ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.
30 ޖޫން 2020 - 09:37
ޖޫން 29، 2020، ހޯމަދުވަހުގެ ބަޔާ ގުޅޭ
ނަމަވެސް އެ ޒުވާނާގެ ފަހަތުން އައިސް އެ ހުއްޓުނީ އޭނާ ހީކުރި ކަހަލަ މީހެއް ނޫނެވެ. އެއީ ކާކުކަން އެނގުމުން، ހައްވަގެ ދެ ލޯ ބޮޑުވި އެވެ. އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާގެ ހިތް ތެޅެމުން، ވިންދުތައް އަވަސް ވަމުން ދިޔަ އެވެ. ޒުވާނާގެ ކަރުގައި އެ ހިފަނީ، ދެވަނަ އެހެން މީހެއް ނޫނެވެ: ޝިހާބެވެ.
ޔޫނުސްގެ ކަރުގައި، އެއް އަތުން އަނެއް އަތުން، އޭނާގެ ވާތު ކުޑަ ހުޅުގައި ހިފާ، ބާރަށް ލަންބާލި އެވެ. ވަޅި ވެއްޓުމާ އެކު، ވީރު މުހައްމަދުގެ ތިން ކުދިން، ކުއްލިއަކަށް ކުރިމައްޗަށް އަރާ، ޔޫނުސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ.
ވީރު މުހައްމަދަށް އަތް ޖައްސާލެވުނީ އޭނާގެ ކަރުގަ އެވެ. އޭރު ކުޑަކޮށް ކެއްސާ ގޮތް ވެސް ވެއްޖެ އެވެ. ޔޫނުސްގެ ބާރު ގަދަކަމުން އޭނާއަށް އެ އަތް ފޮޅުވާނުލެވި، ނޭވާ ވެސް ހިފަހައްޓާލައިގެން ހުރެވުނީ އެވެ.
ބާރު ހުރި ހަތަރު ފިރިހެނުންގެ އަތް ދަށުން ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. އޭނާ ނަގައިގެން ގެންގޮސް، ގެއާ ތަންކޮޅެއް ދުރުގައި ހުރި ރުކެއް ކައިރީގައި ބައިންދާފައި، ވާގަނޑަކުން ބަނެވެ. ހަޅޭއްލެވުމަކީ ޔޫނުސްގެ އާދައެއް ނޫނެވެ. އެހެންކަމުން ހާލަތާ އެއްގޮތަށް އޭނާ އިނީ އެވެ. އެކަމަކު އެ ރުޅިވެރިކަމާއި ގޮތްދޫނުކުރުމުގެ އަސަރުތައް މޫނުމަތިން ފެނެ އެވެ.
ތަނަށް ރަނގަޅަށް އަލިކުރުމަށްޓަކައި ވީރު މުހައްމަދުގެ ދަރިއަކު ފުޅި ބައްތިއެއް ހިފައިގެން އަ އެވެ. ރުއް ކައިރީގައި އޮތް ގަހެއްގެ ބުޑު މަތީގައި، ބައްތި ހަމަޖައްސާލާފައި ބޭންދި އެވެ. ޝިހާބާ ދިމާއަށް އެންމެންނަށް ބަލައިލެވުނީ އޭގެ ފަހުންނެވެ. އެއީ އެ މީހުން ދަންނަ މީހެއް ނޫނެވެ. އޭނާއަށް މި ތަނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ މި ގަޑީގައި މި ހިސާބަށް އާންމު މީހަކު އައުމަކީ ވަރަށް ނާދިރު ކަމެކެވެ. މީގެ ދެ ގަރުނު ކުރިންސުރެ ދަންވަރުގެ ވަގުތުތަކުގައި، މި ހިސާބުގައި ހިނގަމުން އަންނަނީ، އާންމު ދިވެހިންނަށް ފެންނަ މަންޒަރުތަކެއް ނޫނެވެ.
ޝިހާބާއި ވީރު މުހައްމަދާއި އޭނާގެ ދަރިން އެއްވެސް ވާހަކައެއް ފެށުމުގެ ކުރިން ފެނުނީ، ދަލޭކަދައިތަގެ ގެއިން ނުކުމެގެން ހައްވަ މަޑުމަޑުން އަންނަ ތަނެވެ. މިއީ ހައްވަ އުޅޭ ގެކަން ޝިހާބަށް އެނގެ އެވެ. އެއީ އޭނާގެ ހަމައެކަނި ލޯބިވެރިޔާ އެވެ. އެ ލޯބިވެރިޔާ ނޫން މީހަކާ އޭނާ ނުއިދެ އެވެ. ހައްވަ ވަރިކޮށްފައި ދިޔަ ފަހުން، އެހެން އަންހެނަކު އޭނާގެ ހަޔާތަކަށް ނާދެ އެވެ. ނު ވެސް ގެނެ އެވެ.
އެކަމަކު ދެ މީހުން ނުފެންތާ ފަނަރަ އަހަރު ވެއްޖެ އެވެ.
އެ ރީތި ހިނގުމެވެ. އެރީތި މޫނާއި ހަށިގަނޑެވެ. އެކަމަކު އެ ރީތި ހިނިވުންވުމެއް ނެތެވެ. ޝިހާބުގެ ކުރިމައްޗަށް ހުއްޓުނު އިރު ވެސް ހައްވަ ހުރީ، ނޭނގޭ ހިތާމައެއްގެ ކަނޑުތެރޭގައި، މޫނުގެ ކުލަވަރު ފަނޑުވެފަ އެވެ. ނުވަތަ ފިއްލަދުއަށް އައި ފަހުން، އޭނާގެ އުފާވެރިކަން ގެއްލިގެން ދިޔައީ އެވެ.
ކުރީގެ ދެ ލޯބިވެރިން އެކަކު އަނެކަކާ ދިމާއަށް ކަޅި ވެސް ޖަހާނުލައި ބަލަހައްޓައިގެން ތިއްބެވެ. މީގެ ކުޑައިރުކޮޅެއް ކުރިން، ފެނުނު ހަމަނުޖެހުންތަކުގެ ބައިވެރިން ތިބީ ހައިރާންވެފަ އެވެ. އެކަމަކު އެ ހައިރާންކަމުގައި ވެސް، ވީރު މުހައްމަދާއި އޭނާގެ ދަރިން ހައްވަގެ ކޮންމެ އަމުރަކަށް ތައްޔާރެވެ.
