26 ޖޫން 2016 - 12:23
ޕެރިސް، ފްރާންސް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް މާދަމާރޭ އިޓަލީ ކުޅޭ މެޗުގައި އެ ޓީމުގެ އިތުބާރު މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.
ގްރޫޕް ސްޓޭޖުގައި ސްވިޑަން އަތުން 1-0 އިން އިޓަލީ މޮޅުވި މެޗުގައި ކަންޑްރޭވާގެ ފަލަމަަސްގަނޑަށް ލިބުނު އަނިޔާ އިން އޭނާ އަދިވެސް ފިޓްނުވާތީ މާދަމާރޭ ނުކުޅޭނެ ކަމަށް އިޓަލީ ފެޑެރޭޝަނުން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.
ލާޒިއޯ އަށް ކުޅޭ ކަންޑްރޭވާ ވަނީ ބެލްޖިއަމް އަދި ސްވިޑަން އަތުން އިޓަލީ މޮޅުވި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕެއިނުގައި ނެގި އޮންލައިން ވޯޓެއްގެ ނަތީޖާ ދައްކާ ގޮތުން އޭނާ އަކީ ސްޕެއިން ސަޕޯޓަރުން އެންމެ ޖެހިލުންވާ އިޓަލީ ކުޅުންތެރިޔާ އެވެ.
ކަނާތު ވިންގަށް ކުޅޭ ކަންޑްރޭވާގެ ބަދަލުގައި މާދަމާރޭ އެ މަގާމަށް ކުޅުވާނެ ކަމަށް ބެލެވެނީ ރޯމާގެ އަލެސަންދްރޯ ފްލޮރެންޒީ އެވެ. އޭނާ ވަނީ ސްވިޑަން މެޗުގައި އަދި އަޔަލެންޑް މެޗުގައި ކުޅެފަ އެވެ.
ގަދަ ހުމެއްގެ ސަބަބުން އަޔަލެންޑް މެޗުގައި ނުކުޅޭ އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއަންލުއިޖީ ބުފޮން ވަނީ މާދަމާރޭގެ މެޗަށް ފިޓްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy