މުނިފޫހިފިލުވުން / ވާހަކަ ސިލްސިލާ ދިހައެއް

ވާހަކަ ސިލްސިލާ: ދިހައެއް: ހަމަ އެންމެ ކަމަކަށް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

04 ޖޫން 2020 - 10:00

7 comments

(ޖޫން 2، 2020، އަންގާރަދުވަހުގެ ބަޔާ ގުޅޭ)

އެޕާޓްމަންޓްގެ އެހެން ސްވިޗްތައް އޮންކުރަން ފެށި އެވެ. ފަހަރަކު ބޮތްކެއް ދިއްލެމުން، ގޮސް، މުޅި ތަން އަލިވި އެވެ. އޭރު އެއީ، ބޭރުން ފެންނަ ކަހަލަ ބާ ތަނެއް ނޫނެވެ. އެއީ އެހާމެ ހިތްގައިމު، އެހާމެ މުއްސަނދިކަން ބޮޑު، ރީތި އެޕާޓްމަންޓެކެވެ. އޭނާ ފޮށި ހިފައިގެން ދިޔައީ ކޮޓަރިއާ ދިމާއަށެވެ. ދެ ފަރާތަށް ދެ ކޮޓަރި ހުއްޓެވެ. އެތަނުން އެއް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލައި، އަނބުރާލި އެވެ. އޭނާ ދޮރު ހުޅުވާލި އެވެ.

އެކަމަކު ވަންނަން ބަލައިލި އިރު ކުރިމަތީގައި ހުރީ ފިރިހެނެކެވެ. އޭނާގެ ދެ ލޯ ބޮޑުވި އެވެ. ދެން ފެނުނީ، އެ މީހާގެ އަތުގައި އޮތް އެއްޗެއް، އޭނާގެ މޫނަށް ޖެހި ތަނެވެ.

ކުއްލިއަކަށް އަނބުރައިގަނެ، ހުސޭނުބޭ ހުރި ތަނަށް ވެއްޓެން ދިޔަ އެވެ. އެކަމަކު އެމީހާ އޭނާ ހިފެހެއްޓި އެވެ.

ބޮޑެތި ސޯފާ ގޮނޑިތަކުގެ މެދުގައި ހުރި ބިއްލޫރި މޭޒުމަތީގައި އަތުރާލާފައި ވަނީ އެ ފޮޓޯތަކެވެ. އޭގެ ތެރެއިން އޭނާއަށް ވަކިކުރަން އެނގެނީ މައުސޫމްގެ ފޮޓޯ އެކަންޏެވެ. މަރުވެފައި އޮތީ ލަކުޑި ފްލޯއެއްގެ މައްޗަށެވެ. ކައިރީގައި ހުސް ލެ އެވެ. ދެން ހުރި ފޮޓޯތަކުން ފެންނަނީ ނިދާ ހެދުމުގައި އޮތް އަންހެނެކެވެ. ދެން ކުޑަ ތިން ފިރިހެން ކުދިންނެވެ.

"މިއީ ކަލޭ ޖަވާބު ދޭން ޖެހޭ ކަމަކީ،" ކުރިމަތީގައި އިން މީހާ ބުންޏެވެ.

ހުސޭނުބޭގެ ދެ އަތް ފަހަތަށް ބަނދެ، އަނގަމަތީގައި ކަޅު ފޮތިގަނޑެއް އައްސާފައިވެ އެވެ. އެ ފޮތިގަނޑު، މީގެ ކުޑައިރުކޮޅެއް ކުރިން ތަންކޮޅެއް ދޫކޮށްލީ، ހަޅޭއްލަވައިފި ނަމަ މޭޒު މަތީގައި އޮތް ވަޅިން ރައްދުދޭނެ ކަމަށް ބުނެ، އިންޒާރު ދީފަ އެވެ. އޭގެ ފަހުން އެމީހާ ގެންދިޔައީ ހުސޭނުބެއަށް އެ ފޮޓޯތައް ދައްކައި، ސުވާލުކުރަމުންނެވެ.

ކަޅު މީހެކެވެ. އިސްތަށިގަނޑު ވެސް އެހާމެ ކަޅެވެ. ތުނބިއެއް ނެތެވެ. އެކަމަކު ވަރުގަދަ ކަޅު މަތިމަހެކެވެ. ދެ ލޯ ތަންކޮޅެއް ރަތެވެ.

އެމީހާ ވާހަކަ ދައްކަނީ ދިވެހިންނެވެ. ހުސޭނުބެއަށް ލިބުނު ޝޮކާއި އަދިވެސް ހައިރާންވެފައި އެ އިނީ އެހެންވެގެންނެވެ. އެހާ ސިއްރުން އޭނާ އުޅެމުން އަންނަ ތަނެއް ހޯދީ ކިހިނެއް ކަމާ މެދުގަ އެވެ. މައުސޫމުގެ މަރުގެ ބަދަލު ހިފަނިއްޔޭ ކިޔައިގެން އުޅުނަސް މިއީ އަނެއްކާ ފުލުހުންގެ ތެރެއިން ބައެއް ބާވަ އެވެ؟ އެކަމަކު އެ ސުވާލާ މެދު ވިސްނުމުގެ ބޭނުމެއް ނެތެވެ. މުޖޭ އެ އޮތީ އޭނާގެ ވާހަކަ ކިޔައިދީފަ އެވެ. ކުރިމަތީގައި އިން މީހާ އެހެން ބުންޏަސް ނުބުންޏަސް، މުޖޭގެ މަރާ ހަވާލުވިޔަސް ނުވިޔަސް، ހަގީގަތަކީ އެ އެވެ.

