލޯ ވައްކޮށްލައިގެން އިނދެ ބަލައިލި އެވެ.
"އާނ. މަންމިއެއް ނޫނޭ، ބައްޕި އަންނާނެ ކުޅެން،" ޔުމްނުގެ މޫނުގައި އޭނާގެ ކޯ ޖައްސާލަމުން، ހުދާ ބުންޏެވެ.
ހަމަ އެ ސިކުންތުގައި ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ހާދީގެ ފަހަތުން ހިއްކާލި ބިޔަ މަސް ހުދާއަށް ފެނުނެވެ. އޭނާ ބިރުން ހަޅޭއްލަވައިގަތެވެ. ޔުމްނު ރޯން ފެށި އެވެ. މަސް އަޑިއަށް ދިޔައީ ހާދީ ގޮވައިގެންނެވެ. ދެމައިން ރޮނީ އެވެ. ބޮއްކުރާ ދުވެފައި ދަނީ އެވެ. ކަނޑަށް ނުކުމެ، ރަށް ވެސް ގެއްލޭ ހިސާބަށް ދަތުރުކުރަނީ އެވެ. ހުދާ އިނީ، ދަރިފުޅުގެ ގައިގައި ބައްދާލައިގެންނެވެ.
ހޭލެވުނީ އެ ހިސާބުންނެވެ. އެ ހުވަފެނުގެ ވާހަކަ ކިޔައިދޭން ހަނދާން ނެތިފައި ހުއްޓާ، ހުދާއަށް ބުނެވުނީ އަނެއް ރޭ ނިދަން އޮށޯވެފަ އެވެ.
"ތިކަހަލަ ހުވަފެން އަބަދު ފެންނާނީ،" ހާދީ ސަމާސާއަކަށް ބުންޏެވެ.
"އަލަށް މި ފެނުނީ އެކަހަލަ ހުވަފެނެއް. މަށަށް އިހުސާސްކުރެވުނީ ޔުމްނު އާއި މަށާ އެކަނިވަނިއްޔޭ. ހާދީއަށް ކޮންމެވެސް ކަމެއް ވަނިއްޔޭ،" ހާދީއަށް އިހުސާސްކުރެވޭ ވަރަށް ވުރެ އަސްލު ހުދާ ސީރިއަސް އެވެ. އޭނާގެ ހިތުގައި ވަސްވާސްތައް އޮތީ އުފެދިފަ އެވެ. މުޅި ދުވަހު ވެސް އޭނާއަށް އުނދަގޫތަކެއް ވި އެވެ.
"ހުވަފެނުގައި ފެންނަ އެއްޗެއް ނޫން އަނެއް ކޮޅަށް ވެސް ދިމާވޭ. އަހަރެމެން ތަނަކަށް ދަނިކޮށް ބޮޑު މާވަހަރެއް ފެނުމުގެ ނަސީބު އޮތީ ކަމަށް ވެސް ވެދާނެ. ދެން އެހާ ކަންބޮޑުނުވެ، ހިނގާ ނިދަމާ،" ހާދީ ބުނީ އެހެންނެވެ.
އެކަމަކު ހުދާގެ އެ ހުވަފެން ސީދަލެވެ. އަނބިމީހާ ވެސް، ލޯބިލޯބި ދަރިފުޅު ވެސް އޭނާއަށް ގެއްލެނީ އެވެ. އެ މީހުންނަށް ދެން ލިބޭނީ އޭނާގެ ފުރާނަ ނެތް ހަށިގަނޑެވެ.
"ބައްޕީ އާދޭ...އަން...މި އޮތީ...." ހާދީއާ ދިމާއަށް ޔުމްނު، އެ ކުލޭގަނޑު އަނެއްކާވެސް ދިއްކޮށްލި އެވެ.
"ދަރިފުޅާ...." މިފަހަރު ކަރުނަތައް ފައިބައިގަތީ މާ ގިނައިންނެވެ. ހަށިގަނޑުން ހުރިހާ ފެނެއް ބޭރުކޮށްލަން އުޅޭ ކަހަލަ އެވެ. އެކަމަކު ދަރިފުޅުގެ ފަހަތުން، އޭނާއަށް ވަރަށް ފުސްކޮށް ހައެއްކަ އަހަރުގެ ފިރިހެން ކުއްޖަކު އަންނަ ތަން ފެނުނެވެ. ކައިރިވާ ވަރަކަށް އެ ކުއްޖާގެ ސިފަ ސާފުވަމުން އަ އެވެ. ކަރުން ލޭ ފައިބައިކަން އެނގެ އެވެ. ކުއްޖާގެ ހަށިގަނޑުން ބާރު ދޫވެގެން ދެ ފަރާތަށް އަރިއަޅަމުން ދެ އެވެ. އެކަމަކު ހިތްވަރުކޮށްފައި އުޅެނީ ހާދީއާ ވީހާވެސް ކައިރިއަކަށް އަންނާށެވެ.
