ކުޑަ އިއްބެ އާއި އަޝްފާގެ އަޑުން "ގުނަމުން މިދާ"

ލޯބީގެ މަޑުމައިތިރި ލަވައެއް އަޑުހައިލަން ބޭނުން ނަމަ "ގުނަމުން މިދާ" އަކީ އެންމެ ރަނގަޅު އެއް ލަވަ އެވެ. އަޑުގެ ވެރިންނަކީ މީގެ ކުރިން ވެސް ރީތި ޑުއެޓްތަކެއް ގެނެސްދީފައިވާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އަޝްފާ އެވެ.


ކުޑަ އިއްބެ މި ލަވައިގެ މިއުޒިކް ވެސް ހަދާފައިވާ އިރު ލަވައިގެ ޅެން ލިޔުނީ ހުސައިނެވެ.

ޔޫޓިއުބުން މިހާރު އަޑު އަހައިލައިވޭ ގޮތަށް އާންމުންނަށް ދިން ލަވަައާ ބެހޭ ގޮތުން އިއްބެ ބުނީ "ގުނަމުން މިދާ" އަކީ ކަޕްލްއެއްގެ އެދުމަކަށް ހެދި ލަވައެއް ކަމަށެވެ.

"އެހެންވީމާ ލަވައިގައި އަސްލު ހުންނާނީ އެ މީހުންގެ އިހުސާސްތައް. އެކަމަކު ލޯބީގެ ލަވަތަކަށް ލޯބިކުރާ މީހުންނަށް ލަވަ ހަމަ ވަރަށް ކަމުދާ ގޮތަށް އިންނާނީ،" އޭނާ ބުންޏެވެ.

އިއްބެ ބުނީ ލޯބީގެ ލަވައެއް މި ނެރުނީ ވެސް ވަރަށް ގިނަ ދުވަސްތަކެއް ފަހުން ކަމަށެވެ. އަދި އަޝްފާ އާއި ދެ މީހުންގެ އަޑުން ގެނެސްދިން ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ. މިހާތަނަށް ލަވަ އަޑުއެހި މީހުންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ފީޑްބެކްތައް ލިބިފައިވާ ކަމަށް އިއްބެ ބުންޏެވެ.

މިއީ އިއްބެގެ ސްޓޫޑިއޯ ޓޮނިކް ލައިވްގެ ތައްގަނޑުގައި ނެރުނު ލަވައެވެ.

މިދިޔަ ކުޑަ އީދާ ދިމާކޮށް އެ ސްޓޫޑިިއޯ އިން ގިނަ ފަންނާނުންތަކެއް ބައިވެރިކޮށްގެން "އީދު މުބާރިކް" ގެ ނަމުގައި ވެސް ލަވައެއް ގެނެސްދީފައިވެ އެވެ. އެ ލަވައިގެ ޅެން ހަދާފައި ވަނީ އާދަމް ނަސީރު އިބްރާހީމެވެ.