"އަހަރެން ބޭނުމެއް ނޫން މިތަނަށް ގެންނަނީ ކޮން ކަހަލަ ނާސި އަންހެނުންނެއްތޯ ބަލާކަށް. ކަލޭ ގޮސް ވަންނަ ބާއަކީ ކޮބައިތޯ ބަލާކަށް. އަހަރެން ބޭނުންވަނީ، މި ފޮޓޯތަކަށް ބަލާފައި، ކަލޭގެ ހިތަށްއަރާ އެއްޗެއް. ބުނެބަލަ، ކީކޭ ހިތަށްއަރަނީ؟"

"ވަރަށް ހިތާމަވެރި...." ހުސޭނުބެއަށް ބުނެވުނީ އެހާ ހިސާބަށެވެ. އޭނާއަށް ކުރިއަކަށް ނުގެންދެވުނެވެ.

އެމީހާ އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން އިނެވެ. ހުސޭނުބެއަށް އިސްޖަހާލެވުނެވެ. ހިމޭންކަމުގެ އިރުކޮޅެކެވެ. ސިޓިން ރޫމުގެ ހަތަރު އޭސީގެ ތެރެއިން އެއް އޭސީން، އިވެމުން އަންނަ އަޑު ނޫން އެހެން އަޑެއް ނެތެވެ.

"ވަރަށް ހިތާމަވެރި... ދެން އެ ނޫން އެއްޗެއް ނެތީ ބުނެވެން؟" އެމީހާ ސުވާލުކުރި އެވެ.

ހުސޭނުބޭ އިނީ އިސްޖަހައިގެންނެވެ. މިހާ ނިކަމެތި ހާލެއްގައި އޭނާ ދުވަހަކު ވެސް ނީދެ އެވެ. އޭނާގެ ހިތަށް ކުއްލިއަކަށް އެރީ ނަލަ އިބްރާހިމެވެ. އެ ބޮޑު މަހުޖަނު އޮރިޔާންކޮށްފައި އިންދާ ކަނޑުމަތިން ފެނުނީ ގެއްލިގެން ހޯދަމުން ދިޔަތާ އެތައް ދުވަހެއް ފަހުންނެވެ. ނަލަ އިބްރާހިމް ބޭޒާރުވި ގޮތަކީ، މާ ބާރުގަދަ ކަމަށް ދައްކައިން އުޅޭ މުއްސަނދިންނަށް ބަޔަކު ދިން ފިލާވަޅެކެވެ. އެކަމަކު އެ ފިލާވަޅު އޭނާއަކަށް ނުލިބުނެވެ. އަދި މިހާރު އޭނާއަކީ ނަލަ އިބްރާހިމްގެ ދޮށީ ދަރިފުޅާއި މުޅި އާއިލާ މަރާލުމުގެ ޒިންމާ ނަގަން ޖެހޭ އެކެކެވެ.

އަދި މިހާރު ނިކަމެތިފައި އެ އިނީ އޭނާ އެވެ.

"ބަލަ އިސްޖަހައިގެން، ފިނޑިވެގެން މިކަމެއް ނުވާނެ. ނިކަން ފިރިހެނަކަށް ވެފައި ކިޔައިދީ ބަލަ، މި ފޮޓޯތަކުން ކަލެއަށް ކުރި އަސަރެއް. ކަލެއަށް މިހާރު ކުރާ އަސަރެއް!" އެމީހާ ބުންޏެވެ.

އޭނާ ވެސް ގަބޫލުކުރެ އެވެ. ފޮޓޯތަކުން އެ ފެންނަނީ އަނިޔާވެރިކަމުގެ އެންމެ މަތީ ދަރަޖަ އެވެ. މައުސޫމް އާއިލާ ކަތިލާފައި އޮއްވާ ނަގާފައިވާ އެހާ ސާފު ފޮޓޯތަކެއް އޭނާ އަދި ނުދެކެ އެވެ. އެހެންކަމުން އެއީ ވެސް ފުލުހުންގެ ތެރެއިން މި މީހާއަށް ލިބުނު އެއްޗެއްކަން، އޭނާގެ ހަ ވަނަ ހިއްސު ބުނެ އެވެ.

"ވަރަށް އަސަރުކޮށްފި. ތިކަހަލަ ކަންތައް ނުވާނެ ކޮށްގެންނެއް...."

"ކާކު އެކަން ކުރީ؟" ހުސޭނުބޭގެ ވާހަކަ މެދުކަނޑާލާފައި އެމީހާ ސުވާލުކުރި އެވެ.

"ނޭނގޭ...." ހުސޭނުބޭ، އެމީހާއާ ދިމާއަށް ކަޅި ހިންގާލަމުން ބުންޏެވެ.

"ނޭނގެއޭ!" މަލާމާތުގެ ރާގެއްގައި، ތަންކޮޅެއް ބާރަށް އެމީހާއަށް ބުނެވުނެވެ.

ދެން ގޮނޑި މަތީގައި އޮތް އޭނާގެ ދަބަސް ހުޅުވާލާފައި، އޭގެ އެއް ޖީބުން ފޮޓޯތަކެއް ނެގި އެވެ. މޭޒު މަތީގައި ބެހެއްޓި އެވެ. އޭނާ އެއަށް ބަލައިލި އެވެ. ރުކެއްގައި އައްސާފައި އިން ފަސް މީހުންގެ ފޮޓޯ އެވެ. އެ އެންމެން ވެސް ތިބީ ހޭނެތިފައިކަން އެނގެ އެވެ.

"މިއީ ކަލޭ ބުނެގެން މައުސޫމްގެ އާއިލާ ގަތުލުކުރި މީހުން. އެ މީހުން އަމިއްލައަށް އެކަކު އަނެކަކަށް ހަމަލާދީ މަރުވެއްޖެ. މިއީ މަރުވުމުގެ ކުރިން ހޭނެތިފައި ތިބިތަން. ޔަގީނުން ވެސް މި މީހުންނަށް ވުރެ ކަލޭގެ ހިތްވަރު ގަދައެއް ނުވާނެ. މި މީހުންނާ ކުރި ހުރިހާ ސުވާލަކަށް ތެދަށް ޖަވާބުދިން. ދެން މިހާރު މިއީ ކަލޭ ވާހަކަ ދައްކަން ޖެހޭ ވަގުތު،" އެމީހާ ބުންޏެވެ.