ހާދީއަށް އެނގެ އެވެ. އެ ކުއްޖާ ގޮވަމުން ދަނީ "ބައްޕާ...މަންމާ" އެވެ. އެކަމަކު އަޑެއް ނުނިކުމެ އެވެ. އެހެންކަމުން ފަހަތުން އައިސް ކައިރީގައި މަޑުކޮށްލި އިރު ވެސް ޔުމްނުއަކަށް ރޭކައެއް ނުލަ އެވެ. ހާދީއަށް އިވެމުން ދަނީ އޭނާގެ ދަރިފުޅު ގޮވާ އަޑެވެ. ފަހަތުގައި މަރުވެގެން ބިންމައްޗަށް ވެއްޓެން ކައިރިވެފައި ހުރި ފިރިހެން ކުއްޖާގެ އަޑެއް ނީވެ އެވެ.
އެވަގުތު ހާދީގެ ހަނދާނުން ފޮހެވިގެން ދިޔައީ އޭނާގެ ކަރު އޮތީ، ބޮޑު ވަޅިއެއްގެ ތޫނު މިޔަ މައްޗަށް ހުޅުވިފައިކަމެވެ. އޭނާއަށް ފެންނަނީ ދިރިހުރި އަންހެން ދަރި އާއި މަރުވަމުން ދާ، އެހެން މީހެއްގެ ދަރިއެކެވެ.
ހާދީގެ އެންމެ ފަހު ވަގުތުކޮޅު މުޅިން ތަފާތު ހިޔާލެއްގަ އެވެ. އޭނާގެ އަތުން އޮހޮރިގެން ދިޔަ ލެއެއްގެ ހަނދާންތަކުގަ އެވެ.
ހިތްވަރުކޮށްފައި މުޖޭގެ ހަށިގަނޑަށް ބާރު ގެނަ އެވެ. އޭނާއަށް އެހެން އިނދެވޭކަށް ނެތެވެ. ހާދީގެ ދަތްދޮޅި ކުރިއަށް ވުރެ ބޮޑަށް މައްޗަށް އުފުލައިލި އެވެ. ދެން އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ހާދީގެ ކަރުގައި ވަޅި އެޅުނުކަން އޭނާއަށް ޔަގީނެވެ.
ގުރޯއަށް ލޯ މަރާލެވުނެވެ. މުޖޭ ހަޅޭއްލަވާ އަޑު އިވިއިވި ހުއްޓެވެ. ހާދީ މަރާލި ހަމަލާއާ އެކު މުޖޭގެ ވިސްނުން ވެސް އޭނާގެ ސިކުނޑި ދޫކޮށް އެ ދިޔައީ އެވެ. ގުރޯއަށް ހީވަނީ މުޖޭއަށް ކުރެވުނު ކަންތައް ބޮޑުވެގެން، ނުވަތަ މަޖުބޫރު ހާލަތުގެ އުނދަގޫތަކުން އޭނާއަށް ހަޅޭއްލެވުން ނޫން އެހެން ކަމެއް ނުކުރެވެނީ ހެންނެވެ.
"ކޮން ހަޅޭއްކެއް!" އެ އަޑު އިވުމާ އެކު ގުރޯ ލޯ ހުޅުވާލި އެވެ. މުޖޭގެ ހަޅޭއްލެވުން ވެސް ކުއްލިއަކަށް ހުއްޓުނެވެ.
މަރުވެފައި އޮތް ހާދީގެ މޫނު މަޑު ވެލިގަނޑު ތެރޭގަ އެވެ. އެ ހިސާބު ތެމިފައި އޮތީ ފައިބަމުން ދާ ލެއިންނެވެ. މުޖޭ އިނީ، ހާދީގެ ބުރަކަށި މަތިން ފައިބައި، ބިންމަތީގައި ދެ ކަކޫ ޖައްސައިގެންނެވެ. އޭނާގެ އަތުގައި ވަޅި އޮތެވެ.
އެމީހާ މަޑުކޮށްލައިގެން ހުރީ މުޖޭގެ ކުރިމަތީގަ އެވެ. އޭނާ ދީފާނެ ހަމަލާއަކަށް ކުޑަ ވެސް ބިރެއް ނެތި އެވެ.