އެހާ ރީތި އަންހެނަކު މީގެ ކުރިން ޔޫނުސްއަށް ފެނިފައެއް ނުވެ އެވެ. އޭނާގެ ނަޒަރު ވެސް ހުއްޓިފައި ވަނީ، ހިމޭން ރޭގަނޑެއްގެ އެކަނިވެރި ދަންވަރެއްގައި، އެކަކު އަނެކަކުގެ ބެލުމުގެ ތެރެއަށް ގެއްލިފައި ތިބި ދެ މީހުންނަށެވެ.
މަލިކުގެ ގޮނޑުދޮށުން ފެށި ލޯބި އަދިވެސް ފިލައިގެން ނުދާ ކަހަލަ އެވެ. ހައްވަގެ ހިތުތެރޭގައި އަނދަމުން އައިސް، ތަފާތު އެކި ފަހަރުމަތިން ނިންވާލާފައި އޮތް، އެ ލޯބީގެ އަލިފާން އަނެއްކާވެސް ރޯވަމުން ދާ ކަހަލަ އެވެ. އެއީ މަލިކުން ފިއްލަދުއަށް އޭނާ ކުރި ބިރުވެރި އަދި އަޖައިބެއް ކަހަލަ ދަތުރުގައި، އޭނާގެ ހިޔާލުތަކުގެ ތެރޭގައި ހުރެ، ހިތްވަރުދިން ލޯބިވެރިޔާ އެވެ. އެތައް އަހަރަކަށް ފަހު، އޭނާގެ ހިތުގެ އަސްލު ވިންދުތަކުން އޭނާއަށް ދިރުމާއި އުއްމީދު ގެނެސްދިން ލޯބިވެރިޔާ އެވެ. ފިއްލަދޫގެ މޫދު އަޑިއަށް އޭނާ ގެނބެން ފެށި އިރު ވެސް، އަދި ވަރުބަލިވެގެން ގައިން ބާރު ދޫވި އިރު ވެސް، އޭނާ ހޯދީ އެ ލޯބިވެރިޔާ އެވެ. ކައިވެނީގައި ހޭދަވި ދުވަސްކޮޅު އޭނާގެ ހަގީގަތް ކިޔައިނުދެވުނީތީ، އެރޭގެ އެ ފިނި، އެ އަނިދރީގެ ތެރޭގައި، ހިތުގެ އެންމެ އަޑިން، މައާފަށް އެދެން ޖެއްސުވި ލޯބިވެރިޔާ އެވެ.
ޝިހާބު އެ ހުރީ އޭނާގެ ކުރިމަތީގަ އެވެ. މި ރަށަށް އެ އައީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ހިތަށްއެރި އެވެ. އެ ސުވާލުކުރަން ބޭނުންވި އެވެ. އެކަމަކު އޭގެ ކުރިން އެންމެންނަށް ބަލައިލެވުނީ މައްޗަށެވެ. މަތީގައި ސަފުސަފަށް، ކަނޑިތައް ދިއްލެމުން އާދެ އެވެ. އެ އަލިކަމުގެ ތެރެއިން ހިޔަނީގެ ބޮޑު ލަޝްކަރު ފެނުނެވެ. ޝިހާބު އޭނާގެ ފުރަގަހުން ކުއްލިއަކަށް ދަމައިގަތީ ދިގު ކަނޑިއެކެވެ. ވައިގެ ތެރޭގައި އެ އަނބުރާލުމާ އެކު، މުޅި ތަން އަލިވި އެވެ. ދެން ފެނުނީ ހައްވަގެ އުނަގަނޑުގައި އައްސާލާފައި އޮތް ކުޑަކުޑަ ވަޅި، ދިގު ކަނޑިއަކަށް ބަދަލުވި ތަނެވެ. ހައްވަ ވެސް، ތައްޔާރުވި އެވެ.
ވީރު މުހައްމަދާއި އޭނާގެ ދަރިން ދުއްވައިގަތީ ގެޔަށެވެ. ގޭގެ ދޮރުން ވަނުމާއި ނުކުތުމާ އެވެ. އޭރު އެ މީހުންގެ އަތުގައި، ދިއްލެމުން ދިޔައީ، ދިގު، ބަރު، ކަނޑިތަކެވެ.
ވީރު މުހައްމަދު ގޮސް ޔޫނުސް ބަނދެފައި އިން ވާގަނޑުގައި ޖެހިޖެހީނުން، އޭނާ މިނިވަންކުރި އެވެ.
"ދޭ އެގޭ ބިއްދޮށަށް. ކަލެއަކަށް މި ހަނގުރާމައެއް ނުކުރެވޭނެ،" ވީރު މުހައްމަދު، ބާރަށް ބުންޏެވެ.
އެކަމަކު އެތަނުން ދުއްވައިގަނެގެން ފިލާކަށް ޔޫނުސް ބޭނުމެއް ނުވި އެެވެ. އޭނާ ކުޑަކޮށް ފަހަތަށް ޖެހިފައި، މަތީގައި އެތުރިފައި އޮތް ކަޅު ހިޔަނިތަކާއި ދިއްލެމުންދާ އެތައް ބައިވަރު ކަނޑިތަކަށް ބަލަހައްޓައިގެން، ހައިރާންވެފައި ހުއްޓެވެ. ދުވަހަކު ވެސް، ހަމަ ލޮލަކުން އެކަހަލަ މަންޒަރެއް އޭނާ ނުދެކެ އެވެ.
ހައްވަ އާއި ޝިހާބު އެކަކު އަނެކަކާ ދިމާއަށް ބަލައިލި އެވެ.
"ހައްވަގެ ސިއްރު އަހަންނަށް އެނގޭ،" ޝިހާބު ބުނެލި އެވެ. ދެން ހައްވައަށް ފެނުނީ، ފުރަތަމަ ހަމަލާ ދޭން، ޝިހާބު ފުންމައިގެން އަރައި، ވައިގެ ތެރެއަށް އުދުހިގަން ތަނެވެ. އޭނާގެ ފަހަތުން އެހެން އެންމެން ވެސް މައްޗަށް އެރި އެވެ.