"އަހަރެން ކޮން ވާހަކައެއް ދައްކާނީ؟" ހުސޭނުބޭ ސުވާލުކުރި އެވެ.

"މުޖޭއާ އެކަން ހަވާލުކުރީ ކަލޭ. ކަލޭ ފޮނުވި ލަންކާ މީހަކު އެ ރަށަށް ގޮސް އެޑްވާންސަށް ފަސް ލައްކަ ޑޮލަރު ދިނީ. ދެން އެމީހާގެ ފޯނުން ކަލެއަށް ގުޅި. ދެއްކީ ކޮން ވާހަކައެއް ކަމެއް ނޭނގެ. އެކަމަކު އެ އަނިޔާވެރިކަމަށް އެއް މިލިއަން ޑޮލަރު ހޭދަކުރީ ކަލޭ. ސުވާލަކީ، ކީއްވެހޭ މައުސޫމާއި އޭނާގެ މުޅި އާއިލާ މަރާލަން ޖެހުނީ؟" އެމީހާގެ ހަތަރު ކަޅި، ހުސޭނުބެއާ ދިމާއަށެވެ.

އެ ދެއްކި ވާހަކާގައި ދޮގެއް ނެތެވެ. ދެން އޭނާއަށް ހެދެން އޮތީ ކޮން ދޮގެއް ހެއްޔެވެ؟ އޭނާ ދޮގެއް ހެދިޔަސް އެނގޭނެ އެވެ. އެކަމަކު އޭނާގެ ކަންބޮޑުވުމަކީ އެ ކުރި ސުވާލެވެ. އެކަން ކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟

މިއީ މީހަކު ބުނެގެން ކަމެއް ކުރީމާ ލިބޭ ލަނޑެވެ. މިއީ އެހެން ބައެއްގެ ފައިދާ އިސްކޮށް، ތިމާ އޭގެ ތެރެއަށް ވަނީމާ ބޯން ޖެހޭ ބޮނޑި އެވެ. އޭނާ އިނީ ގޮތް ހުސްވެ، ރަނގަޅަށް ބެދިފަ އެވެ. އެހެންކަމުން ދޭނެ ޖަވާބެއް ނޭނގުނެވެ. ހޭއެރުމާ އެކު އޭނާއަށް ތަންތަން ފެނި، ކުރިމަތީގައި އިން މީހާގެ ލޮލަށް ބަލައިލެވުނު ވަގުތު ވެސް، "ދުވަސް މި ދިއައްޔޭ" ހިތަށްއެރި އެވެ. އޭނާގެ ފަހަތުން އެގޮތަށް އުޅެ، މި އެޕާޓްމަންޓް ހޯދައި، އޭނާގެ ކުރިން މި ތަނަށް ވަދެ، އޭނާގެ ކޮޓަރީގައި ފިލާ ހުރެވޭނީ، އޭނާގެ ވިސްނުމަށް ވުރެ މާ ކުރީގައި އުޅޭ މީހަކަށެވެ. އާނއެކެވެ. ކުރިމަތީގައި އިން މީހާ އުޅެނީ މާ ކުރީގަ އެވެ.

"ކީއްވެގެންހޭ މައުސޫމްގެ މުޅި އާއިލާ ގަތުލުކުރީ. އޭނާގެ ދަރިންތައް ގަތުލުކުރީ؟" އެމީހާ ހަރުކަށި ރާގެއްގައި ސުވާލުކުރި އެވެ. ދެން ވެސް ހުސޭނުބޭ އެއްޗެކޭ ނުބުނުމުން، އޭނާގެ ދަބަހުގައި ހިފާލި އެވެ.

"އެންމެ ރަނގަޅު، އަހަރެން ބަހައްޓާނަށް ފޮޓޯތަކެއް. ކަލޭ ޖަވާބު ދޭތި!" އެހެން ބުނެފައި ދަބަހުން އަނެއްކާވެސް ނެގީ ފޮޓޯތަކެކެވެ.

"މިއީ ތަފާތު ހަ މީހުން،" އޭނާއާ ދިމާއަށް ފޮޓޯތަކުގެ ނުފުށް ދިއްކޮށްގެން އިނދެ، އަތުތެރޭގައި ތާސްބައިގެ ގަނޑުތައް އަތުރާލަ ގޮތަށް އަތުރާލަމުން، އެމީހާ ބުންޏެވެ. ދެން ފަހަރަކު ގަނޑެއް މޭޒު މަތީގައި ބާއްވަން ފެށި އެވެ.

"މި މީހާއަށް އެނގޭނެތަ؟" މުސްކުޅި އަންހެނެއްގެ ފޮޓޯގަނޑާ ދިމާއަށް އިޝާރަތްކޮށް، އެމީހާ އެހި އެވެ. އެއީ މައުސޫމްގެ މަންމަގެ ފޮޓޯ އެވެ.

އެއްވެސް ޖަވާބެއް ނުދީ ހުސޭނުބޭ އިނީ އެވެ.

"މި ދެ މީހުންނަށް އެނގޭނެތަ؟" ދެ އަންހެނުންގެ ފޮޓޯ އެއް ފަހަރާ ބާއްވައި ސުވާލުކުރި އެވެ. އެއީ މައުސޫމްގެ އެއްބަނޑު އެއްބަފާ އަންހެން ދެ ކޮއްކޮ، ޔުމްނާ އިބްރާހިމާއި ނަސްރާ އިބްރާހިމްގެ ފޮޓޯ އެވެ.

ހުސޭނުބޭ ހަމަ އިނީ އެވެ.

އެމީހާގެ ކަޅި އޭނާގެ މޫނަކުން ނުނެއްޓެ އެވެ. އެކަން އެނގޭތީ، ހުސޭނުބޭގެ ނަޒަރު ދޫކޮށްލައިގެން އިނީ އެ ފޮޓޯތަކަށެވެ. އެހެން އިނަސް ހުސޭނުބެއަށް ޔަގީންވެ އެވެ. މައުސޫމުގެ މަރުގެ ޝައްކު، އެމީހާ މިހާރު އެ ކުރަނީ މުޅި އާއިލާއަށެވެ.