"ވަޅިން އަތް ދޫކޮށްލާ!" އެމީހާ މަޑުމަޑުން ބުނެލި އެވެ.
މުޖޭ އެމީހާއާ ދިމާއަށް ބަލާ ވެސް ނުލަ އެވެ. އޭނާ އިނީ ބިންމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ވަރުބަލިވެ، ބާރުބާރަށް ނޭވާ ލެވެމުން ދެ އެވެ. އަތުން ވަޅި ދުލެއްނުކުރި އެވެ.
އެމީހާގެ މޫނު މައްޗަށް ވެރިވީ ކަންބޮޑުވުމުގެ އަސަރުތަކެއް ނޫނެވެ. އޭނާގެ މޫނަށް އެރީ ކުޑަކުޑަ ހިނިތުންވުމެކެވެ. އެންމެ ގާތް ރަހުމަތްތެރިޔާ އެގޮތަށް މަރާލުމުން، އެކަން ކުރުވި މީހާއާ ދެކޮޅަށް އާ ހިތްވަރެއް އުފެދިދާނެ އެވެ. އެއީ ކައިރި ކަމެކެވެ. އެހެންކަމުން، އެންމެ ފަހު ވަގުތު ވެސް، ތައްޔާރުވެގެން އެ އިނީ ހަމަލާއަކަށެވެ. ގޯހެއް ނޫނެވެ.
ގުރޯގެ ހިތުގެ އަޑިން އާ ކަމަކަށް އެދެން ފެށި އެވެ. މިހާރު އޭނާއަށް ސަލާމަތެއް އޮތީ، މުޖޭގެ ކުޅަދާނަކަމުންނެވެ. މުޖޭގެ ހިތްވަރު ގަދަކޮށް އެމީހާއާ ކުރިމަތިލައިގެންނެވެ. ވަޅި އެ އޮތީ އަތުގަ އެވެ. އެމީހާގެ ދެ އަތް އޮތީ ހުހަށެވެ. ޔަގީނުން ވެސް ގުރޯއަކަށް އެއިން އަތެއްގައި އެއްޗެއް އޮތް ތަނެއް ނުފެނެ އެވެ.
މުޖޭ ކުއްލިއަކަށް ތެދުވި އެވެ.
ގުރޯގެ ދެ ލޮލަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު މުޖޭ އެހެރީ ތައްޔާރުވެގެންނެވެ. މުޖޭ އެ އުޅެނީ އެމީހާއާ ކުރިމަތިލާށެވެ. އަސްލު މުޖޭ އަދިކިރިޔާ ފެނުނީ އެވެ. އެއީ ބިރުނުގަންނަ މުޖޭ އެވެ. އެކަކަށް ވެސް އެހާ ފަސޭހައިން އޭނާ ބައްޔެއް ނުކުރެވޭނެ އެވެ.
މުޖޭ...ހަމަލާދީ! ގުރޯއަށް އެހެން ބުނެވެން ދުލުގެ ކުރިއަށް ލަފުޒުތައް އަ އެވެ. އެކަމަކު މި މީހާގެ ހަގީގަތް އޭނާއަށް މުޅިން ނޭނގޭތީ، އިހަށް މަޑުން އިންނަން، އޭނާގެ ހަވަނަ ހިއްސު ބާރުއެޅި އެވެ.
މުޖޭ އެއް ފިޔަވަޅު ކުރިއަށް ޖެހިލި އެވެ. އެމީހާ އެއް ފިޔަވަޅު ފަހަތަށް އެޅި އެވެ.
ދެން އިވުނީ އަނެއްކާވެސް މުޖޭގެ ހަޅޭއްކުގެ އަޑެވެ. އެ ހަޅޭއްކާ އެކު ވަޅީގެ ކުއްލި ހަމަލާ އެމީހާއާ ދިމާއަށް ފޮނުވާލި އެވެ. އެކަމަކު ހެދި ނުހެދިއެއް ނޭނގުނެވެ. މުޖޭ އޮތީ ބިންމަތީގަ އެވެ. އެމީހާގެ ވާތު ކަކޫ، މުޖޭގެ ބުރަކަށި މަތީގަ އެވެ. ވަޅި އޮތް ކަނާތް ހުރީ ކޮނޑު ހުޅުން ނެއްޓޭހާ ވަރަށް، އެ މީހާގެ ފަލަމަސްގަނޑުގެ ބާރުގައި ފަހަތަށް ގެންގޮސްފަ އެވެ. އެމީހާގެ އެއްވެސް ހާސްކަމެއް ނެތެވެ. ވަޅި އަތުލާކަށް ވެސް ނޫޅެ އެވެ.