ހަނގުރާމަ ފެށުނީ އެވެ.
އެކަމަކު މިއީ، ވީރު މުހައްމަދު ބުނި ގޮތަށް، ޔޫނުސްއަށް ކުރެވޭނެ ހަނގުރާމައެއް ނޫނެވެ. އޭނާ ހުރި ދިމާލުން ތިރީހަކަށް ފޫޓު މަތިން އެ ފެންނަނީ ކަނޑިތައް ޖެހި ބުރައިގެން ދާ ކަނިތަކެވެ. ހިޔަނިތައް ކިތައްމެ ގިނަޔަސް، ފަސް ފިރިހެނުންނާއި އަންހެނަކާ އެކުވެގެން ދޭ ހަމަލާތަކުގައި ފަހަރަކު ހިޔަންޏެއް ބިންމައްޗަށް ވެއްޓެ އެވެ. ވެއްޓުމާ އެކު މާ ގިނައިރެއް ނުވެ، ހަށިގަނޑުގައި އަލިފާން ރޯވެ، އަނދައި ހުލިވެ އެވެ.
ޔޫނުސް މަޑުމަޑުން ފަހަތަށް ދަމުން ގޮސް، އެންމެ ފަހުން ދަލޭކަދައިތަ އޮންނަ ގޭގެ ދޮރާ ހަމައަށް ފޯރި އެވެ. މިއަށް ވުރެ ރަނގަޅު ވަގުތެއް ނުލިބޭނެއޭ، އޭނާގެ ހިތަށްއެރި އެވެ. ދަލޭކަދައިތަ އެ އޮތީ އެކަންޏެވެ. އެހެން އެންމެން ހަނގުރާމައިގަ އެވެ.
ޔޫނުސް ދޮރުން އެތެރެއަށް ބަލައިލި އެވެ. އެ އޮތީ އޭނާގެ ބައްޕައަށް އެ ފަތް ދިން މީހާ އެވެ. ބައްޕަ މަރުވީ އޭގެ ފަހުންނެވެ.
އޭނާ އުޅުނީ ގޭތެރެއަށް ވަންނާށެވެ. އެކަމަކު އޮޅިގަނޑު ގިރާކޮށްލަން ފައި ނަގާފައި ވެސް، ހުއްޓުނެވެ. ބައްޕަ ވެސް މިގެއަށް ވަނީ އެކަމަށް ހުއްދަ ލިބުނީމަ އެވެ.
"ވަދޭ!" ޔޫނުސް އަށް އިވުނީ ދަލޭކަދައިތަގެ އަޑެވެ.
އޭނާ މަޑުމަޑުން ވަނެވެ. މަޑުމަޑުން ހިނގާފައި ގޮސް، ދަލޭކަދައިތަގެ ކައިރީގައި މަޑުކޮށްލި އެވެ. އޭރު އޭނާ އޮތީ ލޯ ހުޅުވާލައިގެން، ޔޫނުސްއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ހަނގުރާމަ އެބަ ފެނޭދޯ!" ދަލޭކަދައިތަ ފުރަތަމަ ވެސް އެހި އެވެ.
"މިއީ އަޖައިބެއް ކަހަލަ ކަމެއް،" ޔޫނުސްއަށް ބުނެވުނެވެ.
"އަޖައިބެއް ނޫން، މިއީ ރާއްޖެ އިސްލާމް ވުމާ އެކު ފިތުނައިގެ ތެރެއަށް ވަން، ހާމުދުރުންގެ ހިމާޔަތުގެ ލަޝްކަރާއި، އިސްލާމް ދީނާއި ދިވެހިންގެ ދިފާއުގައި އުޅޭ މީހުންނާ ދެމެދު ހިނގާ ހަނގުރާމަ،" ދަލޭކަދައިތަ، ޔޫނުސް އަށް ކުރު ތަފުސީލެއް ދިނެވެ.
"އަހަންނަކީ ރައީސްގެ ދަރިކަން ކިހިނެއް އެނގުނީ؟" ދަލޭކަދައިތަގެ އެ ތަފުސީލަށް އިހަށް ނުގޮސް، ޔޫނުސް ސީދާ ޕޮއިންޓަށް ސުވާލުކުރި އެވެ.
ދަލޭކަދައިތަގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ.
"ވީރު މުހައްމަދުގެ ކަރުގައި ހިފާފައި ހުއްޓާ ފަހަތުން އައިސް ޔޫނުސްއަށް ހަމަލާދިންތަ މީހެއް؟ އޭނާ ކޮބައި މިހާރު؟" ދަލޭކަދައިތަ ސުވާލުކުރި އެވެ.
ޔޫނުސް އެއްޗެކޭ ބުނުމުގެ ކުރިން ދަލޭކަދައިތަ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އާނ، އޭނާ މިހާރު މަތީގައި އެބަ ހަނގުރާމަކުރޭ. އެއީ ހައްވަގެ ފުރަތަމަ ފިރިމީހާ. އެކަމަކު ހައްވަ ވަރިކޮށްފައި އިންޑިއާއަށް ދިޔައީ. އެތަނުން އޭނާއާ ބައްދަލުވީ، އަހަރެން ކަހަލަ މީހަކާ. އަހަރެންގެ މުޅި އުމުރު މި ހޭދަވީ މި ހިޔަނިތަކުން ދިވެހިން ސަލާމަތްކުރަން އުޅެއުޅެ."
"އެހެން ވިއްޔާ ބުނެބަލަ، މި އެނދުގައި ނުތެދުވެ އޮންނަ މީހަކަށް ކިހިނެއް ތި ހުރިހާ އެއްޗެއް އެނގެނީ؟" ޔޫނުސް ސުވާލުކުރި އެވެ.