"ރަނގަޅަށް ބަލަން އިނދޭ. އަދިވެސް ވަކި ޖަވާބެއް ނެތް، އެހެންނު. އެންމެ ރަނގަޅު...." އެހެން ބުނެފައި، މައުސޫމުގެ ދެ ކޮއްކޮއާ ދިމާވާ ގޮތަށް، ދި ފިރިހެނެއްގެ ފޮޓޯގަނޑު ބޭއްވި އެވެ. ހުސޭނުބެ ބަލައިލި އެވެ. އެއީ ޔުމްނާގެ ފިރިމީހާ އަހުމަދު ސޯދިގާއި ނަސްރާގެ ފިރިމީހާ މުހައްމަދު ނިހާދުގެ ފޮޓޯ އެވެ.

"ކަލެއަށް ހަމަ އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދައިގެން ދޯ ތި އިނީ،" އެމީހާ ބުންޏެވެ.

"މިއިން އެއްވެސް މީހަކު ހަމަ ނޭނގެނީ؟" އަނެއްކާވެސް އެމީހާ ސުވާލުކުރި އެވެ.

"ތިއީ ނަލަ އިބްރާހިމްގެ ކުދިންނާއި އެ މީހުންގެ ފިރިންނެއްނު،" ހުސޭނުބެ ބުންޏެވެ.

"މައުސޫމްގެ މަރުގައި މި މީހުންގެ ބައިވެރިވުމެއް އޮންނާނެތަ؟" އެމީހާ ބާރުވެރި އަޑަކުން ސުވާލުކުރި އެވެ.

"އަހަންނަކަށް ނޭނގޭ،" އެމީހާއާ ދިމާއަށް ބަލައިލަމުން ހުސޭނުބެ ބުންޏެވެ.

އެމީހާގެ އަތުގައި އޮތް ފަހު ފޮޓޯގަނޑު ދެއްކުމުގެ ބަދަލުގައި މޭޒު މަތީގައި ބަންޑުން ބޭއްވި އެވެ. ދެން ގޮނޑީގައި ބުރަކަށި ރަނގަޅަށް ޖައްސާލައި، އޭނާގެ ދެ އަތް، ގޮނޑީގެ މަތީގައި ބާއްވާލި އެވެ. ހަށިގަނޑު ދަމާލީ އެވެ.

"މުޖޭމެން ވެސް ފުރަތަމަ ހެދީ އެއްވެސް ކަމެއް ނޭނގޭ ކަމަށް. އެކަމަކު އަހަރެން އެއިން ކޮންމެ މީހެއްގެ ނޭފަތް ފަޅާލައި، ލޯމަތީގެ ކަށިގަނޑު ބިނދޭ ވަރަށް އުޅޮނބަށިން ޖަހާލީމާ، އެ ހިސާބުން ވާހަކަ ދައްކަން ފަށައިފި. ކަލޭގެ އުމުރުން ފަސްދޮޅަހަށް އެ ދަނީ. ހިފަހައްޓާލެވޭނެތަ؟" އެ މީހާ ބުންޏެވެ.

ނުހިފެހެއްޓޭނެ އެވެ. އޭނާގެ އެ ހިތްވަރު ނެތްކަން އަމިއްލަ ނަފުސަށް ވެސް އެނގެ އެވެ. އެކަމަކު ވާހަކަ ދައްކާނީ ކިހިނެއް ކަން އޭނާގެ ވިސްނުމަށް މާ ބޮޑަށް އަދިވެސް ނާންނަނީ އެވެ. ދައްކަން ވެސް ބޭނުންވެ އެވެ. އެކަމަކު ދެން ކުރިމަތިވާނީ ކޮން ކަމެއްކަން ލަފާނުކުރެވޭތީ، ލަފުޒުތައް އުޅެނީ ދުލާ ހަމައަށް ނުގެނެވިގެންނެވެ.

"އެންމެ ރަނގަޅު،" އެމީހާ އެހެން ބުނެފައި ތެދުވެގެން، ހުސޭނުބޭގެ ފަހަތަށް ގޮސް މަޑުކޮށްލި އެވެ. ދެން އޭނާގެ އެއް ފަރާތުން ގޮނޑީގައި ބާއްވާލާފައި އޮތް ކަޅު ފޮތީގެ ކޮތަޅެއް ކަހަލަ އެއްޗެއް ނެގި އެވެ. އޭނާއަށް ހޭވެރިކަންވީ އިރު، އަނގަ މަތި ބަނުމުގެ އިތުރުން، ބޮލާ އެކު މޫނުގައި އަޅާފައި އޮތީ ވެސް އެ އެވެ.

އެމީހާ ކުއްލިއަކަށް ހުސޭނުބޭގެ ބޮލަށް އެ ކޮތަޅު ކޮއްޕާލި އެވެ. ދެން އަނގަ މައްޗާއި ނޭފަތާ އެކު، ބާރަށް އަތުން ހިފަހައްޓާލި އެވެ. އިރުކޮޅަކުން ހުސޭނުބޭގެ ނޭވާ ހާސްވާން ފެށި އެވެ. އެކަމަކު އެމީހާގެ އަތް ނެއްޓޭނެ ގޮތެއް ނެތެވެ. ނޭވާ ކޮޅަށް ގޮސް، ހަޅޭއްލަވަން އުޅެއުޅެ އަޑެއް ނުނިކުތެވެ. އެކަމަކު ވެސް އެމީހާ ދުލެއް ނުކުރި އެވެ. މުޅި މީހާގެ ގައިން ދާހިއްލި އެވެ. އެ ފޮތިގަނޑުގެ ތެރޭގައި މޫނު އޮތުމުން އޭނާއަށް ފެންނަނީ އަނދިރިކަމެވެ. ނޭވާ ހާސްވެގެން ދިއުމާ އެކު އޭނާގެ ދެ ލޯ ބޮޑުވި އެވެ. އެހާ ހިސާބުން އެމީހާގެ އަތް ނައްޓާލި އެވެ. ފޮތި ކޮތަޅު ވެސް ބޮލުން ދަމައިގަތެވެ.

ހުސޭނުބެއަށް މާ ނޭވާލެވެ އެވެ. ދުވަހަކު ވެސް އެގޮތަށް އޭނާ ހާހެއް ނުވެ އެވެ. މިއީ މަރުގެ ތުންފަތް މައްޗަށް ވެއްޓުން ކަހަލަ ކަމެކެވެ. ނޭވާ ހާސްކޮށްލައިގެން މަރުވުމުގައި ހުންނާނެ ވޭން، ދިހަ ވަރަކަށް ސިކުންތަށް އޭނާއަށް އިހުސާސްކުރެވިއްޖެ އެވެ.

އެމީހާ ގޮސް އަނެއްކާވެސް ކުރިމަތީގައި އިށީނެވެ.

"ދެން އޮތީ ކަލޭ ލައްވާ ގަދަކަމުން ވާހަކަ ދެއްކުން،" އެމީހާ ރުޅިއައިސް ބުންޏެވެ.

"ބުނޭ! މި މީހުންގެ ތެރެއިން ކާކަށް އެނގޭނީ؟ މައުސޫމްގެ މަންމައަށް އެނގޭނެތަ؟"

"ނޭނގޭނެ،" ހުސޭނުބެ އެންމެ ފަހުން ޖަވާބުދޭން ފެށި އެވެ.

"ދެ ކޮއްކޮއަށް އެނގޭނެތަ؟" އޭނާ ބާރަށް ސުވާލުކުރި އެވެ. އެހާ ހިސާބުން ހުސޭނުބެއަށް ކުއްލިއަކަށް ގިސްލެވެން ފެށިއްޖެ އެވެ.

"ނޭނގޭނެ،"

"އެހެންވިއްޔާ މި ދެ މީހުން؟" ދެ ފިރިންގެ ފޮޓޯގައި އަތް ޖައްސަމުން އެހި އެވެ.

"ނޭނގޭނެ...."

"ނުވާނެ އެހެންނެއް،" ފޮޓޯ މަތީގައި ކަނާތުން ބާރަށް ޖަހައި، ހުސޭނުބެއާ ދިމާއަށް މޫނު ދިއްކޮށްލަމުން އެމީހާ ބުންޏެވެ.

"ބުނޭ ރަނގަޅަށް،" އެމީހާގެ ބާރު އަމުރެވެ.

ހުސޭނުބެއަށް ރޮވެން ފެށުނެވެ. އޭނާގެ ހިތުގައި އޮތް ބިރުވެރިކަމުގެ ތެރެއަށް އާ ބިރެއް ވަދެ، އޭނާ ހަފުސްކޮށްލި ފަދަ އެވެ. ސޯދިގާއި ނިހާދަކީ ވެސް އޭނާގެ ރައްޓެހިންނެވެ. ރައީސް ހާލިދުގެ ގާތް މީހުންނެވެ. ރައީސް އޮފީހުގެ ދެ މިނިސްޓަރުންނެވެ. އެހެންކަމުން އޭނާއަށް ބުނެވެން އޮތީ ކީކޭ ހެއްޔެވެ؟

އޭނާއަށް ފެނުނީ މޭޒު މަތީގައި އޮތް ވަޅީގައި އެމީހާ ހިފި ތަނެވެ. އެއްވެސް އަނިޔާއެއް އޭނާ ބޭނުމެއް ނުވެ އެވެ. ގޭތެރެއަށް ލޭ ތިއްކެއް ވެއްޓޭކަށް ވެސް ބޭނުމެއް ނުވެ އެވެ. އަދި މިހާ ހިސާބަށް އެކަހަލަ އަނިޔާއެއް އެމީހާގެ ފަރާތަކުން ނުފެނެ އެވެ.

"އަހަރެން ތިން ފަހަރު ގޮވާނީ. ޖަވާބެއް ނުދީފިއްޔާ، ކަލޭގެ ފައިގެ އެއް އިނގިލި ކަނޑާލާނަން،" އެމީހާ ބުންޏެވެ. ދެން "އެކެއް" ކިޔާލުމާ އެކު، ހުސޭނުބެއަކަށް ނީނދެވުނެވެ.

"ނިހާދަށް އެނގޭނެ. އެކަމަކު ސޯދިގަކަށް ނޭނގޭނެ،" އޭނާގެ ބޮޑު ސިއްރު އެންމެ ފަހުން ބޭޒާރުވި އެވެ. އެމީހާ އޭނާއާ ދިމާއަށް ބަލަން އިނެވެ. ހުސޭނުބޭގެ ލޮލުން ކަރުނަ ފައިބަނީ އެވެ.

"އަދި ނުނިމޭ. ނިހާދަށް އެނގުނު ގޮތެއް ކިޔައިދީ،" މޭޒު މަތީގައި ކުރިން ވެސް ވަޅި އޮތް ގޮތަށް ބޭއްވި އެވެ.

ދެން އިތުރަށް ހިފަހައްޓަން ޖެހޭ ސިއްރެއް ނެތެވެ. ހުސޭނުބެ ވާހަކަ ދައްކަން ފެށި އެވެ.

---

ނިހާދަކީ އޭނާގެ އެންމެ ޒުވާން އިރު، "މިސްޓަ މޯލްޑިވްސް" އެވެ. ބޮޑީކުރުމާއި ރީއްޗަށް ހަށިގަނޑު ބެހެއްޓުމަކީ އޭނާގެ އޭރު ވެސް އަދި މިހާރުގެ ވެސް އާދައެކެވެ. ކުރީގައި ނަމަ، މުބާރާތްތަކަށް އަރާށެވެ. މިހާރު ހަމައެކަނި ހަށިގަނޑުގެ ދުޅަހެޔޮކަމަށެވެ.