"ދޫކުރޭ...." މުޖޭ ގޮވަމުން ދިޔަ އެވެ.
އެމީހާ ދެން ހިފީ، މުޖޭގެ އެއްވެސް ބާރެއް ނެތް އޭނާގެ އަތުގަ އެވެ. ފުރަގަަހަށް ވަރަށް ބޮޑަށް ލަނބާލި އެވެ. މުޖޭގެ ހަޅޭއްކާ އެކު ވަޅި ބިންމައްޗަށް ވެއްޓުނެވެ. އެމީހާ އެއިން ގޮތަށް އިނދެ، ވަޅި ނަގައި، މުޖޭގެ ގައިމަތިން ތެދުވި އެވެ.
"ކެރޭ މީހުން ތިހެން ހަޅޭއްކެއް ނުލަވާނެ. ކެރޭ މީހުން ކަންކަން ކުރާނީ ހަމަޖެހިގެން ތިބެ،" އެމީހާ ބުންޏެވެ. ދެން ގުރޯއަށް ފެނުނީ އޭނާއާ ދިމާއަށް ހިނގައިގަތްތަނެވެ. އޭނާގެ ދިރިހުރުމުގެ އުއްމީދުތައް ގެއްލެން ފެށި އެވެ.
(ހަތަރު ވަނަ ބައި މޭ 23، 2020، ހޮނިހިރުދުވަހު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރު ފޭން
22 May 2020
އަސްލުވެސް ތީކާކުކަން ނޭންގުންނަމަވެސް މިބާވަތުގެ ވާހަކަތައް ލިޔެލާގޮތުން ހަމަ ޙަޤީޤަތޭ ހިތަށް އަރާ ވަރަށް ރަނގަޅު ލިޔުންތެރިކަން.ވަރަށް ފާޑުވެރި.
ތުނިޔަ
22 May 2020
ނޫނޭވާ އެދުރަކީ ވާހަކަ ލިޔުމުގެ ފަންނު ހުސްކޮށްފަހުރި ފިސާރި އެދުރެއް...ނަމަ ނަމަ ކުރިން ހެދިހެން މިފަހަރު ނުފިލާތި!
ހުތާ
22 May 2020
ސިފަކުރުން ހަަމަ ހަބޭސް، މިރާއްޖޭގެ ހާލަތު ކިޔައިދޭ ވާހަކައެކެވެ.
އެކަތަ11
22 May 2020
ކޮމެންޓެއް ނުކޮށް ހުރެވޭ ވަރެއްނޫން.އެދުރަކީ އާދަޔާ ޚިލާފު މޮޅު ވާހަކަ ލިޔުންތެރިއެއް.ހީވަނީ ހަމަ މަންޒަރުތަކުތެރޭ އުޅެވޭހެން.ހާސަރެއްނެތް.ހާދިސާއާއި އޭގައި ވަށައިގެން ހިނގާކަންކަން.ފަށުވި ޢިބާރާތްތަކެއްނެތް.ސާދާ އާންމު ބަހުރުވަ.ޝަހާދެއްފަދަތެދެއް މީވާހަކަ ލިޔުމަކީ.އެދުރާ ނަމަނަމަ ހުއްޓާނުލާތި. އެދުރަކީ ކާކުކަން އެނގޭނެދުވަހެއްގެ އިންތިޒާރުގައި ހުރިން.
ސުޖިިިީ
22 May 2020
ވަރަށް ތަފާތު
ކޮންޓެ
22 May 2020
ފައްކާ އިނގޭ. ހަމަ ހީވަނީ ފިލްމެއް ބަލާލެވޭހެން.
ވަން
22 May 2020
ކީކޭބުނާނީ ހާދަ މޮޅޭ އެދުރު
ހ
22 May 2020
ވަރައް ރީތި ކްރައިމް ސްޓޯރީއެއް.
އިއްސެ
22 May 2020
ވ ވ ރީތި މި ބައި. ޑިސްކްރިޕްޝަންސް ހަމަ ވ ސަޅި
އެދުރު ފޭން
22 May 2020
ކީއްވެ ޙަޤީޤީ ވާހަކައަކާ ވައްތަރީ.
ތުނިޔަ
22 May 2020
ގައުމުގެ ހަގީގަތަކީ ހުސް މިޒާތުގެ ކަންކަމަށްވީމަ!