"ޔޫނުސްގެ ނަން އަހަންނަށް އެނގުނު ގޮތާއި މި ކިޔައިދޭ ވާހަކަތަކުގައި ނޯންނާނެ ދޮގެއް. އެހެންވީމާ އަޑުއަހާ! ބައްޕައަށް އަހަރެން ދިން ފަތް މިހާރު އޮންނާނީ ޔޫނުސްގެ އަތުގައި. އެ ފަތުގައި ބުނެފައި އެ އޮތް އެތި އޮންނާނެ ބައްޕަގެ ގޭގައި ފޮރުވާފައި. ގޭގެ އެއް ކޮޓަރީގެ ހަތަރު ފާރުގައި ލަކުޑީގެ ވަތްގަނޑުތަކެއް ހުންނާނެ. އޭގެ ތެރެއިން އެ އޮތް ވަތްގަނޑު ޔޫނުސް ގޮސް ހޯދާ. އެއީ މަންމަ ލައްވާ ބައްޕަ ކުރުވި ވައްކަމެއް. ލޯބިވެރިއެއްގެ ގޮތުގައި މަންމަ ގެންގުޅުނީ އެ ލިބެންދެން. ކާފަގެ ބެލުމުގެ ދަށުގައި އޮތް އެތި، ވަގަށް ނަގައިގެން ގެންގޮސް ބައްޕަ އަތަށް ދިން އިރު، ބަނޑުބޮޑުކަމެއް ނޭނގޭ. އޭގެ ފަހުން އެކަން އެނގުނީ، އޭގެ ފަހުން މަންމަ ދޫކޮށްލީ،" ދަލޭކަދައިތަ ބުންޏެވެ.
"އަދިވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުލިބޭ،" ޔޫނުސް ގޮތްދޫނުކޮށް ބުނެލި އެވެ.
ދަލޭކަދައިތަ ބަލަހައްޓައިގެން އޮތީ އެވެ. އޭނާއަށް އެނގޭ ކަންކަމަކީ ބޮޑެތި ސިއްރުތައްކަން، އެހެން މީހުން ގަބޫލުކުރެ އެވެ. އެއީ ތެދެކެވެ. އޭނާއަށް އެ ބާރު ލިބިފައި އެބަ އޮތެވެ. އެކަމަކު ޔޫނުސް ނޫނީ އެ ސުވާލު އެހާ ސީދަލަށް، ތަކުރާރުކޮށް ކުރި މީހަކާ އަދި ދިމައެއް ނުވެ އެވެ. އެހެން އެންމެން އެނބުރި ދަނީ، ގަބޫލުކުރަނީ، އޭނާގެ އިލްމުވެރިކަން މާ ބޮޑީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މުޅިއަކުން އެއެއް ނޫނެވެ.
"އެހެން މީހުންގެ ލޮލަށް ނުފެންނަ އެއްޗެއް. އެއްޗެހިތަކެއް،" ދަލޭކަދައިތަ އެންމެ ފަހުން ބުނެލި އެވެ.
"ލޮލަށް ނުފެންނަ ކޮން އެއްޗެއް؟" ޔޫނުސް ސުވާލުކުރި އެވެ.
"މި ވަގުތަށް އެ ވަރުން ފުއްދާލާ،" ދަލޭކަދައިތަ ބުންޏެވެ.
"އަހަރެންގެ މަންމަ ލައްވާ ވައްކަން ކުރުވި ބައްޕަ މުޅި ރާއްޖޭގެ އެންމެންގެ ކުރިމަތީގައި މަރުވެގެން ވެއްޓުނީ. ސިފައިން އެބުނަނީ އަހަރެންގެ ފަރުވާކުޑަކަމުން ދިމާވި ކަމެކޭ. މިރަށަށް ބައްޕަ އައި ދަތުރާ ބެހޭ ގޮތުން ސުވާލުކުރަނީ. ޑިންގީގައި ކޮން ތާކަށްހޭ ދިޔައީ. އަހަރެން ހަދަނީ ދޮގު، މަހަށޭ، މަހަށޭ. ކިހާ ދުވަހެއް ވަންދެން އެ ދޮގުގައި ދެމިހުންނާނީ؟ އަހަރެން ވަޒީފާ އިން ވެސް ވަކިކޮށްފާނެ. މި ހުރިހާ ކަމެއް ވީ މިރަށަށް އައިމައެއް ނޫންތަ؟" އޭނާގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަސްލު ކިޔައިދިނެވެ.
"ނޫން. މިގެއަށް އައިމަ ބައްޕަ އަސްލު އިސްލާހުވީ،" ޔޫނުސްގެ ވާހަކަ ދަލޭކަދައިތަ ރަނގަޅުކޮށްދިނެވެ.
"އިސްލާހޭ؟" ޔޫނުސްއަށް ސުވާލުކުރެވުނެވެ.
"ބައްޕައަކީ އަނިޔާވެރިއެއް. ގަބޫލުކުރާނަންތަ؟ މައުސޫމާއި އޭނާގެ އަންހެނުންނާއި ތިން ކުދިން މަރާލީ ބައްޕަ ރާވައިގެން،" ދަލޭކަދައިތަ އެންމެ ފަހުން ބުންޏެވެ.
ޔޫނުސްއަށް ކުޑަކޮށް ފަހަތަށް ޖެހިލެވޭ ގޮތްވި އެވެ. މައުސޫމްގެ މަރަކީ އާދައިގެ ކަމެއް ނޫނެވެ. އޭނާގެ ހިތުގައި ރުޅިވެރިކަން ބޮޑުވެ، އެކަން ކުރި ބައެއްގެ ދުވަސް ދުއްވާލުމުގެ އެދުން ވެސް އުފެދުނު ގަތުލެކެވެ. އޭގައި އޭނާގެ ބައްޕަ، ރައީސް ހާލިދު ބައިވެރިވީ ހެއްޔެވެ؟ އެހާ އަނިޔާވެރި ހެއްޔެވެ؟ ރައީސަކު، އޭނާގެ ރައްޔިތުން، އެގޮތަށް މަރާނެ ހެއްޔެވެ؟
އޭނާއަށް ކުއްލިއަކަށް ސިފަވީ ސްޓޭޖް މަތީގައި ހުރެ، ރައީސް ހާލިދު ވާހަކަ ދައްކަމުން ދިޔަ ތަނެވެ. އިސްލާހުވާން ގޮވާލި ގޮވާލުމެވެ. އެއީ އޭގެ ކުރިން ދުވަހަކު ވެސް، ރައީސްގެ އަނގައިން އޭނާއަށް އިވުނު ވާހަކަތަކެއް ނޫނެވެ. އެހެންކަމުން ދަލޭކަދައިތަ އެ ދައްކަނީ ގޯސް ވާހަކައެއް ނޫންކަން ޔަގީންވި އެވެ.