އުފަން ރަށަކީ އައްޑު އަތޮޅު ހިތަދު އެވެ. އެކަމަކު އުމުރުން ދިހަ އަހަރުން ފެށިގެން އާއިލާއާ އެކު އުޅެނީ މާލޭގަ އެވެ. މިސްޓަ މޯލްޑިވްސްގެ ފުރަތަމަ ތައްޓާ އެކު، އޭނާގެ ހިތުގައި އުފެދުނު އެއް އިހުސާސަކީ، މަސައްކަތްކޮށްފި ނަމަ ހަޔާތުގައި ފުރިހަމަ ނުކުރެވޭނެ އުއްމީދެއް ނޯންނާނެ ކަމެވެ. ބޮޑީބިލްޑް ކުރުމަކީ، ގިނަ މީހުންނަށް ނޭނގުނަސް، އެންމެ އުނދަގޫ ކުޅިވަރެވެ. އެންމެ ހިތްވަރުގަދަ ކުޅިވަރެވެ. ދުވާލަކު ތިން އިރު އެ ހިފަން ޖެހޭ ބަރުތަކާއި، ކެއުން އެ ގެންގުޅެން ޖެހޭ ކޮންޓްރޯލް ގޮތަކީ، އިންސާނާގެ ހިތްވަރެވެ.

ނިހާދުގެ އުއްމީދަކީ ކުރިއަށް ދެމިގަތުމެވެ. އެ ނިޔަތުގައި މަގުތައް ފުޅާކުރަން ވިސްނި އިރު އޭނާގެ ސިކުނޑިއަށް އައީ ސިޔާސީ ދާއިރާ އެވެ. އޭނާގެ ރީތިކަމާ އެކު މުޅި ރާއްޖެއަށް މަޝްހޫރެވެ. އޭނާގެ ފޮޓޯތައް މާލޭގެ ވަރަށް ގިނަ ތަންތަނުން، ތަފާތު އިސްތިހާރުތަކުން، ފެނެ އެވެ. ހަ ފޫޓު ދެ އިންޗީގެ އިސްކޮޅު އެކަންޏެއް ނޫނެވެ. އޭނާގެ ފަން ވަރުގަދަ އިސްތަށިގަނޑާއި މޫނުގެ ބައްޓަން ވެސް، އިސްތިހާރުތަކަށް ފުދެ އެވެ. އެހެންކަމުން މިސްޓަ މޯލްޑިވްސް އަށް ވުން އެކަންޏެއް ނޫނެވެ. އޭނާގެ ރީތިކަން ވެސް، އިސްތިހާރުތަކުން ޖާގަ ލިބުމާއި އެކި ބްރޭންޑްތަކުގެ އެމްބެސެޑަރުގެ ލަގަބު ލިބެން އެހީތެރިވި އެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް، މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދަން ވާދަކުރި މުބާރާތުގައި، މުޅިން އެހެން ކަމެއް ކުރިމަތިވި އެވެ. އެ މުބާރާތް ވަރަށް ބޮޑު އަގެއްގައި، ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިބްރާހިމް އަހުމަދު، މަޝްހޫރު ނަމުން ނަމަ، ނަލަ އިބްރާހިމް ސްޕޮންސަކުރުމެވެ. އެއް ވަނަ އިނާމަކަށް އޭނާ ހުށައެޅީ އެއް މިލިއަން ރުފިޔާ އެވެ. މުބާރާތުގެ ހަ މަސް ކުރިން އެ ބޮޑު އިނާމު އިއުލާންކުރުމާ އެކު، ނިހާދުއާ ވާދަކުރުމުގެ ބޮޑު ޖޯޝެއް އުފެދި، ބައެއް ބޮޑީބިލްޑަރުން ބޭރު ކޯޗުން ވެސް ގެނަ އެވެ. މީޑިއާގެ ބޮޑު ކަވަރޭޖެއް، ތައްޔާރުވުމުން ފެށިގެން، ކުރިއަށް ދިޔަ އެވެ.

މުބާރާތް އޮތީ ކާނިވާ ސްޓޭޖްގަ އެވެ. މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާ އެކު ބޭއްވި ޝޯ ބަލަން އެތައް ހާސް ބަޔަކު ޖަމާވި އެވެ. އަންހެނުން ޝައުގުވެރިވީ ބޮޑީބިލްޑަރުން ބަލަންކަމެއް، ގިނަ ފިރިހެނުން ސަމާލުކަން ދިނީ، މުނިފޫހިފިލުވުމުގެ އައިޓަމްތަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު އޭގެ ތެރޭގައި، އެތަނުން އެއް ބޮޑީބިލްޑަރަށް ހިތް ދީގެން އިން ޒުވާން އަންހެނަކު އިނެވެ: ނަސްރާ އެވެ. ފުރަތަމަ ގޮނޑި ބަރީގައި، އޭނާގެ ބައްޕަ ނަލަ އިބްރާހިމާ ޖެހިގެންނެވެ. ދެން ތިބީ މިނިސްޓަރުންނާއި އެކި ދާއިރާތަކުގެ އިސް މީހުންނެވެ.

ސްޓޭޖަށް ނިހާދު އަރާ ކޮންމެ ފަހަރަކު ނަސްރާގެ ހިތް އުފަލުން ބަންޑުންވެ އެވެ. އޭނާގެ ނަޒަރު ހަމައެކަނި ނިހާދަށެވެ. އެހެން އެންމެން އޭނާގެ ލޯ މަތިން ގެއްލޭ ފަދަ އެވެ. އޭނާއަށް އިނދެވުނީ ބައްޕަ ބުނެލާ ވާހަކަ ވެސް ފުރަތަމަ ނީވޭހާ ފުންކޮށް، ނިހާދުގެ ހިޔާލުތަކުގެ ތެރެއަށް ގެއްލިފަ އެވެ.