"އަވަހަށް މާލެ ދޭ! ބައްޕަގެ ކޮޓަރިއަށް ވަދެ ބަލާ އޭގެ ތެރެއިން ކޮން ވަތްގަނޑެއްތޯ. އެ ފެނިއްޖެއްޔާ އެ ހިފައިގެން އަވަހަށް ދޭ ލ. ގަމަށް. މި އަންނަ ހުކުރު ވިލޭރޭ ދަންވަރު ތިން ގަޑި ބައިގައި ޔޫނުސް ހުންނަންވާނީ އެ ހިފައިގެން، ގަމު ޕަރީ ފެންގަނޑު ކައިރީގައި،" ދަލޭކަދައިތަ ބުންޏެވެ.
"އަހަރެން ވެސް މި ހަނގުރާމައިގެ ތެރެއަށް ވައްދަނީތަ؟" ޔޫނުސް ސުވާލުކުރި އެވެ.
"ވަދެ ނިމިއްޖެ. މި ގޭތެރެއަށް ފިޔަވަޅެއް ނާޅާނެ، ކޮންމެވެސް ގޮތަކުން މި ހަނގުރާމައާ ގުޅުމެއް ނެތް މީހަކު. އެ ކޮޓަރިން ގިފިއްޔަށް ނުކުމެ، ފާރު މަތިން އަނެއް ފަރާތަށް ފުންމާލައި. މި ދޮރުން ދެން ނުނިކުންނާތި!" ދަލޭކަދައިތަ، ބޭނުންވީ އަވަހަށް ޔޫނުސް ފޮނުވާލާށެވެ.
ޒުވާނާ ބަލަހައްޓައިގެން ހުއްޓެވެ. އެ ބަލައިލުމާއި މޫނުގައި އެ ހުންނަ އެހެން މީހުން ޖެހިލުންވާ ފަދަ ސިފަޔަކީ، ގުދުރަތުގެ ހަދިޔާއެކޭ، ދަލޭކަދައިތަގެ ހިތަށްއެރި އެވެ. މިއީ ގުޅިފައި ހުރި ސިލްސާއެއްގެ ބައެކެވެ. އޭގެ ބައިވެރިންނަށް ނޭނގި ވަދެވެނީ، އެ ސިލްސިލައިގެ ތެރެއަށެވެ. ދުވަހަކު ވެސް ނުފެންނަ ބައްޕަ، އެންމެ ފަހުން އެވީ ރާއްޖޭގެ ރައީސަށެވެ. ބައްޕައާ އެކު މިރަށަށް، މިގެއަށް އައުން އެ ބަދަލުވީ، ދިވެހިންގެ ހައްގުގައި ކުރަން ހަވާލުވި މަސައްކަތަކާ އެވެ. އެކަމަށް އެ މެދުވެރިވީ، މީގެ ދެ ގަރުނާއި ބައިގެ ކުރިން ރާއްޖޭގެ ރަސްކަމާ ހަވާލުވި ހުރާ ދަރިކޮޅަށް ނިސްބަތްވާ އާއިލާއެއްގެ ސިއްރެއްގެ ގޮތުގައި އޮތް، އެ އަގު ބޮޑު އެއްޗެވެ.
ޔޫނުސް ހިނގައިގަތެވެ. ދަލޭކަދައިތަ ބުނި ގޮތަށް ކޮޓަރި ތެރެއިން ގޮސް، ގިފިއްޔަށް ނުކުތެވެ. އޭރު ވެސް މަތީގައި ވަރުގަދައަށް ހަނގުރާމަކުރެ އެވެ. ކަނޑިތައް ޖެހި ބުރައިގެން ދާ އެތައް މިލިއަން ކަންޏެކެވެ. ކަނޑިތަކުން ދިއްލިފައި ހުރި ރީތި އައްޔެވެ. މުޅި ހިސާބުގެ ޖައްވު އަލިވެފައި އޮތީ، އެ ހަނގުރާމައިގެ ތަޅާފޮޅުމުގަ އެވެ. މޮޅުވަނީ ކޮން ބައެއް ކަމެއް، ބަލިވަނީ ކޮން ބައެއްކަމެއް އޭނާއަކަށް ނޭނގެ އެވެ.
ފާރު މަތިން އަރައި، މަގުމައްޗަށް ފުންމާލި އެވެ. އޭނާ ހިނގަން ފެށީ ރަށުތެރެއަށް ދާށެވެ. ފިއްލަދުއަށް އޭނާ އައީ ބައްޕަގެ މަރުގެ ބަދަލުހިފުމުގެ ޖޯޝާއި ރުޅިވެރިކަމުގަ އެވެ. އެކަމަކު އޭނާ އެނބުރި އެ ދަނީ، ބައްޕަގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ބައްދަލުކުރި މުސްކުޅި އަންހެންމީހާ ހަވާލުކުރި މަސައްކަތެއް ފުރިހަމަކުރާށެވެ. އޭނާގެ އިހުތިޔާރުން ކަމެއް، ދަލޭކަދައިތަގެ ބާރުން ކަމެއް، ނޭނގުނެވެ. ޔަގީނުން ވެސް ދަލޭކަދައިތަ ދެއްކި ވާހަކަތައް އޭނާ ގަބޫލުކޮށްފި އެވެ. އެ ހަނގުރާމަ ލޮލަށް ފެނިއްޖެ އެވެ.
ފިއްލަދޫގެ އުތުރުކޮޅުގައި އެ އޮތް ސަރަހައްދަކީ އާންމު ދިވެހިންނަށް މުހިންމު ތަނެއް ނޫނެވެ. އެކަމަކު އެ ދެ ގެ ވަށައިގެން އެ ހިނގާ ކަންކަން އެނގިއްޖެ މީހަކަށް، ރާއްޖޭގެ އެކި ރަށްރަށުގައި އާދަޔާ ހިލާފު އާއިލާތައް އުޅޭކަން ގަބޫލުކުރާނެ އެވެ. ސިއްރުން ފުރިފައި ހުރި ގެތައް ހުންނާނެކަން ވެސް ގަބޫލުކުރާނެ އެވެ.
ކިތައްމެ ލަޝްކަރު ބޮޑަސް ވީރު މުހައްމަދުގެ ފަހުލަވާނުންނާއި ހައްވަ އާއި ޝިހާބުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ފަހަރަކު ހިޔަންޏެއް، މަރުވެގެން ބިންމައްޗަށް ވެއްޓެ އެވެ.
ހިޔަނިތަކުގެ ތެރެއިން ތަންކޮޅެއް އުހުގައި، އެ ބިޔަ ހިޔަނި އިން ތަން ޝިހާބަށް ފެނުނެވެ. އޭނާ މަސައްކަތްކުރީ އެ ހިސާބަށް ދާށެވެ. އޭނާގެ އަވަސް ހަރަކާތްތަކާ އެކު، ހިޔަނިތައް މަރަމުން، ތިރިއަށް ވައްޓާލަމުން ހުރެ ދެ އެވެ. އެންމެ ފަހުން އޭނާ ގޮސް، އެ ބިޔަ ހިޔަނީގެ ކުރިމައްޗަށް ހުއްޓުނެވެ. ހިޔަނީގެ ދެ އަރިމަތިން ކޮންމެ ފަރާތެއްގައި ތިން ހިޔަނި، ހިމާޔަތުގައި ތިއްބެވެ.
"ކަލެއަށް އަހަރެން އެނގޭތަ؟" ޝިހާބު އެހި އެވެ.
ރުޅިވެރި ދެ ލޮލުން ފެންނަ އަލިފާނުގެ ރަތްކަން ގަދަވި އެވެ. ޝިހާބުގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ފިނޑިކަލޭގެތަ؟ އަންހެނުންނަށް ފިލިކަލޭގެތަ؟" އެއްޗެއް މުގުރެމުންދާ ފަދަ އަޑަކުން، އެ ހިޔަނި މަލާމާތްކުރި އެވެ.
"ފިނޑިމީހުން ކަލޭގެ ކުރިމަތީގައި މިހެންނެއް ނުހުންނާނެ،" ޝިހާބު ބުންޏެވެ.
ހިޔަނީގެ ދިގު ކަނޑި ކުރިމައްޗަށް ދިއްކޮށްލި އެވެ.
"އަހަރެންގެ އުސްތާޒު ބުނީ ކަލޭގެ ތިހިރަ ހުދު ކަޅުތިލާގައި ކުޑަކޮށް މި ކަނޑި ޖެހިލިޔަސް، އަނދާ އަޅިޔަށް ވާނޭ. ހަމަލާ ދީ! އަހަރެން މިހިރީ ކަލޭގެ ކުރިމަތީގައި،" ޝިހާބު ދަތްކުނޑިވިކާލާފައި ބުންޏެވެ.
ބިޔަ ހިޔަނި ޖެހިލުންވި އެވެ. އެހެން ހުރިހާ ހިޔަނިތަކެއް އޭނާއަށް ކިޔަމަންވަނީ، އާދަޔާ ހިލާފު އެ ދެ ކަޅުތިލައިގެ ސަބަބުންނެވެ. އެންމެންގެ ވެރިޔާއަށް ނޫން ގޮތަކަށް އެ ހާއްސަ ސިފަ ނުލިބޭނެކަން ހިޔަނިތައް ގަބޫލުކުރެ އެވެ. މަލިކުން ރާއްޖެ އައިސް، އެހެން ހިޔަނިތަކާ ބައްދަލުވުމާ އެކު، އެ ހުރިހާ އެއްޗެއް އޭނާގެ ދަށަށް ދިޔައީ، ހަމައެކަނި އޭނާ ބިޔަވެފައި، ބާރުގަދަ ވެގެންނެއް ނޫނެވެ: ހުދު ކުލައިގެ އެ ދެ ކަޅުތިލަ އިން ގެނެސްދޭ ތަފާތު ސިފަ އެވެ.
އެކަމަކު މިހިރަ އިންސާނާ އެ ބުނަނީ، އެއީ އެންމެ ބޮޑު ބަލިފައި ކަމެވެ. ކައިރީގައި ތިބި ހަ ހިޔަންޏަށް އެ އަޑު އިވޭނެ އެވެ. އެއީ ބޭޒާރުވުމެކެވެ. އެހެން ބަޔަކަށް އެ އަޑު އިވިގެން ނުވާނެ އެވެ. އެހެންކަމުން ޝިހާބަށް ހަމަލާ ދިނުމުގެ ބަދަލުގައި، ދެ ފަރާތަށް ފޮނުވާލި ވަރުގަދަ ދެ ހަމަލާގައި، ހަ ހިޔަނީގެ ބޯ ވަކިވެ، ބިމަށް ވެއްޓުނެވެ. އޭގެ ފަހުން ހަށިތަކެވެ.
"ކާކު ފިނޑީ! ހަށިފާރަވެރިންގެ ދުވަސް ތި ދުއްވާލީ،" ޝިހާބު މަލާމަތްކުރި އެވެ.
"އެއީ އަހަރެންގެ އަޅުން. އަހަރެން ބޭނުން އިރަކު މަރާލެވޭނެ،" ހިޔަނި ބުންޏެވެ.
"ހައްވަ ފެނޭތަ! ކަލެއަކަށް އޭނާއެއް ނުލިބޭނެ. އަހަންނާއި އެ ތިބި ހިތްވަރުދަ ހަތަރު ފިރިހެނުން ބަލިވިޔަސް ކަލެއަކަށް ހައްވައެއް ނުގެންދެވޭނެ. އަހަރެން ރާއްޖެ މި އައީ ކަލޭ މަރާފައި ނޫން ގޮތަކަށް އެނބުރި ނުދާން. ކަލޭ މަރުވާނީ އަހަރެންގެ އަތުން،" ޝިހާބު ބުންޏެވެ.