ދިވެހި ބޮޑީބިލްޑަރުންނަކީ ނަސްރާ ދަންނަ ބައެއް ނޫނެވެ. އެކަމަކު ކާރުގައި އެއް ދުވަހު ދަނިކޮށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި، ބޮޑު ބިލްބޯޑެއްގައި ހަރުކޮށްފައި ހުރި އެ ޒުވާން ފިރިހެނާގެ މޫނު އޭނާގެ ހިތް އަތުލައިގަތެވެ. ނިއު ޒީލެންޑްގައި ކިޔަވަން ހުރެފައި، ޗުއްޓީގައި ރާއްޖެ އައިސް، އެކަނިމާއެކަނި މާލެ ވަށައި ބުރެއް ޖަހާލުމުގެ އުއްމީދުގައި ނުކުތް ދުވަހު ފެށި ދަތުރުގައި، އެ ފޮޓޯގަނޑަށް ރަނގަޅަށް ބަލައިލަން ކާރު ހުއްޓާ ވެސް ލެވުނެވެ. އެޕަލް ލެޕްޓޮޕެއް، އޭނާގެ ވަރުގަދަ އަތުގެ ދެ އިނގިލި ކުރިން ހިފަހައްޓާލައިގެން، ހިނިތުންވެފައި އެހުރީ ނަސްރާއާ ދިމާއަށޭ ވެސް، ހިތަށްއެރި އެވެ.

އެ ހިސާބުން ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނުގެ އެންމެ ހަގު އަންހެން ދަރިފުޅު، މިސްޓަ މޯލްޑިވްސްގެ މައުލޫމާތު ހޯދަން ފެށި އެވެ. އެކަމަކު އޭނާގެ ހިތް ހަލާކުވި އެވެ. ނިހާދުގެ ލޯބިވެރިޔަކު ހުއްޓެވެ. އެއީ ކާކުކަން ފޮޓޯތަކުން އެނގުމުން، ކުރެވެން ފެށުނީ އެއަށް ވުރެ ވެސް ނާއުއްމީދީ އިހުސާސެކެވެ: ނިހާދުގެ ލޯބިވެރިޔަކީ އެހާމެ ރީތި، އަދި މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރެކެވެ.

ދެ މީހުންގެ މެދަށް ވަނުމުގެ ނިޔަތް ކުރިއަށް ނެރުމުގެ ކުރިން އެނބުރި ނިއު ޒީލެންޑަށް ދާން ޖެހޭ ދުވަސް އޮތީ ގާތްވެފަ އެވެ. އެހެންކަމުން ހިތުގައި ނިހާދު ބާއްވައިގެން، ދެން ހުރި ކަންކަން ކުރުމުގެ ރޭވުންތައް ރޭވުމުގެ ހިޔާލުތަކާ އެކު އޭނާ ފުރީ އެވެ.

އެހާ ބޮޑު އަގެއްގައި އެ މުބާރާތް ސްޕޮންސަކުރީ، ނަސްރާގެ ބާރުއެޅުމުގެ ތެރެއިންނެވެ. މިސްޓަ މޯލްޑިވްސް އަށް ތަށި ދޭން ވެސް ނިންމީ އޭނާގެ އަތުންނެވެ.

އެއީ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅެވެ. މިސްޓަ މޯލްޑިވްސްގެ ނަން އިއުލާންކުރުމާއި، އެ މަގާމަށް ޖެހިޖެހިގެން ތިން ވަނަ ފަހަށް ނިހާދު ހޮވުމާއި، އިނާމު ދޭން ނަސްރާއަށް ގޮވާލުމާއި، ކުޅިބަލަން ތިބި މީހުންގެ ހަޅޭއްކާއި، މިޔުޒިކްގެ ގަދަ އަޑު ތެރޭގައި، އޭނާ ހިނގާފައި ގޮސް ސްޓޭޖަށް އެރިއެރުން، އެއީ ލޯބީގެ ވާހަކައެއްގެ ބައިތަކެއް ފަދަ އެވެ. އެކި ކުލަކުލައިގެ އަލިތަކުގައި، ނާހިދުގެ އެ ވަރުގަދަ، ރީތި ހަށިގަނޑު ވިދަވިދާ ހުއްޓެވެ. އަންހެން ކުއްޖަކު އައިސް ނަސްރާގެ އަތަށް ދިން ރަން މެޑެލް ހިފައިގެން ގޮސް، ނިހާދުގެ ކުރިމައްޗަށް ހުއްޓުނެވެ. އިސްކޮޅުގައި ފަސް ފޫޓު ދެ އިންޗި ހުރި ނަސްރާއަށް ބަލަން ޖެހުނީ ރަނގަޅު ވަރަކަށް އިސް އުފުލައިގެންނެވެ. އެކަމަކު ނިހާދުގެ އުފާވެރި މޫނާއި، ހިނިތުންވުމާ އެކު، ތިރިވެލި އެވެ. މެޑަލް އަޅުވާލަން އޭނާގެ ކަރު ދިއްކޮށްލި އެވެ.

އޭގެ ފަހުން ނަސްރާ ހަވާލުކުރީ ތައްޓެވެ. އޭގައި ހިފާފައި ނިހާދު، ކުޅިބަލަން ތިބި އެންމެންނަށް ދައްކާލި އެވެ. ހަޅޭއްލަވަމުން ދިޔަ އެވެ. ނަސްރާއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އަދި އެއް އިނާމު ދޭން އޮތެވެ. އެއް މިލިއަން ރުފިޔާ ޖަހާފައި އޮތް، ފުޅިމަދު ރަމްޒީ ބޮޑު ޗެކެވެ. އެކަމަކު ޗެކާ ހަވާލުވުމުގެ ކުރިން ތިރީހަކަށް ސިކުންތު ދިޔައީ، ކުޅިބަލާ މީހުންނަށް ރަން މެޑެއްޔާއި ތަށި ދެއްކުމާއި ހަޅޭއްލެވުމުގަ އެވެ.