ބިޔަ ހިޔަނީގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާއަށް ފެންނަނީ ހިޔަނިތައް މަރުވެގެން ވެއްޓޭ ތަނެވެ. އިންސާނުންގެ ތެރެއިން އެންމެ މީހަކަށް ވެސް، ގެއްލުމެއް ނުލިބެ އެވެ. އެހެންކަމުން މިއީ އަދި މިގޮތަށް ކުރެވޭނެ ކަމެއް ނޫންކަން ވިސްނުނެވެ. ހައްވަ ހޯދަން ކުރަމުން އަންނަ މަސައްކަތް، މިހިރަ ނުބައި އަނެއް އިންސާނާގެ ސަބަބުން މިވީ އުނދަގުލެވެ. ފަހަރަކު އިންސާނަކު، އެބަ އިތުރުވެ އެވެ. މުސްކުޅި މީހާ އެ އޮތް ގެއިން މީގެ އިރުކޮޅެއް ކުރިން ފުންމާލައިގެން އެ ދިޔައީ ވެސް، ކުރިން ނުދެކޭ އިންސާނެކެވެ. ވަރުގަދަ ބިޔަ މީހެއްކަން، ހިޔަންޏަށް އެނގުނެވެ.
މިކަން ކާމިޔާބުވާން އޮތީ ހިޔަނީގެ ލަޝްކަރަށް ވެސް އިންސާނުން ވައްދައިގެންނެވެ. ނިހާދަކީ އޭގެ ތެރެއިން އެކެކެވެ. އަދިވެސް އޭނާގެ ބެލުމުގެ ދަށުގައި އެކަކު އެބަ އޮތެވެ. އޭނާ ހޭއެރުމުން، ގުރުބާންކުރުމުގެ މަަސައްކަތް، އަށް ސަތޭކަ އަހަރު ފަހުން، ފުރަތަމަ ފަހަރަށް ކުރަންވީ އެވެ. އެ ނޫން ގޮތެއް ނެތެވެ.
ހައްވައަކީ ދިރުމެވެ. ހައްވައަކީ ލޯތްބެވެ. ހައްވައަކީ އަނބިމީހާ އެވެ.
ބިޔަ ހިޔަނި އަމުރުވެރި އަޑަކުން ހަޅޭއްލަވައިގަތެވެ. އެ އަޑާ އެކު ވަގުތުން ހަނގުރާމަ ހުއްޓާލި އެވެ. ހިޔަނީގެ ސަފުތައް ފަހަތަށް ޖެހި، އަމުރަށް ކިޔަމަންވި އެވެ.
"ގުރުބާންވާން ކަލޭމެންގެ އަންހެން ދަރިން ތައްޔާރުކޮށްގެން ތިބޭތި. ދެން ފަށާނީ ލެއިން ފެންވަރަށް. ކަލޭމެންގެ ލެއަކީ އަހަރެމެންގެ ދިރުން. އެ ލޭ ހޯދަން އަންނާނަން. މުޅި މި ފަސްގަނޑަށް ލޭ އޮހޮރުވާލާނަން. ހަނދާންކުރާތި،" މުޅި ހިސާބުގަނޑަށް ފެތުރިގެން ދިޔަ ބާރު އަޑަކުން، ބިޔަ ހިޔަނި ބުންޏެވެ.
ދެން ކަނޑިތަކުގެ ދިއްލުން ނިވި، ހިޔަނިތައް ފަހަތަށް ދަމުން ގޮސް، ޖައްވުގެ ތެރެއަށް ގެއްލުނެވެ.
---
"އަހަންނަށް އެނގޭ އަހަންނަށް ހައްވަ ގެއްލިއްޖެކަން. އެކަމާ ޝަކުވާއެއް ނެތް،" ދަލޭކަދައިތަ އޮތް ގޭގެ ކުރިމަތިން ވަލާ ކައިރީގައި ހުރި ބޮޑު ނިކަގަހުގެ ދަށުގައި ހުރެ، ޝިހާބު ބުންޏެވެ.
ހިޔަނިތައް ދިއުމާ އެކު، ދެ މީހުން އެކަނި ތިބެ، ހަޔާތުގައި ކަން ވީ ގޮތް ކިޔައިދީފި އެވެ. ހަގީގަތް ފޮރުވައިގެން އުޅެން ހަދައިގެން ދިރިއުޅުން އަނދިރީގެ ތެރެއަށް ވެއްޓޭކަން، ދެ ލޯބިވެރިން ވެސް ގަބޫލުކުރި އެވެ.
"ވަގުތަކީ އަހަރެމެންގެ މިލްކެއް ނޫން. ވަގުތު އައިސް ޖެހުނީމާ ދެން ވާ ކަންކަން ވެސް އަހަރެމެންގެ ބާރުގެ ދަށަކު ނުވޭ،" ހައްވަ ބުންޏެވެ.
އެކަމަކު އޭނާގެ ހިތުގައި އޮތް ލޯބި، އަނެއްކާވެސް، އުތުރިއަރާކަން ގައިމެވެ. ފާތިރާ އެކު ކުރި ކުއްލި ކައިވެނިން ލިބުނު އުއްމީދު ގެއްލިއްޖެ އެވެ. އެކަމަކު އޭނާއަކީ މިނިވަނެއް ނޫނެވެ. އޭނާއަކީ ފާތިރުގެ އަނބިމީހާ އެވެ. އެހެންކަމުން، ޝިހާބު އެ ބުނި ގޮތަށް، "ހައްވަ ގެއްލިއްޖެ" އެވެ.
ހިމޭންކަމަކީ ވެސް ލޯތްބެކެވެ. ބައެއް ފަހަރަށް އެގޮތަށް ދެ މީހުން ތިބެގެން، ހިމޭންކަމުގެ ދުލުން ދައްކާ ވާހަކަ، އަސްލު އަޑަށް ވުރެ މާ ހިތްގައިމެވެ. މާ އުފާވެރި އެވެ. ހައްދެއް ނެތް ދުނިޔެއެއްގައި، އެ ހިމޭންކަމުން ހިތަށް އުފާވެރިކަން ގެނެސްދެ އެވެ. ނުރޮއި، ކަރުނަ ނުބާލާ، އެކަމަކު ދެ މީހުންގެ ހިތުން ހަމަ އެއް ވާހަކައެކެވެ. އެއް ޝަކުވާއެކެވެ.