ނަސްރާ ހުރީ ނިހާދުއާ ދިމާއަށް ކަޅި ވެސް ޖަހާނުލައި ބަލަހައްޓައިގެންނެވެ. އެންމެ ފަހުން އެ ފޯރިގަނޑު ހިނދި، އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމާ ހަވާލުވާން އޭނާ އެނބުރިލި އެވެ. އަރިމަތީގައި ހުރި އަންހެން ކުއްޖާ އަތަށް ތަށި ދީފައި، ޗެކްގެ އެއްކޮޅުގައި، އަނެއްކޮޅުގައި، ނަސްރާ ހިފަހައްޓާލައިގެން، އެންމެންނަށް ދައްކާލި އެވެ.

ފޮޓޯ ސެޝަނަށް ފަހު ނަސްރާ ސްޓޭޖުން ފޭބި އެވެ. އޭނާ ބައްޕަ ކައިރިއަށް ގޮސް، އެނބުރި ސްޓޭޖާ ދިމާއަށް ބަލައިލި އިރު ފެނުނީ، ނިހާދު، އޭނާގެ ލޯބިވެރިޔާގެ ގައިގައި ހިފަހައްޓާލައިގެން ފޮޓޯ ނަގަމުން ދާ ތަނެވެ.

އެކަމަކު ނަސްރާއަށް އެއް ކަމެއް ޔަގީންވި އެވެ: ނިހާދު ހޯދުމުގެ ދަތުރަށް އޭނާ އަދި އެރީ އެވެ. އޭގެ ކުރިން ބައްދަލުވެފައި ނެތް މީހަކަށްޓަކައި ނަސްރާ، އޭނާގެ ބައްޕަ ލައްވާ އެރޭ ހަދިޔާކޮށްލި އެއް މިލިއަން ރުފިޔާއަކީ އެ ލޯބިވެރިޔާ ހޯދުމުގެ ފުށުމެވެ.

އާންމުންގެ ނަޒަރުގައި ނިހާދާއި އައިމިނަތު ނޫރާއަކީ، ރާއްޖޭގެ އެންމެ ގުޅޭ ދެ ލޯބިވެރިންނެވެ. އެ ދެ މީހުންނަށް އެ ނޫން ބައިވެރިޔަކު ކަމަކުނުދާނެ އެވެ. އިސްކޮޅާއި ހަށިގަނޑެވެ. ރީތިކަމެވެ. ދެން އޮތީ ދެ މީހުންގެ މަޝްހޫރު ކަމެވެ. އެއީ ވެސް، ދެ ލޯބިވެރިން ގުޅޭކަން، އާންމުން ގަބޫލުކުރާ ސިފައެކެވެ.

އެކަމަކު ލޯބި ދޫކޮށްލާފައި، މުއްސަނދިކަމުގެ ފަހަތުން ދިއުމަކީ އިންސާނީ އާދައެއްކަން، ގިނަ މީހުންނަށް، އެ ވަގުތު ޖެހުމުގެ ކުރިއަކުން ރޭކައެއް ނުލަ އެވެ. މިސްޓަ މޯލްޑިވްސް މުބާރާތުގެ އެންމެ މަތީ ތިން ވަނައަށް، ނަލަ އިބްރާހިމްގެ އެންމެ އަގު ބޮޑު ރިސޯޓުން ދިން ހަފުތާއެއްގެ ހިލޭ ޗުއްޓީއަކީ، ނޫރާގެ އެއްވެސް ކުށެއް ނެތި އެ ލޯބީގައި ނިހާދުގެ އަތުން ރެނދެއް އަޅާލުމުގެ ސަބަބެވެ. އެ ދަތުރުގައި، ތިން ބޮޑީ ބިލްޑަރުންނަށް އެހެން އެއްވެސް މީހަކު ނުގެންދެވެ އެވެ. އެހެންކަމުން ރިސޯޓްގައި، އާއިލާއަށް ހާއްސަ ވިލާގައި، ނަސްރާ ހުރީ ނިހާދުގެ އިންތިޒާރުގަ އެވެ.

އެކަމަކު އެ އިންތިޒާރާއި ދެން އެއައި ދުވަސްތަކަކީ، ލޯބީގައި ކުށެއް ނެތް އަންހެން ކުއްޖެއްގެ ހިތް ކަތިލެވި، އޭނާގެ ލޮލުން ކަރުނަ އޮއްސުވާލި ހިތްދަތި ސަފުހާއެކެވެ.

(ތިން ވަނަ ބައި، ޖޫން 8، 2020، ހޯމަދުވަހު)

7 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 5%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުން

04 June 2020

މި ވާހަކަ ވ ރީތި......،❤️

The name is already taken The name is available. Register?

ޢަފީ

04 June 2020

ވ ފުރިހަމަ

The name is already taken The name is available. Register?

ސަޅި

04 June 2020

ބިންމާޔަށް ދޫ ނުކުރޭ. ކުރިން ހީކުރެވުނީ ބިންމާގެ ވާހަކަ ނޫނީ ނުކިޔޭނެކަމަށް. އެކަމަކު މި ވާހަކަ ލިއުންތެރިޔާ ވަރަށް މޮޅު. އިބާރާތް ކުރުން ފުރިހަމަވެފައި , ސާފު ސާދާ. ސަޅި.

The name is already taken The name is available. Register?

ޖީމް

04 June 2020

ވވވވވވވ ރީތި

The name is already taken The name is available. Register?

ވައިނޮޓް ކޮކޮނަޓް

04 June 2020

ކަލޯ ނިހާދޫ މުޅި ޒިންދަގީ ތިދިޔައި އެއްނުން. ޔޫ ބޭޑް ބޯއީ.

The name is already taken The name is available. Register?

ސަޅީ

04 June 2020

ކަލޯ ނިހާދު (ބެއްޔާ) އެއީ ރާއްޖޭގެ ލެޖެންޑް ބޮޑީބިލްޑާ

The name is already taken The name is available. Register?

ކްއިކްގަން މުރުގަން

04 June 2020

އިންޓްރަސްޓިންގ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454