ދެ މީހުންނަށް ވެސް އެކަކު އަނެކަކުގެ މޫނުން ނަޒަރު ދުރެއް ނުކުރެވުނެވެ. އެގޮތަށް ކިހާ އިރެއް ވަންދެން ތިބެވިދާނެ ހެއްޔެވެ؟ އެހެން މީހުންގެ ޝައްކާއި ވަހުމުގެ އުނދަގުލުން އެ ލޯބި ކިލަނބު ވެސް ވެދާނެ އެވެ. އެހެންކަމުން މިއީ އެކަހެރިކޮށް، އެގޮތަށް ތިބެން ރަނގަޅު ވަގުތެއް ނޫނެވެ.
"ހައްވާ!" އެއީ ވީރު މުހައްމަދުގެ އަޑެވެ. އޭނާގެ ހިތަށްއެރީ ހަމަ ރަނގަޅަށެވެ. އެކަހެރިކޮށް އެގޮތަށް ހިލޭ ފިރިހެނަކާ އެކު ހުރެގެން ނުވާނެ އެވެ. އޭނާގެ އާއިލާ އަކީ ޖަޒުބާތުން ބަލިކަށިވާ ބައެއް ނޫނެވެ. ކެރިގެން ކަންކަމާ ކުރިމަތިލާ ބައެކެވެ.
"ގެއަށް ވަންނާކަށް ނުވޭތަ؟" ވީރު މުހައްމަދު ސުވާލުކުރި އެވެ.
"ނޫން، މިދަނީ،" ޝިހާބާ ދިމާއަށް އެ ފުން ބެލުމުން ބަލައިލަމުން ހައްވަ ބުންޏެވެ. ދެން އެނބުރި، ގެއާ ދިމާއަށް ހިނގައިގަތެވެ.
"އުފާވެރި ދިރިއުޅުމަކަށް އެދެން،" ޝިހާބު ބުނި އަޑު އިވުނެވެ.
ހައްވަ ފަހަތަކަށް ނޭނބުރެ އެވެ. އެކަމަކު އޭނާގެ ހިތަށް، އެ ބަސްތައް ވަދެގެން ދިޔައީ، އެންމެ ލޯބިވި މީހާ ހަގީގަތުގައި ވެސް ގެއްލިއްޖެ ކަމުގެ އިހުސާސްތަކާ އެކު އެވެ. އެ ލޯބިވެރިޔާ އަލުން ދުވަހަކު ވެސް ނުފެނުނު ނަމަ ރަނގަޅުވީހެވެ. އޭރުން އޭނާ ނެތް ކަމަށް ގަބޫލުކުރަން ޖެހޭނެތާ އެވެ. އެކަމަކު ޝިހާބު އެހުރީ އޭނާ ފަދަ ހަނގުރާމަވެރިއެއްގެ ގޮތުގައިކަން އެނގުމުން، ހަޔާތުގައި ދެ މީހުންނަށް ވެސް ލިބުނީ ކެއްސެއްކަން އެނގުނެވެ. އާއެނކެވެ. އޭނާ ގަބޫލުކުރި ގޮތަށް، ޝިހާބަކީ ފިނޑިއެއް ނޫނެވެ. ދެ މީހުންނަށް ވެސް ނޭނގުނީ އެކަކު އަނެކަކުގެ ފޮރުވިފައި އޮތް ސިއްރެވެ. ދެ މީހުން ވެސް އުޅުނީ ހަމައެކަނި ލޯބީގެ ދުނިޔެއެއްގަ އެވެ.
ގޭގެ ދޮރާ ހަމައަށް ދެވުނު އިރު ހައްވަގެ ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނާގެ ގެ އޮތީ އަސްލު ހުހަށެވެ. އޭނާގެ ހަޔާތް ވެސް އަސްލު މުޅިން ހުހެވެ. ދެން އުފާވެރި ކޮން ދިރިއުޅުމެއް ހެއްޔެވެ؟
(ސާދަ ވަނަ ބައި، ޖުލައި 2، 2020، ބުރާސްފަތިދުވަހު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެދާނ
01 July 2020
ހިޔަނީގެ ދުނިޔެއައް ވާހަކަވަދެ ނިމެއްޖެ. އެންމެން ރޫހާނީ ދުނިޔެއައް
ހާމީ39
30 June 2020
ޝިހާބާ ޔޫނުސަށް ވުރެ ފާތިރު މާ ހިއްވަރުގަދަކަން ޔަޤީންވެއްޖެ. ޝިހާބު ފިނޑިކަމުން ފިލީ ކުރިން. ޔޫނުސަކަށްވެސް ނުކެރުން ހަނގުރާމައާ ކައިރިވާކަށް. އެކަމު ފާތިރު ކުރިމަތިލި އެ ބިޔަ ހިޔަންޏާ! ބަލި ވިޔަސް ހެޔޮ ކަމަށް. ހައްވައާ އެއްމެ ގުޅެނީ ފާތިރު ހަމަ.
ޢަފީ
30 June 2020
މިއަދުގެ ބައި ހަމަ ވ ސަޅި.. ފާތިރުބައި ދޯ ދެން ގެންނާނީ ބުރާސްފަތީގަ..
ނަން
30 June 2020
އެއީ ނިހާދުކަ މަށްވެސް ވެދާނެ!
މިލިލީ
30 June 2020
ވަރަށް ރީތި ވާހަކަ...ފެން ކޮން އިންސާނެއް ބާ ދޯ ހިޔަނިތައް އަތްދަށުގަ ވީ..
ޢަނާ
30 June 2020
ހުސޭނުބެ ކަމަށްވާނީ
މީއެދުރު
30 June 2020
ގުރޯ އެއީ. ފަޅުރަށުން ގުރޯގެ ހަށިގަނޑު ނުފެނެ އެއްނު.
ޭއެދުރުދައިތަ.
30 June 2020
ގުރޯ!
މިލިލީ
30 June 2020
ގުރޯ ހެން ހީވަނީ ދޯ...އޭނާގެ ހަށިގަނޑު ނުފެންނަނީ